ރޯޑެޒްގެ ކޮލޯސަސް ބުދު

ވިކިޕީޑިއާ އިންވިކިޕީޑިއާ
(މިސްރާބުކުރެވުނީ Colossus of Rhodes އިން)

ކޮލޯސަސް ބުދު ހުރިތަން[އުނިއިތުރު ގެންނަވާ]

ރޯޑެޒް އަކީ ގްރީސް ގައި އީޖަން ކަނޑުގެ އިރު ދެކުނަށް މެދުތެރޭ ކަނޑުގެ އައްސޭރި ފަށުގައި އޮންނަ ރަށްތަކުގެ ތެރެއިން ހޮވާލެވޭ ބޮޑު ރަށެކެވެ. މިރަށާއި ތުރުކީގެ އައްސޭރި ފަށާއި ދެމެދު ހުންނަނީ 12 މޭލުގެ ދުރުމިނެވެ. މިހިސާބުގެ އެހެން ރަށްތަކާ އަޅާ ބަލާއިރު ރޯޑެޒް އަކީ ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ރަށެކެވެ. މިރަށް އާރާސްތު ކުރެވިފައިވަނީ މީލާދީގެ ކުރިން 408 ވަނަ އަހަރު އެވެ. އަދި މިރަށަކީ އެޒަމާނުގައި ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގައި ފާހަގަ ކުރެވޭ ރަށެކެވެ.

ރޯޑެޒް އަކީ ގްރީކުން، ރޯމަނުން، އިޓަލީން، ފާރިސީން، އަދި އަރަބިންގެ އަތްދަށުގައި އޮވެފައިވާ ރަށެކެވެ. ކޮލޯސަސް އޭ ކިޔުނު ބުދު ހުރީ މިރަށަށް ވަންނަ ބަނދަރުގެ ނެރުމަތީގައެވެ. ބުދުގެ ދެފައި ހަރު ކުރެވިފައިވަނީ ނެރުގެ ދެފަރާތުގައި ބުދު ހަރުކުރުމަށް ތައްޔާރު ކުރެވުނު ދުވާރުގެ މަތީގައެވެ. އެހެން ކަމުން ރޯޑެޒްގެ ބަނދަރަށް ވަންނަ ބޯޓް ފަހަރުތައް ބަނދަރަށް ވަދެގެންދާނީ ކޮލޯސަސް ބުދުގެ ދަށުންނެވެ.

ރޯޑެޒްގެ ކޮލޯސަސް ބުދު.


ކޮލޯސަސް ބުދު ބިނާކުރުން[އުނިއިތުރު ގެންނަވާ]

ކޮލޯސަސް ބުދު ބިނާކުރުމުގެ މަސައްކަތަށް 12 އަހަރު ނެގިއެވެ. ބުދު ހަދަން ފެށިފައިވަނީ މީލާދީގެ ކުރިން 292 ވަނަ އަހަރު އެވެ. ބުދު ހަދައި ނިމިފައިވަނީ މީލާދީގެ ކުރިން 280 ވަނަ އަހަރު އެވެ. ބައެއް ލިޔުން ތަކުގައި ބުދު ހަދައި ނިމިފައިވަނީ މީލާދީގެ ކުރިން 282 ވަނަ އަހަރު ކަމުގައި ލިޔެފައި ވެއެވެ. 56 އަހަރު ވަންދެން ރޯޑެޒްގެ ބަދަރު މަތީގައި މިބުދު ދެމިހުރި އެވެ. އެހެންކަމުން މިބުދު ވެފައިވަނީ ދުނިޔޭގެ ޒަމާންވީ އަޖައިބުތަކުގެ ތެރެއިން އެންމެ ކުރު މުއްދަތަކަށް ފެންނަށް ހުރި ނިޝާނަށެވެ. މީލާދީގެ ކުރިން 224 ނުވަތަ 226 ވަނަ އަހަރު އައި ބިން ހެލުމެއްގައި ރޯޑެޒް އަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި ކޮލޯސަސް ބުދުގެ ކަކުލު ހުޅު ބިއްދައިގެން ދިއުން ހިމެނެއެވެ. އެދުވަސްވަރު މިޞްރުގެ ވެރިކަން ހިންގަމުންދިޔަ ޕީޓޮލޮމީ-3ގެ ފަރާތުން ރޯޑެޒްގެ ކޮލޯސަސް ބުދު މަރާމާތު ކުރުމަށް ބޭނުންވާ އެހީވެ ދިނުމަށް އެދި ހުށަހެޅި އެވެ. ނަމަވެސް މިހުށަހެޅުން ރޯޑެޒްގެ އަހުލުވެރިން ގަބޫލެއް ނުކުރެއެވެ. ބިންހެލުމުގައި ބުދު ވެއްޓިފައި އޮތީ ބަދަރުގެ ފަޅު ތެރޭގައި ހުރި ހިލަތަކުގެ މަތީގައެވެ. އެހެން ކަމުން ރޯޑެޒްގެ ބަދަރަށް ވަނުމަށް ހަދައިފައި އޮތް ނެރު ބެދިގެން ދިޔަކަމަށް ވެއެވެ.

ޤަދީމީ ޒަމާނުގެ ދުނިޔޭގެ 7 އަޖައިބު
ޖީޒާގެ ބޮޑު ޕިރަމިޑް
ބާބިލްގެ އެލިފައިވާ ބަގީޗާ ( ހެންގިންގ ގާރޑްން )
ޒިއުސްގެ ބޮޑު ބުދު
އާޓިމީސް ފައްޅި
މައުސޯލަސް ގެ ޒިޔާރަތް
ރޯޑެޒްގެ ކޮލޯސަސް ބުދު
އެލެގްސެންޑްރިޔާގެ ލައިޓް ހައުސް


ގާތްގަނޑަކަށް ސާސްކަފެއް ވަންދެން ބުދު ބިދިފައި ރަގަޅު ނުކޮށް އެގޮތަށް އޮތެވެ. މީލާދީން 654 ވަނަ އަހަރު ޢަރަބީން ރޯޑެޒް އަށް ވަނުމަށްފަހު ހަލާކުވެފައިވާ ބުދުގެ ބައިތައް ނަގައި ސީރިޔާގެ ޔަހޫދީ ވިޔަފާރިވެރިއަކަށް ވިއްކާލި އެވެ. ބުނެވޭގޮތުގައި ބުދުގެ ބައިތައް ސީރިޔާއަށް ގެންދެވުނީ 900 ޖަމަލުގެ ބުރިކަށި މަތީގައެވެ. އެހެން ބައެއް ލިޔުންތަކުގައި ވަނީ ރޯޑެޒް އިން ސީރިޔާއަށް 9 ދަތުރު ބުދުގެ ބައިތައް އުފުލުމަށް ކުރިކަމަށެވެ. އަދި މިއިން ކޮންމެ ދަތުރެއްގައި އެތަކެތި އުފުލުމަށް 100 ޖަމަލު ބޭނުންކޮށްފައިވާ ކަމަށެވެ.

ކޮލޯސަސް ބުދުގެ އޮނިގަނޑު[އުނިއިތުރު ގެންނަވާ]

ކޮލޯސަސް ބުދުހެދުމުގެ އިސްވެރިއަކަށް ހުރީ ރޯޑެޒްގެ ބުދުހެދުމަށް މަޝްހޫރު މީހެއްކަމުގައިވާ ކަރޭޒް އޭ ކިޔުނު މީހެކެވެ. ބުދުގެ ބޭރު ފަށަލަ ނުވަތަ ހަންގަނޑުގެ ގޮތުގައި އިންނަ ބައި ހެދިފައިވަނީ ރަން ވަށް ލޯ ބޭނުންކޮށްގެންނެވެ. އެތެރެބައި ހެދިފައިވަނީ ދަގަނޑު ފްރޭމަކުންނެވެ. ބުނެވޭގޮތުގައި ބުދުހެދުމަށް 15 ޓަނުގެ ރަން ވަން ލޯ އަދި 9 ޓަންގެ ދަނގަޑު ބޭނުން ކުރެވުނެވެ.

ބުދުކޮޅަށް އޭގެ މަތީގައި ބެހެއްޓިފައިވާ އަސާސް ނުވަތަ ތަޅުންގަނޑު ހެދިފައިވަނީ ހުދު ކުލައިގެ ސަންގު މަރުމަރު ހިލައިންނެވެ. އެންމެ ފުރަތަމަ ތަޅުންގަނޑުގައި ހަރުކުރެވުނީ ފައިތިލައާއި ފައިގެ ކުޑަހުޅު ހިމެނޭ ބައެވެ. ބުދު ކޮޅަށް ޖެހި އޭގެ ސިފަ ގެނެވިފައިވަނީ މަޑު މަޑުން ބައެއް އިތުރުކުރަމުން ގޮހެވެ. ބުދުގެ މަތީ ބައިތައް ބެހެއްޓުމަށްޓަކައި ބުދުގެ ވަށައިގެން ހަރުގަނޑެއް ފަދަ އެއްޗެއް ބެހެއްޓުނެވެ. ފަހުން އެވަނީ ނަގައިފައެވެ. މިބުދު ތައްޔާރު ކުރެވުނީ ރޯޑެޒްގެ އަހުލުވެރިން މެސެޑޯނިއަންގެ މައްޗަށް ހޯދި ނަޞްރުގެ ހަދާން ދެމެހެއްޓުމުގެ ގޮތުންނެވެ. ނުވަތަ އެކަމުގެ ޛިކްރާ އާކުރުމުގެ ގޮތުންނެވެ.

ކޮލޯސަސް ބުދު ހަދައި ނިމުނުއިރު އޭގެ އުސްމިނުގައި 33 މީޓަރު ހުރެއެވެ. ބުދުގެ ކަނާތުގައި އަލިފާން ރޯކޮށްފައިވާ ދަންމަރެއް ހުރެއެވެ. ބުދުގެ އެތެރޭގައި ދަންމަރާއި ހަމައަށް ވާޞިލްވުމަށްޓަކައި ވަށްކޮށް ސިޑިއެއް ހެދިފައިވެއެވެ. ހަމަމިހެން ބުދު ހިފެހެއްޓުމަށް ޓަކައި އެތެރެއިން ހިލައިން ހެދިފައިވާ ތަބުތައް ލެވިފައި ވެއެވެ.


ރޯޑެޒް ކޮލޯސަސް ބުދުގެ އަދުގެ ޙާލަތު[އުނިއިތުރު ގެންނަވާ]

ރޯޑެޒްގައި މިއަދު ކޮލޯސަސް ބުދުގެ ހަދާނަކަށް ހުރީ ބަނދަރުގެ ދުވާރުމަތީގައި ފެންނަށްހުރި ދެ ތަބެވެ. ބައެއް މީހުން ގަބޫލު ކުރާގޮތުގައި މިބުދު ހުރި ސިފަޔާއި، ބެހެއްޓިފައިހުރީ ކިހިނެއް ކަމެއް އަދި އަދަންދާންވެސް އެގިފައެއް ނުވެއެވެ.