Jump to content

ފަޟީލަތުއްޝައިޚް ޢުޘްމާން ޢަބްދުﷲ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފަޟީލަތުއްޝައިޚް ޢުޘްމާން ޢަބްދުﷲ

ފަޟީލަތުއްޝައިޚް ޢުޘްމާން ޢަބްދުﷲ އަކީ އިސްލާމްދީން އުނގަންނައިދެއްވުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ.

ފަޟީލަތުއްޝައިޚް ޢުޘްމާން ޢަބްދުﷲ ވަނީ ކުއްލިއްޔާ އުޞޫލުއްދީން ވައްދަޢުވާއިން މަތީ ތަޢްލީމު ޙާޞިލު ކުރެއްވުމަށްފަހު، ރާއްޖެ ވަޑައިގެން، ދީނީ ރޮނގުން ތަފާތު އެތައް ޚިދުމަތްތަކެއްވަނީ ކޮށްދެއްވައިފައެވެ. އެ ގޮތުން ދީނީ ނަޞޭޙަތް ދެއްވުމަށް ރާއްޖޭގެ އެކިއެކި ރަށްރަށަށް ވަޑައިގެންފައިވެއެވެ. އަދި "މަދްރަސަތުއް ޠައިބާ" ގެ ނަމުގައި މާލޭގައި ސްކޫލެއް ސްކޫލެއް އުފައްދަވައި، އެ ތަން އުވައިލަންދެން އެ ތާނގައި ކިޔަވައިދެއްވިއެވެ. އަދި ޝައިޚް ޢުޘްމާންގެ އުފަން ރަށް ށ. މަރޮށީގައި އޭނާގެ ޢާއިލީ ސްކޫލެއް ކަމުގައިވާ މަދްރަސަތުލް މުނައްވަރާގެ ކަންކަން ޢަމަލީގޮތުން ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތު އަދާކުރައްވައިފައިވެއެވެ. މީގެއިތުރުން މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ އުފެދުނީއްސުރެ، މުދައްރިސެއްގެ ގޮތުން ޝައިޚް ޢުޘްމާން ޢަބްދުﷲ ވަނީ ޚިދުމަތް ކުރައްވައިފައެވެ.

ފަޟީލަތުއްޝައިޚް ޢުޘްމާން ޢަބްދުﷲ އަކީ ރާއްޖޭގައި ޒަކާތުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް އެންމެބޮޑަށް މަސައްކަތްޕުޅު ކުރެއްވި އެއް ބޭފުޅެކެވެ. 1983 ވަނަ އަހަރު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ޒަކާތާ ބެހޭ އޮފީހުގެ ނަމުގައި އޮފީހެއް އުފައްދަވައި، އެ ތަން ހިންގެވުން ޝައިޚް ޢުޘްމާނާ ޙަވާލުކުރެއްވިއެވެ. އަދި މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްގަޔާއި، އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވެއެވެ. ފަޟީލަތުއްޝައިޚް ޢުޘްމާން ޢަބްދުﷲ އެންމެ ފަހުން ޚިދުމަތް ކުރައްވައިފައިވަނީ ޒަކާތާ ގުޅޭ ގޮތުން ދިމާވާ އެކި މައްސަލަތައް ހައްލުކުރުމަށް އިސްލާމިކް މިނިސްޓްރީން އުފެއްދި ޒަކާތު ކޮމެޓީއަށް ލަފާ އަރުވާ ބޭފުޅެއްގެ މަޤާމުގައެވެ.

ފަޟީލަތުއްޝައިޚް ޢުޘްމާން ޢަބްދުﷲ ލިޔުއްވައިފައިވާ ފޮތްތަކުގެ ތެރޭގައި [ދަމުނަމާދާއި ސުންނަތް ނަމާދުތައް] މި ފޮތާއި، [އިސްލާމްދީނުގައި އަންހެނުންގެ ޢައުރަ] މި ފޮތް ހިމެނެއެވެ. ތަރުޖަމާ ކުރައްވައިފައިވާ ފޮތްތަކުގެ ތެރެއިން [ފިޤުހުއް ސުންނާ] މި ފޮތާއި، ނަމާދާއި، ޙައްޖާއި، ރޯދައާ ބެހޭގޮތުން ކުރެވިފައިވާ ސުވާލުތަކަކަށް، ސަޢުދީ ޢަރަބިއްޔާގެ މުފްތީއެއް ކަމުގައިވާ ފަޟީލަތުއްޝައިޚް އިބްނު ޢުޘައިމީން ދެއްވައިފައިވާ ޖަވާބުތަކެއްގެ ތަރުޖަމާ ހިމެނެއެވެ.

ފަޟީލަތުއްޝައިޚް ޢުޘްމާން ޢަބްދުﷲ އަވަހާރަވީ 2023 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 21 ވަނަ ދުވަހު ޢުމުރުފުޅުން 80 އަހަރުފުޅުގައެވެ. ޝައިޚް ޢުޘްމާން ޢަބްދުﷲ ގެ މައްޗަށް ކަށުނަމާދުކުރީ އެ ދުވަހުގެ ޢަޞްރު ނަމާދަށްފަހު މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު) ގައެވެ. އިމާމުވެ ކަށުނަމާދު ކުރެއްވީ އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. ޝައިޚް ޢުޘްމާން ޢަބްދުﷲ ފަސްދާނުލައިފައިވަނީ މާލޭ، މއ. އާ ސަހަރާގައެވެ.

ފަޟީލަތުއްޝައިޚް ޢުޘްމާން ޢަބްދުﷲ އަށް، 2012 ވަނަ އަހަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތްކުރުމާއި، ދިނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ލިބިވަޑައިގެންފައެވެ.