އުތުރު ކަނޑުން ހިމާޔަތް ކުރުމުގެ މަސައްކަތް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ނެދަލޭންޑުގެ އުތުރު ކަނޑުން ނެދަލޭންޑް ހިމާޔަތް ކުރުމަށް ކުރެވުނު މަސައްކަތް ވެފައިވަނީ ޖޫގްރަފީގެ ތާރީޚުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީ އަކަށެވެ. ނެދަލޭންޑްގެ ބޮޑު ބައެއް އޮންނަނީ ކަނޑުގެ ސަތަހައަށްވުރެ ތިރީގައި ކަމަށްވުމާއެކު ވަރަށް ގިނަ ފަހަރު އުތުރު ކަނޑާއި އެއާއި ގުޅިފައިވާ ކޯރުތަކުގެ ސަބަބުން ފެންބޮޑުވުން ނެދަލޭންޑް އަށް ކުރިމަތި ވެފައި ވެއެވެ.

އުތުރު ކަނޑުން ހިމާޔަތް ކުރުމުގެ މަސައްކަތް.

މިފަދަ ހާދިސާ ތަކުގެ ސަބަބުން ފެންބޮޑުވުން ކުރިމަތިވަނީ ދެތަނެއްގެ ސަބަބުން ކަމަށް ބެލެވެއެވެ. އެއީ ނެދަލޭންޑްގެ އުތުރު ކަނޑުން ކޯރަށް ގުޅިފައިވާ މަގު ނުވަތަ ހުޅުވިފައިވާ ދޮރު ޒައިޑަޒީއާއި، މިއޫޒް ކޯރާއި ރައިން ކޯރު ގުޅިގެން އުފެދިފައިވާ ޑެލްޓާ އެވެ.

1923-1932 އާއި ދެމެދު އުތުރު ކަނޑުން ކޯރަށް ގުޅިފައިވާ ތަން ޒައިޑަޒީ ހުރަސްކޮށް ޑޭމެއް ހެދުނެވެ. މިޑޭމްގެ މަސައްކަތް ފެށިފައިވަނީ 1923 ވަނަ އަހަރު އެވެ. މިގޮތުން ގަލާއި، ހިލަ އަދި ވެލި އަޅައި، ގޮދަނޑީގެ ސިފަޔަށް ހިލަޔާއި ޗޭނުގެ ގަނޑު ބޭނުންކޮށްގެން ހަދާފައި ހުރި ބައިތަކެއް އަޑިއަށް ފެއްތުނެވެ. މައިޑޭމް މައްޗަށް ނެގުމަށް ކްރޭން، ޓަގް ބޯޓް، އަދި ބާޖްތައް ބޭނުން ކުރެވިފައި ވެއެވެ. ޒައިޑަޒީ ހުރަސްކޮށް ހެދުނު ޑޭމްގެ ދިގުމިނުގައި 300 ފޫޓް އަދި އުސްމިނުގައި 25 ފޫޓް ހުރެއެވެ.

1953 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި ގަރުނުގެ ތޫފާންގައި އުތުރު ކަނޑު ހުރަސްކޮށް ނެދަލޭންޑްގެ އެތެރެއަށް ރާޅުބާނި ވަދެގެން ދިޔައެވެ. އަދި ނެދަލޭންޑްގެ ހުޅަގު ދެކުނުގެ ރަށްތަކަށް ބޮޑެތި ގެއްލުންތައް ލިބިގެން ދިޔައެވެ. އެތޫފާންގައި 1800 މީހުން ދުނިޔެ ދޫކޮށް އެތައް ހާސް ބައެއްގެ މުދަލާއި ގެދޮރު ގެއްލިގެން ދިޔައެވެ. އެހިސާބުން ނެދަލޭންޑްގެ އަހުލުވެރިންނަށް ހުޅަގު ދެކުނު ޑެލްޓާ ނުވަތަ ޑެލްޓާގެ މަޝްރޫޢު ތަންފީޒު ކުރަން ޖެހިއްޖެ ކަމަށް ވިސްނުނެވެ.

ޑެލްޓާގެ މަޝްރޫއު އޭ ކިޔެނީ ފެންބޮޑުވުމުން ހިމާޔަތް ކުރުމަށްޓަކައި ނެދަލޭންޑްގެ ކޯރުތައް ހުރަސްކޮށް ބިނާކުރެވުނު ޑޭމް، ޑައިކް، ބެރިއަރ، އަދި ފާލަން ފަދަ ތަންތަން ހަދައި ބިންހިއްކުމަށް ހިންގުނު މަޝްރޫއަށް ނިސްބަތްކޮށެވެ. މިގޮތުން ކުރިން ބުނެވުނު ޒާތުގެ ތަފާތު 13 ތަނެއް ކޯރުތައް ހުރަސްކޮށް ހެދުނެވެ. ޑެލްޓާގެ މަޝްރޫޢުގެ ދަށުން 1957ން 1981 ގެ ނިޔަލަށް ބިނާކުރެވުނު ތަންތަނުގެ ތެރޭގައި 40 މީޓަރުގެ އުސްމިނުގައި ރައިން ކޯރާއި އުތުރު ކަނޑު ގުޅޭ ހިސާބުގައި ބިނާކުރެވުނު 4 ޑައިކްއާއި، އަދި އިޖްސެލް ކޯރު ހުރަސްކޮށް 11.5 އުސްމިނުގައި ބިނާކުރެވުނު 3 ޑޭމް އާއި އަދި މިނޫން ބައެއް ތަންތަން ވެސް ހިމެނެއެވެ.

ޑެލްޓާ މަޝްރޫއުގައި އެންމެ ފާހަގަ ކޮށްލެވެނީ ޝޫވެން ޑީވްލޭންޑް އަދި ނޫޑް ބިވަލޭންޑް އާއި ދެމެދު ހަދާފައިވާ 9 ކިލޯ މީޓަރުގެ ދިގުމިން ހުރި އޫސްޓަރޝީލްޑް ޑޭމް އެވެ. ފުރަތަމަ މިތަން ބިނާކުރުމަށް ނިންމުނީ މުޅިން ބަންދުކޮށްލެވިފައިވާ ތަނެއްގެ ގޮތަށެވެ. ނަމަވެސް ފަހުން ބިނާކުރެވުނީ ތިރިން ފެން ދައުރުވާ ތަނެއްގެ ގޮތަށެވެ. އެގޮތުން ތަފާތު އެތައް ފަހަރެއްގެ މަތިން މޫސުމަށް އަންނަ ބަދަލާއި ގުޅިގެން މިޑޭމްގެ ދަށުން ފެން ދައުރުވުން ބަންދު ކޮށްލެވިފައި ވެއެވެ.

މިތަން ބިނާކުރުމަށް 65 ކޮންކްރީޓް ޕިއަރ ގަނޑު ބޭނުން ކުރެވިފައި ވެއެވެ. އަދި މިއިން ކޮންމެ ޕިއަރ އެއްގައި 18 ހާސް ޓަނުގެ ބަރުދަން ހުރެއެވެ. މިޑޭމް ބިނާކުރުމުގެ މަސައްކަތް ފެށިފައިވަނީ 1976 ގައެވެ. އަދި ބިނާކޮށް ނިމިފައިވަނީ 1986 ގައެވެ. ރަސްމީ ކޮށް ހުޅުއްވައި ދެއްވީ 4 އޮކްޓޯބަރ 1986ގައި ރާނީ ބީޓްރިކްސް އެވެ.

މިއަދު އުތުރު ކަނޑުން ކޯރާއި ގުޅިފައިވާ ތަން ޒައިޑަޒީ ހުރަސްކޮށް ލެވިފައިވާ ޑޭމްއާއި، އަދި އޫސްޓަރ ޝީލްޑް ޑޭމް ވެފައިވަނީ ނެދަލޭންޑްއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މަންޒިލްތައް ކަމުގައެވެ.