ފައިފަލަ ބަލި

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ފައިފަލަ ބަލި (އިނގިރޭސި ބަހުން: Elephantiasis) އަކީ ވޫކެރީރިއާ ބެންކްރޮފްޓީ(އިނގިރޭސި ބަހުން: Wuchereria bancrofti) ކިޔާ ފަންޏެއްގެ ސަބަބުންނެވެ. ފައިފަލަ ބަލި ފެތުރެނީ މިބުނި ފަލީގެ އިންފެކްޓިވް ލާރވާ (އިނގިރޭސި ބަހުން: Infective filariform larvae)އުފުލާ މަދިރިއެއް އިންސާނުންގެ ހަށިގަނޑުގައި ހެފުމުގެ ތެރޭގައި ކުރިން ބުނި އިންފެކްޓިވް ލާރވާ އިންސާނާގެ ހަށިގަނޑަށް ވާޞިލް ވުމުންނެވެ.


ޖިއޮގްރަފީ[އުނިއިތުރު ގެންނަވާ]

ފައިފަލަ ބަލި އެންމެ އާންމުކޮށް ފެންނަނީ އޭޝިޔާ، އެފްރިކާ އަދި ދެކުނު އެމެރިކާގެ ހޫނު ގައުމު ތަކުގައި ދިރިއުޅޭ މީހުންގެ ފުށުންނެވެ.


ބަލީގެ މަރުހަލާ[އުނިއިތުރު ގެންނަވާ]

ފައިފަލަ ބަލި ޖެހުމުން 2 މަރުހަލާއެއް ކަނޑަތުކުރެއެވެ.

އިންފްލެމޭޝަން އުފެދޭ މަރުހަލާ[އުނިއިތުރު ގެންނަވާ]

އިންފްލެމޭޝަން އުފެދޭ މަރުހަލާ(އިނގިރޭސި ބަހުން: Inflammatory phase) ގެ އަލާމާތްތައް ފެންނަށް ފަށަނީ އިންފެކްޓިވް ވެފައިވާ މަދިރިއެއް ދަތްއަޅާތާ ނުވަތަ ހަފާތާ އަހަރެއްހާ ދުވަހުގެ ތެރޭގައެވެ. މިގޮތުން ކުރިމަތިވާ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި އަލާމާތްތައް ހިމެނެއެވެ.

    • ދޭތެރެ ދޭތެރެއިން ލިމްފް ހޮޅިތަކުގައި އިންފްލެމޭޝަން އުފެދުން : އެންމެ އާންމުގޮތެއްގައި އިންފްލެމޭޝަން އުފެދެނީ ފަޔާއި ޖިންސީ ގުނަވަން ހިމެނޭ ހިސާބުގެ ލިމްފް ހޮޅިތަކުގައެވެ.
    • ގޮށްލުން : ގޮށްލުމަކީ ލިމްފް ގްލޭންޑް ނުވަތަ ގޮށްތައް ދުޅަވެ ބޮޑުވުމެވެ. އެގޮތުން ފައިފަލަ ބަލި ޖެހުމުން ފައިގެ ނުވަތަ އިންފްލެމޭޝަން އުފެދިފައި ހުރި ހިސާބެއްގައި ހުރި ލިމްފް ގޮށްތައް ބޮޑުވެ ބީހުމުން ރިއްސާގޮތް ވެއެވެ.
    • ފައިފަލަބަލީގެ ހުން : ހުންއައުން، ހީކެރުވުން، ބޮލުގައި ރިހުން، ހޮނޑުލުން އަދި ހިތް ނުތަނަވަސްވުން ފަދަ އުދަގޫތައް މެދުވެރި ކުރުވައެވެ.

ބައްދާލާ ނުވަތަ ހުރަސްއަޅާ މަރުހަލާ[އުނިއިތުރު ގެންނަވާ]

ބައްދާލާ ނުވަތަ ހުރަސްއަޅާ މަރުހަލާ (އިނގިރޭސި ބަހުން: Obstructive phase)އަކީ ތަކުރާރުކޮށް ލިމްފް ހޮޅިތަކުގައި އިންފްލެމޭޝަން އުފެދުމާއި، ލިމްފް ގޮށްތަކާއި، ހޮޅިތަކުގައި ފައިބަރަސް ޓިޝޫ އުފެދުމާއި ގުޅިގެން ކުރިމަތިވާ ކަމެކެވެ. ހަމަމިހެން ލިމްފް ގޮށް ތަކާއި ލިމްފް ހޮޅިތަކުގެ ތެރޭގައި ބޮޑިއަކަށް އޮޅިފައިވާ ފަނިތައް ވެސް މިމަރުހަލާ ކުރިމަތި ކުރުމުގައި ދައުރެއް އަދާކުރެއެވެ. މިކަންތައްތަކާއި ގުޅިގެން ލިމްފް ހޮޅިތަކާއި، ގޮށްތައް ބެދޭގޮތް ވެއެވެ. މިމަރުހަލާގައި ފެންނަ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

  • ލިމްފް ހޮޅިތައް ފުޅާވެ ފުއްޕުން
  • ފުއްޕާފައިވާ ލޭހޮޅިތަކާއި ގޮށްތައް ފަޅައިގެން ދިއުން
  • އިލެފެންޓިއޭސިސް = ގުނަވަންތައް އާދަޔާޚިލާފަށް ބިޔަވެ ބޮޑުވުން

ބެދިފައިވާ ލިމްފް ހޮޅިތަކާއި ގޮށްތަކުގެ ޕާމިއެބިލިޓީ އިތުރުވުމާއި ގުޅިގެން ލިމްފް ލީކުވުމާއި، ހަންގަނޑުގެ ދަށުގައި އެކުލެވޭ ޕްރޮޓީންގެ މިންވަރު މަތިވެގެން ދިއުމާއި، ވިދިގެން ކަނެކްޓިވް ޓިޝޫތައް އުފެދި ގިނަވުމާއި ގުޅިގެން ފައިބްރަސް ޓިޝޫ ތައް އުފެދޭގޮތް މެދުވެރި ވެއެވެ. ނަތީޖާއެއްގެ ގޮތުން ހަންގަނޑުގެ ދަށުގައިވާ ޓިޝޫތައް ހަރުވެ، ދުޅަވެ ފޮއްސިވުން ކުރިމަތި ކުރުވައެވެ. އަދި ހަންގަނޑު ބޯވެ ކުރަކިވެ ފަޅައިގެންދާގޮތް މެދުވެރި ކުރުވައެވެ. މިކަންތައްތަކުގެ ސަބަބުން ބަލީގެ އަސަރު ފޯރާފައިވާ ބައިތައް ނުވަތަ ގުނަވަންތައް އާދަޔާ ޚިލާފަށް ބޮޑުވެ ބިޔަވެގެން ދެއެވެ. މިސާލަކަށް ފަޔަށް ބަލީގެ އަސަރު ކޮށްފައިވާނަމަ ފައިފަލަވެ ބޮޑުވެއެވެ. ފައިފަލަ ބަލި މިބައްޔަށް ކިޔެނީ އެހެންވެގެންނެވެ. އުރަވަޅި އަށް ބަލީގެ އަސަރު ކޮށްފައިވާނަމަ އުރަވަޅި ބޮޑުވާގޮތް ވެއެވެ. ބަލިޖެހުމަށްފަހު އިލެފެންޓިއޭސިސް ގެ އަސަރު ފެންނަނީ 10-5 އަހަރާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ.