ޢަލީ ރަފީގު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފުންމަވާ: ސަމުގާ, ހޯއްދަވާ

ޑރ ޢަލީ ރަފީގު އަކީ ނޫސްވެރިކަމުގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ނުވަތަ ޕީއެޗްޑީ ޙާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ. ޑރ ޢަލީ ރަފީގު ޕީއެޗްޑީ ޙާޞިލް ކުރެއްވުމަށްފަހު ނިއުޒިލޭންޑް އިން އެބުރި ދިވެހިރާއްޖެ އަށް ވަޑައިގަތީ 30 ޑިސެމްބަރު 2007 ގައެވެ. އޭނާއަކީ ނޫސްވެރިކަމުގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލްކުރެއްވި ފުރަތަމަ ދިވެހި ބޭފުޅާ ވެސް މެއެވެ.


ތަޢުލީމީ ޙަޔާތް[އުނިއިތުރު ގެންނަވާ]

ޑރ ޢަލީ ރަފީގު ސާނަވީ ތަޢުލީމް ޙާޞިލް ކުރެއްވީ އީޕީއެސް އިންނެވެ. އެއަށްފަހު މިހާރުގެ ސީއެޗްއެސްސީ ކުރީގެ އެސްއީސީ އިން އޯލެވެލް ހެއްދެވި އެވެ. އޯލެވެލް ހައްދަވައި ނިމުނީ 1986 ވަނަ އަހަރުގެ ތެރޭގައެވެ.

ނޫސްވެރިކަމުގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލް ކުރެއްވީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ ގައެވެ. ޑރ ޢަލީ ރަފީގު ފުރަތަމަ ޑިގްރީ ޙާޞިލް ކުރެއްވީ މިހާރު ސިޔާސީ ދާއިރާގައި އިސްކޮށް އުޅުއްވާ މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް ލީގަލް ރިފޯމް އަލްއުސްތާޛު މުޙައްމަދު ނަޝީދު އާއި ގާނޫނީ ވަކީލު އަލްއުސްތާޛު ހުސްނުއް ސުޢޫދު އާއި އެކުގައެވެ. ޑރ ޢަލީ ރަފީގު ވެސް ފުރަތަމަ ކިޔަވާ ވިދާޅުވާން ފެއްޓެވީ ގާނޫނީ ދާއިރާއިންނެވެ. ނަމަވެސް ފަހުން ކޯސް ނޫސްވެރިކަމުގެ ދާއިރާއަށް ބަދަލު ކުރައްވައި އެެދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލް ކުރެއްވީ އެވެ.

ޑރ ޢަލީ ރަފީގު މާސްޓާރސް ޑިގްރީ ޙާޞިލް ކުރެއްވީ 2003 ވަނަ އަހަރު ނިއުޒިލޭންޑް ގެ ކެންޓަބަރީ ޔުނިވަސިޓީ ގައެވެ. މާސްޓާރސް ރިސާރޗް ހައްދަވާފައިވަނީ އޮންލައިން ނޫސްވެރިކަމާ ބެހޭގޮތުންނެވެ. އަދި އެކޯހުން އެންމެ މަތީ ދަރަޖައިގައި ފާސްވުމުން ޑޮކްޓަރ އޮފް ފިލޯސަފީ ހަދާނެ ފުރުޞަތެއް ކެންޓަބަރީ ޔުނިވަސިޓީ އިން ޑރ ޢަލީ ރަފީގު އަށް ދެއްވި އެވެ.

ޑރ ޢަލީ ރަފީގު 2007 ވަނަ އަހަރުގެ ފަހުކޮޅު ޕީއެޗްޑީ ހައްދަވާ ނިންމެވިއިރު ދިރާސާ ތައްޔާރު ކުރައްވާފައިވަނީ ހަނގުރާމަ ތަކުގެ ތެރޭގައި ހަނގުރާމަ ކުރާ ގައުމުތަކުގެ ސަރުކާރު ތަކުންނާއި އަސްކަރިއްޔާއިން ޚަބަރުތަކަށް ނުފޫޒު ފޯރުވާ ވަރުގެ މައްޗަށެވެ.


ނޫސްވެރިކަމުގެ ތެރޭގައި[އުނިއިތުރު ގެންނަވާ]

ޑރ ޢަލީ ރަފީގު ވަނީ ވަރަށް ކުރިން ނޫސްވެރިކަމުގެ ތެރެއަށް ވެދެވަޑައިގެންފައެވެ. ކުރުގޮތަކަށް ބުނާނަމަ ޑރ ޢަލީ ރަފީގު ނޫސްވެރިކަން ފެށިގެން އައީ ސުކޫލް ދައުރުންނޭ ބުނެވިދާނެއެވެ. 1983 ވަނަ އަހަރު އީޕީއެސްގައި ތަޢުލީމް ޙާޞިލް ކުރައްވަމުން ދިޔައިރު ވޮއިސް އޮފް އެއިޓް ގެ ނަމުގައި ޑރ ޢަލީ ރަފީގު ވަނީ އޭނާގެ ރަހުމަތްތެރިއެއް ކަމުގައިވާ މިހާރު ރައްޔިތުން މަޖްލީހުގެ އިދާރާގެ އިސްމަގާމެއް ފުރުއްވާ ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލް ކުރައްވައިގެން ހުންނެވި ޑރޢަލީ ޝަމީމް އާއި ގުޅިވަޑައިގެން ނޫހެއް ނެރުއްވާފައެވެ. ޑރ ޢަލީ ރަފީގު އަކީ ހަވީރު އޮންލައިންގެ ބާނީ އެވެ. ހަވީރު އޮންލައިން ވެބްސައިޓް 1997 ގައި އިފްތިތާހު ކުރުމުގެ ކުރިން ވެސް ކޮމްޕިއުޓަރު މެދުވެރިކޮށް ޚަބަރު ބެލޭނެ ނިޒާމެއް ހަވީރު ނެޓް ގެ ޒަރިއްޔާއިން 1994 ވަނަ އަހަރު ޑރ ޢަލީ ރަފީގު ތަރައްގީ ކުރެއްވި އެވެ. މިހުރިހާ ޚިދުމަތެއް އަގުވަޒަން ކުރުމުގެ ގޮތުން 1997 ވަނަ އަހަރު ވަނަ އަހަރު ނޫސްވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމް ސަރުކާރުގެ ފަރާތުން ދެއްވާފައި ވެއެވެ.

ނޫސްވެރިކަމުގެ ދިގު ޙަޔާތުގައި ޑރ ޢަލީ ރަފީގު ވަނީ ބޭރުގެ ބައެއް އިއްޒަތްތެރިންނާއި ގައުމުތަކުގެ ވެރިންނާއި އިގިރޭސި ބަހުން އިންޓަވިއު ކުރައްވާފައެވެ. އެގޮތުން 80 ގެ އަހަރު ތަކުގެ ތެރޭގައި ރާއްޖެ ވަޑައިގެންނެވި ފަލަސްތީނުގެ އޭރުގެ ރައީސް ޔާސިރު ޢަރަފާތު އަދި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުޙައްމަދު ފަދަ ބޭފުޅުންނާއި ޑރ ޢަލީ ރަފީގު ވަނީ އިގިރޭސި ބަހުން އިންޓަވިއު ކުރައްވާފައެވެ.

މީގެ ކުރިން ވެސް ޑރ ޢަލީ ރަފީގު ވަނީ ހަވީރު ނޫހުގެ އެޑިޓަރުކަމާ ތަފާތު ވަޒީފާތައް ފުރުއްވާފައެވެ. މިހާރު ވެސް ޑރ ޢަލީ ރަފީގު އަކީ ހަވީރު ނޫހުގެ އެންމެ ހިންގުންތެރި އެންމެ ހީވާގީ އެއް ބޭފުޅާއެވެ.