ޙުސައިން ޔޫސުފް
ފަޟީލަތުއްޝައިޚުލްމަރްޙޫމު ޙުސައިން ޔޫސުފަކީ، 29 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ފުރަތަމަ އަދާކުރެއްވީ ބޮޑު އިސްޓޯރުގެ ކާތިބުކަމެވެ. އޭގެފަހުން، ވުޒާރަތުލްމަޢާރިފުގެ ކާތިބުކަން ވެސް ކުރެއްވިއެވެ.
ފަޟީލަތުއްޝައިޚުލްމަރްޙޫމު ޙުސައިން ޔޫސުފް، ސަޢޫދީ ޢަރަބިއްޔާގެ އަލްމަދީނަތުލްމުނައްވަރާގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) އިން ޝަރުޢީ ދާއިރާއިން ބެޗްލަރސް ޑިގްރީ ޙާޞިލުކުރެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ފުރަތަމަ އަދާކުރެއްވީ މިނިސްޓްރީ އޮފް ޖަސްޓިސްގެ ޤާޟީކަމެވެ. މިނިސްޓްރީ އޮފް ޖަސްޓިސްގެ ޚާއްޞަ ޤާޟީކަމާއި، އެ މިނިސްޓްރީގެ ޑިރެކްޓަރ އޮފް ޖުޑީޝަލް އެފެއާޒްގެ މަޤާމާއި، ޑިރެކްޓަރ ޖެނެރަލް އޮފް ޖުޑީޝަލް އެފެއާޒްގެ މަޤާމާއި، އެގެޒެކްޓިވް ޑިރެކްޓަރކަމުގެ މަޤާމާއި، ޤާނޫނީ ކަންކަމަށް ލަފާ ދޭ ޚާއްޞަ މުޝީރުކަން ކުރެއްވިއެވެ. ފުރަތަމަ ޕެންޝަން ލިބިވަޑައިގެންފައިވަނީ 2003 ޖޫން 14ވަނަ ދުވަހުއެވެ.
ޙުސައިން ޔޫސުފް އެންމެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވަނީ ރާއްޖޭގެ ޝަރުޢީ ދާއިރާގައެވެ. ރާއްޖޭގެ ޝަރުޢީ ދާއިރާގެ ވަރަށް އިސް މަޤާމުތަކެއްގައި ހުންނަވައިގެން އެ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކަކީ ފާހަގަކޮށްލެވޭ ޚިދުމަތްތަކެކެވެ.
ފަޟީލަތުއްޝައިޚުލްމަރްޙޫމު ޙުސައިން ޔޫސުފަކީ، ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަކީލުކަމުގެ މަޤާމާއި، އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ޚާއްޞަ މުޝީރުކަމުގެ މަޤާމާއި، މަދްރަސަތުއްޠައިބާގެ ޢަރަބި އިސްލާމް ކިޔަވައިދޭ މުދައްރިސްކަމުގެ މަޤާމު ވެސް ފުރުއްވައިފައިވާ ޢިލްމުވެރި ބޭފުޅެކެވެ. މީގެއިތުރުން ރާއްޖެ އިން ބޭރުގައި ކިޔަވަން ބޭނުންވާ ދިވެހީން ޝައިޚު ޙުސައިން ޔޫސުފްގެ އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރަށް ފޮނުއްވިއެވެ. ވަރަށް ގިނަ ދަރިވަރުން ޝައިޚު ޙުސައިން ޔޫސުފްގެ އެހީގައި ޕާކިސްތާނުގައި ކިޔެވިއެވެ.
ފަޟީލަތުއްޝައިޚުލްމަރްޙޫމު ޙުސައިން ޔޫސުފް ވަނީ 1989 އިން ފެށިގެން މަދްރަސަތުއްނަޙްޟާގެ ނަމުގައި، ފަހުން އުއްމުލްޤުރާ ސެކަންޑަރީ ސްކޫލުގެ ނަމުގައި ބ. ހިތާދޫގައި މަދަރުސާއެއް ހިންގަވައިފައެވެ. މި ސްްކޫލުގައި ސާނަވީ ފެންވަރަށް ކިޔަވައި ދެއްވަމުން ގެންދަވައިފައިވެއެވެ.
ފަޟީލަތުއްޝައިޚު ޙުސައިން ޔޫސުފް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު 2020ވަނަ އަހަރުގެ މޭ މަހުގެ 6ވަނަ ދުވަހު އިންޑިއާގައެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 78 އަހަރުފުޅެވެ.