ޢަބްދުލްމަޖީދު ޢަބްދުލްބާރީ
ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ | |
|---|---|
ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ، 2007 | |
| އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު (މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް) | |
މަޤާމުގައި 12 ނޮވެންބަރު 2008 – 12 ފެބުރުވަރީ 2012 | |
| ރައީސް | މުޙައްމަދު ނަޝީދު |
| ފަހުން ވަޑައިގަތީ | |
| އަވަހާރަވީ | 22 މޭ 2018 (55 އަހަރުގައި) ކޮޅުނބު, ސްރީލަންކާ |
| ސިޔާސީ ޕާޓީ | ޢަދާލަތު ޕާޓީ (2005–2013; 2015–2018) |
| އެހެނިހެން ސިޔާސީ ގުޅުންތައް | ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (2013–2015) |
| ދަރިން | 5 |
| މައިންބަފައިން | ބައްޕާފުޅު: އައްޝައިޚު ޢަބްދުލްބާރީ |
| މަތީތަޢުލީމު | އިސްލާމިކް ޔުނިވަރސިޓީ އޮފް މަދީނާ |
ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ބައްޕާފުޅަކީ އައްޝައިޚު ޢަބްދުލްބާރީއެވެ. ޑރ. ޢަބްދުލްމަޖީދު ފުރަތަމަ ތަޢުލީމު ޙާޞިލުކުރެއްވީ، އެމަނިކުފާނުގެ އުފަން ރަށް އައްޑު އަތޮޅު ހުޅުދޫ މަދަރުސާއިންނާއި، އެ އަތޮޅު ފޭދޫ ސްކޫލުންނެވެ. އެއަށްފަހު، މާލެ ވަޑައިގެން އީ.ޕީ.އެސް ސްކޫލުން ތައުލީމު ޙާޞިލުކުރެއްވިއެވެ. އިތުރަށް ތަޢުލީމު ޙާޞިލުކުރެއްވުމަށް ޕާކިސްތާނުގެ ޖާމިޢާ ސަލަފިއްޔާއަށާއި، ޖާމިޢާ ތަޢުލީމާތަށް ވަޑައިގެންނެވީ 1979ވަނަ އަހަރުއެވެ. އޭރު ވެސް ޢަރަބި އިސްލާމީ ތަޢުލީމަށް ލޯބިކުރެއްވި ޑރ. ޢަބްދުލްމަޖީދު، ސަޢޫދީ އަރަބިއްޔާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީއަށް ވަދެވަޑައިގަތީ 1982ވަނަ އަހަރުއެވެ. ޘާނަވީ ތަޢުލީމުން ފެށިގެން ޕީ.އެޗް.ޑީ.އާ ހަމަޔަށް ކިޔަވައިވިދާޅުވީ އެ ޔުނިވަރސިޓީގައެވެ. އެގޮތުން، އެ ޔުނިވަރސިޓީން ދަޢުވާ، އުޞޫލުއްދީން [ތިއޮލޮޖީ] އިން 1989ވަނަ އަހަރު ބެޗްލަރސް ޑިގްރީ ޙާޞިލުކުރެއްވިއެވެ. ބެޗްލަރސް ޑިގްރީގައި އެ މަނިކުފާނު ޑިސަރޓޭޝަން ލިޔުއްވައިފައިވަނީ [ރާއްޖެ އިސްލާމްވުން] މި މައުޟޫޢުގެ މައްޗަށެވެ. އޭގެފަހުން އެ ޔުނިވަރސިޓީގައި މާސްޓަރސް ހެއްދެވުމުގެ ފުރުޞަތު ވެސް ޑރ. ޢަބްދުލްމަޖީދަށް ލިބިވަޑައިގެންނެވިއެވެ. މާސްޓަރސް ހެއްދެވީ ތަފްސީރު، [އިންޓަރޕްރިޓޭޝަން އޮފް ޤުރްއާން] ޢުލޫމުލްޤުރްއާނުން 1993ވަނަ އަހަރުއެވެ. ޕީ.އެޗް.ޑީ ޙާޞިލުކުރެއްވީ 1997ވަނަ އަހަރުއެވެ.
ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީއަކީ މަދީނާ ޔުނިވަރސިޓީން ޕީ.އެޗް.ޑީ ޙާޞިލުކުރެއްވި ފުރަތަމަ ދިވެހި ޢިލްމުވެރިޔާއެވެ. އެ މަނިކުފާނު ލިޔުއްވި ތީސީސް، ސަޢޫދީ އަރަބިއްޔާގައި ވަނީ ތިން ފަހަރެއްގެ މަތިން ޗާޕުކޮށް، ލައިބްރަރީތަކުގައްޔާއި، ތަޢުލީމު ދޭ އެކިއެކި މަރުކަޒުތަކުގައި ބޭނުންކުރަމުންދާ ފޮތަކަށްވެފައެވެ.
ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ރާއްޖެ ވަޑައިގަތުމުން ފުރަތަމަ ހަމަޖެއްސެވީ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ދީނީ ޝިޢާރުތަކާ ބެހޭ ބައިގެ ޑިރެކްޓަރުކަމުގެ މަޤާމަށެވެ. އެއީ 1999 ނޮވެންބަރު 1 ގައެވެ. ފުރަތަމަ މަސައްކަތްޕުޅު ކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ މުދީރުގެ މަޤާމުގައެވެ. އެއަށްފަހު، ކީރިތި ޤުރްއާނާ ބެހޭ މަރުކަޒު އުފެއްދެވުމާ ގުޅިގެން، އެ ތަނުގެ މުދީރަކަށް 2000ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 11ވަނަ ދުވަހު ޢައްޔަންކުރެއްވިއެވެ. މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގެ މުދައްރިސެއްގެ ގޮތުގައި ޚިދުމަތް ކުރައްވަން ފަށްޓަވައިފައިވަނީ 2001ވަނަ އަހަރުއެވެ. 2006ވަނަ އަހަރު އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ދީނީ ހޭލުންތެރިކުރުމާ ބެހޭ ބައިގެ އެންމެ އިސް ބޭފުޅަކަށް ޑރ. ޢަބްދުލްމަޖީދު ހަމަޖެއްސެވިއެވެ.
މިހާރު ޢަމަލުކުރަމުންގެންދާ ޤާނޫނުއަސާސީގެ ދަށުން އަލަށް ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި ރައީސް މުޙައްމަދު ނަޝީދު، 2008ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11ވަނަ ދުވަހު އެކުލަވައިލެއްވި ކެބިނެޓްގެ އިސްލާމިކް މިނިސްޓަރަކީ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީއެވެ. އޭގެފަހުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ސީނިއަރ ލެކްޗަރަރއެއްގެ ގޮތުގައި 6 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވައިފައިވެއެވެ. އޭގެއިތުރުން، ވިލާ ކޮލެޖުގެ ލެކްޗަރަރއެއްގެ ގޮތުގައި ވެސް 7 އަހަރު ޚިދުމަތް ކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ފެށި މާސްޓަރ އޮފް ޝަރީޢާ ކޯހުގެ މުޤައްރަރު އެކުލަވައިލައްވައި، އެ ކޯހުގައި ކިޔަވައިދެއްވިއެވެ. އެމަނިކުފާނުގެ ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކުގެ ތެރޭގައި، ޤައުމީ ޔުނިވަރސިޓީއާއި، އިސްލާމީ ޔުނިވަރސިޓީއާއި، ވިލާ ކޮލެޖާއި، ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގައި ކިޔެވި ދަރިވަރުންނަށް، އެ ދަރިވަރުންގެ ކިޔެވުމުގެ ދާއިރާގައި އެސައިންމަންޓް ހެދުން ފަދަ ބޭނުންތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދެއްވުމަކީ ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތްޕުޅެކެވެ.
ޑރ. ޢަބްދުލްމަޖީދަކީ، ތަފާތު އެކިއެކި މައުޟޫޢުތަކަށް ފޮތްތައް ލިޔުއްވާފައިވާ ބޭފުޅެކެވެ. އޭގެތެރެއިން 6 ފޮތެއް ވަނީ ޝާއިޢުކުރެވިފައެވެ. އޭރު ކޮންމެ ހުކުރު ދުވަހަކު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ޝާއިޢު ކުރެއްވި [ހިދާޔަތުގެ އަލި] މި ނޫހަށް ޢިލްމީ މަޒުމޫނުތައް ލިޔުއްވިއެވެ. އަދި ތަފާތު އެތައް މައުޟޫޢަކަށް ހުކުރު ޚުޠުބާ ވެސް ހައްދަވައިދެއްވިއެވެ. ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ގޮތުން ޓީ.ވީ އާއި ރޭޑިޔޯ މެދުވެރިކޮށް ހޭލުންތެރިކުރުވުމުގެ ތަފާތު ޕުރޮގްރާމްތަކުގައި ޑރ. ޢަބްދުލްމަޖީދު ބައިވެރިވެވަޑައިގެންފައިވެއެވެ.
ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ހަނދާނަށް 2019ވަނަ އަހަރު ވަނީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަރުވައިފައެވެ.
ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ އަވަހާރަވީ ސްރީލަންކާގައި އޮތް ބައްދަލުވުމަކަށް ވަޑައިގެން އުޅުއްވަނިކޮށް ކުއްލި އާލާސްކަންފުޅެއް ޖެހިވަޑައިގެން، ފަރުވާދެމުން ގެންދަނިކޮށް 2018ވަނަ އަހަރުގެ މޭ މަހުގެ 22ވަނަ ދުވަހު ޢުމުރުފުޅުން 56 އަހަރުފުޅުގައެވެ. ފަސްދާނުލައިފައިވަނީ ސްރީލަންކާގެ ކޮލަމްބޯ 4 ގެ ޖާވައްތަ މުސްލިމް ސަހަރާގައެވެ.