މިޒަމާނުގެ ދުނިޔޭގެ 7 އަޖައިބު

ވިކިޕީޑިއާ އިންވިކިޕީޑިއާ
(މިސްރާބުކުރެވުނީ Seven Wonders of the Modern World އިން)

މިޒަމާނުގެ ދުނިޔޭގެ 7 އަޖައިބު އަކީ އިހު ޒަމާނުގެ 7 އަޖައިބަށްފަހު ދުނިޔޭގެ އަޖައިބު ތަކުގެ ގޮތުގައި ބެލެވިފައިވާ ތަންތަނެވެ.

އަޖައިބުތައް[އުނިއިތުރު ގެންނަވާ]

އެމްޕައަރ ސްޓޭޓް ބިލްޑިންގ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އެމްޕައަރ ސްޓޭޓް ބިލްޑިންގ

އެމްޕައަރ ސްޓޭޓް ބިންޑިންގ ޢިމާރާތް ކުރުމަށް ބިންކޮނުމުގެ މަސައްކަތް ފެށުނީ 22 ޖެނުއަރީ 1930 ގައެވެ. ޢިމާރާތް ކުރުމުގެ މަސައްކަތް ފެށުނީ 17 މާރިޗް 1930 ގައެވެ. ޢިމާރާތް ކޮށް ނިމުނީ އޭގެ 14 މަސް ފަހުން 1931 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ހަތަރެއް ބައި ފަންގި ފިލާގެ މަސައްކަތް ކޮންމެ ހަފްތާއަކު ނިންމާފައި ވެއެވެ. މިތަން ބިނާކުރެވިފައިވަނީ ކުރިން އެމެރިކާގެ ނިއުޔޯކް ސިޓީގައި ވަލްޑޯފް އެސްޓޯރިއާ ހޮޓެލް ހުރި ތަނުގައެވެ.

އިޓައިޕޫ ޑޭމު[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އިޓައިޕޫ ޑޭމު

އިޓައިޕޫ ޑޭމު އޭ ކިޔޭ ފެނުން ކަރަންޓް އުފައްދައިދޭ ޕްލާންޓް އަކީ އެދާއިރާގައި އެންމެ ބޮޑު އެންމެ ކާމިޔާބު އެއް މަސައްކަތެވެ. މިތަން ހެދުނީ 1971ން 1991ގެ ނިޔަލަށް ބްރެޒިލް އާއި ޕަރަގުއޭ ގުޅިގެންނެވެ. މިޑޭމު ހެދިފައިވަނީ ބްރެޒިލް އާއި ޕަރަގުއޭ ގުޅުވުމަށް ޕަރާނާ ކޯރު ހުރަސްކޮށް ލެވިފައިވާ ފާލަމުގެ 14 ކިލޯ މީޓަރު އުތުރުގައެވެ. އިޓައިޕޫ ޑޭމު ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ 22 ޖުލައި 1966ގައެވެ. ބްރެޒިލްގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ޚާރިޖީ ވަޒީރު ގްރޭސީ މެގަލްހީޒް އެވެ. ޕަރަގުއޭގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ޚާރިޖީ ވަޒީރު ސެޕީނާ ޕޭސްޓަރ އެވެ. މިތަން ހެދުމުގެ މަސައްކަތް ފެށިފައިވަނީ 1971 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ.

ސީ.އެން. ޓަވަރު[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ސީ.އެން. ޓަވަރު

ސީ.އެން. ޓަވަރު ހުންނަނީ ކެނެޑާގެ ޓޮރޮންޓޯ ގައެވެ. ފުރަތަމަ ރޭވިފައި އޮތީ ފާލަމަކުން ގުޅުވާލެވިފައިވާ 3 ޓަވަރު ބިނާކުރުމަށެވެ. ޓަވަރުގެ އުސްމިނުގައި 553.33 މީޓަރު ހުރެއެވެ. ޓަވަރު ހުންނަނީ އެތެރެ ހުސްކޮށް ހުންނަ 3 ފައިގެ މަތީގައި ހިފެހެއްޓިފައެވެ. މިއީ ދުނިޔޭގައި ހުރި އެންމެ ދިގު ފްރީ ސްޓޭންޑިންގ ސްޓްރަކްޗަރ އެވެ. ދުނިޔޭގެ ރިކޯޑް ފޮތް ބުނާގޮތުން 30 އަހަރު ވަންދެން ދުނިޔޭގެ އެންމެ އުސް ޢިމާރާތުގެ ގޮތުގައި ސީއެން ޓަވަރު ހޮވިފައި ވެއެވެ.

ޗެނަލް ޓަނެލް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޗެނަލް ޓަނެލް

ޗެނަލް ޓަނެލް ބިނާކުރުމުގެ މަސައްކަތް އެއްބަސްވުމުގައި ސޮއިކުރެވުނީ 12 ފެބުރުއަރީ 1986 ގައި އިގިރޭސި ވިލާތުގެ ކެންޓަބަރީގެ ކެންޓް ގައެވެ. އަދި މިތަން ބިނާކޮށް ނިމުނީ 1994 ވަނަ އަހަރު އެވެ. މިއީ ފަރަންސޭސި ވިލާތާއި އިގިރޭސި ވިލާތް ގުޅުވުމަށް ކަނޑު އަޑިން ހެދިފައިވާ ރޭލް ދަތުރުކުރާ މަގެކެވެ. މިތަން މަޝްހޫރު ވެފައިވަނީ ޗެނަލްގެ ނަމުގައެވެ. ކާރު، ބަސް، ޓްރަކް ފަދަ ތަކެތިވެސް އިގިރޭސި ވިލާތުން ފަރަންސޭސި ވިލާތަށް ގެންދެވެނީ ރޭލް ގައެވެ. ރަސްމީ ސިފައެއްގައި ޗެނަލް ގެ ތެރެއިން ރޭލުތައް ދަތުރުކުރަން ފެށުނީ 14 ނޮވެމްބަރު 1994 ގައެވެ. ޗެނަލް ޓަނެލް ހެދިފައިވަނީ ކަނޑުގެ އަޑިން 45 މީޓަރު ފުންމިނުގައެވެ.

ޕެނަމާ ކެނަލް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޕެނަމާ ކެނަލް

މީލާދީން 1534 ވަނަ އަހަރު ސްޕޭން ގެ ރަސްގެފާނު ޗާރލްސް-1 ޕެނަމާގެ އިސްމަސް ހުރަސް ކޮށް ކެނަލް އެއް ހެދުމަށް އަމުރު ކުރެއްވި އެވެ. އިސްމަސްގެ މާނައަކީ ދެފަރާތުން ކަނޑު ނުވަތަ ކޯރު އޮވެފައި މެދުން އޮންނަ ބިމުގެ ހަނި ބައެކެވެ. މިބުނި ރަސްގެފާނު އެކަމަށް އަމުރު ނެރުނުތާ 3 ގަރުނު ފަހުން 1880 ވަނ އަހަރު ޕެނަމާ ކެނަލް ހެދުމުގެ މަސައްކަތް ފެށުނެވެ. ނަމަވެސް 20 އަހަރު ފަހުން ބައްޔާއި ފައިސާގެ މައްސަލަތަކާއި ހުރެ މަސައްކަތް ހުއްޓާލަން ޖެހުނެވެ. އެފަހަރު މިމަސައްކަތް ކޮށްފައިވަނީ ފަރަންސޭސި ވިލާތުގެ ކުންފުންޏަކުންނެވެ.

އުތުރު ކަނޑުން ހިމާޔަތް ކުރުމުގެ މަސައްކަތް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އުތުރު ކަނޑުން ހިމާޔަތް ކުރުމުގެ މަސައްކަތް

ޑެލްޓާގެ މަޝްރޫއު އޭ ކިޔެނީ ފެންބޮޑުވުމުން ހިމާޔަތް ކުރުމަށްޓަކައި ނެދަލޭންޑްގެ ކޯރުތައް ހުރަސްކޮށް ބިނާކުރެވުނު ޑޭމް، ޑައިކް، ބެރިއަރ، އަދި ފާލަން ފަދަ ތަންތަން ހަދައި ބިންހިއްކުމަށް ހިންގުނު މަޝްރޫއަށް ނިސްބަތްކޮށެވެ. މިގޮތުން ކުރިން ބުނެވުނު ޒާތުގެ ތަފާތު 13 ތަނެއް ކޯރުތައް ހުރަސްކޮށް ހެދުނެވެ. ޑެލްޓާގެ މަޝްރޫޢުގެ ދަށުން 1957ން 1981 ގެ ނިޔަލަށް ބިނާކުރެވުނު ތަންތަނުގެ ތެރޭގައި 40 މީޓަރުގެ އުސްމިނުގައި ރައިން ކޯރާއި އުތުރު ކަނޑު ގުޅޭ ހިސާބުގައި ބިނާކުރެވުނު 4 ޑައިކްއާއި، އަދި އިޖްސެލް ކޯރު ހުރަސްކޮށް 11.5 އުސްމިނުގައި ބިނާކުރެވުނު 3 ޑޭމް އާއި އަދި މިނޫން ބައެއް ތަންތަން ވެސް ހިމެނެއެވެ.

ރަން ދޮރާށި ފާލަން[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ރަން ދޮރާށި ފާލަން

ރަން ދޮރާށި ފާލަމަކީ އެމެރިކާގެ ސެންފްރެންސިސްކޯ އަދި މެރިން ކައުންޓީ ގުޅުވުމަށް ލެވިފައިވާ ފާލަމެކެވެ. މިއީ 20 ވަނަ ގަރުނުގެ އިމާރާތް ކުރުމުގެ ފަންނުގައި ހޯދާފައިވާ ޢަޖައިބެއް ފަދަ ކުރިއެރުމެކެވެ. މިފާލަން ބިނާކުރެވުނީ ދުނިޔެއަށް މަޝްހޫރު ބޮޑު ތަދު ކުރިމަތިވި ދުވަސްވަރު އެވެ. އަހަރު ތަކެއް ވަންދެން ދުނިޔޭގައިވާ އެންމެ ދިގު އެލުވާލެވިފައިވާ ފާލަން ނުވަތަ ސަސްޕެންޝަން ބްރިޖްގެ ގޮތުގައި މިފާލަން ވަނީ ފާހަގަ ކުރެވިފައެވެ. އެމެރިކާގެ ނިއުޔޯކް ސިޓީގައި 1964 ވަނަ އަހަރު ވެރަޒޯނާ ނެރޯވްސް ފާލަން ބިނާކުރުމަށްފަހު މިފާލަން މިހާރު ބެލެވެނީ ދުނިޔޭގައި އޮތް ދެވަނައަށް އެންމެ ދިގު އެލުވާލެވިފައިވާ ފާލަންގެ ގޮތުގައެވެ.