މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ

ވިކިޕީޑިއާ އިންވިކިޕީޑިއާ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ 11 ނޮވެމްބަރ 2008 އިން ފެށިގެން ދިވެހިރާއްޖޭގެ ވެރިކަން ކުރަމުން އަންނަ ސިޔާސީ ޕާޓީ އެވެ. މިއީ ދިވެހިރާއްޖޭގައި އިންސާނީ ހައްގުތަކާއި ފުރިހަމަ ޑިމޮކްރަސީ ގާއިމްކުރުމަށް ގޮވާލާ ލިބަރަލް (މިނިވަންކަމާއި ހަމަހަމަކަމަށް މަސައްކަތްކުރާ) ޕާޓި އެކެވެ. ދިވެހިރާއްޖޭގައި މިހާތަނަށް ބޭއްވުނު ފުރަތަމަ ގިނަ ޕާޓީ އެކުލެވޭ އިންތިހާބު ކާމިޔާބުކުރީ ވެސް މި ޕާޓީ އެވެ. އަދި މިއީ އެންމެ ގިނަ މެންބަރުން ރަޖިސްޓްރީކޮށްފައިވާ ޕާޓީ އެވެ.

އެމްޑީޕީ ރަޖިސްޓްރީ ކުރަން ފުރަތަމަ ހުށަހެޅީ 24 ފެބްރުއަރީ 2001 ގައެވެ. އޭރުގެ ޤާނޫނޫ އަސާސީ އިން، ސިޔާސީ ޕާޓީ އުފެއްދުމާއި ޕާޓީ ހަރަކާތްތެރިވުން ހުއްދަކުރި ކަމުގައި ވިޔަސް، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ރަޖިސްޓްރީ ކޮށެއް ނުދިނެވެ. ނަމަވެސް ދިވެހި ރައްޔިތުން ހައްގުތައް ހޯދުމަށް މަގުމައްޗަށް ނުކުމެ ކުރި މަސައްކަތާއި، ޖަލުގައި އަނިޔާވެރި ގޮތަކަށް މަރާލި އީވާން ނަސީމްގެ މަރުގެ ހާދިސާއާ ގުޅިގެން ހިނގި ހާދިސާތަކަށް ފަހު 10 ނޮވެމްބަރ 2003 ގައި އޮޅުދޫކަރައިގައި އެމްޑީޕީ ވުޖޫދަށް އަތުވެއްޖެއެވެ. ޕާޓީ ފުރަތަމަ އުފެދުނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ކުރީގެ ކެބިނެޓް މިނިސްޓަރަކާއި ވިޔަފާރިވެރިންގެ މައްޗަށް އެކުލެވޭ 42 މީހަކު އިސްވެ ތިބެ އެވެ. އަދި ޕާޓީގެ އާއްމު މަޖިލީހުގެ މެންބަރުން އިންތިހާބު ކުރެވުނީ 13 ފެބްރުއަރީ 2004 ގައެވެ. ދިވެހި ސަރުކާރުން އެމްޑީޕީ ބަލައިނުގަތް ކަމުގައި ވިޔަސް 30 އެޕްރީލް 2005 ގައި ޕާޓީގެ ހަރަކާތްތައް ރާއްޖޭގައި ފެށުނެވެ.

2 ޖޫން 2005 ގައި ރައްޔިތުންގެ މަޖިލީހުގެ ހުރިހައި މެންބަރުންގެ އިއްތިފާގުން ރާއްޖޭގައި ސިޔާސީ ޕާޓީ ހުއްދަކުރަން ފާސްކުރެވުނެވެ. އަދި އެއާއި ގުޅިގެން 26 ޖޫން 2005 ގައި އެމްޑީޕީ ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ރާއްޖޭގެ ދެ ވަނަ ޖުމުހޫރިއްޔާގެ ފުރަތަމަ ސިޔާސީ ޕާޓީގެ ގޮތުގައި އެމްޑިޕީ ރަޖިސްޓްރި ކުރެވުނެވެ.

2006 ވަނަ އަހަރާ ހަމައަށް ވެސް އެއްވެ އުޅުމުގެ މިނިވަންކަމަށް ގިނަ ހުރަސްތަކެއް ކުރިމަތިވަމުން ދިޔައެވެ. އަދި ސަރުކާރުން އިދިކޮޅު މެންބަރުން ހައްޔަރުކުރަމުން ދިޔައެވެ. އަދި މާޗް 2006 ގައި ސަރުކާރުން "އިސްލާހީ މަގުޗާޓު" އިއުލާނު ކޮށް ގިނަ އަދަދެއްގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއެވެ. އަދި 2007 ވަނަ އަހަރު އޮގަސްޓް މަހުތެރޭގައި، ރާއްޖޭގައި ބާއްވަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ކަނޑައެޅުމަށް އާއްމު ވޯޓެއް ނެގުނެވެ. ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މަސައްކަތް ނިންމާ އާ ގާނޫނު އަސާސީ ތަސްދީގު ކުރެވުނީ 2008 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ.