ރޭޒް ސިންޑްރޯމް
ރޭޒް ސިންޑްރޯމް (އިނގިރޭސި ބަހުން: Reye's Syndrome)އަކީ ފާނަ ބަސަނދު، އިންފުލުއެންޒާ ނުވަތަ އެހެން ވައިރަސް އަކުން ޖެހޭ ބައްޔަކާއި ވިދިގެން ކުޑަކުދިންނަށް ކުރިމަތިވާ ނާރުތަކުގެ ބައްޔެކެވެ. މިބަލި ޖެހުމުން ސިކުނޑި ދުޅަވެ، ފުރަމޭ ގައި ސަރުބީ ޖަމާވުން މެދުވެރި ކުރުވައެވެ. މިބަލި ފުރަތަމަ ހޯދާފައިވަނީ އޮސްޓްރޭލިޔާގެ ޕެތޮލޮޖިސްޓެއް ކަމުގައިވާ އާރްޑީކޭ ރޭ 1963 ވަނަ އަހަރުގައެވެ.
އާންމު ގޮތެއްގައި ރޭޒް ސިންޑްރޯމް ޖެހެނީ ވައިރަސް އަކުން ޖެހޭ ބައްޔެއް ރަގަޅު ވަމުން އަންނަ ދުވަސްވަރެއްގައެވެ. ނަމަވެސް ވާރފަރިން އަށް ވިހަވުން، އަދި އެފްލަޓޮކްސިން ގެ ސަބަބުން ވެސް މިބަލި ޖެހިދާނެއެވެ. ވައިރަލް އިންފެކްޝަން އަކާއި ގުޅިގެން އެސްޕިރިން ބޭނުންކުރުމުން ވެސް ބައެއް ފަހަރު މިބަލި ޖެހިދާނެކަމަށް ވެއެވެ.
ރޭޒް ސިންޑްރޯމް ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ، މޭނުބައިކުރުން، ހޮނޑުލެވުން، ތާއްޔަށްޖެހި ނިދިއައިސްފައި ހުރުން، ކަންކަމުގައި ގޮތެއް ނިންމަންނޭގިފައި ހުރުން ފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން ދުވާލު ގަޑީގައި ވެސް ތާއްޔަށްޖެހުން، ފިޓްޖެހުން،ވަގުތާއި ތަން އޮޅުން، ނޭވާލުން ހުއްޓުން، އަދި ކޮމާއަށް ދިއުން ފަދަ ކަންތައް ހިމެނެއެވެ.
ރޭޒް ސިންޑްރޯމް ކުރިމަތިވާ އަސްލު ސަބަބު ނޭގޭ ނަމަވެސް ވައިރަސް ގެ ސަބަބުން ޖެހޭ ބަލިތަކާއި ގުޅިގެން ސިކުނޑީގެ މައިޓޮކަންޑްރިއާ އަށް ލިބޭ ގެއްލުމާއި މިބައްޔާއި ގުޅުމެއްވާކަމަށް ބެލެވިފައިވެއެވެ. ކުޑަކުދިންނަށް ޖެހޭ ވައިރަލް އިންފެކްޝަން ތަކުގައި އެސްޕިރިން ފަރުވާގެ ގޮތުގައި ބޭނުންކުރުން މަދުކުރުމާއި ގުޅިގެން ރޭޒް ސިންޑްރޯމް ޖެހޭ މިންވަރު ދަށަށް ގޮސްފައިވާކަން ފާހަގަ ކޮށްލެވެއެވެ.
ރޭޒް ސިންޑްރޯމް އަށް ވަކި ޚާއްޞަ ފަރުވާއެއް އަދި ހޯދިފައެއް ނުވެއެވެ. އެހެން ބައްޔާއި ގުޅިގެން އަންނަ ބަދަލުތަކަށް ފަރުވާގެ ގޮތުގައި ކޯޓިކޯސްޓީރޮއިޑް، އިންސިޔުލިން، އެންޓިބަޔޮޓިކް، ގުލްކޯޒް ފަދަ ތަކެތި ބޭނުން ކުރެވެއެވެ.