ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ އިސްލާމީ ތަޢުލީމުގެ ދާއިރާއިން ޕީއެޗްޑީ ހައްދަވައިފައިވާ ބޭފުޅެކެވެ. ޢަބްދުލްޣަފޫރުގެ ބައްޕާފުޅު ޢަބްދުއްރަޙީމް ޢަބްދުލްމަޖީދަކީ މަޝްހޫރު ލިޔުންތެރިޔެކެވެ. ޑރ. ޢަބްދުލްޣަފޫރު އަމަލީ މަސައްކަތުގައި ހާއްސަވެވަޑައިގަތީ ދީނީ ތަޢުލީމު ފެތުރުއްވުމުގެ ދާއިރާ އަށެވެ. އެންމެ ފުރަތަމަ ތަޢުލީމު ހާސިލުކުރެއްވީ މަޖީދިއްޔާ ސްުކޫލްގައެވެ. އެއަށްފަހު ސަޢޫދީ ޢަރަބިއްޔާގައެވެ. އެއަށްފަހު އޮސްޓްރޭލިޔާގައެވެ.
ތަޢުލީމީ ޙަޔާތުގެ ބިންގަލަކީ މަޖީދިއްޔާ ސްކޫލެވެ. އެއަށްފަހު އެސްއީސީން ދެ މަސް ދުވަހު ތައުލީމް ހާސިލް ކުރެއްވި އެވެ. އެ ސްކޫލުން ވަކިވެވަޑައިގަތީ ކުޅިވަރުގެ ތެރޭގައި ބޮޑަށް ހަރަކާތްތެރިވެ އުޅުއްވުމަށެވެ. ޢަބްދުލްޣަފޫރަކީ އޭރުގެ ފެންވަރު މޮޅު ބެޑްމިންޓަން ކުޅުންތެރިއެކެވެ. އެކަމަކު ވަޒީފާއަކަށް ވަޑައިނުގެން ނުހުރެވޭނެތީ ބަނޑޮސް އައިލެންޑް ރިޒޯޓުގައި ވެސް މަސައްކަތްކުރެއްވި އެވެ. އެއަށް ފަހު ކިޔަވާ ވިދާޅުވާން ފުރުސަތު ލިބިވަޑައިގަތެވެ.
އެގޮތުން 1981 ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެން ޢަރަބިބަހާއި އަދަބިއްޔާތާއި ދީނީ ތަޢުލީމުގެ ދާއިރާއިން މަދީނާ އިސްލާމިކް ޔުނިވަރސިޓީގައި ފުރަތަމަ ޑިގްރީ ހާސިލުކުރެއްވިއެވެ. ޑިގްރީ އަށް ފަހު ރާއްޖެ ވަޑައިގެން މަޢުހަދުގައި ކިޔަވައިދެއްވަން ހަތަރު އަހަރު އުޅުއްވިއެވެ. އެއަށްފަހު އޮސްޓްރޭލިއާ އަށް ދިރިއުޅުން ބަދަލު ކުރެއްވިއެވެ.
އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީން މާސްޓަރސް ޑިގްރީ ހާސިލު ކުރެއްވުމަށް ފަހު ޕީއެޗްޑީ ނެންގެވީ 1999 ވަނަ އަހަރު މެލްބަން ޔުނވަރސިޓީން އިސްލާމީ ތަޢުލީމުގެ ދާއިރާއިންނެވެ.
ކިޔަވައިދެއްވުމުގައި ވެސް ބޮޑަށް އުޅުއްވީ އިސްލާމީ ތާރީޚާއި ޢަރަބިބަހުގެ ދާއިރާގައެވެ. އެގޮތުން 2007 ވަނަ އަހަރާ ހަމަޔަށް މެލްބަން ޔުނިވަރސިޓީގައި ލެކްޗަރާއަކަށް އުޅުއްވުމަށް ފަހުގައި އޮސްޓްރޭލިޔަން އިންޓަރނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންއާ ގުޅިވަޑައިގަތެވެ. ޑރ. ޢަބްދުލްޣަފޫރު އެތާނގައި ޢަރަބިބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވައެވެ.