ފައިބަރު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ފައިބަރު ނުވަތަ ކާތަކެތީގައި ހުންނަ ނަރު (އިނގިރޭސި ބަހުން: Fiber)އަކީ ތަރުކާރީ، މޭވާ، އަދި ގޮވާމުގެ ބާވަތްތަކުގައި ހުންނަ އިންސާނުންގެ ގޮހޮރުގައި ހަޖަމުނުކުރެވޭ އަދި ލޭގެތެރެއަށް އޭގެ އަސަރު ނަގައިނުގަނެވޭ ބައެކެވެ. ކާތަކެތީގައި ހިމެނޭ ކާބޯހައިޑްރޭޓް، ޕްރޮޓީން އަދި ތެލުގެ ބައި ލޭގެ ތެރެއަށް އެކީގައި ނަގައިގަނެއެވެ. ނަމަވެސް ނަރު ނުވަތަ ފައިބަރު އެހުރިގޮތަށް ދާނީ ބޮޑު ކަމުދާ ތަކެއްޗާއެކު ހަށިގަނޑުން ބޭރުވެގެންނެވެ.


ވައްތަރުތައް[އުނިއިތުރު ގެންނަވާ]

ކާތަކެތީގައި ހުންނަ ނަރު ގެ ދެވައްތަރެއް ވެއެވެ.

ފެނަށް ގިރިގެންނުދާ ވައްތަރުގެ ނަރު[އުނިއިތުރު ގެންނަވާ]

މިވައްތަރުގެ ފައިބަރުގެ ސަބަބުން ގޮހޮރުގެ ހަރަކާތްތެރިކަން އިތުރުވެ، އޭގެތެރޭގައި ހިމެނޭ ކާނާގެ ބާވަތްތައް އަވަހަށް ހަޖަމުކުރުމުގައި އެހީތެރިވެދެއެވެ. އަދި ބޮޑުކަމުދާ ތަކެތި ގޮހޮރުގެ ފަހަތު ކޮޅުގައި އެއްވުމުގައިވެސް އެހީތެރިވެދެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފަސޭހަ ކަމާއެކު ބޮޑު ކަމުދެވޭގޮތް ވެއެވެ. ހުރިހާ ބާވަތެއްގެ ގޮވާމާއި ތަރުކާރީ އަދި މޭވާގެ ބާވަތްތަކުގައި ވެސް ހިމެނެނީ މިވައްތަރުގެ ނަރެވެ.

ފެނަށް ގިރިގެންދާ ވައްތަރުގެ ނަރު[އުނިއިތުރު ގެންނަވާ]

މިވައްތަރުގެ ފައިބަރު ފެނަށްގިރި ޖެލީގަނޑެއްހެން އޮންނަ ގަނޑުއެތިކޮޅު ތަކެއް ގޮހޮރުގެ ތެރޭގައި އުފައްދައެވެ. މީގެ ސަބަބުން ކޮލެސްޓްރޯލް އަދި ހަކުރު ލޭގެ ތެރެއަށް ދަމައިގަތުން މަދުކޮށްދެއެވެ. މިވައްތަރުގެ ނަރު ގިނައިން ހުންނަ ބާވަތްތަކުގެ ތެރޭގައި އާފަލް، ކެރެޓް އަދި ތޮޅި ފަދަ ތަކެތި ހިމެނެއެވެ.


ފައިދާތައް[އުނިއިތުރު ގެންނަވާ]

ބަނޑުހަރުވުމުން ސަލާމަތްކޮށްދިނުން[އުނިއިތުރު ގެންނަވާ]

ނަރު ގިނައިން އެކުލެވޭ ކާނާގެ ބާވަތްތައް ބޭނުންކުރުމުން، ބޮޑުކަމުދާ ތަކެތީގެ މިންވަރު އިތުރުވުމާއި، އޭގެ އެކުލެވޭ ފެނުގެ ބައިވެސް އިތުރުވެގެން ދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ފަސޭހަކަމާއެކު ބޮޑުކަމުދެވި، ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު ބޮޑުކަމުދެވޭގޮތް ވެއެވެ.

ހަޖަމުކުރުމުގެ މައްސަލަތަކުން ސަލާމަތްކޮށްދިނުން[އުނިއިތުރު ގެންނަވާ]

ނަރު ގިނައިން އެކުލެވޭ ކާނާގެ ބާވަތްތައް ބޭނުންކުރުމުން ފުރަގަސް ފަރާތުގެ ބަލިތަކާއި ގޮހޮރުގެ ބަލިތަކުން ސަލާމަތްކޮށްދެއެވެ.

ލޭގައި އެކުލެވޭ ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދިނުން[އުނިއިތުރު ގެންނަވާ]

ތޮޅި އަދި ކުދިބަތް ފަދަ ތަކެތީގައި ހިމެނޭ ފެނަށް ގިރިގެންދާ ވައްތަރުގެ ފައިބަރުން ލޭގައި ހިމެނޭ ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދޭކަމަށް ދިރާސާތަކުން ދައްކައެވެ. އަދި ޚާޢްޞަކޮށް ކޮލެސްޓްރޯލްގެ ގެއްލުން ދެނިވި ވައްތަރު ކަމުގައިވާ ލޯޑެންސިޓީ ލިޕޯޕްރޮޓިން ދަށްކުރާ ކަމަށް ވެއެވެ. މީގެ ސަބަބުން ލޭހޮޅިތަކުގެ ބަލިތަކާއި، ލޭމައްޗަށްދިއުން އަދި ހިތުގެ ބަލިތަކުން މިންޖުކޮށްދޭނެއެވެ.

ލޭގައި ހިމެނޭ ހަކުރުގެ ލެވެލް ކޮންޓްރޯލް ކުރުން[އުނިއިތުރު ގެންނަވާ]

ފެނަން ގިރިގެންދާ ފައިބަރުގެ ސަބަބުން ކާތަކެތީގައި ހިމެނޭ ހަކުރު ލޭގެ ތެރެއަށް ނަގައިގަތުން ލަސްކޮށްދެއެވެ. ވުމާއެކު ހަކުރު ބަލި ހުންނަ މީހުންނަށް ހަކުރު ކޮންޓްރޯލް ކުރުމަށް އެހީތެރި ވެދެއެވެ.

ބަރުދަން ލުއިކުރުމަށް އެހީތެރިވެދިނުން[އުނިއިތުރު ގެންނަވާ]

ގިނައިން ނަރު ހުންނަ ބާވަތްތައް ކެއުމުގައި ބޭނުންކުރުމުން ގިނައިން ހަފަން ޖެހޭތީ ކެއުމުގައި ހޭދަކުރާ ވަގުތު އިތުރުވެއެވެ. ވުމާއެކު ބަނޑުހައިވުން ލަސްކޮށްދެއެވެ. އަދި ފައިބަރު ހުންނަ ތަކެތީގެ ކުޑަ އެތިކޮޅަކުން ބަޑު ފުރޭކަމުގެ އިހްސާސް ކޮށްދެއެވެ. ހަމައެއާއެކު އޭގައި އެކުލެވޭ ހަކަތަ ވެސް މަދުވާނެއެވެ.

ގޮހޮރުގެ ކެންސަރުން ސަލާމަތްކޮށްދިނުން[އުނިއިތުރު ގެންނަވާ]

ދިރާސާތަކުން ދައްކާގޮތުގައި ފައިބަރު ގިނަ ކާނާ ބޭނުންކުރުމަކީ ގޮހޮރުގެ ކެންސަރުން ހިމާޔަތްވުމަށް އެހީތެރިވެދޭނެ ކަމެކެވެ.