Jump to content

ޢަބްދުﷲ ޝިހާމް ޙަސަން

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
(މިސްރާބުކުރެވުނީ ޢަބުދުﷲ ޝިހާމް އިން)
ޑރ. ޢަބްދުﷲ ޝިހާމް ޙަސަން

ޑރ. ޢަބްދުﷲ ޝިހާމް ޙަސަން (މއ. ނައިބުގެ) އަކީ ޤާނޫނީ ދާއިރާއިން ޕީއެޗްޑީ ހައްދަވައިފައިވާ ބޭފުޅެކެވެ.

ޑރ. ޢަބްދުﷲ ޝިހާމް ޙަސަން ވަނީ ޔުނިވަރސިޓީ އޮފް ކޮލަމްބޯގައި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އެގްޒެކެޓިވް ޑިޕްލޮމާ ޙާޞިލުކުރައްވައިފައެވެ. އަދި ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ކިންގް ސަޢުދު ޔުނިވަރސިޓީގައި ޢަރަބިބަހުގެ ދާއިރާއިން ވެސް ޑިޕްލޮމާ ޙާޞިލުކުރެއްވިއެވެ. ޝަރީޢާގެ ދާއިރާއިން ފުރަތަމަ ޑިގުރީ ޙާޞިލުކުރެއްވީ ނައިޖީރިއާގައި ހުންނަ އަޙްމަދު ބެއްލޯ ޔުނިވަރސިޓީގައެވެ. އަދި ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގުރީ (އެލް.އެލް.ބީ) ޔުނިވަރސިޓީ އޮފް ޓެސްމޭނިއާގައި ޙާޞިލުކުރެއްވިއެވެ. އެއަށްފަހު ޤާނޫނީ ދާއިރާއިން މާސްޓާރސް ޑިގުރީ އާއި ޕީއެޗްޑީ ޙާޞިލުކުރެއްވީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައެވެ.

ޑރ. ޢަބްދުﷲ ޝިހާމް ޙަސަން އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ވަގުތީ ހައިކޮމިޝަނަރުކަމާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ލީގަލް ކޮންސަލްޓަންޓްކަމާއި، ދިވެހިރާއްޖޭގެ އިސްލާމީ ފިޤްހު އެކެޑަމީގެ މެންބަރުކަމާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސްލާމިކް ފައިނޭންސް އެޑްވައިޒަރުކަމާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ސީނިއަރ ލެކްޗަރަރކަމާއި، އެ ފެކަލްޓީގެ ލޯ ޑިޕާޓްމެންޓްގެ އިސްވެރިޔާކަމާއި، ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަންކަމާއި، އަމާނާ ތަކާފުލްގެ ބޯޑު ޑިރެކްޓަރުކަން ހިމެނެއެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މަޖިލީހަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން އައްޔަންކުރެއްވި މެންބަރެއްގެ ހައިސިއްޔަތުން އެ މަޖިލީހުގައި މަސައްކަތްކުރައްވައިފައިވެއެވެ. މީގެއިތުރުން ޑރ. ޢަބްދުﷲ ޝިހާމް ޙަސަނަކީ ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ 1997 ވަނަ އަހަރު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ޑރ. ޢަބްދުﷲ ޝިހާމް ޙަސަނަކީ ދިވެހިރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް މަސައްކަތްކުރައްވާ ބޭފުޅެކެވެ. މި ރޮނގުން ޑރ. ޝިހާމް ކުރައްވާ މަސައްކަތްޕުޅުތަކުގެ ތެރޭގައި މިސްކިތްތަކުގައި ދަރުސް ދެއްވުމާއި، ޚުޠުބާ ދެއްވުމާއި، ކޮލެޖު/ޔުނިވަރސިޓީތަކުގައި ކިޔަވައިދެއްވުމާއި، ދީނީ ޕްރޮގްރާމުތައް ހުށަހަޅުއްވައިދެއްވުން ހިމެނެއެވެ.