Jump to content

ސުލްޠާން ޢަލީ (ހަތްވަނަ)

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ސުލްޠާން ޢަލީ (ހަތްވަނަ) އަކީ މީލާދީން 1700 ން 1701 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 1112 ން 1113 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 1112 ވަނަ އަހަރުއެވެ.

ސުލްޠާން ޢަލީ (ހަތްވަނަ) ސިރީ ކުލަ ރަންމުތް މަހާ ރަދުންނަކީ ރަސްކަމަށް ވަޑައިގަތުމުގެ ކުރީގައި އަލްވަޒީރު ޢަލީ ޝާހް ބަންދަރު އެވެ. އޭނާގެ ބައްޕާފުޅަކީ އަލްވަޒީރު އިބްރާހީމް ޝާހް ބަންދަރުއެވެ.

ރަސްކަމަށް އިސްވެވަޑައިގަތުން

[އުނިއިތުރު ގެންނަވާ]

ސުލްޠާން މުޙައްމަދު (ހަތަރުވަނަ) އާލާސްކަންފުޅު ބޮޑުވާން ފެށުމުން، ރަދުންގެ އަނބިކަބަލުންގެ ބޮޑު ބޭބެއެއް ކަމުގައިވާ ޢަލީ ޝާހް ބަންދަރު އާއި، ކުރެންދޫ ޢަލީ ޚަޠީބު ތަކުރުފާނު އާއި، ދެކަލުން އެއްބަސްވުމުން، ރަދުންގެ ގާތްތިމާގެ ބޭފުޅުން ރަދުންނާއި ބައްދަލުވެ ވަޑައިގަތުމަށް، އޭނާ އޮންނެވިތަނަށް ވެދެވަޑައިގެންނެވުން މަނާކޮށްލެއްވި އެވެ. ބޭނުމެއް ކަމަށް ބުނެވެނީ ރަދުންގެ ދައިތާފުޅުގެ ދަރިކަލުން ރަސްކަމަށް އިސްކުރެއްވުމަށް އައްޔަން ކުރައްވާން ރަދުން ގަސްދުކުރައްވާކަން އެގިގެން އެކަން ވިޔަނުދިނުމެވެ. ރަދުން އަވަހާރަވުމަށްފަހު ރަދުންގެ އަމުރުފުޅަކީ އެއީ ކަމުގައި ހަދައިގެން ރަދުންގެ ދައިތާފުޅާއި، އޭނާގެ ބޭފުޅުން ހުވަދު އަތޮޅު ދެއްވަދޫ އަށް އަރުވާލެއްވި އެވެ.

ރަދުން އަވަހާރަވިތާ ދެތިން ދުވަހެއްގެ ތެރޭގައި ޙަސަން ތާޖުއްދީން މާލެ ދޫކުރައްވައި މައްކާ އަށް ވަޑައިގަތުމަށް ދަތުރު ފައްޓަވައިފި އެވެ. ދެން ރަސްކަމަށް އިސްވެ ވަޑައިގަތީ ޢަލީ ޝާހް ބަންދަރު އެވެ. އެއަށްފަހު ޝާހް ބަންދަރުކަން ދެއްވީ އޭނާއަށް ބޮޑުބޭބެ ކިޔާ އިބްރާހީމް އަށެވެ. ބެރުވެރިޔަކަށް ހުރި މީހާއަށް ދެއްވީ ފާމުދޭރި ކަމެވެ. ފަނޑިޔާރުކަމަށް އިސްކުރެއްވީ ވަރަށް ވެސް ޖާހިލު މީހެއްކަމަށްވާ ޢަލީ ޚަޠީބު އެވެ.

އައްސުލްޠާން ޢަލީ އަކީ އިސްކޮޅުން ކުރު ކަޅު ބޭފުޅެކެވެ. ރައްޔިތުންނާއި މެދު ކަންތައް ކުރައްވަމުން ގެންދެވީ ނުހަނު އަނިޔާވެރި ބޭއިންޞާފު ގޮތެއްގެ މަތީންނެވެ. ލަސްތަކެއްނުވެ އައްސުލްޠާން ޢަލީ އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވީ ހިޖުރައިން 1113 ވަނަ އަހަރުގެ ޖުމާދިލް އޫލާ މަހުގެ 24 ވަނަ ދުވަހުގައެވެ. ރަސްކަން ކުރެއްވީ 9 މަހާއި 9 ދުވަސް ވަންދެނެވެ.

މަރުޖިޢުތައް

[އުނިއިތުރު ގެންނަވާ]
  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން

އިތުރު ފާލަންތައް

[އުނިއިތުރު ގެންނަވާ]
ކުރިން ހުންނެވީ:
ސުލްޠާން މުޙައްމަދު (ހަތަރުވަނަ)
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ޙަސަން (ދިހަވަނަ)