ދާބޭރުކުރާ ގޮށް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ދާބޭރުކުރާ ގޮށް(އިނގިރޭސި ބަހުން: Sweat gland) އަކީ އިންސާނާގެ ހަންގަނޑުގެ ތެރޭގައި ހުންނަ ގޮށްތަކެކެވެ. ދެވައްތަރެއްގެ ދާބޭރުކުރާ ގޮށް ހުރެއެވެ. އެއީ އެކްރައިން ގްލޭންޑް ތަކާއި އެޕަކްރައިން ގްލޭންޑް ތަކެވެ.

އެކްރައިން ގްލޭންޑް ތައް[އުނިއިތުރު ގެންނަވާ]

އެކްރައިން ގްލޭންޑް ތައް އަކީ ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ބައިވެރިވާ ގްލޭންޑް ތަކެވެ. ހަންގަނޑުގެ އެކިހިސާބު ތަކުގައި ގިނަ އަދަދަކަށް އެކްރައިން ގްލޭންޑް ތައް ހުރެއެވެ. އެކްރައިން ގްލޭންޑް ތަކުގެ ހަރަކާތް އަދި މަސައްކަތް ކޮންޓްރޯލް ކުރަނީ ސިމްޕަތެޓިކް ކޮލިނާޖިކް ނާރު ފައިބަރު ތަކުންނެވެ. މިނާރު އަކީ އެކްރައިން ގްލޭންޑް ތަކުން ދާބޭރުކުރުމަށް އެކްރައިން ގްލޭންޑް ތައް ހީވާގިކޮށް މުރާލިކޮށްދޭ ނާރެކެވެ.

އެޕަކްރައިން ގްލޭންޑް ތައް[އުނިއިތުރު ގެންނަވާ]

އެޕަކްރައިން ގްލޭންޑް ތައް ހުންނަނީ ހަންގަނޑާއި ހަށިގަނޑުގެ ވަކިން ޚާއްޞަ ހިސާބު ތަކުގައެވެ. މިސާލަކަށް ކިހިލިފަތް ދޮށް، ފައިވަޅު، ފަދަ ތަންތާގައި ހުންނާނީ މިވައްތަރުގެ ދާބޭރުކުރާ ގްލޭންޑް ތަކެވެ. ހަށިގަނޑުގެ ފިނިހޫމިން ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި މިގްލޭންޑްތައް ބައިވެރިއެއް ނުވެއެވެ. މިގްލޭންޑް ތަކުން ދާބޭރުކުރަން ފަށަނީ ބާލިޣުވުމަށް ފަހުގައެވެ. މިވައްތަރުގެ ގްލޭންޑް ތަކުގެ މަސައްކަތް ކޮންޓްރޯލް ކުރަނީ ސިމްޕަތެޓިކް އެޑްރީނާޖިކް ނާރު ފައިބަރު ތަކުންނެވެ. އޮކްސިޓޯސިން ހޯރމޯން އަކީ މިވައްތަރުގެ ގްލޭންޑް ތަކުން ދާބޭރުކުރުމަށް ބާރުއަޅައިދޭ ހޯރމޯން އެކެވެ.

އެޕަކްރައިން ގްލޭންޑް ތަކުން ދާބޭރުވުން އިތުރުވަނީ ރުޅިގަދަވުން، ޖިންސީގުޅުން ހިންގުން، ފަދަ ޖަޒުބާތާއި ގުޅުންހުރި ވަގުތު ތަކުގައެވެ. އާންމު ގޮތެއްގައި އެޕަކްރައިން ގްލޭންޑް ތަކުން ބޭރުކުރާ ދަލުގައި ކޮންމެވެސް ވަރެއްގެ ވަހެއް ހުންނާނެއެވެ. ދާހިއްލައި ހިކުމުން ދުވާވަހަކީ މިގްލޭންޑް ތަކުން ބޭރުވާ ދަލުން ދުވާވަހެވެ.