ކަށި މަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
މައިކްރޮސްކޯޕުން ބެލުމުން ކަށި މަސް ފެންނަގޮތް

ކަށި މަސް ނުވަތަ (އިނގިރޭސި ބަހުން: Skeletal muscle) އަކީ ހަށިގަނޑުގައިވާ ކަށިތަކާއި ތަތްވެފައި ހުންނަ މަސްތަކަށެވެ. އަހަރެމެންނަށް ހަރަކާތްކުރެވެނީ މިމަސްތަކުގެ އެހީގައެވެ. ނުވަތަ މިމަސްތައް ބޭނުންކޮށްގެންނެވެ. މިވައްތަރުގެ މަހުގެ ސެލް ނުވަތަ މަހު ސެލް ހުންނަނީ ދިގުކޮށް ސިލިންޑަރެއްގެ ބައްޓަމަށް ބައިވަރު ނިއުކްލިއަސް ލާފައެވެ. މިބުނި ނިއުކްލިއަސްތައް ހުންނަނީ ސެލްގެ އަރިމަތީގައި ޕްލާޒްމާ މެންބްރޭންގެ ދަށުގައެވެ. އެހެންކަމުން މަހު ސެލް ނުވަތަ މަސަލް ފައިބަރު ގެ މެދު ހުންނަނީ މަޔޯފިބްރިލް(Myofibril) އަށް ޖާގަ ދިނުމަށްޓަކައި ހުސްކުރެވިފައެވެ.

މަސް ގަނޑުގެ ދެކޮޅު ހަށިގަނޑާއި ތަތްވެފައި އިންނައިރު ހަށިގަނޑު މެދުބައި ނުވަތަ ނާރެސް އާއި ކައިރީގައި ކަށިގަނޑުގައި މަސްގަނޑު ހަރުލާފައި ހުންނަ ބަޔަށްކިޔަނީ އޮރިޖިން އެވެ. އަދި ނާރެސް އާއި ދުރުގައިވާ ކަށިގަނޑުގައި މަސްގަނޑު ހަރުލާފައިވާ ބަޔަށް ކިޔަނީ އިންސާޝަން އެވެ.

ސްކެލިޓަލް މަސަލްގެ ވައްތަރުތައް ބައިކުރެވިދާނެ ވަރަށް ގިނަގޮތްތައް ހުރެއެވެ. އެއްގޮތަކީ މަޔޯސިން(Myosin) ގައި އެކުލެވޭ ޕްރޮޓީންގެ ވައްތަރު ބެލުމެވެ. މިގޮތަށް ބަލާއިރު ސްކެލިޓަލް މަސަލް ފައިބަރުތައް ދެބަޔަކަށް ބަހާލެވެއެވެ. ފުރަތަމަ ވައްތަރަކީ ރަތްކުލަ އަށް ހުންނަ ޓައިޕް1 ފައިބަރު ތަކެވެ. މިވައްތަރުގެ މަސަލް ފައިބަރުތައް ވަރުދެރަވެ، ބާރުދިއުން ކުޑަވާނެއެވެ. އަނެއް ވައްތަރަކީ ހުދު ކުލައަށް ހުންނަ ޓައިޕް2 ފައިބަރު ތަކެވެ. މިވައްތަރުގެ މަސަލް ފައިބަރުތައް އަވަހަށް ވަރުދެރަވެ، ފަސޭހަކަމާއެކު ބާރުދޫވާނެއެވެ.