Jump to content

ޢުމަރު ޒާހިރު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ޢުމަރު ޒާހިރު
ޢުމަރު ޒާހިރު، 2016
ސީނިއަރ މިނިސްޓަރު
މަޤާމުގައި
2005–2008
ރައީސްމައުމޫން ޢަބްދުލް ޤައްޔޫމް
ފަހުން ވަޑައިގަތީ
މިނިސްޓަރ އޮފް ޕަބްލިކް ވޯކްސް
މަޤާމުގައި
1993–2004
ރައީސްމައުމޫން ޢަބްދުލް ޤައްޔޫމް
ފަހުން ވަޑައިގަތީ
މިނިސްޓަރ އޮފް ސްޕޯޓްސް
މަޤާމުގައި
1988–1993
ރައީސްމައުމޫން ޢަބްދުލް ޤައްޔޫމް
ފަހުން ވަޑައިގަތީ
އުފަންވީ(1936-10-26)26 އޮކްޓޯބަރ 1936
މާލެ، ދިވެހިރާއްޖެ
އަވަހާރަވީ20 ޑިސެމްބަރ 2021 (85 އަހަރުގައި)
މާލެ، ދިވެހިރާއްޖެ
ފަސްދާނުލެވިފައިވަނީގަލޮޅު ސަހަރާ، މާލެ، ދިވެހިރާއްޖެ
އިނާމުތައްމިނިވަން 25 ގެ ޢާންމު ޚިދުމަތުގެ އިނާމު - 1990
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނޢޢވ) - 2008

ޢުމަރު ޒާހިރު، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 29 ސެޕްޓެންބަރު 1953 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ވުޒާރަތުލްމާލިއްޔާގެ ކާތިބުކަމެވެ. އޭގެފަހުން، މަޙްކަމަތުލްޚާރިޖިއްޔާގެ ލެއިޒަން އޮފީހުގެ ކާތިބުކަމާއި، ވުޒާރަތުއްދާޚިލިއްޔާގެ 1 ނަންބަރު ކާތިބ ކަމާއި، ސަރުކާރުގެ ބޮޑު އިސްޓޯރުގެ ހިންގާ ސެކްރެޓަރީކަން ކުރެއްވިއެވެ. އަދި ވުޒާރަތުލްމަޢާރިފުގެ ޚާއްޞަ މުދައްރިސްކަމާއި، ވަޒީރުލްއަޢުޡަމްގެ އޮފީހުގެ ސެކްރެޓަރީކަމާއި، ޚާއްޞަ ވަކީލުކަމުގެ މަޤާމު ފުރުއްވައިފައިވެއެވެ.  

މަޖީދިއްޔާ ސްކޫލުގެ ނާޒިރުގެ އެހީތެރިޔާގެ މަޤާމަށް ޢުމަރު ޒާހިރު ހަމަޖެއްސެވީ، 1966 ސެޕްޓެންބަރު 12ވަނަ ދުވަހުއެވެ. 1970 ޑިސެންބަރު 24 ގައި ކޯހެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމާ ހަމަޔަށް އެ މަޤާމުގައި ދެމިހުންނެވިއެވެ.  

މަޖީދިއްޔާ ސްކޫލުގެ ނާޒިރުގެ އެހީތެރިޔާގެ މަޤާމު، ޢުމަރު ޒާހިރު ފުރުއްވަމުން ގެންދެވި އިރު، އެ މަނިކުފާނު ފާހަގަކުރެވިފައި ވަނީ މަޖީދިއްޔާގެ ދަރިވަރުން، ހަރުދަނާ ރަނގަޅު އަޚްލާޤެއްގެ މަތީގައި ތަރުބިއްޔަތު ކުރެއްވުމަށް ވަރަށް މުހިންމު މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އޭރު މަޖީދިއްޔާގެ ދަރިވަރުން ޢަމަލުކުރަންޖެހޭ ޤަވާޢިދުތަކާއި އުޞޫލުތަކަށް ފުރިހަމައަށް ބޯލަނބައި، ވަކި މިންގަނޑުތަކެއް ހިފެހެއްޓުމަށް ބާރުއެޅުއްވި ބޭފުޅެއްގެ ގޮތުގައެވެ. ސްކޫލުން ބޭރުގައި އެ ކުދީން އުޅޭނޫޅޭގޮތް ބައްލަވައި، ދީނީ ފަރުޟުތައް އަދާކުރުމަށް ބާރުއަޅުއްވައި، އެ ކުދީންނަށް ނަޞޭޙަތްތެރިވެވަޑައިގެން، ކުރިއަށްދިޔުމުގެ ސީދާ މަގު ދެއްކެވި މުރުޝިދެއްގެ ގޮތުގައި ވެސްމެއެވެ.

މަޖީދިއްޔާ ސްކޫލުގެ ނާޒިރުގެ އެހީތެރިޔާގެ މަޤާމު، ޢުމަރު ޒާހިރު އަދާކުރައްވަމުން ގެންދަވަނިކޮށް، އިތުރު ވަޒީފާއެއްގެ ގޮތުގައި، އޯޑިޓް އޮފީހުގެ ވެރިޔާގެ މަޤާމަށް، 1968 ނޮވެންބަރު 21ވަނަ ދުވަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާޞިރު އެ މަނިކުފާނު ހަމަޖެއްސެވިއެވެ.  

ޢުމަރު ޒާހިރަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އަރުވަނީ (2008)

ޢުމަރު ޒާހިރަކީ، ދައުލަތުގެ ތަފާތު އެތައް ދާއިރާއެއްގައި ޚިދުމަތްކުރެއްވި ހީވާގި ބޭފުޅެކެވެ. އެގޮތުން، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ ޑިރެކްޓަރުކަމުގެ މަޤާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބޭފުޅެއްގެ މަޤާމާއި، އެޓޮލްސް ޑިވިޜަންގެ ވަކީލުކަމުގެ މަޤާމާއި، ޑިޕާޓްމަންޓް އޮފް އެޑިޔުކޭޝަންގެ ނާއިބު ކަމުގެ މަޤާމު ވެސް ފުރުއްވައިފައިވެއެވެ.

ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، އެ މަނިކުފާނުގެ ސަރުކާރުގައިވެސް ޢުމަރު ޒާހިރަކީ، ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ޢުމަރު ޒާހިރު، ދިވެހި ސަރުކާރަށާއި، ދިވެހި ޤައުމަށާއި، ރައްޔިތުންނަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަކީ، މިއަދު މުޅި ޤައުމު ފަޚްރުވެރިވާނެ ޚިދުމަތްތަކެކެވެ.

ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި، ޢުމަރު ޒާހިރު ފުރަތަމަ އަދާކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚާއްޞަ ވަކީލުކަމުގެ މަޤާމެވެ. އެ މަޤާމަށް އެ މަނިކުފާނު ހަމަޖެއްސެވީ، 1978ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 12ވަނަ ދުވަހުއެވެ. އޭގެފަހުން، 1979ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 13ވަނަ ދުވަހު ގައި މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނާއިބުކަމުގެ މަޤާމަށް އެ މަނިކުފާނު ޢައްޔަންކުރެއްވިއެވެ. އޭގެފަހުން، މާލޭ މުނިސިޕަލްޓީގެ ރައީސްކަން ވެސް ޢުމަރު ޒާހިރު ކުރެއްވިއެވެ. 1983 ނޮވެންބަރު 11ވަނަ ދުވަހު އޭރުގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ދެވަނަ ދައުރުގެ ވަޒީރުންގެ މަޖިލީހުގައި ޢުމަރު ޒާހިރު ހިމަނުއްވައި، އެ މަނިކުފާނު މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސޯޝަލް ސަރވިސަސްގެ މަގާމަށް ޢައްޔަންކުރެއްވިއެވެ. އަދި ރައީސް މައުމޫންގެ ރިޔާސީ ތިންވަނަ ދައުރު، ޢުމަރު ޒާހިރު ޢައްޔަންކުރެއްވީ، މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސްގެ މަޤާމަށެވެ. އޭގެފަހުން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސްގެ މަޤާމަށް ޢުމަރު ޒާހިރު ޢައްޔަންކުރެއްވީ، ރައީސް މައުމޫންގެ ރިޔާސީ ހަތަރުވަނަ ދައުރުގެ ވަޒީރުންގެ މަޖިލިސް އެކުލަވައިލެއްވި އިރުއެވެ. އޭގެފަހުން، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ މަޤާމާއި، ފުލުހުންގެ ވެރިޔާގެ ނާއިބުގެ މަޤާމު ވެސް ފުރުއްވިއެވެ. އެ މަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

މި ދެންނެވި މަޤާމުތަކުގައި ހުންނަވައިގެން، ޢުމަރު ޒާހިރު ކޮށްދެއްވި ޚިދުމަތްތަކަކީ، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ޚިދުމަތްތަކެކެވެ. މާ ގިނަ ވަސީލަތްތަކެއް ނެތް ދުވަސްވަރެއްގައި، ސަރުކާރަށާއި ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގައި، އެ މަނިކުފާނު ދެއްކެވީ އާދަޔާ ޚިލާފު ސާބިތުކަމެކެވެ. އެ ގޮތުން، އެ މަނިކުފާނުގެ އަގުހުރި މަސައްކަތްޕުޅުތަކުގެ ތެރެއިން މާލޭ ސަރަޙައްދުން ފެންނަ ތިލަފުށްޓަކީ، އެ މަނިކުފާނުގެ ދުރު ވިސްނުންފުޅުގެ ތަޞައްވުރެކެވެ. ފަޅެއްގެ ގޮތުގައި އޮތް ތަނަކަށް ކުނި އަޅައިގެންނާއި، ވެލި އަޅައިގެން، ރާއްޖޭގެ ރަށެއް ހިއްކައި ތަރައްޤީ ކުރިއިރު، އެ ކަމުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ، ޢުމަރު ޒާހިރެވެ. މިއަދު ތިލަފުށިވެފައިވަނީ ޞިނާޢީ ބޮޑު ސަރަޙައްދަކަށެވެ.

އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ހުޅުމާލެ މަޝްރޫޢު ފެށްޓެވި އިރު، ހުޅުމާލެ ހިއްކުމުގެ މަސައްކަތުގައި، އެންމެ މުހިންމު ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ، ޢުމަރު ޒާހިރެވެ. ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ހުޅުމާލެ ހިއްކުމުގެ މަޝްރޫޢު ހިންގަވައި، އެ ތާނގައި މީހުން އާބާދުކުރެވިގެންދިޔައީ، ޢުމަރު ޒާހިރުގެ ދުރުވިސްނުންފުޅާއި، ކުރެއްވި ބުރަ މަސައްކަތްޕުޅުގެ ސަބަބުންނެވެ. އެއީ ފަސޭހައިން ހިންގިދާނެ މަޝްރޫޢެއް ކަމަށް، ބައެއް ބޭފުޅުންނަށް ޤާބޫލުފުޅުނުކުރެއްވުނު ނަމަވެސް، އެ ކަން ކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއި އިތުބާރާ އެކީގައި، ޢުމަރު ޒާހިރު މަސައްކަތްޕުޅުކުރައްވަމުން ގެންދެވީ، ރެޔާ ދުވާލު އެއްވެސް ފޫހިފުޅުވުމެއްނެތިއެވެ.  

މި ދެންނެވި ދެ މަޝްރޫޢުގެ އިތުރުން، މާލޭގެ މަގުތަކުގައި ގައު އެތުރުމުގެ ކުރިން، އޭރު މަގުތައް ހައްދަވައި، މަގުމަތީގައި ހުންނަ އަޑިގުޑަންތަކުން ދުއްވާ އެއްޗެއްސަށް ލިބެމުންދިޔަ ގެއްލުންތައް ކުޑަކުރެއްވުމަށާއި، މަގުމަތީގައި ހިނގާބިނގާވާ މީހުންނަށް ފަސޭހަ ތަނަކަށް މަގުތައް ހެއްދެވުމަށް ކުރެއްވި މަސައްކަތްޕުޅުތަކާއި، އޭގެފަހުން މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެއްދެވުމަށް ސަރުކާރުން ހިންގެވި މަޝްރޫޢުގެ މަސައްކަތްތަކުގައި ވެސް ޢުމަރު ޒާހިރު ޢަމަލީ ގޮތުން އަދާކުރެއްވި ދައުރުގެ މަތިން ހަނދާންކޮށްލަން ޖެހެއެވެ.

މީގެއިތުރުން، ފަހަކަށް އައިސް ސަރުކާރުން މާލޭގައި ކުރެއްވި ގިނަ ޢިމާރާތްތައް ކުރެއްވުމުގައި، އިސް މޭސްތިރިއެއްގެ ގޮތުން ޢުމަރު ޒާހިރު ކުރެއްވި މަސައްކަތްޕުޅުތަކަކީ ވެސް ޝުކުރުވެރިކަމާ އެކު ފާހަގަކޮށްލަން ޖެހޭ މަސައްކަތްޕުޅުތަކެކެވެ.

ރާއްޖޭގެ ތާރީޚުގައި ހިނގައިދިޔަ އެހެން މުހިންމު ކަންކަމުގައި ވެސް ޢުމަރު ޒާހިރަކީ، ޢަމަލީ ގޮތުން އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ރާއްޖެ، އިނގިރޭސީންގެ ޙިމާޔަތުގެ ދަށުން މިނިވަންވުމަށް ކުރި މަސައްކަތްތަކުގައި ޢުމަރު ޒާހިރުގެ ޙިއްޞާ އޮތް މިންވަރާއި، ހުޅުލޭ އެއަރޕޯޓް ހަދަމުން ގެންދިޔަ އިރު، އެ ކަމުގައި ޢަމަލީ ގޮތުން އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކާއި، އައްޑު އަތޮޅުގައި އިނގިރޭސީން ތިބި އިރު، ލެއިޒަން އޮފީހުގައި ޢުމަރު ޒާހިރު ހުންނަވައިގެން، ސަރުކާރަށް ފޯރުކޮށްދެއްވި އެހީތެރިކަމާއި، ދެއްވި އެއްބާރުލެއްވުމުގެ މަތިން ވެސް ހަނދާންކޮށްލަން ޖެހެއެވެ.  

ޢުމަރު ޒާހިރަކީ، އެ ވަގުތަކު ސަރުކާރަށް ކުރިމަތިވާ ކޮންމެ މުހިންމު ބޮޑު ކަމެއް ޙައްލުކޮށްދެއްވުމުގައި، އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެވަގުތަކު ޤައުމު ހިންގަވަން ހުންނެވި ބޭފުޅަކު، ޢުމަރު ޒާހިރާ މަސްއޫލިއްޔަތުތަކެއް ޙަވާލުކުރައްވަނީ، އެ ކަމެއް ވަރަށް ރަނގަޅަށް އެ މަނިކުފާނު ކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތުމާ އެކުގައެވެ. ރައީސް މައުމޫން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި އިރު، އޭރުގެ ގަވަރމަންޓް ހޮސްޕިޓަލުން ޢާންމު ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދަތި އުނދަގޫ ކަންތައްތަކެއް ހުރުމާ އެކު، ހޮސްޕިޓަލްގެ ކަންތައްތައް، ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށަށް ގެންނަވައި، އެ ތަނުގެ ކަންކަން ހިނގާނުހިނގާ ގޮތް، ދުވަހުންދުވަހަށް ބައްލަވައި، ކަންކަން އިޞްލާޙުކުރެއްވުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެއްވީ ޢުމަރު ޒާހިރާއެވެ. އަދި އެ ދުވަސްވަރު ޓޫރިޒަމް ޑިޕާޓްމަންޓް ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތާ ވެސް ޢުމަރު ޒާހިރު ހަވާލުވެވަޑައިގަތެވެ. މި ކަމުގައި ވެސް ވަރަށް މުހިންމު ޒިންމާއެއް އެ މަނިކުފާނަށް އުފުއްލަވަން ޖެހިވަޑައިގެންނެވިއެވެ. މީގެއިތުރުން، ސަރުކާރުގެ ބެލުމުގެ ދަށުގައި ބައިތިއްބަން ޖެހޭ ކުދީން ބޭތިއްބުމަށާއި ތަރުބިޔަތުކުރުމަށް ކުޑަކުދީންގެ އިޞްލާޙިއްޔާގެ ބިންގާ އެޅި، އެ މަސައްކަތް ޢަމަލީ ގޮތުން ކުރެއްވުމުގައި އިސްވެ ޙަރަކާތްތެރިވެވަޑައިގަތީ ވެސް ޢުމަރު ޒާހިރެވެ. އަދި 100 ވަރަކަށް ކުދިން މާފުށީގެ އިޞްލާޙިއްޔާއަށް ގެންދެވައިގެން، އެ ކުދިންނަކީ ހަރުދަނާ ތަރުބިޔަތެއްގެ މަތީގައި ބޮޑެތިވާ ކުދިން ކަމުގައި ހެއްދެވުމަށް ޢުމަރު ޒާހިރު ކުރެއްވި ބުރަ މަސައްކަތްޕުޅުތަކަކީ ވެސް، އެ މަނިކުފާނުގެ ޚިދުމަތުގެ ތެރެއަށް އިތުރުކޮށްލަން ޖެހޭ ބޮޅެކެވެ.  

ސަރުކާރުގެ މުވައްޒަފުންގެ ނާދީ ހުޅުއްވައި، އެތަނުގައި ސަރުކާރުގެ މުވައްޒަފުން މުނިފޫހިފިލުވަން ޕްރޮގްރާމްތައް ރޭއްވެވުމުގައްޔާއި، ގަލޮޅު ދަނޑު ރަނގަޅު ފެންވަރަކަށް ހައްދަވައި، ލައިޓްތައް ހަރުކުރެއްވުމުގައި ވެސް ޢުމަރު ޒާހިރު ކުރެއްވި މަސައްކަތްޕުޅުތަކަކީ، ކުޅިވަރަށް ލޯބިކުރާ އެތައް ބަޔަކު ފަޚްރުވެރިވާނޭ މަސައްކަތްޕުޅުތަކެކެވެ. އަދި އެކި ކުޅިވަރުތައް ކުޅޭ ކުދީންނަކީ އަޚްލާޤީ ގޮތުން ރަނގަޅު ކުދިންނަށް ހެއްދެވުމަށް، އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކަކީ ވެސް ހަނދާންކޮށްލަން ޖެހޭ މުހިންމު މަސައްކަތްޕުޅުތަކެކެވެ.

ޢުމަރު ޒާހިރު، ދިވެހި ދައުލަތަށާއި، ދިވެހި ޤައުމަށާއި، ރައްޔިތުންނަށް އެ ކޮށްދެއްވި ޚިދުމަތްތަކަކީ، މި ދިވެހި ޤައުމުގެ ދަރިން އެ މަނިކުފާނަށް ޝުކުރުވެރިވުން ޙައްޤު ޚިދުމަތްތަކެކެވެ. އެ މަނިކުފާނާ ޙަވާލުކުރެއްވި ކޮންމެ ވުޒާރާއެއް ވެސް ހިންގަވައިފައި ވަނީ، ވަރަށް ޤާބިލުކަމާއި ޒިންމާދާރުކަމާ އެކުގައެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ޙައިޘިއްޔަތުން ކޮށްދެއްވި މަސައްކަތްޕުޅުތަކަކީ ވެސް ވަރަށް އިޚްލާޞްތެރިކަމާއެކު އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކެކެވެ.

ޢުމަރު ޒާހިރު އެންމެފަހުން އަދާކުރެއްވީ، ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ކަމުގެ މަޤާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ މިނިސްޓަރުކަމުގެ މަޤާމެވެ. ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ކަމުގެ މަޤާމަށް، އެ މަނިކުފާނު ޢައްޔަންކުރެއްވީ، 2005ވަނަ އަހަރުގެ ޖުލައި މަހުގެ 14ވަނަ ދުވަހުއެވެ. އަދި ސީނިއަރ މިނިސްޓަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވީ، 2008ވަނަ އަހަރުގެ އެޕްރީލް މަހުގެ 17ވަނަ ދުވަހުއެވެ. އެ މަޤާމުން ވަކިވެވަޑައިގެންފައިވަނީ، 2008ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 2ވަނަ ދުވަހުއެވެ.

ޢުމަރު ޒާހިރު ވަނީ 49 އަހަރަށް ވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތްކުރައްވައިފައެވެ. ޢުމަރު ޒާހިރުގެ ޚިދުމަތުގެ އަގުވަޒަންކުރައްވައި 2008ވަނަ އަހަރު ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) ޢުމަރު ޒާހިރަށް ވަނީ އަރުވައިފައެވެ.

ޢުމަރު ޒާހިރު އަވަހާރަވީ 2021 ޑިސެންބަރު 20ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި މާލޭގައެވެ. ޢުމަރު ޒާހިރުގެ މައްޗަށް ކަށުނަމާދު ކުރީ އެ ރޭގެ ޢިޝާ ނަމާދަށް ފަހު މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (އިސްލާމީ މަރުކަޒު) ގައެވެ. ފަސްދާނުލީ ރަސްމީ ޢިއްޒަތުގައި ގަލޮޅު ސަހަރާގައެވެ. ޢުމަރު ޒާހިރު އަވަހާރަވުމުގެ ހިތާމައިގައި 2021 ޑިސެންބަރު 21 ވީ އަންގާރަ ދުވަހުން ފެށިގެން 2021 ޑިސެންބަރު 23 ވީ ބުރާސްފަތި ދުވަހުގެ ނިޔަލަށް ތިން ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވިއެވެ.