އެމްޕައަރ ސްޓޭޓް ބިލްޑިންގ

ވިކިޕީޑިއާ އިންވިކިޕީޑިއާ

އެމްޕައަރ ސްޓޭޓް ބިންޑިންގ ޢިމާރާތް ކުރުމަށް ބިންކޮނުމުގެ މަސައްކަތް ފެށުނީ 22 ޖެނުއަރީ 1930 ގައެވެ. ޢިމާރާތް ކުރުމުގެ މަސައްކަތް ފެށުނީ 17 މާރިޗް 1930 ގައެވެ. ޢިމާރާތް ކޮށް ނިމުނީ އޭގެ 14 މަސް ފަހުން 1931 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ހަތަރެއް ބައި ފަންގި ފިލާގެ މަސައްކަތް ކޮންމެ ހަފްތާއަކު ނިންމާފައި ވެއެވެ. މިތަން ބިނާކުރެވިފައިވަނީ ކުރިން އެމެރިކާގެ ނިއުޔޯކް ސިޓީގައި ވަލްޑޯފް އެސްޓޯރިއާ ހޮޓެލް ހުރި ތަނުގައެވެ.

އެމްޕައަރ ސްޓޭޓް ބިލްޑިންގ.

އެމްޕައަރ ސްޓޭޓް ބިންޑިންގ ފަރުމާކޮށްފައިވަނީ ޝްރީވް، ލޭމްބް އެންޑް ހަރްމަން އެސޯޝިއޭޓް ކިޔާ ކުންފުންޏަކުންނެވެ. ޢިމާރާތް ކުރުމުގެ މަސައްކަތް ކޮށްފައިވަނީ ސްޓާރެޓް ބްރަދާރސް އެންޑް އެކީން އިންކޯޕަރޭޝަން ގެ ފަރާތުންނެވެ. 1972 ވަނަ އަހަރު މަންހަޓާންގައި ދުނިޔޭގެ ވިޔަފާރީގެ މަރުކަޒުގެ ފުރަތަމަ ޓަވަރު ބިނާކުރުމާއި ހަމައަށް ދުނިޔޭގެ އެންމެ އުސް އިމާރާތުގެ ގޮތުގައި 102 ފަންގިފިލާ އަށް ހެދިފައިވާ އެމްޕައަރ ސްޓޭޓް ބިންޑިންގ ވަނީ ފާހަގަ ކުރެވިފައެވެ. އެހެންކަމުން 41 އަހަރު ވަންދެން ދުނިޔޭގެ އެންމެ އުސް އިމާރާތުގެ ގޮތުގައި އެމްޕައަރ ސްޓޭޓް ބިންޑިންގ ދެމިހުރިއެވެ.

11 ސެޕްޓެމްބަރު 2001 ގައި އެމެރިކާގެ ނިއުޔޯކް ސިޓީގައި ހުރި ދުނިޔޭގެ ވިޔަފާރީގެ މަރުކަޒަށް ހަމަލާދީ އެއިމާރާތުގެ ދެޓަވަރު ބިމާއި ހަމަކޮށްލުމަށްފަހު މިއަދު ވެސް ނިއުޔޯކް ސިޓީގައި ހުރި އެންމެ އުސް އިމާރާތުގެ ގޮތުގައި އެމްޕައަރ ސްޓޭޓް ބިންޑިންގ ވަނީ ވެފަައެވެ. އަދި މިހާރު ވެސް މުޅި އެމެރިކާގައި ހުރި ދެވަނަ އަށް އެންމެ އުސް ޢިމާރާތަކީ ވެސް އެމްޕައަރ ސްޓޭޓް ބިންޑިންގ އެވެ.

އެމްޕައަރ ސްޓޭޓް ބިންޑިންގ ގެ މަތީގައި ބެހެއްޓިފައިވާ އެންޓަނާގެ ކޮޅާއި ހަމައަށް އިމާރާތުގެ އުސްމިނުގައި 448 މީޓަރު ހުރެއެވެ. 102 ވަނަ ފަންގިފިލާ އާއި ހަމައަށް ހުންނަނީ 381 މީޓަރު އެވެ. މުޅި އިމާރާތުގެ ބޮޑު މިނުގައި 37 މިލިއަން ކޮޑި ފޫޓް ހުރެއެވެ. ޢިމާރާތް ކޮށްފައިވާ ބިމުގައި 83،860 އަކަ ފޫޓް ހުރެއެވެ. މިއީ 100 އަށްވުރެ ގިނަ ފަންގި ފިލާ ހިިމެނޭ ގޮތަށް ޢިމާރާތް ކުރެވުނު ފުރަތަމަ ބިލްޑިންގ އެވެ.

ޢިމާރާތުގެ ބޭރުގައި ބެހެއްޓިފައިވާ ބިންގާގެ ގޮތުގައި ބެލެވޭ ހަދާނީ ހިލަ ބާއްވައި ދިނީ 17 ސެޕްޓެމްބަރު 1930 ގައި އޭރު ނިއުޔޯކްގެ ގަވަރުނަރަކަށް ހުރި އަލްފްރެޑް އީ ސްމިތު އެވެ. ޢިމާރާތުގެ ރޭނުމުގެ މަސައްކަތް ނިމުނީ 13 ނޮވެންބަރު 1930 ގައެވެ. ރަސްމީ ކޮށް އެމްޕައަރ ސްޓޭޓް ބިންޑިންގ ހުޅުވައިދިނީ އޭރު އެމެރިކާގެ ރައީސް ކަމުގައި ހުންނެވި ހާބަޓް ހޫވަރ 1 މެއި 1931 ގައެވެ. ޢިމާރާތް ހުޅުވުމަށް ފަހު 1940 ވަނަ އަހަރާއި ހަމައަށް އަންނަންދެން ޢިމާރާތުގެ ގިނަބައިތައް ހުރީ ކުއްޔަށް ދޫނުކޮށެވެ. ނަތީޖާއެއްގެ ގޮތުން އެދުވަސް ވަރު މިޢިމާރާތަށް އެމްޕްޓީ ސްޓޭޓް ބިލްޑިންގ ގެ ނަމުން މުޚާޠަބު ކުރެވުނެވެ.

އެމްޕައަރ ސްޓޭޓް ބިންޑިންގ ގެ މަސައްކަތް އެއްކޮށް ނިންމުމަށް 1 އަހަރާއި 45 ދުވަސް ނުވަތަ 410 ދުވަސް ހޭދަވި އެވެ. ޢިމާރާތް ކުރުމުގެ މަސައްކަތުގައި 3400 މީހުން ހަރަކާތްތެރި ވިއެވެ. މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު 14 މީހުން ވަނީ އެކިފަހަރު މަތިން މަރުވެފައެވެ. ޢިމާރާތުގެ ބޭރުހެދުމަށް އިންޑިއާނާ ލައިމް ސްޓޯން އަދި ގްރެނައިޓް ބޭނުން ކުރެވިފައި ވެއެވެ. މީގެ އިތުރުން 6 ވަނަ ބުރިން ފެށިގެން މައްޗަށް އެލްމިނިއަމް، ކްރޯމް- ނިކެލް، އަދި އެކަތަ ފާރު ރީތި ކުރުމަށް ބޭނުން ކުރެވިފައި ވެއެވެ. ޢިމާރާތުގެ އެތެރެ ރީތި ކުރުމަށް ސަންގު މަރުމަރު ހިލަ ބޭނުން ކުރެވިފައި ވެއެވެ. މިހިލަ ގެނެސްފައިވަނީ އިޓަލީ، ބެލްޖިއަމް، ފްރާންސް، އަދި ޖަރުމަނުންނެވެ.

އެމްޕައަރ ސްޓޭޓް ބިންޑިންގ ގެ ބަރުދަނުގައި 330 ހާސް މެޓްރިކް ޓަން ހުންނާނެ ކަމަށް ލަފާކުރެވެއެވެ. މިއިމާރާތުގައި 6500 ކުޑަދޮރު، 73 އިލެވޭޓަރު ހުރެއެވެ. އަދި އިމާރާތުގެ ހުރިހާ ފަންގި ފިލާގެ ބައިތަކުގެ ބޮޑުމިނުގައި 2200 ހާސް އަކަފޫޓް ހުރެއެވެ. ޢިމާރާތުގެ މަތީގައިވާ ބްރޯޑް ކާސްޓިންގ އެންޓަނާ ބެހެއްޓުނީ 1952 ވަނަ އަހަރު އެވެ. މިހާރު ވެސް ތަފާތު އެތައް ޓީވީ އަދި ރޭޑިޔޯ ސްޓޭޝަންތައް މިޢިމާރާތުގައި ހެދިފައި ވެއެވެ.