Jump to content

ޙަސަން ލަޠީފް މޫސާ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

އައްޝައިޚް ޙަސަން ލަޠީފް މޫސާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1960 ޑިސެންބަރު 3ވަނަ ދުވަހުއެވެ.

އައްޝައިޚް ޙަސަން ލަޠީފް މޫސާ އިސްލާމީ ތަޢުލީމުގެ ބިންގާ އެޅުއްވީ، ޕާކިސްތާނުގެ ޖާމިޢާ ސަލަފިއްޔާއިން 1979ވަނަ އަހަރުއެވެ. އޭގެފަހުން، 1980ވަނަ އަހަރު، އަލްމަދީނަތުލްމުނައްވަރާގެ އިސްލާމިކް ޔުނިވަރސިޓީގައި ތަޢުލީމު ޙާޞިލުކުރައްވަން ފަށްޓަވައި، އިސްލާމީ ތަޢުލީމާއި، ޢަރަބިބަހުގެ ޢިލްމުން މަތީ ތަޢުލީމު ޙާޞިލުކުރެއްވިއެވެ. އެއަށްފަހު ރާއްޖެ ވަޑައިގަތީ 1989ވަނަ އަހަރުއެވެ.

ދީނީ ޢިލްމުވެރިއެއްގެ ހައިސިއްޔަތުން އައްޝައިޚް ޙަސަން ލަޠީފް މޫސާ، އެންމެ ފުރަތަމަ ޚިދުމަތް ކުރައްވަން ފެށްޓެވީ، އުފަން އަތޮޅު ކަމަށްވާ އައްޑުއަތޮޅުގައެވެ. މިހާރު ހިތަދޫގައި ހިނގަމުންދާ އައްޑޫ ހައި ސްކޫލަކީ، ޙަސަން ލަޠީފް މޫސާގެ މުދީރު ކަމުގައި ރާއްޖޭގެ ބައެއް ޢިލްމުވެރިންނާއި، އިސްލާމްދީނަށް ލޯބިކުރައްވާ ތަނަވަސްކަމުގެ އަހުލުވެރިންގެ ބުރަ މަސައްކަތާއެކު އިމާރާތްކޮށް، އެ ފުރާޅުގެ ދަށުން ރަން ވަނަތައް ޙާޞިލުކުރި މަދަރުސާއެއްކަން ފާހަގަކޮށްލަން ޖެހެއެވެ. އެއީ، ކުރީގެ އަލްމަދްރަސަތުލް އިސްލާމިއްޔާއެވެ. އެ މަދަރުސާގެ މުދީރެއްގެ ގޮތުގައި، 1989ވަނަ އަހަރުން ފެށިގެން 2002ވަނަ އަހަރުގެ ނިޔަލަށް އައްޝައިޚް ޙަސަން ލަޠީފް މޫސާ ހުންނެވިއެވެ.

އައްޝައިޚް ޙަސަން ލަޠީފް މޫސާ، 2011ވަނަ އަހަރުން ފެށިގެން ޚިދުމަތް ކުރެއްވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަސްގައެވެ. ޤައުމީ ޔުނިވަރސިޓީގެ މައި މަރުކަޒުގައި މަސައްކަތް ކުރައްވަން ފެށްޓެވީ، 2019ވަނަ އަހަރުއެވެ. ޔުނިވަރސިޓީގެ އެސޯސިއޭޓް ލެކްޗަރަރއެއްގެ ގޮތުގައި ޚިދުމަތް ކުރެއްވުމުގެ އިތުރުން، ޙަސަން ލަޠީފް މޫސާއަކީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގައި ޚިދުމަތް ކުރައްވާ ބޭފުޅެކެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންނާއި، ރާއްޖޭގެ އެކިއެކި ޔުނިވަރސިޓީ، ކޮލެޖްތަކުންނާއި، އެކިއެކި ޖަމުޢިއްޔާތަކުން ހިންގަވާ ދީނީ ތަފާތު ޕުރޮގުރާމުތަކުގައި ޙަސަން ލަޠީފް ގެންދަވަނީ ތަޤްރީރު ކުރައްވަމުންނެވެ. އައްޝައިޚް ޙަސަން ލަޠީފް މޫސާ މިހާރު ހުންނެވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑިޕާޓްމަންޓް އޮފް ޝަރީޢާގެ އެސޯސިއޭޓް ލެކްޗަރަރގެ މަޤާމުގައެވެ.

އައްޝައިޚް ޙަސަން ލަޠީފް މޫސާއަކީ، އެކިއެކި މައުޟޫޢުތަކަށް ހުކުރު ޚުޠުބާ ވެސް ލިޔުއްވާ ބޭފުޅެކެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޚުޠުބާ ކޮމިޓީއާއި، ޝަރީޢާ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން އެކި ކަންކަމުގައި ދީނީ ރައުޔު ދެއްވަމުން ގެންދަވައެވެ.

އައްޝައިޚް ޙަސަން ލަޠީފް މޫސާ ދީނީ ބައެއް ފޮތްތަކާއި މަޒުމޫނުތައް ވެސް ލިޔުއްވައިފައި ވެއެވެ. ލިޔުއްވައިފައިވާ ފޮތްތަކުގެ ތެރޭގައި، "އިސްލާމްދީނުގައި ކުދިން ތަރުބިޔަތު ކުރުމުގެ މަގު"، މި ފޮތާއި، "ކުޑަކުދިންގެ ނަމާދު" މި ފޮތް ހިމެނެއެވެ. މީގެއިތުރުން، ބައެއް މަޒުމޫނުތަކާއި ޅެންތައް، ފަތްތޫރަ އަދި ދަރުމަ މަޖައްލާގައްޔާއި، ބައެއް ވެބްސައިޓްތަކުގައި ޝާއިޢުކުރައްވަމުން ގެންދަވައެވެ. އަދި މާލޭގެ މިސްކިތްތަކުގައި ވަޢުޡާއި ނަޞޭޙަތުގެ ދަރުސްތަކާއި، ޙަދީޘް ކްލާސްތައް ވެސް އައްޝައިޚް ޙަސަން ލަޠީފް މޫސާ ކުރިއަށް ގެންދަވައެވެ.