Jump to content

މައްކީ އާއި މަދަނީ ސޫރަތް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ސިލްސިލާ ލިޔުންތަކުގެ ބައި: ޤުރުޢާން

މުސްޙަފް

Sura · Ayah

ޤުރުޢާން ކިޔެވުން

Tajwid · Hizb · Tarteel · Qur'anic guardian · Manzil · Qari' · Juz' · Rasm

ތަރުޖަމާ

List

Origin and development

މައްކީ ސޫރަތްތައް  · މަދަނީ ސޫރަތްތައް

ތަފްސީރު

Persons related to verses · Justice · Asbab al-nuzul · Naskh · Biblical narratives · Tahrif · Bakkah · Muqatta'at · Esoteric interpretation

ޤުރުޢާން އާއި ސުންނަތް

Literalism · Miracles · Science · Women

Views on the Qur'an

Shi'a · Criticism · Desecration · Surah of Wilaya and Nurayn · Satanic Verses · Tanazzulat · Qisas Al-Anbiya · Beit Al Qur'an


ލަފްޒީ ގޮތުން މައްކީ އާއި މަދަނީ އަކީ ދެ ތަނަށް ނިސްބަތްކުރާ ނިސްބަތްކުރުމެވެ. މައްކީއަކީ މައްކާއަށް ނިސްބަތްކުރާ ނިސްބަތްކުރުމެވެ. މަދަނީ އަކީ މަދީނާއަށް ނިސްބަތްކުރާ ނިސްބަތްކުރުމެވެ. ނަމަވެސް ޢިލްމުވެރިން މައްކީ ނުވަތަ މަދަނީ ނިސްބަތް ކުރަނީ ކުރިން ދެންނެވުނު ދެތަނަށް ނިސްބަތްކޮށެއް ނޫނެވެ. ޢިލްމުވެރިން މިދެނަން މައްކީ އާއި މަދަނީ ނިސްބަތްކުރަނީ ޒަމާނަށެވެ. ކީރިތި ޤުރުޢާނުގެ އެއާޔަތެއް ނުވަތަ އާޔަތްތަކެއް ބާވައިލެއްވުނު ވަގުތަށެވެ. ތަނަކަށް ނޫނެވެ.

މައްކީ އާއި މަދަނ މިދެނަން ޢިލްމުވެރިން ބޭނުންކުރައްވަނީ ޚާއްޞަކޮށް ޤުރްއާނުގެ ޢިލްމު ގެ ފަންނުގައެވެ. އެއީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް މާތް ﷲ ބާވައިލެއްވި ކީރިތި ޤުރްއާނުގެ އާޔަތްތައް ވަކިކޮށް ދެނެގަތުމަށްޓަކައެވެ. އެއާޔަތެއް ނުވަތަ އާޔަތްތަކެއް ބާވައިލެއްވުނީ ކީއްވެގެން، ކޮން ސަބަބަކާ ހުރެތޯ ދެނެގަތުމަށްޓަކައެވެ. ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ކީރިތި ޤުރްއާން ބާވައިލައްވާފައިވަނީ 23 އަހަރުގެ ދިގު މުއްދަތެއްގައެވެ. އެންމެ ފުރަތަމަ ކީރިތި ޤުރުއާން ބާވައިލައްވަން ފައްޓަވާފައިވަނީ ކީރިތި ރަސޫލާ، މައްކާގެ ރަށް ބޭރުގައިވާ ފަރުބަދައެއް ކަމަށްވާ ހިރާ ފަރުބަދައިގެ ހޮހަޅައެއްގައި އިންނަވަނިކޮށެވެ. އަދި އޭގެ ފަހުން މައްކާގައި ހުންނަވަނިކޮށާއި މައްކާގެ ކައިރި ހިސާބުތަކާއި މައްކާއާ ދުރު ހިސާބުތަކުގައާއި މަލަކޫތީ ޢާލަމުގައި ވަނިކޮށް ކީރިތި ޤުރުއާނުގެ އާޔަތްތައް ބާވައިލައްވާފައި ވެއެވެ.

ވީމާ ތަފާތު އެތައް ތަނެއްގައި ކީރިތި ރަސޫލާ ހުންނަވަނިކޮށް ކީރިތި ޤުރުއާން ބާވައިލައްވާފައިވާތީ ޢިލްމުވެރިން "މައްކީ" ނުވަތަ "މަދަނީ" މިނަން ދެއްވާފައިވާ އާޔަތް ނުވަތަ އާޔަތްތައް ބާވައިލެއްވި ބާވައިލެއްވުން ނިސްބަތްކުރައްވަނީ ތަނުގެ ބަދަލުގައި ޒަމާނަށެވެ.

"މައްކީ" އަދި "މަދަނީ" މިދެނަން އުފެދުނީ ކީއްވެގެން؟

[އުނިއިތުރު ގެންނަވާ]

މޫސާގެފާނަށް ބާވައިލެއްވުނު ތައުރާތާއި ޢީސާގެފާނަށް ބާވައިލެއްވުނު އިންޖީލާއި ދާއޫދުގެފާނަށް ބާވައިލެއްވުނު ޒަބޫރު، މާތް ﷲ ބާވައިލައްވާފައިވަނީ އެއްކޮށް އެއްފަހަރާއެވެ. މިއީ ހުރިހާ ޢިލްމުވެރިންވެސް އެއްބަސްވެ ވަޑައިގެންފައިވާ ކަމެކެވެ.

ކުރީގެ އުއްމަތްތަކަށް މާތް ﷲ ބާވައިލައްވާފައިވާ ސަމާވީ ފޮތްތަކާއި ޚިލާފަށް ކީރިތި ޤުރުއާން މާތް ﷲ ބާވައިލައްވާފައިވަނީ ބައިބަޔަށް ވަކިވަކިންނެވެ. ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ކީރިތި ޤުރުއާން ބާވައިލައްވާފައިވަނީ 23 އަހަރުގެ ތެރޭގައެވެ.

ކީރިތި ޤުރުއާނުގެ ބައެއް އާޔަތްތައް ބާވައިލައްވާފައިވަނީ މުޝްރިކުން ކީރިތި ރަސޫލާއަށް ކުރިމަތި ކުރުވާ ސުވާލުތަކާއި ގުޅިގެންނެވެ. އަދި ބައެއް އާޔަތްތައް ބާވައިލައްވާފައިވަނީ އެފަދަ އެއްވެސް ސަބްބެއް ނެތި އިލާހީ ޙިކުމަތުގެތެރެއިންނެވެ. އެކަލާނގެ ކަނޑައަޅުއްވާ އިރާދަކުރައްވާފައިވާ ގޮތެއްގެ މަތިންނެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.

(( وقال الذين كفروا لولانزل عليه القرءان جملة واحدة كذالك لنثبت به فؤادك ورتلنــه ترتيلا)) - الفرقان: 32 

މާނައަކީ:- "އަދި ކާފިރުވީ މީހުން ބުންޏެވެ. އެކަލޭގެފާނުގެ (އެބަހީ މުޙައްމަދުގެފާނުގެ) މައްޗަށް ޤުރްއާން އެއްފަހަރާ ބާވައިނުލެއްވުނީ ކީއްވެގެން ހެއްޔެވެ؟ (އެފަދައިންނެވެ.) އެއީ އެކަލޭގެފާނުގެ ހިތްޕުޅަށް ގަދަކަން ދެއްވާ ސާބިތުކަން ދެއްވުމަށެވެ. އަދި ކަމަކަށްފަހު ކަމެއް ލަސްލަހުން ބާވައިލައްވައި ވަޙީ ކުރައްވާ ގޮތެއްގައި ތިމަން ﷲ އެ ޤުރުއާން ބާވައިލެއްވިއެވެ."

ޢިލްމުވެރިން "މައްކީ" އާއި "މަދަނީ" މިދެނަން ބޭނުންކުރައްވަން ފެށްޓެވީ ކީރިތި ޤުރްއާނުގައިވާ އާޔަތްތަކާއި ތަފްސީރުކުރުމުގައި އެއާޔަތެއް ނުވަތަ އެއާޔަތްތަކެއް ބާވައިލެއްވުނު ސަބަބު ދެނެގަތުމަށް ފަސޭހަވުމަށްޓަކައެވެ. އެއާޔަތެއް ނުވަތަ އެއާޔަތްތަކެއް ބާވައިލެއްވި ސަބަބު ދެނެގަތުމަށް ފަސޭހަވާނީ އެއާޔަތެއް ބާވައިލެއްވުނީ ކޮންއިރަކުކަން އެނގިގެންނެވެ. އެހެން ނޫންނަމަ އެއާޔަތެއްގައި ﷲ ބަޔާންކުރައްވާފައިވާ އެއްޗެއް ދެނެއެއް ނުގަނެވޭނެއެވެ. އެހެނީ ކީރިތި ރަސޫލާ މަދީނާއަށް ހިޖުރައަށް ވަޑައިގަތުމުގެ ކުރީގައި ބާވައިލެއްވި އާޔަތެއްގައިވާ ޙުކުމެއް ނުވަތަ އެންގެވުމެއް، ކީރިތި ރަސޫލާ މަދީނާ ހިޖުރައަށް ވަޑައިގެންނެވުމުގެ ފަހުން ބާވައިލެއްވި އާޔަތަކުން މަންސޫޚު ކުރައްވާފައިވާ އޮވެދާނެއެވެ.

މައްކީ އާއި މަދަނީ ކަނޑައެޅުން

[އުނިއިތުރު ގެންނަވާ]

ސިލްސިލާ މަޒުމޫނުތަކުގެ ތެރެއިން

އިސްލާމް


ޢަޤީދާ

 • ތައުހީދް
މުޙައްމަދުގެފާނު • ރަސޫލުންނާއި ނަބީން

ރުކުންތައް

ޝަހާދަތް • ނަމާދު
ރޯދަ • ޒަކާތް • ޙައްޖު

އަސްލުތައް އަދި ޝަރީޢާ

ޤުރުއާން • ސުންނަތް • ޙަދީޘް
ފިޤުހު • ޝަރީޢާ • ކަލާމް • ތަޞައްވުފް

ތާރީޚް އަދި ލީޑަރުން

ޘަޤާފަތް އަދިމުޖުތަމަޢު

ކިޔެވުން • ހައިވާނުން • ފަންނުވެރިކަން
ކަލަންޑަރު • ކުޑަކުދިން
ޤައުމުތައް • ޢީދު
މިސްކިތް • ފަލްސަފާ
ޢުލޫމް • އަންހެނުން
ސިޔާސަތު • ދަޢުވާ

އިސްލާމި ނެރު
 v  d  e 

ކީރިތި ޤުރްއާނުގެ އާޔަތްތައް ތަފްސީރު ކުރުމަށް ފަސޭހަވެގެންދާ އެއްކަމަކީ، އެއާޔަތެއް ނުވަތަ އެއާޔަތްތަކެއް ބާވައިލެއްވި ސަބަބު އެނގުމެވެ. އެއާޔަތެއް ނުވަތަ އެއާޔަތްތަކެއް ބާވައިލެއްވި ސަބަބު އެނގިގެންނޫނީ ކީރިތި ޤުރްއާނުން މާތްﷲ ބާވައިލެއްވި ބާވައިލެއްވުމެއް ބަޔާނެއް ނުކުރެވޭނެއެވެ. އެބާވައިލެއްވި ބާވައިލެއްވުމެއްގައިވާ އެއްޗެއް ދެނެއެއް ނުގަނެވޭނެއެވެ. މިސަބަބަށްޓަކައި ކީރިތި ޤުރްއާން ތަފްސީރު ކުރައްވާ މުފައްސިރުން ކީރިތިޤުރްއާނުގައިވާ އާޔަތްތައް ބާވައިލެއްވި ވަގުތު، ބާވައި ލެއްވޭ ތަން، ނުވަތަ ނިސްބަތްވާ އަހުލުވެރިން ފާހަގަ ކުރައްވައެވެ. މިގޮތަށް ބައްލަވައި ކީރިތި ޤުރުއާނުގެ ޢިލްމުވެރިން، ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ސޫރަތްތަކަށް މައްކީ ނުވަތަ މަދަނީ މިނަން ދެއްވުމުގައި ނުވަތަ މިނަން ކަނޑައެޅުމުގައި ޢިލްމުވެރިންގެ މެދުގައި އިޚްތިލާފްތައް އެބަހުއްޓެވެ.


އޭގެތެރެއިން ފުރަތަމަ ރައުޔުގައިވާ ގޮތުގައި މައްކީ އާޔަތްތަކަކީ، ކީރިތި ރަސޫލާ މައްކާގައި ހުންނަވަނިކޮށް ބާވައިލެއްވުނު ކޮންމެ ބާވައިލެއްވުމެކެވެ. އެއީ ކީރިތި ރަސޫލާ ހިޖުރަޔައަށް ވަޑައިގަތުމަށްފަހު ބާވައިލެއްވުނު ބާވައިލެއްވުމެއްކަމުގައި ވިޔަސް މެއެވެ. މަދަނީ އާޔަތްތަކަކީ ކީރިތި ރަސޫލާ މަދީނާގައި ހުންނަވަނިކޮށް ބާވައިލެއްވުނު ކޮންމެ ބާވައިލެއްވުމެކެވެ. އެކަލޭގެފާނު ހިޖުރައަށް ވަޑައިގަތުމުގެ ކުރީގައި މަދީނާ އަށް ވަޑާއިގެންފައިވާކަމަށް ޞައްޙަ ރިވާޔަތަކުން އެނގޭކަށެއްނެތެވެ. އަދި އެކަލޭގެފާނު ކުރެއްވި ހިޖުރައިގެކުރިން ކީރިތި ޤުރްއާނުގެ އެއްވެސް އާޔަތެއް މަދީނާގައި ބާވައިލެއްވި ކަމަކަށްވެސް އެއްވެސް ޞައްޙަ ރިވާޔަތަކުން އައިސްފައެއްނުވެއެވެ.


ބައެއް ޢިލްމުވެރިން މިހެން ވިދާޅުވިކަމުގައިވިޔަސް އެކަލޭގެފާނު މައްކާ ނުވަތަ މަދީނާ ފިޔަވައި އެހެން ބައެއް ތަންތަނުގައި ހުންނަވަނިކޮށްވެސް ކީރިތި ޤުރްއާނުގެ ބައެއް އާޔަތްތައް ބާވައިލައްވާފައިވެއެވެ.

މިސާލަކަށް: ސޫރަތުއް ތައުބާގެ 42 ވަނަ އާޔަތް ހިމެނެއެވެ. މިއާޔަތް ބާވައިލައްވާފައިވަނީ މައްކާ ނުވަތަ މަދީނާގައި ކީރިތި ރަސޫލާ ހުންނަވަނިކޮށެއް ނޫނެވެ. މިއާޔަތް ބާވައިލެއްވީ އެކަލޭގެފާނު ތަބޫކުގައި ހުންނަވަނިކޮށެވެ.

އަދިހަމަ އެހެންމެ ސޫރަތުއްޒުޚްރުފްގެ 45 ވަނަ އާޔަތް ބާވައިލައްވާފައިވަނީ ކީރިތި ރަސޫލާ އިސްރާއާއި މިޢްރާޖު އަރާވަޑައިގެންނެވިރޭ، އެކަލޭގެފާނު ބައިތުލް މަޤްދިސް ގައި ހުންނަވަނިކޮށެވެ.


މީގެ އިތުރުންވެސް ވަރަށް ގިނަ އާޔަތް އެކަލޭގެފާނު މައްކާ ނުވަތަ މަދީނާ ފިޔަވައި އެހެން ތަންތާގައި ހުންނަ ވަނިކޮށް ބާވައިލައްވާފައިވެއެވެ. ކީރިތި ރަސޫލާ ބައެއް ދަތުރުފުޅުގައި އުޅުއްވަނިކޮށާއި ޠާއިފާއި ޙުދައިބިއްޔާ އާއި ޢަރަފާތު ބިމުގައި އާއި އަދި އެނޫން ތަންތަނުގައި ހުންނަވަނިކޮށްވެސް ބައެއް އާޔަތްތައް ބާވައިލައްވާފައިވެއެވެ.

މިސާލަކަށް: ސޫރަތުލް ފަތްޙި ބާވައިލައްވާފައިވަނީ ކީރިތި ރަސޫލާ ޞުލްޙަލް ޙުދައިބިއްޔާއިން އެނބުރި ވަޑައިގެންނެވި މަގުމަތީގައިކަމަށް ރިވާވެގެން ވެއެވެ.

އަދި ސޫރަތުލް މުނާފިޤޫން ބާވައިލައްވާފައިވަނީ ޚުޒާޢަތު ވަންހައިގެ މީހުންއުޅުނު އަވަށެއްކަމުގައިވާ ޢަޒްވަތުލް މުޞްޠަލަޤު ގައި ކީރިތި ރަސޫލާ ހުންނަވަނިކޮށެވެ.


ވީމާ މިރައުޔުއަކީ ޞައްޙަ ރައުޔެކޭ ދެންނެވޭކަށެއް ނެތެވެ. އެހެނީ މައްކީ އާޔަތްތަކަކީ އެކަލޭގެފާނު މައްކާގައި ހުންނަވަނިކޮށް ބާވައިލެއްވި އާޔަތްތަކޭ، މަދަނީ އާޔަތްތަކީ އެކަލޭގެފާނު މަދީނާގައި ހުންންވަނިކޮށް ބާވައިލެއްވި އާޔަތްތަކޭ ބުނުމުން، މިދެތަނުންކުރެ ތަނަކަށް ނުވާ ތަންތަނުގައި، އެކަލޭގެފާނު ހުންނަވަނިކޮށް ބާވައިލެއްވި ބާވައިލެއްވުންތައް ހިމެނިފައި ނުވާތީ އެވެ.

ދެވަނަ ރައުޔުގައިވަނީ "މައްކީ" އަކީ މައްކާގެ އަހުލުވެރިންނަށް ނިސްބަތްވާ ގޮތަށް ބާވައިލައްވާފައިވާ ބާވައިލެއްވުންތަކެވެ. "މަދަނީ" އަކީ މަދީނާ ގެ އަހުލުވެރިންނަށް ނިސްބަތްވާ ގޮތަށް ބާވައިލައްވާފައިވާ ބާވައިލެއްވުންތަކެވެ.


މިރިވާޔަތަކީވެސް ޞައްޙަ ރިވާޔަތެކޭ ދެންނެވޭކަށެއް ނެތެވެ. އެހެނީ ކީރިތި ޤުރްއާނުގެ އާޔަތްތަކަށް ބަލާއިރު މައްކާ ނުވަތަ މަދީނާގެ އަހުލުވެރިންނަށް ނިސްބަތްނުވާ ގޮތަށް ބައެއް އާޔަތްތައް ބާވައިލައްވާފައިވެއެވެ.

މިސާލަކަށް:
  • ސޫރަތުލް އަޙްޒާބު

1 - މިއާޔަތަކީ މައްކާ ނުވަތަ މަދީނާގެ އަހުލުވެރިންނަށް ނިސްބަތްވާ އާޔަތެއް ނޫނެވެ. އަދި ސޫރަތުލް ކައުޘަރުގެ ފުރަތަމަ އާޔަތްވެސް އެ ދެތަނުންކުރެ ތަނެއްގެ އަހުލުވެރިންނަށް ނިސްބަތްނުވެއެވެ.


ތިންވަނަ ރައުޔުގައިވަނީ "މައްކީ" އަކީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، މަދީނާއަށް ހިޖުރައަށް ވަޑައިގަތުމުގެ ކުރިން ބާވައިލެއްވި ކޮންމެ ބާވައިލެއްވުމެކެވެ. އަދި "މަދަނީ" އަކީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވި ފަހުން ބާވައިލެއްވި ކޮންމެ ބާވައިލެއްވުމެކެވެ. މިރައުޔުގައި އެބާވައިލެއްވުމެއް ބާވައިލެއްވޭއިރު އެކަލޭގެފާނު ހުންނެވި ތަނަކަށް ނިސްބަތް ކުރުމެއް ނުވެއެވެ. ނިސްބަތްވަނީ އެބާވައިލެއްވުމެއް ބާވައިލެއްވުނު ޒަމާނަށެވެ.


މިރައުޔަކީ އެންމެ ޞައްޙަ ރައުޔުކަމުގައި ދަންނަވަން ޖެހެއެވެ. އެހެނީ މިރައުޔުގައި މައްކީ އަކީ ކީރިތި ރަސޫލާ މަދީނާއަށް ހިޖުރައަށް ވަޑައިގަތުމުގެ ކުރިން ބާވައިލެއްވި ކޮންމެ ބާވައިލެއްވުމޭ، މަދަނީ އަކީ ކީރިތި ރަސޫލާ މަދީނާއަށް ހިޖުރައަށް ވަޑައިގަތުމުގެ ފަހުން ބާވައިލެއްވި ކޮންމެ ބާވައިލެއްވުމޭ ބުނުމުން، ކީރިތި ޤުރުއާނުގެ އެއްވެސް އާޔަތެއް އޭގެތެރެއިން ބޭރުވެގެންނެއް ނުދެއެވެ. މިރައުޔާއި އިދިކޮޅުވެވޭނެ އެއްވެސް ގޮތެއްނެތެވެ. އަދި މިރައުޔުގެ ތެރެއަށް އެހެނިހެން ރައުޔުތަކާއި ޚިލާފުތައް ވަނުން މަނާކުރެއެވެ. އަދި ކީރިތި ރަސޫލާގެ އަޞްޙާބުންނަށް ފަހުމް ވެފައިވާގޮތާއިވެސް އެންމެ އެއްގޮތީ މިރިވާޔަތެވެ.

"މައްކީ" އާއި "މަދަނީ" ކަނޑައެޅުމުގައި އިޚްތިލާފު އުފެދުން

[އުނިއިތުރު ގެންނަވާ]

މައްކީ އާޔަތްތަކާއި މަދަނީ އާޔަތްތައް ކަނޑައެޅުމުގައި ޢިލްމުވެރިންގެ މެދުގައި އިޚްތިލާފުތައް އެބަހުއްޓެވެ. އިޚްތިލާފުތައް އުފެދުނީ ސަބަބުތަކެއް ހުރެގެން ކަމުގައި ދަންނަވަން ޖެހެއެވެ. އެ ސަބަބުތަކަކީ:

  1. ކީރިތި ޤުރްއާނުގެ އާޔަތްތަކަށް މައްކީ ނުވަތަ މަދަނީ ކަން ބަޔާންކޮށްދޭ އެއްވެސް ބަސްފުޅެއް ރަސޫލާގެ ޙަދީޘުން ވާރިދުވެފައި ނުވުން.
  2. "މައްކީ" އާއި "މަދަނީ" މިމުޞްޠަލަޙު ކަނޑައެޅުމުގައި ޢިލްމުވެރިންގެ މެދުގައިވެފައިވާ އިޚްތިލާފުތައް.
  3. ކީރިތި ޤުރްއާނުގެ ހުރިހާ އާޔަތްތަކެއް ބާވައިލެއްވުމުގައިވާ މަޤްޞަދު ޢިލްމުވެރިންނަށް ފަހުމުނުވުން. ނުވަތަ އާޔަތް ބާވައިލެއްވުނު ސަބަބު ޞަރީޙަކޮށް އެނގެން ނެތުން. އެއީ ބައެއް މައްކީ ސޫރަތުގައި މަދާނީ އާޔަތް ހުރުމާއި ބައެއް މަދަނީ ސޫރަތްތަކުގައި މައްކީ އާޔަތް ހުރުމެވެ.
  4. މައްކީ އަށް ނިސްބަތްކުރެވޭ ގޮތަށް ހުންނަ ބައެއް އާޔަތް މަދަނީއަށްވެސް ނިސްބަތްކުރެވޭ ގޮތަށް ހުރުން. އަދި މަދަނީ އަށް ނިސްބަތްކުރެވޭ ގޮތަށް ހުންނަ ބައެއް އާޔަތް މައްކީ އަށްވެސް ނިސްބަތްކުރެވޭ ގޮތަށް ހުރުން.
  5. މައްކީ އާއި މަދަނީ ވަކިކުރެވެން ހުންނަ ޞައްޙަ ރިވާޔަތްތައް ހުއްޓަސް ޟަޢީފު ސަނަދަކުން އައިސްފައިވާ ރިވާޔަތްތަކަށް ބުރަވެވޭ ގޮތް ވުން.

މައްކީ އާއި މަދަނީ ގެ ޢިލްމު އުފެދުނ

[އުނިއިތުރު ގެންނަވާ]

ކީރިތި ޤުރްއާނުގެ ޢިލްމުތަކުގެ ތެރޭގައި މައްކީ އާއި މަދަނީ އަކީވެސް ވަރަށް މުހިންމު ޢިލްމެކެވެ. މިޢިލްމު އެންމެ ފުރަތަމަ އުފެދިފައިވަނީ ކީރިތި ޤުރްއާން ބާވައިލައްވަން ފެއްޓެވުމާއި އެކުގައެވެ. އެހެނީ ކީރިތި ރަސޫލާގެ މައްޗަށް ބާވައިލެއްވޭ ކީރިތި ޤުރްއާނުގެ އާޔަތްތައް އެކަލޭގެފާނުގެ މާތް އަޞްޙާބުންނަށް އުނގަންނަވައިދެއްވައެވެ. އަދި އެއާޔަތެއް އޮންނަންވީ ކޮން ސޫރަތެއްގެ ކޮންތަނެއްގައި ކަންވެސް ވިދާޅުވެދެއްވައެވެ.

ކީރިތި ޤުރްއާން ބާވައިލެއްވި ދުވަސްވަރު މައްކީ އާއި މަދަނީ މިޢިލްމު، ޢިލްމެއްގެ ގޮތުގައި ލިޔުއްވާފައެއް ނުވެއެވެ. އެހެނީ އެދުވަސްވަރަކީ ކީރިތި ޤުރްއާން ބާވައިލެއްވޭ ދުވަސްވަރު ކަމަށްވެފައި އެފަދަ ކަމަކަށް އެޒަމާނުގައި އެބޭކަލުންނަށް ބޭނުންވެސް ނުވާތީއެވެ. އެއީ ކީރިތި ޤުރްއާނުން ބާވައިލެއްވޭ އާޔަތްތައް ބާވައިލެއްވޭއިރު އިތުރު އެކަލޭގެފާނުގެ އަޞްޙާބުން ނަށް އެއީ މައްކީ އާޔަތެއްކަން ނުވަތަ މަދަނީ އާޔަތެއްކަން އެނގިވަޑައިގަންނަވާތީއެވެ. އަދި އެ އާޔަތެއް ނުވަތަ އާޔަތްތަކެއް ބާވައިލެއްވުނު ސަބަބާއި ޙާދިޘާގެ ވަގުތު އެނގިވަޑައިގަންނަވާތީއެވެ. އެ ހުރިހާ ކަމެއް ހިނގަނީ އެބޭކަލުންގެ ލޯފުޅު މަތީގައެވެ. ވުމާއެކު އިތުރު ހެއްކަކަށް ބޭނުމެއް ނުވެއެވެ.

ވީމާ، މައްކީ އާއި މަދަނީ މިޢިލްމު އުފެދުނީ ކީރިތި ޤުރްއާން ބާވައިލެއްވެން ފެއްޓެވުމާއި ހަމައިންނެވެ. އެހިސާބުން ކީރިތި ރަސޫލާގެ ޞަޙާބީންގެ ފަރާތްޕުޅުން ނަޤުލުވަމުން އައިސްފައިވަނީއެވެ.

މައްކީ އާއި މަދަނީ ސުރަތްތަކާއި އާޔަތްތައް އެނގުމުގެ ފައިދާ

[އުނިއިތުރު ގެންނަވާ]

މައްކީ އާޔަތްތަކާއި މަދަނީ އާޔަތްތައް ދެނެގަތުމަކީ ކީރިތި ޤުރްއާނުގެ ޢިލްމު އުނގެނި ދަސްކުރާ ބަޔަކަށް ވަރަށް މުހިންމު ކަމެކެވެ. މިޢިލްމު އުނގެނުމުގެ ފައިދާތަކެއް ވެއެވެ.

  1. الناسخ والمنسوخ ދެނެގަނެވޭނީ މައްކީ މަދަނީ އެނގިގެންނެވެ. އެހެނީ މަދަނީ ބާވައިލެއްވުމުން މައްކީ ބާވައިލެއްވުން މަންސޫޚު ކުރެއެވެ.
  2. ކީރިތި ޤުރްއާން ތަފްސީރު ކުރުމަށާއި އޭގައިވާ ކަންތައްތައް ފަހުމުވުމަށް މަގުފަހިވެގެން ދެއެވެ. އެއާޔަތެއް ނުވަތަ އާޔަތްތަކެއްގައި މާތް ﷲ ބަޔާން ކުރައްވާފައިވާ ކަމެއްގެ މުރާދާއި އެއިން ދަލީލު ކޮށްދޭ ކަންތައްތައް ދެނެގަންނަން ފަސޭހަވާނެއެވެ.
  3. އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކާއި އޭގެ ތާރީޚާއި މަރްޙަލާތަކަކަށް ބެހިގެން ދީނުގެ ޙުކުމްތައް އައިސްފައިވުމުގެ އިލާހީ ޙިކުމަތްތައް ދެނެގަންނަން ފަސޭހަވާނެއެވެ.
  4. ކީރިތި ރަސޫލާގެ ސީރަތު ދެނެގަތުމަށް ފަސޭހަވެގެންދާނެއެވެ. އިސްލާމްދީނުގެ ކުރީކޮޅުގައި މައްކާގައި އުޅުއްވި އިރު އެކަލޭގެފާނު ކަންތައް ކުރެއްވި ގޮތާއި ހިޖްރައަށް ވަޑައިގަތުމަށް ފަހު ޢަމަލުކުރެއްވި ގޮތް ދެނެގަތުމަށް ފަސޭހަވާނެއެވެ.
  5. ކީރިތި ރަސޫލާ އާއި އެކަލޭގެފާނުގެ އަޞްޙާބުންނާއި ތާބިޢީން މިޤުރްއާނަށް ދެއްވާ އަހައްމިއްޔަތާއި ޤުރްއާނަށް ކުރައްވާފައިވާ ޚިދުމަތްތައް ހާމަވެގެން ދާނެއެވެ. އެއާޔަތްތައް ހަމައެކަނި ހިތްޕުޅުން ދަސްކުރައްވަނީ ނޫންކަމާއި، އެއާޔަތްތައް ބާވައިލެއްވުނު ތަނާއި ވަގުތާއި ސަބަބުވެސް ބައްލަވާކަން އެނގޭނެއެވެ.
  6. އާޔަތްތައް ބާވައިލެއްވުނު ސަބަބު ދެނެގަތުމަށް ފަސޭހަވާނެއެވެ.
  7. ކީރިތި ޤުރްއާން ނަޤުލުވެގެން އަޅުގަނޑުމެންނާއި ހަމައަށް އައިސްފައިވަނީ މުތަވާތިރުކޮށްކަން އެނގި ކަށަވަރުވާނެއެވެ. އަދި މުސްތަޝްރިޤުން ކީރިތި ޤުރްއާނާއި މެދު ދައްކާ، ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއްކަން އެނގިގެން ދާނެއެވެ.

މައްކީ އާއި މަދަނީ ދެނެގަނެވޭނީ ކިހިނެއް؟

[އުނިއިތުރު ގެންނަވާ]

މައްކީ އާޔަތްތަކާއި މަދަނީ އާޔަތްތައް ދެނެގަނެވޭނެ ދެވަސީލަތެއް ވެއެވެ. ފުރަތަމަ ވަސީލަތަކީ ރިވާޔަތް ނުވަތަ ނަޤުލެވެ. މިކަމާއި މެދު އެނގިފައިވާ ހުރިހާ އެއްޗެއް އެނގިފައިވަނީ ޞަޙާބީންނާއި ތާބިޢީންގެ އަރިހުންނެވެ. ކީރިތި ރަސޫލާގެ އަރިހުން ޞައްޙަ ޙަދީޘެއް ވާރިދުވެފައެއް ނުވެއެވެ. ވީމާ ، މައްކީ އާއި މަދަނީ ދެނެގަނެވޭނެ އެންމެ މުހިންމު ވަސީލަތަކީ ރިވާޔަތްތަކެވެ. ދެވަނަ ވަސީލަތަކީ ، މިކަމާ ގުޅޭ ގޮތުން އައިސްފައިވާ ރައުޔުތަކަށް އިޖުތިހާދު ކުރުމެވެ. ކީރިތި ރަސޫލާގެ ޞަޙާބީން ކީރިތި ޤުރްއާނުން އެބާވައިލެއްވޭ ބާވައިލެއްވުން، ބާވައިލެއްވުނު ވަގުތާއި ތަނާއި އާޔަތުގައިވާ މުޙްތަވަޔާތަށް ބައްލަވައި މިކަމާއި ގުޅޭ ގޮތުން އައިސްފައިވާ ރައުޔުތަކާ މެދު ޤިޔާސްކުރައްވައި އެބޭކަލުންގެ އިޖްތިހާދުން މައްކީ އާއި މަދަނީ ވަކިކުރައްވައެވެ.

މައްކީ އާޔަތްތަކުގައިވާ މައުޟޫޢުތައް

[އުނިއިތުރު ގެންނަވާ]

މައްކީ އާޔަތްތަކުގައި އަންނަނިވި މައުޟޫޢުތައް ހިމެނިފައި ވެއެވެ.

ޢަޤީދާ އާއި ގުޅުން ހުރި މައުޟޫޢުތައް

[އުނިއިތުރު ގެންނަވާ]

މާތް ﷲ އަށާއި އެކަލާނގެ ރަސޫލާއަށާއި އެކަލާނގެ މަލާއިކަތުންނަށާއި އެކަލާނގެ ބާވައިލެއްވި ފޮތްތަކަށާއި އާޚިރަތްދުވަހަށް އީމާންވުން ހިމެނެއެވެ. މައްކީ ބައިގެ އެންމެ މުހިންމު މަޤްޞަދަކީ ޢަޤީދާ ޞައްޙަކުރެއްވުން ކަމުގައި ޢިލްމުވެރިން ފާހަގަކުރައްވައެވެ.

ޖާހިލިއްޔަ ޒަމާނުގައި، ޢަރަބީންގެ ތެރޭގައި ޢާންމު ވެފައިވާ ނުބައި އާދަތަކާއި އަޚްލާޤީ ނުބައި ސިފަތައް

[އުނިއިތުރު ގެންނަވާ]

އެއްވެސް ކުށެއް ނެތް އަންހެން ދަރީން ދިރި ދިރި ތިއްބާ ވަޅުލައި މަރާލުމަކީ ، އެޒަމާނުގެ ޢަރަބީންގެ ބައެއް ޤަބީލާތަކުގެ މީހުން ކޮށްއުޅުނު ވަރަށް ނުބައި ކަމެކެވެ. އަދި ޙައްޤަކާއި ނުލައި އެކަކު އަނެކަކުގެ ލޭ އޮހޮރުވުމާއި ކުދިކުދި ކަންތައްތަކާއި މެދު އެއް ޤަބީލާއެއް އަނެއް ޤަބީލާއަކާއި ހަނގުރާމަ ކުރުމާއި ، ދަރިންނަށް ކާން ބޯންދޭން ނުލިބި ދާނެ ކަމުގެ ބިރުގައި، އެ ކުދިން މެރުމާއި ބަދަލު ހިފުމުގައި ޙައްދު ފަހަނައަޅައި ދިއުމ،ީ އެމީހުންގެ މެދުގައި ފެތުރިފައިވާ ވަރަށް ނުބައި އާދައެކެވެ. މިކަންތައް ނައްތާލެއްވުމަށް ކީރިތި ޤުރްއާނުގެ މައްކީ ބައިގައި ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާފައި ވެއެވެ.

އަޚްލާޤީ ރީތި ސިފަތައް ބަޔާންކުރައްވައި އެސިފަތަކުން ސިފަ ލިބިގަތުމަށް މީސްތަކުންނަށް ގޮވައިލެއްވުން

[އުނިއިތުރު ގެންނަވާ]

މިގޮތުން، ދީލަތިވުމާއި ނިކަމެތިންނަށް އެހީ ފޯރުވުމާއި ޢަފޫކުރުމާއި ކިބުރުވެރި ނުވުމާއި ރުޅިމަޑުކުރުމާއި ކެތްތެރިވުންފަދަ މާތް ސިފަތަކުން ޒީނަތްތެރިވުމަށް މައްކީބައިގެ ވަރަށް ގިނަ އާޔަތްތަކުގައި ގޮވާލައްވާފައި ވެއެވެ.

އިސްވެ ގޮސްފައިވާ ޤައުމުތަކާއި އެ ޤައުމުތަކަށް ފޮނުއްވި ރަސޫލުންގެ ޚަބަރުތައް

[އުނިއިތުރު ގެންނަވާ]

އަދި އެޤައުމުތަކުގެ މީހުން އީމާންވި މީހުންނަށް ދެމުން ގެންދިޔަ އަނިޔާތަކުގެ ވާހަކަތައް ބަޔާންކުރައްވައި އަދި އެފަދަ ޤައުމުތައް ހަލާކު ކުރައްވައި ނެތިކުރެއްވި ގޮތުގެ ވާހަކަތައް ބަޔާންކުރައްވާފައި ވެއެވެ. އެއީ ކީރިތި ރަސޫލާއަށާއި އީމާންވި މީހުންނަށް ހިތްވަރު ދެއްވުމަށާއި އާޚިރުގައި ކާމިޔާބާއި ނަޞްރު، މާތް ﷲ ދެއްވާނީ، އީމާންވި މީހުންނަށް ކަން އެންގެވުމަށެވެ.

އަދި މީގެ އިތުރުން ކާފިރުވެ، މާތް ﷲ ފޮނުއްވި ރަސޫލުން ދޮގުކޮށް، އެބޭކަލުންނަށް އިހާނާތްތެރިކޮށް ޢަމަލުތައްކުރާ މީހުންނަށް ލިބެނިވި ޢަޛާބު ބަޔާން ކުރައްވައި ވަޢީދުގެ އާޔަތްތައް ބާވައިލައްވަވާފައިވެސް ވެއެވެ. ޤުރައިޝްވަންހައިގެ މުޝްރިކުން، އަދި ވަކިން ޚާއްޞަކޮށް، އެމީހުންގެ ބޮޑުން، ކީރިތި ރަސޫލާގެ ދަޢުވަތަށް އިންކާރުކޮށް، އިތުރު އެކަލޭގެފާނަށާއި އެކަލޭގެފާނަށް އީމާންވި މީސްތަކުންނަށް ކުރަމުން ގެންދިޔަ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން، އެފަދަ ޢަމަލުތައް ކުރާ މީހުންނަށް ހުރި ޢަދުލުވެރި ޖަޒާގެ ވާހަކަތައް ކީރިތި ޤުރްއާނުގެ މައްކީ ބައިގައި ވަރަށް ގިނައިން ވަޙީކުރައްވާފައިވެއެވެ.

މަދަނީ އާޔަތްތަކުގައިވާ މައުޟޫޢުތައް

[އުނިއިތުރު ގެންނަވާ]

1. މަދަނީ ބާވާލެއްވުންތަކުގެ އެންމެ މުހިއްމު މަޤްޞަދަކީ އިސްލާމް ދީނުގެ ތަކްލީފީ ޙުކުމްތައް ބަޔާން ކުރެއްވުމެވެ. މައްކީ އާޔަތްތަކުގައިވާ ކަންތައްތަކުގެ ތަފްޞީލު އައިސްފައިވަނީ މަދަނީ އާޔަތްތަކުގައެވެ. މިގޮތުން އަޅުކަމުގެ އެންމެހާ ކަންތައްތަކާއި މުޢާމަލާތާއި ބެހޭ އެންމެހާ ތަކްލީފީ ޙުކުމްތަކާއި އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ ޙައްދުތަކާއި ޢާއިލީ ގުޅުންތަކާއި ތަރިކަ މުދަލުގެ ވާހަކަތަކާއި ޖިހާދާއި އިޖްތިމާޢީ ގުޅުންތަކާއި ހަނގުރާމައާއި އަމާންކަމުގެ ޙާލަތުގައި ބައިނަލްއަޤުވާމީ ގުޅުންތަކުގެ ވާހަކަތަކާއި ޞައްޙަ ޢަޤީދާގެ ވާހަކަތައް މަދަނީ އާޔަތްތަކުގައި ތަފްޞީލުކޮށް ދެއްވާފައިވެއެވެ. އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ،البقرة, النساء, المائدة, الأنفال, التوبة, النور, الأحزاب ފަދަ މަދަނީ ސޫރަތްތަކުގައި ބަޔާންކުރައްވާފައިވެއެވެ. 2. ޔަހޫދީންނާއި ނަޞާރާއިންނަށް އިސްލާމްވުމަށް ގޮވާލައްވާފައިވެއެވެ. އެދެދީނުގެ ބޮޑުން، އެދެފޮތަށް އުނި އިތުރު ގެނެސްފައިވާކަމާއި އެ ދެބައިމީހުންތިބީ މަގު ފުރެދިފައިކަން ބަޔާންކުރައްވާފައިވަނީ މަދަނީ ސޫރަތްތަކުގައެވެ. 3. މުނާފިޤުންގެ ޙަޤީޤަތްތައް ބޭޒާރުކުރައްވައި، އެމީހުން މުއުމިނުންނަށް ކުރަމުންދާ ގޯނާތަކުގެ ވާހަކަތައް ބަޔާން ކުރައްވާފައިވެއެވެ. އަދި އެމީހުން މުއުމިނުންނަށް ކުރަމުން ގެންދިޔަ ގޯނާތައް އެމީހުންގެ ބޮލަށް އޮހޭނެކަން ބަޔާންކުރައްވާފައިވަނީ މަދަނީ އާޔަތްތަކުގައެވެ.

މައްކީ ސޫރަތްތައް ދެނެގަނެވޭނެ ގޮތްތައް

[އުނިއިތުރު ގެންނަވާ]

1. ސަޖިދަވަޅު އައިސްފައިވާ ކޮންމެ ސޫރަތަކީ މައްކީ ސޫރަތެކެވެ. 2. "كلا" އައިސްފައިވާ ކޮންމެ ސޫރަތަކީ މައްކީ ސޫރަތެކެވެ. 3. "يــأيها الناس" އައިސްފައިވާ ކޮންމެ ސޫރަތަކީ މައްކީ ސޫރަތެކެވެ. 4. ސޫރަތުލް ބަޤަރާ ފިޔަވާ، ކުރީގެ ނަބީންނާއި ރަސޫލުންގެ ވާހަކަތަކާއި ކުރީގެ އުންމަތްތަކުގެ ވާހަކަތައް އައިސްފައިވާ ކޮންމެ ސޫރަތަކީ މައްކީ ސޫރަތެކެވެ. 5. ސޫރަތުލް ބަޤަރާ ފިޔަވާ، އިބިލީހާއި އާދަމްގެފާނުގެ ވާހަކަ އައިސްފައިވާ ކޮންމެ ސޫރަތަކީ މައްކީ ސޫރަތެކެވެ. 6. އަލް ބަޤަރާ އާއި، އާލި ޢިމްރާން ސޫރަތް ފިޔަވާ ޙުރޫފު މުޤައްޠިޢާތުގެ އަކުރުތަކުން ފެށިފައިވާާ ކޮންމެ ސޫރަތަކީ މައްކީ ސޫރަތެކެވެ. 7. މައްކީ ގިނަ ސޫރަތްތަކަކީ ކުރު ނޭވާއިން ކިޔެވޭ (އާޔަތްތައް ކުރު) އަދި ސޫރަތްކުރު، ލަފުޡުތައް ވަރުގަދަ، ބޮޑެތި ޙާދިޘާތަކާއި ގުޅުން ހުރި، ޢިބާރާތް ކުރު، އާޔަތުގައި ބުނާ ވާހަކައެއް އަޑުއަހާ މީހާއަށް ފަހުމުވުމަށް އުނދަގޫކޮށް ހުންނަ ސޫރަތްތަކެވެ. 8. އިސްލާމީ ޝަރީޢަތްތަކުގެ ޙުކުމްތަކުގެ ތަފްޞީލް، މައްކީ ސޫރަތްތަކުގައި އައިސްފައެއް ނުވެއެވެ.

މަދަނީ ސޫރަތްތައް ދެނެގަނެވޭނެ ގޮތްތައް

[އުނިއިތުރު ގެންނަވާ]

1. ފަރާއިޟު ޢިލްމާއި އިސްލާމީ ޝަރީޢަތުގެ ޙައްދުތަކުގެ ވާހަކަތައް އައިސްފައިވާ ކޮންމެ ސޫރަތަކީ މަދަނީ ސޫރަތެކެވެ. 2. ސޫރަތުލް ޢަންކަބޫތު ފިޔަވާ މުނާފިޤުންގެ ވާހަކަ އައިސްފައިވާ ކޮންމެ ސޫރަތަކީ މަދަނީ ސޫރަތެކެވެ. 3. ފޮތުގެ އަހުލުވެރިންނާއި ކުރެވިފައިވާ ބަޙުޘްތަކާއި ޖަދަލުތަކުގެ ވާހަކަ އައިސްފައިވާ ކޮންމެ ސޫރަތަކީ މަދަނީ ސޫރަތެކެވެ. 4. ދިގު ނޭވާއިން ކިޔެވޭ އާޔަތްތައް ހުންނަ (ދިގު އާޔަތްތައް) ސޫރަތްތައް ދިގު ކޮންމެ ސޫރަތަކީ މަދަނީ ސޫރަތެކެވެ. 5. އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ސާފުކޮށް އެނގޭ ގޮތަށް ކަނޑައެޅިފައިވާ އާޔަތްތަކާއި ވަރުގަދަ ޙުއްޖަތްތައް ހިމެނޭ ކޮންމެ ސޫރަތަކީ މަދަނީ ސޫރަތެކެވެ. 6. މައްކީ ސޫރަތްތަކުގައި އިޝާރާތްކުރައްވާފައިވާ ޙުކުމްތަކާއި އެހެނިހެން ކަންތައްތަކުގެ ތަފްޞީލު އައިސްފައިވާ ކޮންމެ ސޫރަތަކީ މަދަނީ ސޫރަތެކެވެ.

ކީރިތި ޤުރްއާނުގައިވާ މައްކީ ސޫރަތްތައް

[އުނިއިތުރު ގެންނަވާ]

ކީރިތި ޤުރްއާނުގައި މާތް ﷲ ބާވައިލައްވާފައިވަނީ 114 ސޫރަތެވެ. މީގެތެރެއިން 86 ސޫރަތަކީ މައްކީ ސޫރަތްތަކެވެ.

  • الفاتحة
  • الأنعام
  • الأعراف
  • يونس
  • هود
  • يوسف
  • ابراهيم
  • الحجر
  • النحل
  • الإسراء
  • الكهف
  • مريم
  • طه
  • الأنبياء
  • المؤمنون
  • الفرقـان
  • الشعراء
  • النمل
  • القصص
  • العنكبوت
  • الروم
  • لقمـان
  • السجدة
  • سبـأ
  • فاطر
  • يس
  • الصافات
  • ص
  • الزمر
  • غافر
  • فصلت
  • الشورى
  • الزخرف
  • الدخان
  • الجاثية
  • الأحقاف
  • ق
  • الذاريات
  • الطور
  • النجم
  • القمر
  • الواقعة
  • الملك
  • القلم
  • الحاقة
  • المعارج
  • نوح
  • الجن
  • المزمل
  • المدثر
  • القيامة
  • المرسلات
  • النبأ
  • النازعات
  • عبس
  • التكوير
  • الإنفطار
  • المطففين
  • الإنشقاق
  • البروج
  • الطارق
  • الأعلى
  • الغاشية
  • الفجر
  • البلد
  • الشمس
  • الليل
  • الضحى
  • الشرح
  • التين
  • العلق
  • القدر
  • العاديات
  • القارعة
  • التكاثر
  • العصر
  • الهمزة
  • الفيل
  • قريش
  • الماعون
  • الكوثر
  • الكافرون
  • المسد
  • الإخلاص
  • الفلق
  • الناس

ކީރިތި ޤުރްއާނުގައިވާ މަދަނީ ސޫރަތްތައް

[އުނިއިތުރު ގެންނަވާ]

ކީރިތި ޤުރްއާނުގައި މާތް ﷲ ބާވައިލައްވާފައިވަނީ 114 ސޫރަތެވެ. މީގެތެރެއިން 28 ސޫރަތަކީ މަދަނީ ސޫރަތްތަކެވެ.

  • البقرة
  • ال عمران
  • النساء
  • المائدة
  • الأنفال
  • التوبة
  • الرعـد
  • الحج
  • النور
  • الأحزاب
  • محمد
  • الفتح
  • الحجرات
  • الرحمـن
  • الحديد
  • المجـادلة
  • الحشر
  • الممتحنة
  • الصف
  • الجمعة
  • المنـافقون
  • التغابن
  • الطلاق
  • التحريم
  • الأنسـان
  • البينة
  • الزلزلة
  • النصر