ޝަޝީ ކަޕޫރު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ޝަޝީ ކަޕޫރު

ޝަޝީ ކަޕޫރު ޝަރްމިލީ ގެ މަންޒަރެއްގައި (1971)
އުފަންވީ މާރޗް 18 ، 1938(1938-03-18)
Flag of އިންޑިޔާ Calcutta, Bengal Presidency, British India
ފާހަނގަ ކޮށްލެވޭ ރޯލްތައް ވަޤުތު ގައި ވިޖޭ ގެ ރޯލް (1965)
ހަޔާތުގެ ބައިވެރިޔާ ޖެނިފަރ ކެންޑެލް (1958-1984)

ޕްރިތްވީ ރާޖު ކަޕޫރު އާއި ރާމާ ކަޕޫރުގެ ތިންވަނަ ދަރިފުޅު ބަލްބީރު ރާޖު ކަޕޫރު ނުވަތަ ޝަޝީ ކަޕޫރު (ހިންދީ ބަހުން: शशि कपूर, އުރުދޫ ބަހުން: ششِ کپُور) އުފަންވެފައިވަނީ 18 މާރޗް 1938 ގައި އިންޑިޔާގެ ކަލްކަތާ ގައެވެ. ހުނަރުވެރި ރޮމެންޓީކް ބަތަލެއްގެ ގޮތުން ފާހަގަ ވެގެންދިޔަ ޝަޝީ ކަޕޫރު ރީތި އެތައް ފިލްމް ތަކެއް ކުޅެފައެވެ.

ކެރިއަރ[އުނިއިތުރު ގެންނަވާ]

ޝަޝީ ކަޕޫރު އާއި ޖެނިފަރ ކެންޑަލްގެ މަސައްކަތުން 1978 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 5 ވަނަ ދުވަހު އިންޑިޔާގެ ބޮމްބޭގައި ޕްރިތްވީ ތިއޭޓަރު ހުޅުވުނެވެ. ފުރަތަމަ ބޭއްވުނު ތަމްސީލުގައި އޯމްޕޫރީ އަދި ނަޞީރުއްދީން ޝާހް ބައިވެރި ވެފައި ވެއެވެ. ތިއޭޓަރު ހުޅުވިތާ ކުރީކޮޅު ފައިސާގެ ދަތިކަމާހުރެ ތިއޭޓަރު ރަގަޅަށް ހިގާފައި ނުވިޔަސް ފަހުން އެތިއޭޓަރު ވެފައިވަނީ ބޮމްބޭގައި އަދި އިންޑިޔާގައި ވެސް ހުރި އެންމެ ފެންވަރު އެއް ތިއޭޓަރުގެ ގޮތުގައެވެ. މިހާރު މިތިއޭޓަރުން މުނިފޫހި ފިލުވުމުގެ ދާއިރާ އާއި ގުޅޭ ތަފާތު މަސައްކަތްތައް ކުރެއެވެ.

މިތިއޭޓަރުން މިހާރު ކުރާ މަސައްކަތްތަކުގެ ތެރޭގައި އެކްޓްކުރަން ދަސްކޮށްދިނުން، ފިލްމް އުފެއްދުން، ކުޑަކުދިންނަށް ސްޓޭޖް އެކްޓް ދަސްކޮށްދިނުން، އަދި ޕްރިތްވީ ގެލެރީގެ ނަމުގައި ފޮޓޯ ގެލެރީއެއް ހިންގުން ވެސް ހިމެނެއެވެ. މިއަދު ޕްރިތްވީ ތިއޭޓަރު ހިންގުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ ޝަޝީ ކަޕޫރު ގެ ހަމައެކަނި އަންހެން ދަރިފުޅު ސަންޖަނާ ކަޕޫރު އެވެ. އޭގެ ކުރިން ފިރިހެން ދަރިއެއް ކަމުގައިވާ ކުނާލް ކަޕޫރު ވެސް މިތިއޭޓަރު ހިންގާފައި ވެއެވެ.

ޝަޝީ ކަޕޫރު ސްޓޭޖް ޑްރާމާ އެއްގައި އެންމެ ފުރަތަމަ ހަރަކާތްތެރިވީ އުމުރުން އެންމެ 6 އަހަރުގައެވެ. ހިންދީ ފިލްމަކުން ފުރަތަމަ ފެނިފައިވަނީ އުމުރުން 10 އަހަރުގައި 1948 ގައި ނިކުތް އާގް އިންނެވެ. އެއަށްފަހު އުމުރުން 12 އަހަރުގައި 1951 ގައި ނިކުތް އާވާރާ އިންނެވެ. ބަތަލެއްގެ ގޮތުން ޝަޝީ ކަޕޫރު ފެންނަށް ފެށީ 1960ގެ އަހަރު ތަކުގެ ކުރީކޮޅު އެވެ. އެދުވަސްވަރު ކުޅުނު ފިލްމް ތަކުގެ ތެރޭގައި 1961 ވަނަ އަހަރު ނިކުތް ޔާޝް ޗޮޕްޅާގެ ދަރަމް ޕުތުރާ،1962 ވަނަ އަހަރު ނިކުތް ބިމާލް ރޯއީގެ ޗާރު ދިވާރު، ޕްރޭމް ޕްތުރާ، ފަދަ ފިލްމްތައް ހިމެނެއެވެ. ބޮކްސް އޮފީހުން މިފިލްމްތަކަށް މާބޮޑު ކާމިޔާބީ އެއް ލިބިފައެއް ނުވެއެވެ. ޝަޝީ ކަޕޫރުގެ މަގުބޫލުކަން އިތުރުކޮށްދިން ފުރަތަމަ ދެފިލްމަކީ 1965 ވަނަ އަހަރު ނިކުތް މަގްބޫލް އަދި ޖަބްޖަބް ޕޫލްކިލޭ އެވެ.

1970ގެ އަހަރު ތަކުގެ ކުރީކޮޅު ރާޖޭޝް ކަންނާ ފިލްމު ކުޅެން ފެށުމުން ޝަޝީ ކަޕޫރު ގެ ފިލްމީ ކެރިއަރަށް ފަނޑުކަމެއް އައިކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކާފައި ވެއެވެ. ނަމަވެސް ރާޖޭޝް ކަންނާ އާއެކު ކުޅުނު ބައެއް ފިލްމްތަކުގެ ސަބަބުން ޝަޝީ ކަޕޫރު ގެ މަގްބޫލުކަން އިތުރުވެގެން ގޮސްފައި ވެއެވެ. މިގޮތުން އެދުވަސްވަރު ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި ޝަރުމިލީ، އާގަލޭ ލަގްޖާ، އަދި ޗޯރު މަޗާޔޭ ޝޯރު ފަދަ ފިލްމްތައް ހިމެނެއެވެ.

ޝަޝީ ކަޕޫރު ގެ ފިލްމީ ހަޔާތުގައި އެންމެ ކާމިޔާބު ފިލްމްތަކެއް ކުޅެފައިވަނީ ސްޕަރސްޓަރ އަމިތާބް ބައްޗަން އާއެކުގައެވެ. މިގޮތުން ކުޅުނު ފާހަގަ ކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި ދީވާރު ،ކަބީކަބީ، ތްރިޝޫލް، ސިލްސިލާ، އަދި ދޯއައުރު ދޯޕާންޗް ފަދަ ފިލްމްތައް ހިމެނެއެވެ. 1975 ވަނަ އަހަރު ރިލީޒްވި ޑައިރެކްޓަރ ޔާޝް ޗޮޕްޅާގެ ދީވާރު އިން ޝަޝީ ކަޕޫރު އަށް ފިލްމް ފެއަރ އެވޯޑްގެ ބެސްޓް ސަޕޯޓިންގ އެކްޓަރުގެ މަގާމް ލިބިފައި ވެއެވެ.

1980 ވަނަ އަހަރު ނިކުތް ޑައިރެކްޓަރު ގޯވިންދު ނިހަލާނީގެ ފިލްމް ވިޖޭތާ އަކީ ވެސް ޝަޝީ ކަޕޫރު ޕްރޮޑިއުސް ކޮށްފައިވާ ފިލްމެކެވެ. މިއީ އޭނާގެ ފިރިހެން ދަރިއެއްކަމަށްވާ ކުނާލް ކަޕޫރު ހިންދީ ފިލްމީ ގޮޅިގަނޑު ގިރާކުރި ފިލްމް ވެސް މެއެވެ. މިފިލްމްގައި ޝަޝީ ކަޕޫރު ވެސް ހަރަކާތްތެރި ވެފައި ވެއެވެ. ޝަޝީ ކަޕޫރު ފުރަތަމަ ޑައިރެކްޓް ކޮށްފައިވާ ފިލްމަކީ 1991 ވަނަ އަހަރު ރިލީޒްވި އަޖޫބާ އެވެ.

ހިންދީ ފިލްމްތަކުގެ އިތުރުން ޝަޝީ ކަޕޫރު ވަނީ ބައެއް އިންޑޯ-އިންގްލިޝް ފިލްމްތައް ކުޅެ ބައިނަލް އަގްވާމީ މަސްރަހުންވެސް މަގުބޫލުކަން ހޯދާފައެވެ. މިގޮތުން ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި 1962ގައި ނިކުމެފައިވާ ޛަ ހައުސް ހޯލްޑަރ، 1965ގައި ނިކުމެފައިވާ ސެކްސްޕެއަރ ވައްލާ، 1968ގައި ނިކުމެފައިވާ އަ މެޓާ އޮފް އިނޮސެންސް، 1970ގައި ނިކުމެފައިވާ ބޮމްބޭ ޓޯކީ، 1972ގައި ނިކުމެފައިވާ ސިދާރްތާ، 1982ގައި ނިކުމެފައިވާ ހީޓް އެންޑް ޑަސްޓް، 1987ގައި ނިކުމެފައިވާ ސައްމީ އެންޑް ރޯޒީ ގެޓް ލެއިޑް، 1994ގައި ނިކުމެފައިވާ އިން ކަސްޓަޑީ، އަދި 1998 ވަނަ އަހަރު ނިކުމެފައިވާ ސައިޑް ސްޓްރީޓްސް އަދި ޖިއްނާހް ފަދަ ފިލްމްތައް ހިމެނެއެވެ.

މިއަދު ޝަޝީ ކަޕޫރު ހަރަކާތްތެރިވަނީ ކެންސަރު ބަލީގެ އަހުލުވެރިންނަށް އެހީތެރިވެ ދިނުމުގައެވެ. ތަފާތު 3 ޖަމްޢިއްޔާ އަކަށް ޝަޝީ ކަޕޫރު ގެ ޚިދުމަތް މިގޮތުން ފޯރުކޮށްދެއެވެެ. އެއީ އިމްޕީރަލް ކެންސަރ ސޮސައިޓީ އޮފް ލަންޑަން، ކެންސަރ ޕޭޝެންޓްސް އެއިޑް ސޮސައިޓީ، އަދި ކެއަރ އިންޑިޔާ ޕޫނާ މި 3 ޖަމްޢިއްޔާ އެވެ.

އަމިއްލަ ހަޔާތް[އުނިއިތުރު ގެންނަވާ]

ފިލްމީ އޮޅިގަނޑު ގިރާކުރުމުގެ ކުރިން ޝަޝީ ކަޕޫރު ވަނީ ތިއޭޓަރު ތަކުގައި ބޭއްވޭ ސްޓޭޖް ޑްރާމާ ތަކުގައި ވެސް ހަރަކާތްތެރި ވެފައެވެ. އެދުވަސްވަރު ތިއޭޓަރު ޑްރާމާ ތަކުގައި ބައިވެރިވި ޖަރުމަނަން އުފަން ޖިއޯފްރީ އަދި ލައުރާ ކެންޑަލްގެ އަންހެން ދަރިފުޅު ޖެނިފަރ ކެންޑަލް އާއި ޝަޝީ ކަޕޫރު ގެ ކައިވެނި ކުރެވުނެވެ. އެއީ 1958 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ޖެނިފަރ ކެންޑަލް އާއި ޝަޝީ ކަޕޫރު ކައިވެނިކޮށްގެން 3 ކުދިން ލިބިފައި ވެއެވެ. އެއީ ކުނާލް ކަޕޫރު، ކަރަން ކަޕޫރު، އަދި ސަންޖަނާ ކަޕޫރު އެވެ. ޖެނިފަރ ކެންޑަލް މިދުނިޔެ ދޫކުރީ 7 ސެޕްޓެމްބަރު 1984 ގައެވެ.

ލިބިފައިވާ އެވޯޑްތައް[އުނިއިތުރު ގެންނަވާ]

ފިލްމް ފެއަރ އެވޯޑް[އުނިއިތުރު ގެންނަވާ]

  • 1975 - ބެސްޓް ސަޕޯޓިން އެކްޓަރ (ދީވާރު)

ނޭޝަނަލް ފިލްމް އެވޯޑް[އުނިއިތުރު ގެންނަވާ]

  • 1986 - ބެސްޓް އެކްޓަރ (ނިއުޑެލްހީ ޓައިމްސް)
  • 1994 - ސްޕެޝަލް ޖޫރީ އެވޯޑް ( މުހާފިޒް )

ބެންގަލް ފިލްމް ޖާނަލިސްޓް އެސޯސިއޭޝަން އެވޯޑް[އުނިއިތުރު ގެންނަވާ]

  • 1965 - ބެސްޓް އެކްޓަރ ( ޖަބްޖަބް ޕޫލް ކިލޭ )
  • 1988 - ބެސްޓް އެކްޓަރ ( ނިއުދެލްހީ ޓައިމްސް )

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]