Jump to content

ފަޟީލަތުއްޝައިޚްް ޙުސައިން ޢަބްދުއްރަޙްމާން

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފަޟީލަތުއްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން

ފަޟީލަތުއްޝައިޚްް ޙުސައިން ޢަބްދުއްރަޙްމާނަކީ އިސްލާމްދީން އުނގަންނައިދެއްވުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ.

ފަޟީލަތުއްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ވަނީ މިޞްރުގެ ޖާމިޢަތުލް އަޒްހަރުގެ ކުއްލިއްޔަތުއް ޝަރީޢާ ވަލްޤާނޫނުން ޑިގްރީ ހާސިލުކުރައްވައިފައެވެ. އަދި ޖާމިޢުލް އަޒްހަރުން އައްސިޔާސަތުއް ޝަރްޢިއްޔާއިން މާސްޓަރސް ހާސިލުކުރައްވައިފައިވެއެވެ.

ފަޟީލަތުއްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޖަސްޓިސްގެ ޚާއްޞަ ޤާޟީކަމާއި، މަދްރަސަތުއް ޠައިބާގެ ޢަރަބި މުދައްރިސްކަމާއި، މިސްކިތްތަކާބެހޭ ޤައުމީ މަޖިލީހުގެ މެންބަރުކަމާއި، މިސްކިތްތަކާބެހޭ ޤައުމީ މަޖިލީހުގެ ސެކްރެޓަރީކަން ހިމެނެއެވެ. މީގެއިތުރުން ބަންޑާރަ ނާއިބުގެ އޮފީހުގެ ވަކީލުކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމާއި، ބަންޑާރަ ނާއިބުގެ ނައިބުކަމާއި، ޑިރެކްޓަރ ރިލިޖަސް އެޑިޔުކޭޝަންކަމާއި، އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ޚާއްޞަ މުޝީރުކަން ހިމެނެއެވެ. ހަމައެއާއެކު 1970 ގެ އަހަރުތަކުން ފެށިގެން ފަޟީލަތުއްޝައިޚް މޫސާ ފަތުޙީ ޖަސްޓިސް މިނިސްޓްރީގައި ހިންގެވި ޤާޟީ ކޯހުގައި ކިޔަވައިދެއްވައިފައިއެވެ. އަދި ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1979 ވަނަ އަހަރު އުފެއްދެވި ކޮމިޓީގައި ވެސް ޚިދުމަތްކުރައްވައިފައިވެއެވެ. ޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ވަނީ 33 އަހަރަށްވުރެ ގިނަ ދުވަހު ދިވެހި ސަރުކާރަށް ޚިދުމަތްކުރައްވައިފައެވެ.

ދީނީ ރޮނގުން ފަޟީލަތުއްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ކުރައްވާފައިވާ ޚިދުމަތްތަކުގެ ތެރޭގައި ރޭޑިއޯއާއި ޓީވީން ފޮނުވައިފައިވާ ދީނީ އެކިއެކި ޕުރޮގުރާމުތައް ހިމެނެއެވެ. އެ ގޮތުން ދިވެހިރާއްޖޭގެ އަޑުން ފޮނުއްވި [އަލީގެ މައްޗަށް އައްޔެއް] މި ޕުރޮގުރާމުގައި އެތައް މައުޟޫޢަކަށް ޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. ޓެލެވިޜަން މޯލްޑިވްސްއިން އެތައް އަހަރަކު ރަމަޟާން މަހާއި، ދީނީ އެކި މުނާސަބަތުތަކުގައި ދައްކައިފައިވާ ޕުރޮގުރާމެއް ކަމަށްވާ [ދުރޫބުއްނޫރު] (އަލީގެ މަގުތައް) ދިވެހިބަހަށް ތަރުޖަމާކުރެއްވީ ވެސް ޝައިޚް ޙުސައިން ޢަބްދުއްރަޙްމާނެވެ.

ފަޟީލަތުއްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވައިފައިވާ ފޮތްތަކުގެ ތެރޭގައި [ޢަބުރާބެހުމާއި ހުތުރު އެއްޗެހި ކިޔުމުގެ ކުށް] މި ފޮތުގެ ފުރަތަމަބަޔާއި ދެވަނަބައި، [އައްސިޙުރު] މި ފޮތާއި، [އިސްލާމީ ނަޒަރަކުން ތުނބުޅި] މި ފޮތާއި، [ދައުލަތާއި ވެރިންނާއި މަސްއޫލިއްޔަތު އަދި ކިޔަމަންވުމުގެ މަފްހޫމް] މި ފޮތް ހިމެނެއެވެ. ތަރުޖަމާ ކުރައްވައިފައިވާ ބައެއް ފޮތްތަކުގެ ތެރޭގައި، [ފިރިހެނުންނާއި އަންހެނުން އަދި ޖިންސު] މި ފޮތާއި، [މުސްލިމުންގެ މެދުގައި ޚިލާފު އުފެދުން އެކަށީގެންނުވާ ކަންތައް] މި ފޮތާއި، [އަހުވާލުލް ޤަބޫރު] (ކަށްވަޅުގެ ބިރުވެރިކަން) މި ފޮތް ހިމެނެއެވެ. މީގެއިތުރުން، ބަހުގެ ފަލްސަފާއާއި، ބައެއް ޙަޤީޤަތްތަކުގެ އަލީގައި ކުރެއްވި ދިރާސާއެއްގެ މައްޗަށް ލިޔުއްވައިފައިވާ، [ތިކިތެޅި ތާނަ.............އޮޅުވައިނުލައްވާ] މިފޮތާއި، [ޒަވާޖީ ޙަޔާތް ބާއްޖަވެރިވާނީ ކިހިނެއް] މި ދެފޮތް ފާހަގަކޮށްލެވެއެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އޭރު ނެރުއްވަމުންގެންދެވި [ދީނުގެ މަގު] މަޖައްލާއަށް ވެސް ޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުންތައް ލިޔުއްވައިފައެވެ. އަދި ހިޖުރީ 14 ވަނަ ޤަރުނު ފެށުނު ހިސާބުން ފެށިގެން ދިގު މުއްދަތެއް ވަންދެން ގިނަ ޢަދަދެއްގެ ހުކުރު ޚުޠުބާ ޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ވަނީ ލިޔުއްވައިފައެވެ

ފަޟީލަތުއްޝައިޚްް ޙުސައިން ޢަބްދުއްރަޙްމާނަކީ ދިވެހިރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބައްޕާފުޅެވެ.

ފަޟީލަތުއްޝައިޚްް ޙުސައިން ޢަބްދުއްރަޙްމާން އަވަހާރަވީ 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. އަވަހާރަވީ ހިތްޕުޅުގެ އާލާސްކަންފުޅެއް ޖެހިވަޑައިގަތުމުން މައްކާގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ.

ފަޟީލަތުއްޝައިޚްް ޙުސައިން ޢަބްދުއްރަޙްމާނަށް 2013 ވަނަ އަހަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ލިބިވަޑައިގެންފައެވެ.