ޒިއުސް ގެ ބުދު

ވިކިޕީޑިއާ އިންވިކިޕީޑިއާ
(މިސްރާބުކުރެވުނީ Statue of Zeus at Olympia އިން)

އިހު ޒަމާނުގައި ގްރީކް މީހުންގެ ހިތްތަކުގައި އެމީހުންގެ ރަސްކަލެއް ކަމުގައިވާ ކްރޯނޯސްގެ ދަރިކަލުން ޒިއުސް އަށް ވަރަށް ޚާއްޞަ މަގާމެއް ދެވިފައި ވެއެވެ. އެމީހުންގެ ހިތްތަކުގައި ޒިއުސް އަށްވަނީ ކަލާންގެ އެއްގެ މަގާމް ދެވިފައެވެ. އެގޮތުން ގްރީކްގެ އިރު އުތުރުގައި އޮންނަ އޮލިމްޕަސް ފަރުބަދައިގައި ދިރިއުޅޭނެ ތަނެއް ހެދިއެވެ. އަދި ގްރީކްގެ ދެކުނުގައިވާ ޕީލޮޕޮނީސަސް އޭ ކިޔޭ ރަށުގައިވާ އޮލިމްޕަސް އޭ ކިޔޭ އަވަށް އަޅުކަން ކުރާނޭ ފައްޅިއެއް އަޅާނެ ތަނެއްގެ ގޮތުގައި ހަމަޖެއްސުނެވެ. ރޯމަނުން ޒިއުސް އަށް ޖުޕިޓަރުގެ ނަމުން ވެސް މުޚާތަބު ކޮށްފައި ވެއެވެ. އޮލިމްޕަސް ނުވަތަ އޮލިމްޕިއާ އޮންނަނީ ގްރީކްގެ ވެރިރަށް އެތެންސްގެ ހުޅަގުން 150 ކިލޯ މީޓަރު ދުރުމިނުގައެވެ.

ޒިއުސްގެ ބުދު.

ކޮންމެ 4 އަހަރުން 1 އަހަރު ދުނިޔޭގައި ބޭއްވޭ އޮލިމްޕިކް ގޭމްސް ކުޅިވަރު ފެސްޓިވަލް ބޭއްވެނީ ޒިއުސްގެ ޝަރަފް ގައެވެ. މީލާދީން 5 ވަނަ ގަރުނުގެ ކުރިން އޮލިމްޕަސް ބަގީޗާގައި ޒިއުސްގެ ބުދަކާއި އެކު ބޮޑު ބުދުފައްޅި އެއް ބިނާކުރުމަށް ނިންމި އެވެ. އަދި އެމަސައްކަތް ގްރީކްގެ މަޝްހޫރު ބުދު ހަދާމީހެއްކަމުގައިވާ ޕީޑިއާސް އާއި ޙަވާލު ކުރެވުނެވެ. މީލާދީގެ 440 އަހަރު ކުރިން ހަދަން ފެށި ބުދު އަހަރު ތަކެއް ވުމަށްފަހު ހަދައި ނިމުނީ މީލާދީގެ ކުރިން 435 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސްގެ ކުޅިވަރުތައް ނިމުނު ތަނާހެންނެވެ.

ބުދު ބެހެއްޓުމަށް ފައްޅި ފުރަތަމަ ބިނާކުރެވުނީ ވަރަށް އާދައިގެ ގޮތަކަށެވެ. ޒިއުސްގެ ބުދު ފައްޅި ބިނާކޮށް ނިމުނީ މީލާދީގެ 456 އަހަރު ކުރިންނެވެ. މިތަން ބިނާކުރީ ލިބޯން ކިޔާ މީހެކެވެ. ފައްޅީގެ ކޮންމެ ފަރާތެއްގައި ހިފެހެއްޓުމަށްޓަކައި 13 ތަބު ލެވިފައިވެއެވެ. އަދި ކޮންމެ ކޮޅެއްގައި 6 ތަބު ހުރިކަމަށް ވެއެވެ. ފައްޅީގެ ދިގުމިނުގައި 210 ފޫޓް ހުރިކަމަށް ވެއެވެ.

ފީޑިއާސް ތައްޔާރުކުރި ޒިއުސްގެ ބުދުގެ އުސްމިނުގައި 12 މީޓަރު ހުރެއެވެ. މީގެ އިތުރުން އޭގެ ބުޑުގަނޑުގައި ނުވަތަ އެންމެ ތިރިއަށްވާ ބައިގެ އުސްމިނުގައި 1 މީޓަރު ހުރެއެވެ. އަދި އެބައިގެ ފުޅާ މިނުގައި 6 މީޓަރު ހުރެއެވެ. ބުދު ތައްޔާރު ކުރެވިފައިވަނީ ކްރިސް ލިޕެންޓިން ކިޔާ މާއްދާ އަކުންނެވެ. މިއީ ރަނާއި އެތުދަތް އެއްކޮށްގެން ހެދިފައިވާ މާއްދާ އެކެވެ.

ޤަދީމީ ޒަމާނުގެ ދުނިޔޭގެ 7 އަޖައިބު
ޖީޒާގެ ބޮޑު ޕިރަމިޑް
ބާބިލްގެ އެލިފައިވާ ބަގީޗާ ( ހެންގިންގ ގާރޑްން )
ޒިއުސްގެ ބޮޑު ބުދު
އާޓިމީސް ފައްޅި
މައުސޯލަސް ގެ ޒިޔާރަތް
ރޯޑެޒްގެ ކޮލޯސަސް ބުދު
އެލެގްސެންޑްރިޔާގެ ލައިޓް ހައުސް


ބުދު ތައްޔާރު ކުރެވުނު އިރު ހަށިގަނޑުގެ މަސްތައް އެކުލެވޭ ބައިތައް ތައްޔާރުކޮށްފައިހުރީ ލަކުނޑިންނެވެ. އެއަށްފަހު އޭގެ މަތިން އެތު ދަތުގެ ފަށަލައެއް ދުއްވައި އޭގެ މަތި ރަނުން ޖަރީ ކުރެވުނެވެ. ތާޖު ނުވަތަ ބޯ ތައްޔާރު ކުރެވުނީ އެތުދަތް، ރަން، އެބޮނީ އަދި މިނޫނަސް ތަފާތު ރީތި ހިލަތައް ބޭނުންކޮށްގެންނެވެ.

ބުދު ހަދާފައި އިން އިރު އޭގެ ކަނާތުގައި ރަނާއި އެތު ދަތުން ތައްޔާރުކޮށްފައިވާ ކުޑަ ބުދެއް އިދެއެވެ. އަދި އެބުދުގައި ދެފަރާތަށް ވާގޮތަށް ފިޔައެއް ލާފައި ވެއެވެ. ވައަތުން އިންނަނީ ޢަޞާގައި ހިފަހައްޓައިގެންނެވެ. ޢަޞާގެ މަތީގައި ރަނާއި އެތުދަތުން ތައްޔާރު ކޮށްފައިިވާ ކުޑަ ބާޒެއް އިދެއެވެ. ގްރީކް މީހުންގެ މިމަސައްކަތުން އެގޭ ގޮތުގައި ޒިއުސްގެ ހަށިގަނޑުގައި އިސްތަށި ވަރަށް ގިނައެވެ. އަދި ބޯ ތުބުޅި އަކާއި ފުޅާ މަތިމަހެއް ހުރެއެވެ. ބުދު ފައްޅީގައި އެއް ފަރާތެއްގައި އެތާގެ ތާރީޚް އެގޭނެ ފިލައެއް ބެހެއްޓިފައި ހުރެއެވެ.

ބުނެވޭގޮތުގައި ރޯމަނުންގެ ވެރިއަކަށް ހުންނެވި ކަލިގިއުލާ މީލާދީގެ ފުރަތަމަ ގަރުނުގެ ތެރޭގައި ޒިއުސްގެ ބުދު ނަގައިގެން އިޓަލީގެ ރޯމާ އަށް ގެންދަން ބޭނުންވި އެވެ. ނަމަވެސް މިކަން ކާމިޔާބުވާގޮތް ވަނީ ނުވެފައެވެ. އެއަށްފަހު ބުދު އެހުރިތަނުގައި އޭގެ ފައްޅީގައި ހުރީއެވެ.

އެންމެ ފަހުން ތިއޯޑޯޝަރ-1 ގެ ވެރިކަމުގައި ޒިއުސްގެ ބުދު ނަގައިގެން ކޮންސްޓަންޓިން ޕޯލް އަށް ނުވަތަ މިހާރުގެ ތުރުކީގެ އިސްޠަންބޯލް އަށް ގެންދެވުނެވެ. އަދި އެތާގައި މީލާދީން 475 ވަނަ އަހަރު ހިގި އަލިފާނުގެ ހާދިސާއެއްގައި މިބުދު ވަނީ އަދައިގެން ގޮސްފައެވެ. ބައެއް ލިޔުން ތަކުގައި ވަނީ މީލާދީން 462 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާއެއް ކަމަށެވެ. މިއަދު މިފައްޅި ހުރިތާގައި ހުރީ ވެއްޓިފައިވާ ތަބުތަކާއި، ބިންގަލާއި، އެހެނިހެން ގާތަކެވެ.

މީލާދީން 1829 ވަނަ އަހަރު ފްރާންސްގެ ޢިލްމުވެރިން ތަކެއް ފައްޅި ހުރި ހިސާބު ކޮނެ ދިރާސާ ކޮށްފައި ވެއެވެ. އެފަހަރު ބުދުގެ ބައެއް އެތިކޮޅު ތަކާއި، ފައްޅީގެ ބޭރު ރޮގު ހޯދާފައިވެއެވެ. އެއަށްފަހު މީލާދީން 1875 ވަނަ އަހަރު ޖަރުމަނުގެ ޢިލްމުވެރިން ތަކެއް ވެސް އެސަރަޙައްދު ކޮނެ ދިރާސާ ކޮށްފައި ވެއެވެ. އެފަހަރު ބުދު ހެދުމަށް ބޭނުންކުރި ބައެއް ސާމާނުތައް އެހިސާބުން ފެނިފައިވާ ކަމަށް ވެއެވެ.