Jump to content

ޢަބްދުލްމަޖީދު މުޙައްމަދު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

އައްޝައިޚް ޢަބްދުލްމަޖީދު މުޙައްމަދަކީ، މިޞްރުގެ ޖާމިޢަތުލްއަޒްހަރުން ކީރިތި ޤުރްއާނުގެ ތަފްސީރުގެ ދާއިރާއިން ތަޢުލީމު ޙާޞިލުކުރައްވައިފައިވާ ބޭފުޅެކެވެ. އައްޝައިޚް ޢަބްދުލްމަޖީދަކީ، ރާއްޖޭގައި އެންމެ ފުރަތަމަ ހިންގި ޤާރީ ކޯހުގައި ބައިވެރިވެވަޑައިގެން އަލްޤާރީ މުޙައްމަދު ޔޫނުސްގެ އަރިހުން ދަރިވަރުވި ބޭފުޅެކެވެ. ޤާރީ ކޯހުގެ ސެޓްފިކެޓް ޙާޞިލުކުރައްވާފައިވަނީ 1981ވަނަ އަހަރުގައެވެ.

ކީރިތި ޤުރްއާން އުނގަންނައި ދެއްވުމުގެ ޚިދުމަތް ޢަބްދުލްމަޖީދު ފެށްޓެވީ، އަމީނިއްޔާ ސްކޫލްގެ ޤުރްއާން މުދައްރިސެއްގެ ގޮތުން 1981ވަނަ އަހަރުގައެވެ.

އައްޝައިޚް ޢަބްދުލްމަޖީދު މުޙައްމަދަކީ، ރަމަޟާން މަސް އިޙްޔާ ކުރުމުގެ ޕްރޮގްރާމުގައި ޤުރްއާން ކިޔަވާ ވިދާޅުވެދެއްވާފައިވާ ބޭފުޅެކެވެ. ރާއްޖޭގެ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތްތަކުގައި ފަނޑިޔާރެއްގެ ގޮތުން މަސައްކަތް ކޮށްދެއްވައި، ތަފާތު ޖަލްސާތަކުގައި ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވެ، ބައެއް ސްކޫލް މަދަރުސާތަކުގެ ފަރާތުން ބޭއްވި ޤުރްއާން މުބާރާތްތަކުގައި ފަނޑިޔާރުކަން ވެސް ކޮށްދެއްވާފައިވެއެވެ. އަދި އަމިއްލަފުޅަށް ޤުރްއާން ކްލާހެއް އުފައްދަވައިގެން މާލެއާއި ބ. އަތޮޅު އޭދަފުށީގައި ޤުރްއާން ކްލާސް ހިންގަވަމުން ގެންދެވިއެވެ. އަދި މި ޤުރްއާން ކްލާސްތަކުގައި ކިޔަވައިދެއްވުމުގެ މަސައްކަތްވެސް ޢަމަލީގޮތުން ކުރައްވަމުން ގެންދަވައެވެ. މި މަސައްކަތް ކުރައްވަމުން ގެންދަވާތާ މިހާރު 23 އަހަރަށް ވުރެ ގިނަދުވަސް ވެއްޖެއެވެ. ރާއްޖެއިން ބޭރުގައި ބޭއްވި ބައިނަލްއަޤްވާމީ ބައެއް ޤުރްއާން މުބާރާތްތަކަށް ކުދީން ތަމްރީނުކުރެއްވުމާއި، ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތްތަކަށް ކުދީން ތައްޔާރުކުރެއްވުމުގައި ވެސް ޢަމަލީގޮތުން އައްޝައިޚް ޢަބްދުލްމަޖީދު ބައިވެރިވެވަޑައިގެންފައިވެއެވެ.

ކީރިތި ޤުރްއާނުގެ ޢިލްމުގައި އަލްޤާރީ ޢަބްދުލްމަޖީދުގެ މުހިންމުކަން ހާމަވާ އެއްކަމަކީ، ސަރުކާރުން ކީރިތި ޤުރްއާނާ ބެހޭ މަރުކަޒެއް އުފެއްދެވުމަށް ކުރެއްވި މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރެއްވުމެވެ. މީގެއިތުރުން، ޢަބްދުލްމަޖީދު މާލޭގައި އަދާކުރައްވަމުން ގެންދެވި ވަޒީފާއިން ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ވަޒީފާއަކަށް ބަދަލުވެވަޑައިގަތުމަށްފަހު، އޯ ލެވެލްއަށާއި އޭ ލެވެލްއަށް އިސްލާމް މާއްދާ ކިޔަވައިދެއްވުމުގެ އިތުރުން، އެ މަރުކަޒުގައި ކީރިތި ޤުރްއާން އުނގަންނައިދެއްވަމުން ގެންދަވައިފައިވެއެވެ. އަދި މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާއިން އޭދަފުށީގައި ހިންގެވި ޤާރީ ކޯސް ހިންގެވުމުގައި ޢަމަލީ ގޮތުން މަސައްކަތްކުރެއްވިއެވެ. ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން އޭދަފުށީގައި އުފައްދަވައިފައިވާ އެ މަރުކަޒުގެ ގޮފީގައި ހިންގަވާ ޤިރާއަތު ކޯސްތަކުގައި ކިޔަވައިދެއްވުމުގެ އިތުރުން، އެ ގޮފީގެ ކޯޑިނޭޓަރުގެ ގޮތުގައި ވެސް ޢަބްދުލްމަޖީދު މަސައްކަތްކުރައްވައިފައިވެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ދައުރުން ފެށިގެން ރާއްޖޭގައި އިމާމުވެ ހުކުރު ނަމާދާއި ޢީދު ނަމާދުކުރައްވަމުން ގެންދަވައެވެ.

އައްޝައިޚް ޢަބްދުލްމަޖީދު މުޙައްމަދު ވަނީ ދިވެހި ޤައުމަށް 30 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވައިފައެވެ. އެންމެ ފަހުން ޚިދުމަތްކުރެއްވީ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްލާމް މުދައްރިސެއްގެ ގޮތުގައެވެ. ޚިދުމަތުން ރިޓަޔަރކުރެއްވީ 2025ވަނަ އަހަރުގެ ތެރޭގައެވެ.

އައްޝައިޚް ޢަބްދުލްމަޖީދު މުޙައްމަދަށް 2018ވަނަ އަހަރު ވަނީ ކީރިތި ޤުރްއާން ކިޔެވުމާއި އުނގަންނައި ދިނުމާއި، ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާއިން؛ ކީރިތި ޤުރްއާން ކިޔެވުމާއި އުނގަންނައި ދިނުމުގެ ރޮނގުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ. ހިޖުރީ 15ވަނަ ޤަރުނު ފެށުމުގެ މުނާސަބާ ފާހަގަކުރުމަށް ރާއްޖޭގައި ބޭއްވުނު ބޭރު ރާގަށް ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތުން އައްޝައިޚް ޢަބްދުލްމަޖީދު މުޙައްމަދު 2ވަނަ ހޯއްދަވައިފައިވެއެވެ.