Jump to content

މައިދާގެ މަސައްކަތް ބެލުމަށް ކުރެވޭ ޓެސްޓްތައް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
  • މައިދާގެ އެކްސް-ރޭ ނެގުން :ބޭރިއަމް މީލް އެއް ބޭނުންކުރުމަށްފަހު މައިދާގެ އެކްސް-ރޭ ނެގުމުން މައިދާގެ ސައިޒު، އެތެރޭގެ ހަރަކާތް، އަދި ބައެއް ކަހަލަ ބަލިތައް މިސާލަކަށް މައިދާގެ ފާރު، އަދި މައިދާގެ ކެންސަރު ފަދަ ބަލިތައް ދެނެގަނެވެއެވެ.
  • ގެސްޓްރޯސްކަޕީ(އިނގިރޭސި ބަހުން: Gastroscopy) ހެދުން: މިއީ ވެސް މައިދާގެ ބަލިތައް ޓެސްޓް ކުރުމަށް ބޭނުންކުރެވޭ ގޮތެކެވެ.
  • ހައިބަނޑާހުއްޓައި މައިދާއިން މައިދާ ޖޫސް ނަގައިގެން ތަޙްލީލު ކުރުން

ހައިބަނޑާ ހުންނަތާ 12 ގަޑިއިރު ވުމަށްފަހު ބަލިމީހާގެ އަނގަ އިން މައިދާ އަށް ހިމަހޮޅި(ރައިލް ޓިއުބު) އެއް ލައްވައިގެން މައިދާ ޖޫސް ނަގާނީ އެވެ. އެއަށްފަހު އެޖޫސް ޓެސްޓް ކުރާނީ އެވެ. މިޓެސްޓްކުރާއިރު ބެލޭކަންތައް ތިރީގައި މިވަނީ އެވެ.

    • މައިދާ ޖޫސް ހުރި މިންވަރު: އާންމު ގޮތެއްގައި ގަޑިއަކު 60-40 މިލިލީޓަރުގެ މައިދާ ޖޫސް އުފެދެއެވެ.
    • މައިދާ ޖޫސް ގައި އާންމުކޮށް ހުންނަ މާއްދާތައް ހުރި މިންވަރު ބެލުން: އެގޮތުން ހައިޑްރޯކްލޮރިކް އެސިޑް، ޕެޕްސިން އަދި މިޔޫކަސް ސެލް ހުރި މިންވަރު ބެލެއެވެ.
    • އާންމުކޮށް ނުހުންނަ މާއްދާތައް ހުރިމިންވަރު ބެލުން: އެގޮތުން ލޭ އަދި ކެންސަރު ސެލް ތައް ފަދަ ބައިތައް ހުރިތޯ ބެލެއެވެ.
  • ހިސްޓަމީން ޓެސްޓް(އިނގިރޭސި ބަހުން: Histamine test):

ހިސްޓަމީން އަކީ ސީދާ ގޮތެއްގައި ޕަރައިޓަލް ސެލްތައް ހީވާގިކޮށް މުރާލިކުރާ މާއްދާއެކެވެ. މިޓެސްޓް ހެދުމަށް ހައިބަނޑާހުރެ މައިދާ ޖޫސް ކުރިން ބުނިގޮތަށް މައިދާ އިން ނަގައެވެ. އެއަށްފަހު 0.5 މިލިގްރާމްގެ ހިސްޓަމީން ހަންގަނޑުގެ ދަށަށް އިންޖެކްޝަނަކުން ފޮނުވާލައެވެ. އަދި އެއަށްފަހު 1 ގަޑިއިރުވަންދެން ކޮންމެ 5 މިނިޓަކުން 1 ފަހަރު މައިދާ ޖޫސް ނަގައެވެ. އާންމު ގޮތެއްގައި 15-10 މިނިޓާއި ދެމެދުގެ ވަގުތެއްގެ ތެރޭގައި އެސިޑް ބޭރުކުރާ މިންވަރު އޭގެ އެންމެ މަތީ ދަރަޖައަށް ވާޞިލްވެއެވެ. އަދި އެގޮތުގައި 20 މިނިޓްވަންދެން އެސިޑް ބޭރުކޮށްކޮށް ހުރެއެވެ.

މިޓެސްޓަކީ މައިދާގެ އެތެރޭގެ ދުލިފަށްތަކުގެ ބާރު ދެނެގަންނަ ޓެސްޓެކެވެ. އަދި މިއީ ޓްރޫ އެނަސިޑިޓީ އާއި ފޯލްސް އެނަސިޑިޓީ ވަކިކޮށްދޭ ޓެސްޓެކެވެ. ޓްރޫ އެނަސިޑިޓީ ގައި މިޓެސްޓް ނެގެޓިވް ވާއިރު ފޯލްސް އެނަސިޑިޓީ ގައި މިޓެސްޓް ވާނީ ޕޮޒިޓިވް އެވެ. ނަމަވެސް ހިސްޓަމީން އަކީ ލޭހޮޅިތައް ފުޅާކޮށްދޭ މާއްދާ އެއްކަމުން ހިސްޓަމީން އިންޖެކްޝަން ޖެހުމުން ބޮލުގައި ރިހުން، ލޭގެ ޕްރެޝަރުދަށްވުން އަދި ޝޮކްޖެހުން ފަދަ ކަމެއް މެދުވެރިވުމަކީ ވެދާނެ ގޮތެކެވެ. މިސަބަބާހުރެ މިހާރު ހިސްޓަމީންގެ ބަދަލުގައި ބޭނުންކުރެވެނީ ޕެންޓަގެސްޓްރިން ކިޔާ މާއްދާއެކެވެ.

އިންސިޔުލިން އަކީ ނުސީދާކޮށް މައިދާ ޖޫސް ބޭރުކުރުން އިތުރުކޮށްދޭ މާއްދާއެކެވެ. މިޓެސްޓް ހެދުމަށް ހައިބަނޑާހުރެ މައިދާ ޖޫސް ކުރިން ބުނިގޮތަށް މައިދާ އިން ނަގައެވެ. އެއަށްފަހު އިންސިޔުލިންގެ ކުޑަ ޑޯޒެއް ލޭގެ ތެރެއަށް އިންޖެކްޝަނަކުން ފޮނުވާލައެވެ. އަދި އެއަށްފަހު 1 ގަޑިއިރުވަންދެން ކޮންމެ 5 މިނިޓަކުން 1 ފަހަރު މައިދާ ޖޫސް ނަގައެވެ. އާންމު ގޮތެއްގައި 30-15 މިނިޓާއި ދެމެދުގެ ވަގުތެއްގެ ތެރޭގައި އެސިޑް ބޭރުކުރާ މިންވަރު އޭގެ އެންމެ މަތީ ދަރަޖައަށް ވާޞިލްވެއެވެ.