Jump to content

ޙުސައިން ޢަބްދުއްރަޙްމާން

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ޙުސައިން ޢަބްދުއްރަޙްމާން
ޙުސައިން ޢަބްދުއްރަޙްމާން، 2013
ބަންޑާރަ ނާއިބުގެ ނާއިބު (ޑެޕިއުޓީ އެޓަރނީ ޖެނެރަލް)
މަޤާމުގައި
11 އޮގަސްޓު 1981 – 22 ފެބުރުވަރީ 1990
ރައީސްމައުމޫން ޢަބްދުލް ޤައްޔޫމް
ބަންޑާރަ ނާއިބުއަޙްމަދު ޒަކީ
ފަހުން ވަޑައިގަތީ
ވަގުތީ ބަންޑާރަ ނާއިބުކަން (އެކްޓިންގ އެޓަރނީ ޖެނެރަލް)
މަޤާމުގައި
11 އޮގަސްޓު 1981 – 11 ނޮވެންބަރު 1983
ރައީސްމައުމޫން ޢަބްދުލް ޤައްޔޫމް
ފަހުން ވަޑައިގަތީ
އުފަންވީ1942
ވަށަފަރު (ހއ. އަތޮޅު)، ދިވެހިރާއްޖެ
އަވަހާރަވީ28 ސެޕްޓެންބަރު 2015 (ޢުމުރު 75)
މައްކާ، ސައޫދީ އަރަބިއްޔާ
ދަރިންމުޙައްމަދު މުޢިއްޒު
މަތީތަޢުލީމުއަލްއަޒުހަރު ޔުނިވަރސިޓީ

ފަޟީލަތުއްޝައިޚު ޙުސައިން ޢަބްދުއްރަޙްމާނަކީ ދިވެހިރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބައްޕާފުޅެވެ.

ފަޟީލަތުއްޝައިޚު ޙުސައިން ޢަބްދުއްރަޙްމާނަކީ އިސްލާމްދީން އުނގަންނައިދެއްވުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ.

ފަޟީލަތުއްޝައިޚު ޙުސައިން ޢަބްދުއްރަޙްމާން ވަނީ މިޞްރުގެ ޖާމިޢަތުލްއަޒްހަރުގެ ކުއްލިއްޔަތުއް ޝަރީޢާ ވަލްޤާނޫނުން ޑިގްރީ ހާސިލުކުރައްވައިފައެވެ. އަދި ޖާމިޢުލްއަޒްހަރުން އައްސިޔާސަތުއްޝަރްޢިއްޔާއިން މާސްޓަރސް ހާސިލުކުރައްވައިފައިވެއެވެ.

ފަޟީލަތުއްޝައިޚު ޙުސައިން ޢަބްދުއްރަޙްމާން އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޖަސްޓިސްގެ ޚާއްޞަ ޤާޟީކަމާއި، މަދްރަސަތުއްޠައިބާގެ ޢަރަބި މުދައްރިސްކަމާއި، މިސްކިތްތަކާ ބެހޭ ޤައުމީ މަޖިލީހުގެ މެންބަރުކަމާއި، މިސްކިތްތަކާ ބެހޭ ޤައުމީ މަޖިލީހުގެ ސެކްރެޓަރީކަން ހިމެނެއެވެ. މީގެއިތުރުން ބަންޑާރަ ނާއިބުގެ އޮފީހުގެ ވަކީލުކަމާއި، ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރުކަމާއި، ބަންޑާރަ ނާއިބުގެ ނައިބުކަމާއި، ޑިރެކްޓަރ ރިލިޖަސް އެޑިޔުކޭޝަންކަމާއި، އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ޚާއްޞަ މުޝީރުކަން ހިމެނެއެވެ. ހަމައެއާއެކު 1970 ގެ އަހަރުތަކުން ފެށިގެން ފަޟީލަތުއްޝައިޚު މޫސާ ފަތުޙީ ޖަސްޓިސް މިނިސްޓްރީގައި ހިންގެވި ޤާޟީ ކޯހުގައި ކިޔަވައިދެއްވައިފައިއެވެ. އަދި ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1979 ވަނަ އަހަރު އުފެއްދެވި ކޮމިޓީގައި ވެސް ޚިދުމަތްކުރައްވައިފައިވެއެވެ. ޝައިޚު ޙުސައިން ޢަބްދުއްރަޙްމާން ވަނީ 33 އަހަރަށްވުރެ ގިނަ ދުވަހު ދިވެހި ސަރުކާރަށް ޚިދުމަތްކުރައްވައިފައެވެ.

ދީނީ ރޮނގުން ފަޟީލަތުއްޝައިޚު ޙުސައިން ޢަބްދުއްރަޙްމާން ކުރައްވާފައިވާ ޚިދުމަތްތަކުގެ ތެރޭގައި ރޭޑިއޯއާއި ޓީވީން ފޮނުވައިފައިވާ ދީނީ އެކިއެކި ޕުރޮގުރާމުތައް ހިމެނެއެވެ. އެ ގޮތުން ދިވެހިރާއްޖޭގެ އަޑުން ފޮނުއްވި [އަލީގެ މައްޗަށް އައްޔެއް] މި ޕުރޮގުރާމުގައި އެތައް މައުޟޫޢަކަށް ޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. ޓެލެވިޜަން މޯލްޑިވްސްއިން އެތައް އަހަރަކު ރަމަޟާން މަހާއި، ދީނީ އެކި މުނާސަބަތުތަކުގައި ދައްކައިފައިވާ ޕުރޮގުރާމެއް ކަމަށްވާ [ދުރޫބުއްނޫރު] (އަލީގެ މަގުތައް) ދިވެހިބަހަށް ތަރުޖަމާކުރެއްވީ ވެސް ޝައިޚު ޙުސައިން ޢަބްދުއްރަޙްމާނެވެ.

ފަޟީލަތުއްޝައިޚު ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވައިފައިވާ ފޮތްތަކުގެ ތެރޭގައި [ޢަބުރާބެހުމާއި ހުތުރު އެއްޗެހި ކިޔުމުގެ ކުށް] މި ފޮތުގެ ފުރަތަމަބަޔާއި ދެވަނަބައި، [އައްސިޙުރު] މި ފޮތާއި، [އިސްލާމީ ނަޒަރަކުން ތުނބުޅި] މި ފޮތާއި، [ދައުލަތާއި ވެރިންނާއި މަސްއޫލިއްޔަތު އަދި ކިޔަމަންވުމުގެ މަފްހޫމް] މި ފޮތް ހިމެނެއެވެ. ތަރުޖަމާ ކުރައްވައިފައިވާ ބައެއް ފޮތްތަކުގެ ތެރޭގައި، [ފިރިހެނުންނާއި އަންހެނުން އަދި ޖިންސު] މި ފޮތާއި، [މުސްލިމުންގެ މެދުގައި ޚިލާފު އުފެދުން އެކަށީގެންނުވާ ކަންތައް] މި ފޮތާއި، [އަހުވާލުލް ޤަބޫރު] (ކަށްވަޅުގެ ބިރުވެރިކަން) މި ފޮތް ހިމެނެއެވެ. މީގެއިތުރުން، ބަހުގެ ފަލްސަފާއާއި، ބައެއް ޙަޤީޤަތްތަކުގެ އަލީގައި ކުރެއްވި ދިރާސާއެއްގެ މައްޗަށް ލިޔުއްވައިފައިވާ، [ތިކިތެޅި ތާނަ.............އޮޅުވައިނުލައްވާ] މިފޮތާއި، [ޒަވާޖީ ޙަޔާތް ބާއްޖަވެރިވާނީ ކިހިނެއް] މި ދެ ފޮތް ފާހަގަކޮށްލެވެއެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އޭރު ނެރުއްވަމުންގެންދެވި [ދީނުގެ މަގު] މަޖައްލާއަށް ވެސް ޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުންތައް ލިޔުއްވައިފައެވެ. އަދި ހިޖުރީ 14 ވަނަ ޤަރުނު ފެށުނު ހިސާބުން ފެށިގެން ދިގު މުއްދަތެއް ވަންދެން ގިނަ ޢަދަދެއްގެ ހުކުރު ޚުޠުބާ ޝައިޚު ޙުސައިން ޢަބްދުއްރަޙްމާން ވަނީ ލިޔުއްވައިފައެވެ

ފަޟީލަތުއްޝައިޚު ޙުސައިން ޢަބްދުއްރަޙްމާން އަވަހާރަވީ 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. އަވަހާރަވީ ހިތްޕުޅުގެ އާލާސްކަންފުޅެއް ޖެހިވަޑައިގަތުމުން މައްކާގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ.

ފަޟީލަތުއްޝައިޚު ޙުސައިން ޢަބްދުއްރަޙްމާނަށް 2013 ވަނަ އަހަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ލިބިވަޑައިގެންފައެވެ.