ލަވަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ސިލްސިލާ ލިޔުންތަކުގެ ބައި

ދިވެހި ޅެމުގެ ބައިތައް

ޅެމުގެ ބައިތައް

ބަނދި
ކާ
ފަރިހި
ރައިވަރު
ޅެން
އަންބާ
ލަވަ

ލަވަ އަކީ ދިވެހި ޅެމުގެ ބާވަތްތަކުގެ ތެރެއިން ފަސްވަނަ ބާވަތެވެ. އެހެން ގޮތަކަށް ބުނާނަމަ ލަވަ އަކީ މިއުޒިކުގެ ހަމައަށް ފެތޭގޮތަށް ނެރޭ އަޑު އެވެ. ދިވެހި ބަހުން ރާގުރާގަށް ލަވަކިޔާ ނޫޅޭ ދުވަސްވަރެއް އައިކަމެއް ނޭގެއެވެ.

ދިވެހި ލަވަކިޔަންފެށުން[އުނިއިތުރު ގެންނަވާ]

ނަމަވެސް ކުރިއަރާފައިވާ ދިވެހި ލަވަ ކިޔަން ފެށުނީ ހިޖުރައިން 1360 ވަނަ އަހަރު އަލްއަމީރު ޙަސަން ފަރީދު ދީދީގެ ވެރިކަމުގައި ކަމަށް ބުނެވެއެވެ. އަލްއަމީރު ޙަސަން ފަރީދު ދީދީދިވެހި ދައުލަތް ވަޒީރުއްދާޚިލިއްޔާގެ ގޮތުގައި ހުރެގެން ހިންގަމުން ދިޔަ ދުވަސްވަރު ކުރީގެ ލަވަތަކާއި މެދު ދެކޭގޮތް ބަދަލުކުރައްވައި އިސްލާހެއް ގެންނެވި އެވެ. ދިވެހި އުފަލާއި، ހިތްވަރާއި، ކުޅިވަރުގެ ލަވަ ދިވެހި ބަހުން ހެދުމަށް އަމުރުކުރައްވައިފިއެވެ. މިގޮތުން ހަދާ ލަވަތަކުގައި ގައުމާއި ބަހުގެ އަދަބު ކުރިއެރުވުމުގެ ޚިޔާލު ބެހެއްޓުމަށް ވެސް އަންގަވައިފި އެވެ.

އަލްއަމީރު ޙަސަން ފަރީދު ދީދީގެ އެންގެވުމަށް މާލޭގެ ހަތަރު އަވަށުން ހެދި ލަވަތަކުގެ ތެރެއިން ކޮންމެ އަވަށަކުން 40 ލަވަ ހަދައި، ދިވެހި ލަވަ މިނަމުގައި ފޮތެއް ޗާޕުކޮށް 5 ޛުލްޙައްޖާ 1360ހ ގައި ފޮތެއްގެ ސިފައިގައި ނެރުނެވެ. މިއީ އަލްއަމީރު ޙަސަން ފަރީދު ދީދީދިވެހި ބަހުގެ އަދަބަށް ކޮށްދެއްވި އަގުބޮޑު ޚިދުމަތެއްކަން ފާހަގަކުރެވެއެވެ.

އެގޮތުން ހެދި ލަވަތަކަކީ ބަހުގެ އަދަބާ ޅެންވެރިކަމުގެ ގޮތުން އަގުހުރި ޖަވާހިރު ތަކެކެވެ. ޚާއްޞަކޮށް އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ ހައްދަވައި ދެއްވި ލަވަތައް ހޮވައިލެވެއެވެ. އޭގެތެރެއިން ، ވިލާ ރަތްލާ ތަނުންނައެ ފެން، ބަހާރު މޫސުމާ އެކުގައި، އަދި ފަތިހާ ފެންނާނޭ މީވާނޭ ޙާލުހޭ ފަދަ ލަވަތަކަކީ ސިފަކުރުމުގެ ގޮތުން ފާހަގަކޮށްލަން ޖެހޭ ލަވަތަކެކެވެ.


ލަވައިގެ ބާވަތްތައް[އުނިއިތުރު ގެންނަވާ]

ދިވެހި ލަވައިގެ ތެރޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރެވޭ ބައިތައް ތިރީގައި މިވަނީ އެވެ.

 • ގައުމީ ލަވަ
 • ގުދުރަތީ މަންޒަރުތައް ސިފަކުރުމުގެ ލަވަ
 • ހިކުމަތާ ފަލްސަފާ
 • ވައުޒާ ނަޞޭޙަތް
 • މަދަހަ އާއި ތަޢުރީފް

ދިވެހި ލަވަތައް ފަށައިގަތް ދުވަސްވަރު ލަވަތައް އެނބުރެމުން ދިޔައީ މިބާވަތްތަކުގެ ތެރޭގައެވެ. ފަހުން ލަވައިގެ ތެރެއަށް އެހެން ބާވަތެއް އިތުރުވިއެވެ. އެއީ ލޯތްބާއި ޢިޝްޤުގެ ލަވަތަކެވެ. މިބާވަތުގެ ލަވަތައް ހެދެން ފެށީ ހިންދީ ފިލްމްތައް ފެންނަށް ފެށިފަހުންނެވެ. ފިލްމީ ލަވަތައް އިވޭން ފެށި ފަހުންނެވެ.

ހުރިހާ ބާވަތެއްގެ ލަވަތަކެއް ވެސް ކިޔަމުން ގެންދިޔައީ ހިންދުސްތާނު ލަވަތަކުގެ ރާގު ތަކަށެވެ. ބަބުރު ލަވައިގެ ރާގުތަކަށް ވެސް ދިވެހި ލަވަ ކިޔާފައި ހުރެއެވެ.

ލަވައިގެ ޚާއްޞަ ސިފަ[އުނިއިތުރު ގެންނަވާ]

ދިވެހި ލަވައިގެ ޚާއްޞަ ސިފަ ތަކެއް ހުރެއެވެ. އެއީ:-

 • ކުރުކަން އަދި ދިގުނުވުން
 • ވަޒަން ޅެމާއި އެއްގޮތް ވިޔަސް، ބައިތުތަކުގެ އަދަދު މަދުކަން

އަންބާ[އުނިއިތުރު ގެންނަވާ]

އަންބާ އަކީ ދިވެހި ލަވައިގެ ބާވަތެކެވެ. އަންބާ އަކީ މަސައްކަތު ގައްޔާއި، ކުޅިވަރުގައި ފޯރި ގެންނާން، ޒުވާބު ކިޔަމުން ކިޔާ ކުރު ލަވައެކެވެ. އެހެންކަމުން މިއީ ވެސް ދިވެހި ލަވައިގެ ބާވަތެކެވެ.

އިޖްތިމާޢީ ލަވަ[އުނިއިތުރު ގެންނަވާ]

އިޖްތިމާޢީ ލަވައަކީ ދިވެހި އިޖްތިމާޢީ ދިރިއުޅުމާއި ބެހޭގޮތުން ހެދިފައި ހުންނަ ލަވަތަކެވެ. މިސާލު ތައް ތިރީގައި މިވަނީއެވެ.

 • އަސާސީ ތަޢުލީމާ ބެހޭ ލަވަ
 • ނުކުޅެދޭ މީހުންނާއި ބެހޭ ލަވަ
 • މަސްވެރިންނާއި ގުޅޭ ލަވަ

ރިފަރެންސް[އުނިއިތުރު ގެންނަވާ]

 • ޅެމާއި ޅެންވެރިކަން - މަލަސް 11 - މުހައްމަދު ޖަމީލް - 1މާރޗް 1988 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު