އިންސާފުގެ ދަތުރު
ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ 7 ގައި ބަދަލުކޮށްލީ ބަޣާވާތަކުން ކަމަށް ތުހުމަތުކޮށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް. ޑީ. ޕީ) އިން 17 ފެބްރުއަރީ 2012 ގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ބޮޑު މުޒާހަރާއެއް "އިންސާފުގެ ދަތުރު" ގެ ނަމުގައި ފުރަ މާލޭގެ ލޮނުޒިޔާރަތްކޮޅު ސަރަހައްދު ގައި ބޭއްވިއެވެ. އަދި މި މުޒާހަރާ އަވަސް އިންތިހަބެއްގެ ތާރީހު ކަނޑަނައަޅަނީސް ހުއްޓާ ނުލާނެ ކަމަށް ބުނެ، ގިނަ ދުވަސްތަކެއް ވަންދެން ކުރިއަށް ދިޔައެވެ. މި މުޒާހަރާ އަށް "ބޮޑު މުޒާހަރާ" އަދި "ބޮޑު އެއްވުން" މި ދެގޮތަށް ވެސް ނިސްބަތް ކުރެވެއެވެ. މި ހަރަކަތް ބޭއްވި ލޮނުޒިޔަރަތްކުޅުގެ ސަރަހައްދަށް މިހަރަކާތާ ގުޅިގެން ނިސްބަތްކުރާ ނަމަކީ އިންސާފުގެ މައިދާން އެވެ.
މި މުޒާހަރާ ފުރަތަމަ ރޭވިގެން އައީ އެމް. ޑީ. ޕީ. އިން ތިޔަހެނެއް ނުކިޔޭނެ ނަމުގައި ސިލްސިލާ ކޮށް ހިންގި ހަރަކާތުގެ ތެރެއިންނެވެ. އެ ހަރަކާތުގެ ތެރެއިން އުފެދިގެން އައި ބޮޑުމުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ކޯޓުތަކުން އިންސާފު ލިބި ނުދޭތީ އެކަމާ ދެކޮޅަށް އަޑު އުފުލައި ކޯޓްތައް މިނިވަން ކުރުމަށް ގޮވާލުމެވެ. އޭރު އެމް. ޑީ. ޕީ. އަކީ ވެރިކަން ކުރާ ޕާޓީ އެވެ.
ނަމަވެސް ބޮޑު މުޒާހަރާ ބޭއްވުމުގެ ކުރިން، ފެބްރުއަރީ 7 ގައި ފުހުންނާއި ސިފައިން ސަރުކާރާ ދެކޮޅަށް ހިންގި ހަރަކާތާ ގުޅިގެން ރައީސް މުޙައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވިއެވެ. އެހިސާބުން "އިންސާފުގެ ދަތުރު" މައިގަނޑު މަގްސަދަކީ އަވަސް އިންތިހާބަކަށް ގޮވާލައި ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ގެ ސަރުކާރަށް ޕްރެޝަރ ކުރުން ކަމުގައި މުޒާހަރާ އިންތިޒާމް ކުރާ ފަރާތުން ނިންމިއެވެ. މިއާ އެކު ކޯޓުތައް މިނިވަން ކުރުމަށް ވެސް އަޑު އުފުލާފައި ވެއެވެ.
ހަރަކާތުގެ ފެށުން
[އުނިއިތުރު ގެންނަވާ]ޖެނުއަރީ 29 2012 ވަނަ ދުވަހު ބޭއްވުނު އެމް. ޑީ. ޕީ ގެ ގައުމީ މަޖްލިސްގެ 99 ވަނަ ޖަލްސާގައި، ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ ވަކި ބައެއްގެ މުށުތެރޭގައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ބޮޑު މުޒާހަރާއެއް ކުރުމަށް ގައުމީ މަޖިލީހުގެ މެންބަރު އަދި ޔޫތް މިނިސްޓަ ޙަސަން ލަތީފް ހުށަހެޅި ގަރާރެއް ފާސްކުރެވުނެވެ.
އެ ޤަރާރުގައިވާ ގޮތުން ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ ވަކި ބައެއްގެ މުށުތެރޭގައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށާއި، އަދުލު އިންސާފުގެ ދާއިރާ މިނިވަންކުރުމަށް ދިވެހި ސަރުކާރުން ފައްޓަވާފައިވާ މަސައްކަތްޕުޅުތަކަށް، ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ފަނޑިޔާރުގެތައް ޤާނޫނީ އިމުގެ ތެރެއިން ޙަރަކާތްތެރިކުރުވުމަށް، ކެނޑިނޭޅި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅަށް އެމްޑީޕީގެ ފުރިހަމަ ތާޢީދާއި ރުހުން އޮތްކަން ހާމަކުރާ ކަމަށާއި، ރައީސުލް ޖުމްހޫރިއްޔާ ފައްޓަވާފައިވާ އެ މުހިންމު މަސައްކަތުގައި އެމްޑީޕީގެ ފަރާތުން ވެދެއްވެން އޮތް ހުރިހާ އެއްބާރުލުމަކާއި، އެހީތެރިކަމެއް ވެދިނުމަށާއި، ރާއްޖޭގައި އުފެދިފައިވާ ޤާނޫނީ ސަރުކާރު ވައްޓާލުމަށް، ޙީލަތްތެރި ރޭވުމެއްގެ ދަށުން، ވެރިކަމުގެ ދަހިވެތިކަމުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ފަށާފައިވާ ބަޤާވާތާއި އުދުވާނީ ޙަރަކާތްތަކާ ދެކޮޅަށް ތެދުވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން އެއްބަސްވެއެވެ.[1]
އިންސާފުގެ ދަތުރުގެ ހަރަކާތަށް ތައްޔާރުވުމުގެ ގޮތުން އެމް. ޑީ. ޕީގެ މައި ހަރުގޭގައި ފެބްރުއަރީ 2 ގައި ހާއްސަ ޖަލްސާއެއް ބޭއްވި އެވެ. އަދި މި ހަރަކާތަށް ހޭދަކުރުމަށްޓަކައި ފައިސާ ހޯދުމަށް ފަންޑު ފޮއްޓެއް މިރޭގެ ޖަލްސާގައި ބެހެއްޓުނެވެ.
މުޒަހަރާގެ ބައިވެރިން
[އުނިއިތުރު ގެންނަވާ]މުޒާހަރާގައި މާލޭގައި ދިރިއުޅޭ ގިނަ ބަޔަކު ބަިވެރި ވިއެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުން މި މުޒާހަރާގައި ބައިވެރި ވުމަށް މީހުން މާލެއަށް ޖަމާވެފައި ވެއެވެ. ގިނަ އަދަދަކަށް އަންހެނުން ބައިވެރިވި މި މުޒާހަރާ އަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ މީހުން ބައިވެރިވި މުޒާހަރާ އެވެ.