މަސްތަކުގެ ނިޒާމް

ވިކިޕީޑިއާ އިންވިކިޕީޑިއާ

މަސްތަކުގެ ނިޒާމް އަކީ އިންސާނާ އަށް ހަރަކާތްތެރިވެ އުޅުމުގެ ގާބިލިއްޔަތު ހޯދައިދޭ ޙަޔަވީ ނިޒާމެވެ. މައިބަދަ ހުންނަ ޖަނަވާރު ތަކުގައި މަސްތަކުގެ ނިޒާމް ކޮންޓްރޯލް ކުރަނީ ނާރުތަކުގެ ނިޒާމް އިންނެވެ. ނަމަވެސް ބައެއް ކަހަލަ މަސްތަކަކީ މިސާލަކަށް ހިތުގައިވާ މަސްތައް އޭގެ ޒާތުގައި އަމިއްލައަށް މަސައްކަތްކުރާ މަސްތަކެކެވެ.


އިންސާނާގެ ހަށިގަނޑުގައިވާ މަސްތަކުގެ ވައްތަރުތައް[އުނިއިތުރު ގެންނަވާ]

އިންސާނާގެ ހަށިގަނޑުގައި ތަފާތު 3 ވައްތަރެއްގެ މަސްތައް ހުރެއެވެ. އެއީ ކަށި މަސް، ހިތު މަސް، އަދި މަޑު މަސް އެވެ.


ކަށި މަސް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ކަށި މަސް

ކަށި މަސް ނުވަތަ (އިނގިރޭސި ބަހުން: Skeletal muscle) އަކީ ހަށިގަނޑުގައިވާ ކަށިތަކާއި ތަތްވެފައި ހުންނަ މަސްތަކަށެވެ. އަހަރެމެންނަށް ހަރަކާތްކުރެވެނީ މިމަސްތަކުގެ އެހީގައެވެ. ނުވަތަ މިމަސްތައް ބޭނުންކޮށްގެންނެވެ. މިވައްތަރުގެ މަހުގެ ސެލް ނުވަތަ މަހު ސެލް ހުންނަނީ ދިގުކޮށް ސިލިންޑަރެއްގެ ބައްޓަމަށް ބައިވަރު ނިއުކްލިއަސް ލާފައެވެ. މިބުނި ނިއުކްލިއަސްތައް ހުންނަނީ ސެލްގެ އަރިމަތީގައި ޕްލާޒްމާ މެންބްރޭންގެ ދަށުގައެވެ. އެހެންކަމުން މަހު ސެލް ނުވަތަ މަސަލް ފައިބަރު ގެ މެދު ހުންނަނީ މަޔޯފިބްރިލް(Myofibril) އަށް ޖާގަ ދިނުމަށްޓަކައި ހުސްކުރެވިފައެވެ.

މަސް ގަނޑުގެ ދެކޮޅު ހަށިގަނޑާއި ތަތްވެފައި އިންނައިރު ހަށިގަނޑު މެދުބައި ނުވަތަ ނާރެސް އާއި ކައިރީގައި ކަށިގަނޑުގައި މަސްގަނޑު ހަރުލާފައި ހުންނަ ބަޔަށްކިޔަނީ އޮރިޖިން އެވެ. އަދި ނާރެސް އާއި ދުރުގައިވާ ކަށިގަނޑުގައި މަސްގަނޑު ހަރުލާފައިވާ ބަޔަށް ކިޔަނީ އިންސާޝަން އެވެ.

ސްކެލިޓަލް މަސަލްގެ ވައްތަރުތައް ބައިކުރެވިދާނެ ވަރަށް ގިނަގޮތްތައް ހުރެއެވެ. އެއްގޮތަކީ މަޔޯސިން(Myosin) ގައި އެކުލެވޭ ޕްރޮޓީންގެ ވައްތަރު ބެލުމެވެ. މިގޮތަށް ބަލާއިރު ސްކެލިޓަލް މަސަލް ފައިބަރުތައް ދެބަޔަކަށް ބަހާލެވެއެވެ. ފުރަތަމަ ވައްތަރަކީ ރަތްކުލަ އަށް ހުންނަ ޓައިޕް1 ފައިބަރު ތަކެވެ. މިވައްތަރުގެ މަސަލް ފައިބަރުތައް ވަރުދެރަވެ، ބާރުދިއުން ކުޑަވާނެއެވެ. އަނެއް ވައްތަރަކީ ހުދު ކުލައަށް ހުންނަ ޓައިޕް2 ފައިބަރު ތަކެވެ. މިވައްތަރުގެ މަސަލް ފައިބަރުތައް އަވަހަށް ވަރުދެރަވެ، ފަސޭހަކަމާއެކު ބާރުދޫވާނެއެވެ.

ހިތު މަސް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ހިތު މަސް

ހިތު މަސް ނުވަތަ (އިނގިރޭސި ބަހުން: Cardiac muscle) އަކީ އިންސާނާގެ ހިތުގައި އެކުލެވިގެންވާ މަހުގެ ބާވަތެވެ. މިއީ އޭގެ ޒާތުގައި އަހަރެމެންގެ އިޚްތިޔާރަކާ ނުލައި މަސައްކަތްކުރާ މަހުގެ ބާވަތެވެ. ހިތުގައިވާ މަސްތަކުގެ ދައުރަކީ ލޭދައުރުކުރާ ނިޒާމްގެ ތެރެއަށް ހިތުން ލޭ ޕަމްޕްކޮށް ކޮންޓްރެކްޝަންގެ ޒަރީޢާއިން ފޮނުވައި ދިނުމެވެ.

މަޑު މަސް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މަޑު މަސް

މަޑު މަސް ނުވަތަ (އިނގިރޭސި ބަހުން: Smooth muscle) އަކީ އިންސާނާގެ އެތެރެހަށީގެ ބައެއް ގުނަވަންތަކުގެ ފާރުގައި ހުންނަ މަހުގެ ވައްތަރެވެ. މިގޮތުން މަޑުމަސް ހުންނަނީ ޢާއްމު ގޮތެއްގައި އެތެރޭގައި ހޮޅި ނުވަތަ މަގު ހެދިފައި ހުންނަ ގުނަވަންތަކުގައެވެ. މިސާލަކަށް ކާތަކެތި ހިގާ ހޮޅި، ކުޑަ ގޮހޮރު، ބޮޑު ގޮހޮރު ފަދަ ގުނަވަންތަކުގައެވެ. މީގެ އިތުރުން މަސާނާ، ނޭވާލާ ނިޒާމްގެ ބައިތައް، ނަސްލު އުފައްދާ ނިޒާމް ގެ ބައިތަކުގައި ވެސް މަޑު މަސް ހުރެއެވެ. މަޑު މަސްތަކާއި ކަށި މަސް އަދި ހިތު މަސް ތައް އެކަތި އަނެކައްޗާއި ތަފާތުތަކެއް ހުރެއެވެ.

މަހުގެ ޓިޝޫ[އުނިއިތުރު ގެންނަވާ]

މަހުގެ ޓިޝޫ ނުވަތަ މަހަކީ އިންސާނާގެ ހަށިގަނޑުގައި ކޮންޓްރެކްޓްވުމުގެ ނުވަތަ ކުރުގެޅުމުގެ ގާބިލިއްޔަތު ލިބިފައިވާ ޓިޝޫ އެކެވެ. މަހުގެ ޓިޝޫ އުފެދެނީ ތުއްތު ދަރިފުޅު އުފެދިގެން އަންނަ މައި ތިންފަށަލައިން މެދުގައި އިންނަ ފަށަލަ މީސޯޑާރމް(Mesoderm) އިންނެވެ. މަސްތައް ބެހިފައިވާ 3 ބަޔަކީ ކަށި މަސް، މަޑު މަސް، އަދި ހިތު މަސް އެވެ. މަސް ތަކުގެ ބޭނުމަކީ ހަށިގަނޑު ބާރު އުފައްދައި، ހަށިގަނޑު އެކި ގޮތްގޮތަށް ލަންބައި، ހަރަކާތްތެރިވެ އުޅުމުގައި އެހީތެރި ވުމެވެ.

ގިނަ ފަހަރު މަސްތައް ކޮންޓްރެކްޓްވަނީ އަހަރެމެންނަށް އެގުމަކާ ނުލައެވެ. މިސާލަކަށް ހިތުގެ ވިންދުޖެހުން، އަދި ހަޖަމުކުރާ ނިޒާމް ގައި ކާތަކެތި ދައުރުވުން ފަދަ ކަންކަމަކީ އަހަރެމެންގެ އިޚްތިޔާރަކާ ނުލާ އޭގެ ޒާތުގައި ހިންގާ ކަންތައްތަކެވެ. ހަށިގަނޑުގެ ހަރަކާތްތައް ކުރުމުގައި މަސްތައް ކޮންޓްރެކްޓްވާ ވުމަކީ އަހަރެެމެންގެ ބާރުގެ ދަށުން ހިނގާ ކަންތައްތަކެވެ.


މަސްތައް ކޮންޓްރެކްޓްވުން[އުނިއިތުރު ގެންނަވާ]

މަސްތައް ކޮންޓްރެކްޓްވުން ކުރިމަތިވަނީ މަހު ސެލް ނުވަތަ މަހުގެ ފައިބަރު ދިގުދެމި ނުވަތަ ކުރުވާ ހިނދު އެވެ. މަސްތައް ކޮންޓްރެކްޓްވުން ކޮންޓްރޯލް ކުރަނީ ސެންޓްރަލް ނާރވަސް ސިސްޓަމް އިންނެވެ. އަހަރެމެންގެ އިޚްތިޔާރުގައި ކޮންޓްރެކްޓްވާ މަސްތައް ކޮންޓްރޯލް ކުރަނީ ސިކުނޑި ންނެވެ. އަހަރެމެންގެ ބާރަކާ ނުލާ ކޮންޓްރެކްޓްވާ މަސްތައް ކޮންޓްރޯލް ކުރަނީ ސްޕައިނަލް ކޯޑް އިންނެވެ.

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]