Jump to content

އީސާގެފާނު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ސިލްސިލާ މަޒުމޫނުތަކުގެ ތެރެއިން

އިސްލާމް


ޢަޤީދާ

 • ތައުހީދް
މުޙައްމަދުގެފާނު • ރަސޫލުންނާއި ނަބީން

ރުކުންތައް

ޝަހާދަތް • ނަމާދު
ރޯދަ • ޒަކާތް • ޙައްޖު

އަސްލުތައް އަދި ޝަރީޢާ

ޤުރުއާން • ސުންނަތް • ޙަދީޘް
ފިޤުހު • ޝަރީޢާ • ކަލާމް • ތަޞައްވުފް

ތާރީޚް އަދި ލީޑަރުން

ޘަޤާފަތް އަދިމުޖުތަމަޢު

ކިޔެވުން • ހައިވާނުން • ފަންނުވެރިކަން
ކަލަންޑަރު • ކުޑަކުދިން
ޤައުމުތައް • ޢީދު
މިސްކިތް • ފަލްސަފާ
ޢުލޫމް • އަންހެނުން
ސިޔާސަތު • ދަޢުވާ

އިސްލާމި ނެރު
 v  d  e 

ޢީސާ ޢަލައިހިއްސަލާމް އަކީ މުސްލިމުންގެ ގާތުގައި ރަސޫލު ބޭކަލެކެވެ. ކީރިތި ޤުރުއާނުގައި އެކަލޭގެފާނުގެ ނަންފުޅު އަލްމަސީޙް ޢީސާ ބިން މަރްޔަމް މިފަދައިން އައިސްފައިވެއެވެ. ކީރިތި ޤުރުއާނުގައި ވާ ގޮތުން އީސާގެފާނަކީ އެއްމެ މަތިވެރި ރަސޫލު ބޭކަލުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ. އަދި އެކަލޭގެފާނު ފޮނުއްވުނީ އިސްރާއީލު ވަންހައިގެ މީހުންގެ ގާތަށެވެ. ޤުރުއާނުގައިވާ ގޮތުގައި އެކަލޭގެފާނު ޤަތުލެއްވެސް ނުކުރެވެއެވެ. އަދި ޞަލީބަކަށް ވެސް ނޭރުވެއެވެ. އަދި އެކަލޭގެފާނު އިލާހުވަންތަ ކަމުގެ އެއްވެސް ސިފައެއް ހިއްސާ ނުކުރައްވައެވެ.

ޢީސާ ޢަލައިހިއްސަލާމްގެ މައިކަމަނާ، މަރްޔަމް ޢަލައިހައްސަލާމް އަކީ، ދާއޫދު ޢަލައިހިއްސަލާމްގެ ދަރިކޮޅުން ވަޑައިގެންނެވި ބޭކަނބަލެކެވެ. މަރްޔަމްގެފާނު ބަލަހައްޓަވައި ތަރުބިއްޔަތުކުރެއްވީ، ﷲގެ ނަބިއްޔާ ޒަކަރިއްޔާ ޢަލައިހިއްސަލާމްއެވެ. އެކަމުގެ ވާހަކަތައް، މިސިލްސިލާގެ ޒަކަރިއްޔާ ޢަލައިހިއްސަލާމްގެ ބައިގައި ހިމެނިފައިވާނެއެވެ. ޒަކަރިއްޔާ ޢަލައިހިއްސަލާމްގެ އަނބިކަނބަލުންނަކީ، މަރްޔަމްގެފާނުގެ ދައްތާފުޅެވެ.


މަރްޔަމްގެފާނާއި އެކަމަނާގެ މުޅި ޢާއިލާއަކީވެސް ޢިލްމުވެރި ތަޤްވާވެރި މީސްތަކުންގެ މެދުގައި ޤަދަރުވެރި ޢާއިލާއެކެވެ. އަޅުވެރިކަމާއި ޚުލްޤުރަނގަޅުކަމުގައިވެސް އެފަދަ ޢާއިލާއެއް ބަނީއިސްރާއީލުން އެޒަމާނުގައި ދެކެފައެއްނުވެއެވެ. މަރްޔަމްގެފާނުގެ ފަރާތްޕުޅުން، އަޅުވެރި ނަބީބޭކަލަކު އުފަންކުރެއްވުމަށް ﷲ އިރާދަކުރެއްވިހިނދު، އެކަމަނާގެ އަރިހަށް މަލާއިކަތް ބޭކަލަކު ފޮނުއްވާ އެކަމުގެ ޚަބަރުކުރައްވައެވެ. ﷲގެ މަލާއިކަތާއަށް މަރްޔަމްގެފާނު ދެންނެވީ ތިޔަހެންވާނީ ކިހިނަކުންތޯއެވެ؟ ތިމަންކަމަނާއީ، ކާވަންޏެއް ބައްލަވައިގެންފައިވާ އަދި ފިރިހެނެއްގެ ގައިގާ ބީހިވަޑައިގެންފައިވާ ބޭކަނބަލަކީމެއްނޫނެވެ. މަލާއިކަތާގެ ޖަވާބަކީ، ﷲ ކަމަކަށް އިރާދަކުރައްވައިފިނަމަ، އެކަމަކީ އެކަލާނގެ ޙަޟްރަތަށް ދާދި ފަސޭހަކަމެކޭ ދެންނެވުމެވެ.

މަރްޔަމްގެފާނު އާލާސްވެ އިންނަވާ، ރައްކާވެވަޑައިގަތުމުގެ ވަގުތު އައިސް ޖެހުނުހިނދު، ހިކިފައިވާ ކަދުރުރުކެއްގައި ހިއްޕަވާ ތަޅުވާލެއްވުމަށް ﷲ އަމުރުކުރެއްވެވިއެވެ. އެގޮތަށް އެކަމަނާ ޢަމަލުކުރެއްވުމުން، ތާޒާ ރޯކަދުރު އެރުކުން އެކަމަނާއަށްޓަކައި ލިބިވަޑައިގަންނަވާނޭގޮތް ﷲ މެދުވެރިކުރެއްވިއެވެ. އެހިނދު އެކަމަނާ ވަޑައިގެން ހުންނެވީ، މީސްތަކުންނާއި އެކަހެރި ހިސާބެއްގައި ރަށްބޭރުގައެވެ.


ތުއްޕުޅު ޢީސާޢަލައިހިއްސަލާމްއާއިގެން، ޤައުމުގެ މީހުންގެތެރެއަށް އެނބުރިވަޑައިގަތުމުން، އޭގެތެރެއިން ގިނަބަޔަކު ޙައިރާންކަން ފާޅުކުރިއެވެ. އަދި އެކަމަނާގެ ޢާއިލާގެ ޚުލްޤު ރަނގަޅުކަމާ، ޢިއްފަތްތެރިކަން ހަނދާނަށްގެނަސް، ކިހިނެއް ލިބިވަޑައިގަތް ދަރިކަލެއްތޯ، މީސްތަކުން ސުވާލުކުރިއެވެ. ޖަވާބުގައި މަރްޔަމްގެފާނު އިޝާރާތްކުރެއްވީ ތުއްޕުޅު ޢީސާގެފާނަށެވެ. އެހިނދު ﷲގެ ހަޟްރަތުން ފާޅުވި މުޢުޖިޒާތެއްގެގޮތުގައި، އަދި، މަރްޔަމްގެފާނުގެ ތެދުވެރިކަމާއި ޢިއްފަތްތެރިކަމުގެ މައްޗަށް ހުރި ދަލީލެއްގެގޮތުގައި ޢީސާގެފާނު، އެންމެ ޅަފަތުގައި، ނުހަނު ރިވެތިކޮށް، މީސްތަކުންގެ އެ ސުވާލުތަކަށް ޖަވާބުދެއްވިއެވެ.


މާތްﷲ މިފަދަ ކިތަންމެ މުޢުޖިޒާތެއް ޢީސާ ޢަލައިހިއްސަލާމްގެ ފަރާތްޕުޅުން މީސްތަކުންނަށް ފާޅުކޮށްދެއްވިއެވެ. އެއީ އެކަލޭގެފާނުގެ ބަސްފުޅުގެ ތެދުކަމާއި، އެކަލޭގެފާނުގެ މައިކަމަނާގެ ތެދުވެރިކަން ކަށަވަރުކޮށްދެއްވުމަށެވެ. އަދި ބަފައިކަލަކާއި، މައިކަނބަލަކާއި ނުލައި، ނެތުމުގެ ތެރެއިން އާދަމްގެފާނު ޚަލްޤުކުރެއްވިފަދައިން، ބަފައިކަލަކާއިނުލައި، ހަމައެކަނި މައިކަނބަލެއްގެ ވާޞިޠާއިން އެކަލޭގެފާނު ޚަލްޤުކުރެއްވިކަން ޔަޤީންކޮށްދެއްވުމަށެވެ. އަދި އެކަލޭގެފާނުގެ ނަބީކަމާއި ރަސޫލުކަމުގެ ޙުއްޖަތް ޤާއިމްކުރެއްވުމަށްޓަކައެވެ.


މިގޮތުން ޢީސާގެފާނު، ﷲގެ ޙަޟްރަތުން ގެނަސްދެއްވި މުޢުޖިޒާތްތަކުގެތެރޭގައި، ގޭގޭގެ ތެރޭގައި މީހުން ރައްކާކޮށް ސިއްރުކޮށްފައިހުންނަ ތަކެތީގެ ޚަބަރު ވިދާޅުވެދެއްވުމާއި، ކަނުމީހުންނާއި، ޖުޒާމްބައްޔާއި ބަރަޞްބަލިފަދަ ބަލިތައް ޖެހިފައިވާ މީހުން ގައިގައި އަތްޕުޅު ބީއްސެވުމުން އެމީހުންގެ ބަލި ފަސޭހަކޮށްދެއްވުމާއި، މަށިން ދޫނި ހައްދަވައި، ފުމެލެއްވުމުން، ﷲގެ އިޒްނަފުޅާއިއެކު އޭގައި ފުރާނައެޅި، ދިރުންލިބުމާއި، މާތްﷲގެ އިޒްނަފުނާއިއެކު މަރުވެފައިވާ މައްޔިތުން ދިރުއްވުން ހިމެނެއެވެ.


ޢީސާގެފާނަށް ﷲ ބާވާލެއްވި ފޮތަކީ އިންޖީލެވެ. އެކަލޭގެފާނު ގެނަސްދެއްވި މުޢުޖިޒާތްތަކާ، ﷲގެ ފޮތާ، އެތައްއެތައް ނިޢްމަތެއް ކުރިމަތީގައި ވަނިކޮށްވެސް، ބަނީއިސްރާއީލުންގެ އެތައް ބަޔަކު އެކަލޭގެފާނުގެ ރިސާލަތަށް ކުފުރުވެ، ރޯބުހުތާނު ދޮގުތައް އެކަލޭގެފާނުގެ މައްޗަށް ހެދުން ޢާއްމުކުރޫއެވެ.


ﷲގެ މަގަށް ނަޞްރުދިނުމުގައި ޢީސާގެފާނާއި ބައިވެރިވުމަށް އެކަލޭގެފާނުގެ އަތްޕުޅުމައްޗަށް ބައިޢަތު ހިފި ބަޔަކީ ޙަވާރިއްޔަބޭކަލުންނެވެ. ޢީސާގެފާނު އެކަލޭގެފާނުގެ ރިސާލަތަށް އީމާންވީ މީސްތަކުންނާއިއެކު، 30 ދުވަހުގެ ރޯދަފުޅެއް ހިއްޕަވާ ފުރިހަމަކުރެއްވިހިނދު، އުޑުން މީރު ކާބޯތަކެތީގެ ސުފުރާއެއް ބާވައިލެއްވުންއެދި ﷲގެ ޙަޟްރަތުގައި ދެންނެވުމަށް އީމާންވެތިބި މީސްތަކުން އެދުނެވެ. އެއުރެންގެ އެވާހަކަތަކުން، ޢީސާގެފާނު ދުޢާދެންނެވުމުން، އެ ދުޢާ އިޖާބަކުރައްވަވާ، އުޑުން މީރު ކާބޯތަކެތީގެ ސުފުރާ އީމާންވީ މީސްތަކުންނަށްޓަކައި ﷲ ބާވައިލެއްވިއެވެ.


ބަނީއިސްރާއީލުންގެ ތެރޭތިބި ކުފުރާއި އަމިއްލައެދުމުން ޙައްދު ފަހަނައަޅާފައިތިބިމީހުން، ޢީސާގެފާނުގެ ރަސޫލުކަމާއި އެކަލޭގެފާނު ގެންނެވި މުޢުޖިޒާތްތަކާއިމެދު ޙަސަދަލައި، އަބަދުމެ ތިބެނީ އެކަލޭގެފާނު ޤަތުލުކުރެވޭނެވަގުތެއް ހޯދުމަށް ހުޝިޔާރުވެގެންނެވެ. މިގޮތުގައި މަސައްކަތްކުރަމުންގޮސް، އެކަލޭގެފާނު އެއުރެންގެ އަތްދަށުލައި، ޞަލީބަށް އެރުވުމުގެ ނިޔަތުގައި ނުކުމެ، އެކަލޭގެފާނުކަމަށް ހީކޮށް ޞަލީބަށް އެރުވުނީ އެހެން މީހެކެވެ. އެހުރިހާ ނުބައި ރޭވުންތަކުން ޢީސާގެފާނު ސަލާމަތްކުރައްވާ، ﷲގެ ޙަޟްރަތަށް އެކަލޭގެފާނު އުފުއްލެވިއެވެ.


ޢީސާގެފާނަކީ ބަނީއިސްރާއީލުންގެތެރެއިން، ފޮނުއްވުނު އެންމެފަހުގެ ނަބިއްޔާއެވެ. އަދި ކީރިތި ރަސޫލާއާއި، އެކަލޭގެފާނާއި ދެމެދު ހޭދަވީ މުއްދަތުގައި އެހެން ނަބިއްޔަކު، މިބިންމައްޗަކަށް ﷲ ނުފޮނުއްވައެވެ.


ޤިޔާމަތްކައިރިވެ، ދައްޖާލުގެ ފިތުނަ ޢާއްމުވާހިނދު، އެ ފިތުނައިން މީސްތަކުން ސަލާމަތްކުރައްވަވާ، ބިންމަތީ ﷲގެ ދީން ޤާއިމްކުރެއްވުމަށް، ކީރިތިރަސޫލާއަށް އިޤްތިދާވެވަޑައިގަންނަވާ ބޭކަލެއްގެގޮތުގައި ޢީސާގެފާނު ބިމަށް ފޮނުއްވާނެކަމަށް އިޝާރާތްކުރެވިފައިވާ، ޞައްޙަ ޙަދީސްތައް ކީރިތި ރަސޫލާގެ އަރިއަހުން ވާރިދުވެގެން ވެއެވެ.