ސުލްޠާން މުޙައްމަދު (ހަތަރުވަނަ)

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ސުލްޠާން މުޙައްމަދު (ހަތަރުވަނަ) ސުލްޠާން މުޙައްމަދު (ހަތަރުވަނަ) އަކީ މީލާދީން 1692 ން 1701 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 1104 ން 1112 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 1104 ވަނަ އަހަރުއެވެ.

ސުލްޠާން މުޙައްމަދު (ހަތަރުވަނަ) ސިރީ ކުލަ ރަންމަނި މަހާ ރަދުންނަކީ އައްޑޫ މުޙައްމަދު ބޮޑު ފަނޑިޔާރު ތަކުރުފާނުގެ އައްޙާއްޖު ޢަލީ ތުއްތުކަލާގެ ދަރިކަލެކެވެ. ސުލްޠާން ސައްޔިދު މުޙައްމަދު ޝަމްސުއްދީނު އަވަހާރަވުމަށްފަހު، ދިވެހިރާއްޖޭގައި ކުރިއަށް ތިބި މީހުންނާއި، ރައްޔިތުން ތަޚްތަށް އިސްކުރުމަށް އެދުނީ، ޤާޟީ މަޙުމޫދުގެ ދަރިކަލުން ޚަތީބު މުޙައްމަދު ސިރާޖުއްދީނު އެވެ.

މުޙައްމަދު ސިރާޖުއްދީނު އަކީ ވަރަށް ޢިލްމުވެރި ދީންވެރި ބޭކަލެކެވެ. އޭނާ ކައިވެނި ކުރައްވައިގެން އުޅުއްވަނީ އިސްކަންދަރު ރަސްގެފާނު އަށް ބޮޑުބޭބެ ވިދާޅުވާ އާމިނާ ކަނބާދި ކިލެގެ އާއެވެ. އެކަލޭގެފާނު ރަސްކަމަށް އިސްކުޅައުމަށްޓަކައި، ރައްޔިތުން އުޅޭކަން އެނގިވަޑައިގެން، އެރޭމެ އޭނާ މާލެ ދޫކުރައްވައި، ހައްދުއްމައްޗަށް ވަޑައިގެން ފުނަދޫ ގައި ވަޒަންވެރިވެ ވަޑައިގަތެވެ.


ރަސްކަމަށް އިސްވެވަޑައިގަތުން[އުނިއިތުރު ގެންނަވާ]

ދެން މާލޭގައި ތިބި މީހުންގެ ތެރެއިން ތަޚްތަށް އިސްކުޅައުމަށް، އެންމެ އެކަށީގެންވާ މީހެއްކަމަށް ފެނުނީ ޢަލީ ތުއްތު ކަލާގެ މުޙައްމަދު އެވެ. ލަސްތަކެއް ނުވެ އެމަގާމަށް އޭނާ އިސްކޮށްފި އެވެ. ބުނެވެނީ އޭނާ އެމަގާމަށް އިސްކުރެވުނީ ނުސާފު ކަމާއި، ރިޝްވަތުގެ ބާރާއި ލައިގެން ކަމަށެވެ. ރަސްކަމަށް އިސްވެ ވަޑައިގަތުމާއެކު، އޭނާ ކައިވެނި ބައްލަވައިގަތީ އޭނާގެ ކުރިން ރަސްކަމުގައި ތިއްބެވި ދެރަސްކަލުން ކައިވެނި ބައްލަވައި ގެންނެވި މަރިޔަމް ކަނބާފާނު އާއެވެ. މިރަދުން ރަސްކަމަށް އިސްކުރެއްވުމާއެކު އޭނާ ކުރިން ހުންނެވި ފަނޑިޔާރު ކަމުގެ މަގާމަށް ޙަސަން ތާޖުއްދީނު އިސްކުރައްވައިފި އެވެ. ބޮޑު ބަނޑޭރިކަން ދެއްވީ މުލީ އަލްވަޒީރު މުޙައްމަދު ތަކުރުފާނު އަށެވެ.

ސުލްޠާން މުޙައްމަދު (ހަތަރުވަނަ) ރަސްކަމަށް އިސްވެ ވަޑައިގަތީ ފަނޑިޔާރުކަމުގައި 14 އަހަރު ހޭދަކުރެއްވުމަށް ފަހުގައެވެ. އޭނާއާއި ޙަސަން ތާޖުއްދީނު އާއި ދެކަލުންނަކީ ވެސް އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނުގެ ދަރިވަރުންނެވެ.

ސުލްޠާން މުޙައްމަދު (ހަތަރުވަނަ) އަކީ ބުއްދިވެރި ޢިލްމު ވެރި ރަސްކަލެކެވެ. ފަގީރުންނާއި ނިކަމެތިންނަށް އެހީތެރިވުމުގައި ދެމިހުންނެވި ބޭކަލެކެވެ. ދައުލަތުގެ ޚަޒާނާއިން ޢިލްމުވެރިންނަށާއި ނިކަމެތިންނަށް އެހީތެރިވެ ވަޑައިގަންނަވައެވެ. އެތަކެއް މިސްކިތެއް ބިނާކުރައްވާ އާރާސްތު ކުރެއްވި އެވެ. ވީރާނާވެފައިވާ މިސްކިތްތައް އާކުރެއްވި އެވެ. މާތް މަގުޞަދު ތަކަށް ވަގުފު ކުރެވިފައިވާ ބިންތަކުގެ މައްޗަށް ހުރުމަތްތެރިކަން ބެހެއްޓެވިއެވެ. ސުލްޠާން މުޙައްމަދު (ހަތަރުވަނަ) އަވަހާރަވީ ހިޖުރައިން 1112 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 6 ވަނަ ދުވަހުގައެވެ. ރަސްކަން ކުރެއްވީ 7 އަހަރާއި 5 މަހާއި 10 ދުވަހުގެ މުއްދަތަށެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]


ކުރިން ހުންނެވީ:
ސުލްޠާން ސައްޔިދު މުޙައްމަދު ޝަމްސުއްދީނު
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ޢަލީ (ހަތްވަނަ)