ޢަބުދުލް މުޙުސިން ޙަމީދު
ޢަލްފާޟިލް ޢަބުދުލް މުޙުސިން ޙަމީދު އަކީ ރައްޔިތުން މަޖުލީހުގެ ކުރިއަށް އޮތް 5 އަހަރު ދުވަހަށް ފ.އަތޮޅު ދަރަބޫދޫ އަދި ނިލަންދޫ ހިމެނޭ ނިލަންދޫ ދާއިރާއިން ރައްޔިތުންގެ މަޖުލީހަށް އިންތިޚާބު ކުރެވިފައިވާ ދިވެހިރައްޔިތުންގެ ޕާޓީއަށް ނިސްބަތްވާ ކެންޑިޑޭޓެކެވެ. އޭނާ އަކީ ފ.ނިލަންދޫ އަށް އުފަން ފަރާތެކެވެ.
އާއިލާ
[އުނިއިތުރު ގެންނަވާ]ޢަބުދުލް މުޙުސިން ޙަމީދު އަކީ ފ.ނިލަންދޫ ފިނިފެންމާގޭ ޙަސަން ޙަމީދު އަހުމަދު އާއި އެރަށު ފިޔަނޫމާގޭ މަރިޔަމް ޙުސައިންގެ 4 ވަނަ ދަރިފުޅެވެ. އުފަންވެފައިވަނީ 26 އެޕްރީލް 1974 ގައި ފ.ނިލަންދޫ ފިނިފެންމާގޭގައެވެ. ޢަބުދުލް މުޙުސިން ޙަމީދު ގެ ޅަދުވަސް ހޭދަކުރެއްވީ ފ.ނިލަންދޫގައެވެ. ޒަވީޖީ ޙަޔާތެއް ފެއްޓެވީ 1997 ވަނަ އަހަރު އެވެ. ޙަޔާތުގެ ބައިވެރިޔާ އަކީ މއ. ދަގަނޑުކެނޑިގޭ އާމިނަތު ޝާޒިޔާ އެވެ. މުހުސިން އާއި އާމިނަތު އަށް 2 ފިރިހެން ކުދިން ލިބިފައި ވެއެވެ. މުޙުސިން އާއިލާ އަކީ މުޅި ފ.އަތޮޅު ދަންނަ މަޝްހޫރު އާއިލާ އެކެވެ. ބައްޕަ ޙަސަން ހަމީދު އަކީ ވެރިކަމުގެ ދާއިރާގަޔާއި، ސަރުކާރުގެ އެހެނިހެން ފެންވަރުގެ ވަޒީފާތަކުގައި މެދުކެނޑުމެއްނެތި 42 އަހަރު މަސައްކަތް ކުރައްވައި މިހާރު ރިޓަޔަރ ކުރައްވާފައިވާ ފަރާތެކެވެ. އޭނާގެ އާއިލާގެ ގިނަ މީހުންނަކީ ސަރުކާރުގެ އެކަށޭނަ ވަޒީފާތައް ފުރަމުންގެންދާ ފަރާތްތަކެކެވެ.
ތަޢުލީމް
[އުނިއިތުރު ގެންނަވާ]ކޮންމެ މީހެއްގެ ވެސް ފުރަތަމަ އެދުރުންނަކީ އެމީހެއްގެ މައިންބަފައިން ކަން ގައިމެވެ. އެގޮތުން މުޙުސިންގެ ތައުލީމީ ބިންގާވެސް އެޅިގެން އައީ ގޭތެރެއިންނެވެ. އާދެ މައިންބަފައިންގެ ކިބައިންނެވެ. އެއަށްފަހު ކީރިތި ގުރުއާން ކިޔަވަން ދަސްކޮށް، ނަމާދުކުރަން ދަސްކޮށް ހަދާފައިވަނީ ނިލަންދޫގެ އެތައް ދަރިންނަކަށް ގުރުއާން ކިޔަވައި ނަމާދުކުރަން ދަސްކޮށްދީފައިވާ އެދުރުދައިތަ ހައްވާ ފިކްރީ ގެ އަރިހުންނެވެ. އޭގެ ފަހުން ފ.ނިލަންދޫ ސްކޫލުން މުޙުސިން ތަޢުލީމް ޙާޞިލްކޮށްފައި ވެއެވެ. މުޙުސިން އަކީ ނިލަންދޫ ރައްޔިތުންނާއި، ފ.އަތޮޅު އެތައުލީމީ މުއައްސަސާ އަށް ފަޚުރުވެރިވާ ފ.އަތޮޅު ތައުލީމީ މަރުކަޒުން ތައުލީމު ޙާޞިލް ކުރުމުގެ ފުރުޞަތު ލިބުނު ފަރާތެއް ނޫނެވެ. ސަބަބަކީ ސުކޫލް ހުޅުވުނު އަހަރު އާދެ 1986 ވަނަ އަހަރު މާލޭގައި މަޖީދިއްޔާ ސްކޫލްގައި ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު މުހުސިން އަށް ލިބިގެން ދިއުމެވެ. ބުނެވޭގޮތުގައި މުޙުސިނަށް އެފުރުޞަތު ލިބުނު ޚަބަރު ދިންއިރު މުޙުސިން އިނީ ރަހުމަތްތެރި ކުދިންނާއި އެކު ސުކޫލް ހުޅުވޭތީ ބޯޅަ ދަނޑު ދިލާ ސާފުކުރުމުގެ މަސައްކަތުގައެވެ. މިދެންނެވި ފުރުޞަތު މުހުސިނަށް ލިބިގެންދިޔައީ ކޮންމެ އަހަރަކު ފ.އަތޮޅުގެ ދަރިވަރުންނަށް ހުޅުވާލައިގެން ބާއްވާ ޢަބުދުﷲ އިސްމާޢީލް އެވޯޑް ގައި މުޅި އަތޮޅުން 1 ވަނަ ދަރިވަރަކަށް މުޙުސިން ހޮވިގެންނެވެ. ޢަބުދުލް މުޙުސިން ޙަމީދު މަޖީދިއްޔާ ސުކޫލް އިން ތައުލީމް ޙާޞިލްކޮށް ނިންމީ 1996 ވަނަ އަހަރު އެވެ.
ކުޅިވަރު
[އުނިއިތުރު ގެންނަވާ]ޢަބުދުލް މުޙުސިން ޙަމީދު ގިނަބަޔަކަށް ފާހަގަ ކުރެވޭނީ ކުޅިވަރުގެ ދާއިރާގައިކަން ޔަގީނެވެ. އެގޮތުން އޭނާއަކީ މިހާރުވެސް ރާއްޖޭގެ މަޝްހޫރު ކްލަބު މެކާނޯ ހިންގުމުގެ އެންމެ އިސްސަފުގައި ހުންނެވި ބޭފުޅާއެވެ. އެކުލަބުގެ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި އޭނާ ހުންނަކަން ފާހަގަކުރެވެއެވެ. އަދި މީގެ އިތުރުން އެފްއޭއެމުންނާއި ބައެއް އަމިއްލަ ފަރާތްތަކުން ބާއްވާ ފުޓްސެލްއާއި ފުޓުބޯޅަ މުބާރާތްތައް އިންތިޒާމްކުރުމަކީ އޭނާއަށް ލިބިވަޑައިގެންފައިވާ މެނޭޖްމަންޓް ހުނަރު ތަމްސީލް ކޮށްދޭ ކަމެކެވެ. މުހުސިންގެ މޭސްތިރި ކަމުގެ ދަށުގައި ސްޕޯޓްސް ކްލަބް މެކާނޯ ވަނީ ތަފާތު އެތައް މުބާރާތެއް ކާމިޔާބުކޮށްފައެވެ. އެގޮތުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ މުބާރާތުގައި 3 ވަނަ ޑިވިޝަންގެ އަދި 2 ވަނަ ޑިވިޝަންގެ ޗެމްޕިއަންކަމާއި ރަނައަޕް ކަން ތަފާތު ފަހަރު ތަކުގައި ހޯދާފައި ވެއެވެ. އަދި ފުރަތަމަ ޑިވިޝަން ގައި ވެސް އެއް އަހަރު މެކާނޯ ކުޅެފައި ވެއެވެ. މީގެ އިތުރުން 2006 ވަނަ އަހަރު ފ.ނިލަންދޫ ޒުވާނުންތަކެއް އިސްނަގައިގެން އުފައްދާފައިވާ ޖަމްޢިއްޔަތުއް ޝަބާބު ގެ އެއް މުއައްސިސަކީ ވެސް ޢަބުދުލް މުހުސިން ހަމީދު އެވެ.
ގަޑީގެ މަސައްކަތް
[އުނިއިތުރު ގެންނަވާ]ކުޅިވަރުގެ އިތުރުން ދިރިއުޅުމުގެ މައިދާނުގައި މުހުސިން ހަރަކާތްތެރިވީ ޓެކްނިކަލް ރޮނގެއްގައެވެ. އާދެ ގަނޑި ހެދުމުގެ މަސައްކަތުގައެވެ. އަތުކުރީ ގަޑި މަރާމާތުކުރުމުގައި ދެވަނައެއް ނެތް ބޭފުޅެއްކަމަށް ރީފުސައިޑުގައި އޭނާއާއިއެކު މަސައްކަތްކުރައްވާ އެކުވެރިން ހާމަކުރެއެވެ. އެދާއިރާއިން ތަފާތު ކުރުކޯސްތައް ރާއްޖެއިން ބޭރުން ހައްދަވާ ޓައިޓަން ގަޑި އުފައްދާ ސްވިސް ކުންފުނީގެ އިތުބާރު ހޯއްދަވާފައިވެއެވެ. ނަތީޖާއަކީ ޓައިޓަންގަޑި މަރާމާރުކުރުމުގެ ލައިސަންއޮތް ހަމައެކަނި ދިވެހި މީހާ ގެ ފަޚުރު މުހުސިނަށް ލިބުމެވެ. ރީފްސައިޑް ކޮމްޕެނީގައި މެދު ކެނޑުމެއްނެތި ގާތްގަނޑަކަށް 12 އަހަރު މަސައްކަތް ކުރައްވައި، ރީފްސައިޑް އާއި، އެތަނުން ޚިދުމަތް ލިބިގަންނަ ކަސްޓަމަރުންގެ އިތުބާރު މިދާއިރާގައި މުޙުސިންވަނީ ހޯދާފައެވެ. ގަޑި ހެދުމުގެ މަސައްކަތުގައި ތަމްރީނު ހޯއްދެއްވުމުގެ ގޮތުން އިންޑިޔާ، ޖަޕާން، ތައިލޭންޑް ފަދަ ގައުމު ތަކުގައި ތަފާތު ކުރުކޯސްތައް މުޙުސިން ފުރިހަމަ ކުރައްވާފައި ވެއެވެ.
ސިޔާސީ ދާއިރާ
[އުނިއިތުރު ގެންނަވާ]ސިޔާސީ ދާއިރާ އަކީ މުޙުސިން އަށް މުޅިން އާދާއިރާ އަކަސް އެއީ އޭނާގެ އާއިލާއަށް އާ ދާއިރާއެކޭ ބުނެވޭކަންނެތެވެ. ސަބަބަކީ ބައްޕަ ޙަސަން ޙަމީދު އަތޮޅުވެރިކަމުން، ފެށިގެން ގޮސް، ރަށުވެރިކަމާއި އެނޫންވެސް ވަޒީފާތައް ފުރުއްވާފައިވުމެވެ. ތެދެއްމެ! ސިޔާސީ ދާއިރާއަށް ނިކުންނަ އެންމެންނަކީ ދޫހެލޭ މާމޮޅު ތަޢުލީމެއް ލިބިފައިތިބޭ ބަޔަކަށް ނުވެ ހިގައިދާނެއެވެ. ޢިލްމު ނެތް މީހާގެ ވެސް ރަގަޅު ޙިލްމެއް ހުރެއްޖެނަމަ އެމީހަކަށް ކުރިއަށް ދިއުމުގެ މަގުފަހިވެއެވެ. އެބީދައިން ސިޔާސީ ދާއިރާގައި މުޙުސިން އަށް ކުރިމަގު އޮތް ކަމުގައި އޭނާގެ އެކުވެރިން ބުނެއެވެ. މިފަހަރުގެ އިންތިޚާބުގައި ނިލަންދޫ ދާއިރާގެ ގޮނޑި ކާމިޔާބުކޮށް، މަޖުލީހުގެ ތަޅުމުގައި ފ.އަތޮޅު ތަމްސީލްކުރާ އެއް ކެންޑިޑޭޓަކަށް މުޙުސިން ވުމަކީ ސިޔާސީ ދާއިރާގައި އޭނާ ގިރާކުރި ފުރަތަމަ ހަރުފަތެވެ. 17 ވަނަ ރައްޔިތުން މަޖުލީހުގެ އިންތިޚާބުގައި 2009 މެއި 9 ވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖުލީހުގެ އިންތިޚާބުގެ ފ.ނިލަންދޫ ދާއިރާގެ ގޮނޑި އޭނާ ކާމިޔާބުކުރެއްވީ ބައިވެރިވި އަނެއް 4 ކެންޑިޑޭޓުންނާއި ވާދަކުރައްވައި، ވަރަށް ފުރިހަމަ އަޣްލަބިއްޔަތަކުންނެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާގައި މުހުސިނަށް 503 ވޯޓް ލިބިފައިވެއެވެ. މުހުސިން އާއި އެންމެ ކައިރިން ވާދަކުރެއްވި އިބްރާހީމް އަޙުމަދު އަށް ލިބިފައިވަނީ 326 ވޯޓެވެ. 18 ވަނަ ރައްޔިތުން މަޖުލީހުގެ އިންތިޚާބުގައި އަބުދުލް މުހުސިން ހަމީދު އިންތިޚާބުން ބަލިވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. އެފަހަރު ވާދަކުރެއްވީ ބޮޑުބޭބެ ކިޔާ ބޭފުޅެއް ކަމުގައިވާ ޑރޢަބުދުﷲ ޚަލީލް އާއެވެ.
19 ވަނަ މަޖުލިސް އިންތިޚާބުަގައި އަނެއްކާވެސް ނިލަންދޫ ދާއިރާއަށް އިންތިޚާބުކުރެވުނެވެ. އެފަހަރު ކާމިޔާބު ކުރެއްވީ އެންމެ ކައިރިން ވާދަކުރެއްވި ޢަބުދުﷲ ޚަލީލް އާއި ދެމެދުގައި 29 ވޯޓުގެ ތަފާތެއް އޮވެގެންވެ.
އަދާކުރެއްވި ވަޒީފާތައް
[އުނިއިތުރު ގެންނަވާ]- 17 ވަނަ ރައްޔިތުންގެ މަޖުލީގެ ފ.ނިލަންދޫ ދާއިރާގެ މެންބަރުކަން
- ސްޓޭޓް މިނިސްޓަރ : މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
- ސްޓޭޓް މިނިސްޓަރ : މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރަސްޓްރަކްޗަރ
- 19 ވަނަ ރައްޔިތުންގެ މަޖުލީގެ ފ.ނިލަންދޫ ދާއިރާގެ މެންބަރުކަން
- އެފްއޭއެމްގެ ނާއިބު ރައީސްކަން
- ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ބޯޑު މެންބަރުކަން
- ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ރައީސްކަން