ޕެނިކް ޑިސްއޯޑަރ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޕެނިކް ޑިސްއޯޑަރ(އިނގިރޭސި ބަހުން: Panic disorder)އަކީ ކުއްލިއަކަށް ބިރުގަތުމާއި ހިތް ނުތަނަވަސްވުމުގެ ޙާލަތު އެވެ. ޕެނިކްވުމަކީ ކުއްލިއަކަށް ވަރަށް ބޮޑަށް ބިރުގަތުމާއެކު ހިތް ނުތަނަވަސްވެ، ހަދާނެގޮތް ހުސްވުމެވެ. ޕެނިކްވާ މީހާއަށް ހީކުރެވޭނީ އޭނާއަށް އިހްސާސްކުރެވޭ ބިރަކީ ހަގީގަތުގައި ވެސް އޭނާއަށް ދިމާވެފައިވާ ވަރަށް ނުރައްކާތެރި ކަމެއްކަމަށެވެ. ވުމާއެކު މިއިހްސާސް ތަކާއި އެއްގޮތަށް ހަށިގަނޑުވެސް އެއަށް އިޖާބަދީ އަމަލީގޮތުން އޭގައި ބައިވެރިވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ނޭވާލުމާއި ހިތުގެ ވިންދަށް ބަދަލުއައުމުގެ އިތުރުން، ހަށީގަނޑުގެ އެހެން ގުނަވަންތަކުގެ މަސައްކަތްތަކަށް ވެސް ބަދަލުއާދެއެވެ. އަދި އެފަދަ ވަގުތެއްގައި އަމިއްލަ ކޮންޓްރޯލުން ހުރިހާ ކަމެއް ނައްޓާލާފައިވާހެން ބަލިމީހާއަށް އިހްސާސް ކުރެވެއެވެ.

ޕެނިކް އެޓޭކް[އުނިއިތުރު ގެންނަވާ]

ޕެނިކް އެޓޭކް (އިނގިރޭސި ބަހުން: Panic Attack) އަކީ ކުއްލިއަކަށް ކާރިސާއަކާ ކުރިމަތިވެ، އަމިއްލަ ކޮންޓްރޯލްގެ ދަށުން ހުރިހާ ކަމެއް ނެއްޓިފައިވާ ކަމުގެ އިހްސާސް ވުމާއެކު، ކޮޅުނެތްކޮޅަށް ބިރުގަތުމެވެ. އާންމު ގޮތެއްގައި ޕެނިކް އެޓޭކް ގެ ދިގުމިނަކީ 10 މިނިޓެވެ. އޭގެ ފަހުން ބަލިމީހާ އާދައިގެ ޙާލަަތަށް ބަދަލުވެއެވެ. ނަމަވެސް ބައެއް ފަހަރު އެއްގަޑިއިރު ނުވަތަ އެއަށްވުރެ ގިނައިރަށްވެސް މިކަން ދިގުލައިދެއެވެ.

ޕެނިކް އެޓޭކްގެ އަލާމާތްތައް[އުނިއިތުރު ގެންނަވާ]

  • ދާހިއްލުން
  • ނޭވާ ކުރުވުން، އަދި އަވަސް އަވަހަށް ނޭވާލުން
  • ހިތުގެ ވިންދު އަވަސްވެ ހިތް ބާރަށް ތެޅުން ނުވަތަ މޭތެޅުން
  • މޭގައި ރިހުން
  • ހަނުހުންނަން އުދަގޫވުން
  • ކަރުތެރެ ބެދި ނޭވާލާން އުދަގޫވާހެން ހީވުން
  • ހަތަރެސްފައި އައްސިވުމާއެކު ގަޔަށް ކަށިހެރޭހެން ހީވުން
  • ހަށިގަނޑު ފިނިވެ ތުރުތުރުއެޅުން، ބައެއްފަހަރު ހަށިގަނޑު ހޫނުވެ މޫނުރަތްވެ ދިލަނެގުން
  • ހޭނެތުން ނުވަތަ ޚަބަރު ހުސްވުން
  • ތުރުތުރުއެޅުން
  • މޭނުބައިކުރުން އަދި ބަނޑުގައި ރިހުން
  • ކުރިމަތީގައި ހިނގާ ކަންތައްތަކަކީ ހަގީގަތެއް ނޫންކަމަށްދެކި ވަށައިގެންވާ މާހައުލާއި ގުޅުންކެނޑުން
  • އަމިއްލަ ކޮންޓްރޯލްގެ ދަށުން ކަންތައްތައް ނެއްޓިދާނެ ކަމުގެ ބިރުހީވުން ނުވަތަ މޮޔަވެދާނެ ހެން ހީވުން، ނުވަތަ މަރުވަނީކަމަށް ހީވުން

ޕެނިކް އެޓޭކް ޖެހުމުގެ ފުރުޞަތު[އުނިއިތުރު ގެންނަވާ]

ޕެނިކް އެޓޭކް ޖެހުމުގެ ފުރުޞަތު ފިރިހެނުންނަށްވުރެ އަންހެނުންނަށް ދެގުނަ އިތުރެވެ. ނަމަވެސް ވަކި ގައުމެއްގެ ވަކި ނަސްލެއްގެ ވަކި ފަންތިއެއްގެ މީހުންނަށް މިބަލި ގިނައިން ޖެހޭކަން ފާހަގަކުރެވިފައެއް ނެތެވެ. އާންމުގޮތެއްގައި ބަލީގެ އަލާމާތްތައް ފާޅުވާން ފަށަނީ ފުރާވަރުގެ އުމުރުފުރާ ނިމި، އުމުރުން 20ގެ އަހަރުތަކުގެ ތެރޭގައެވެ. މިއަލާމާތްތައް ފުރަތަމަ ފާޅުވަނީ ހިތާމަވެރި ނުވަތަ ގިނައިން ވިސްނަންޖެހޭ ކަހަލަ ހާލަތެއް މެދުވެރިވުމުންނެވެ. މިސާލަކަށް މައިންބަފައިންގެ ތެރެއިން އެކަކު ނިޔާވުން ފަދަ ހާލަތްތަކުގައެވެ. ނަމަވެސް މިމައްސަލަ ދިމާވުމުގައި ފާޙަގަކުރެވޭ ވަކިސަބަބެއް ނެތުމަކީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ.

ޕެނިކް އެޓޭކް ޖެހޭ ސަބަބު[އުނިއިތުރު ގެންނަވާ]

ޕެނިކް އެޓޭކް ޖެހުމަށް މެދުވެރިވާ ހަގީގީ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. އާއިލީގޮތުން ވާރުތަވަމުން އަންނަ ޖީން އެއްގެ ސަބަބުން މިބަލި އާއިލާ ތަކުގެ ތެރޭގައި ދައުރުވާކަން ފާހަގަކުރެވިފައި ވެއެވެ. ބަލީގެ ސަަބަބެއް ކަމުގައި ބެލެވެނީ ސިކުނޑި އަދި ނާރުތަކުގެ ނިޒާމްގައި ދައުރުކުރަންޖެހޭ ކެމިކަލް މާއްދާތައް ހުންނަންޖެހޭ މިންގަނޑުގައި ނެތުމެވެ. ވުމާއެކު ބޭސް ބޭނުންކުރުމުން މިކެމިކަލް މާއްދާތައް އެހުންނަންޖެހޭ މިންގަނޑަށް ގެނައުމުގައި އެހީތެރިވެދެއެވެ. ޕެނިކް ޑިސްއޯޑަރ ހުންނަމީހުން އެކަމުން ދުރުވުމަށްޓަކައި ތަފާތު ވައްތަރުގެ ބޭސް އަދި މަސްތުވާތަކެތި ބޭނުން ކުރެއެވެ. މިބާވަތުގެ ތަކެތި ބޭނުންކުރުމުގެ ސަބަބުން ބަލި އިތުރަށް ގޯސްވެ، ދިރިއުޅުންދެކެ ފޫހިވާ ހިސާބަށް ދެއެވެ.

ޕެނިކް އެޓޭކްގެ ސަބަބުން ދިމާވެދާނެ އިތުރު މައްސަލަތައް[އުނިއިތުރު ގެންނަވާ]

ޕެނިކްވާ މީހުން އެންމެ ބޮޑަށް ބިރުގަންނަނީ އެފަދަ އެޓޭކެއް އަތުވެދާނެ ކަމަށެވެ. ވުމާއެކު އެފަދަ މީހުން މަސައްކަތްކުރާނީ އެފަދަ ކަމެއް ދިމާވެދާނެ ހުރިހާ ކަމަކުން ދުރުވެތިބުމަށެވެ. އޭގެ ތެރޭގައި ގެއިން ބޭރަށްނިކުތުން، ދުއްވާ އެއްޗިއްސަށް އެރުން، ސިނޑި ނުވަތަ ލިފްޓް ބޭނުންކުރުން އަދި މިނޫންވެސް ދިރިއުޅުމުގެ އަސާސީ ކަންތައްތައް ކުރުމުން ފަސްޖެހޭގޮތްވެއެވެ. ވުމާއެކު އެހާލަތުގައި އާދައިގެ ދިރިއުޅުމެއް އުޅުމަކީ މުސްތަހީލުކަމަކަށް ވެދެއެވެ. އަދި ބައެއް ފަހަރު ޕެނިކް އެޓޭކެއް އަތުވެދާނެ ކަމުގެ ޚިޔާލުތައް ހިތުތެރޭގައި އަށަގަތުމުންވެސް މިފަދަ އެޓޭކް އަކާއި ކުރިމަތިލާން ޖެހިދެއެވެ. ވުމާއެކު މިފަދަ މީހުން އާންމުންގެ ތެރެއަށް ނިކުމެއުޅުމަށް ދެކޮޅު ހަދައެވެ.

ޕެނިކްވުމަށް ދެވޭ ފަރުވާ[އުނިއިތުރު ގެންނަވާ]

ޕެނިކް އެޓޭކް ޖެހުން ނުވަތަ ޕެނިކް ޑިސްއޯޑަރ ކުރިމަތިވުމުން ދެވައްތަރެއްގެ ފަރުވާ ދެވޭކަން ފާހަގަ ކުރެވިފައިވެއެވެ. އެއީ ބޭސްވެރިކަމުގެ ފަރުވާ އަދި ނަފްސާނީ ފަރުވާ އެވެ. ނަފްސާނީ ފަރުވާ ގައި ބަލިމީހާއަށް ތަފާތު 5 ކަމެއް ދަސްކޮށްދެއެވެ.

  • ބަލިއޮޅުންފިލުވައިދިނުން : މީގައި ބަލިމީހާގެ ބައްޔަކީ ކިހިނެއް ވާކަމެއް ކަމާއި، ބަލީގެ އަލާމާތްތައް ފާހަގަކުރަން ދަސްކޮށްދިނުމާއި، ފަރުވާކުރިއަށް ގެންދާނެ ގޮތް ބުނެދިނުން ހިމެނެއެވެ.
  • ފާހަގަކުރުން : ބަލިމީހާގެ އަތުގައިވާ ނޯޓް ފޮތެއްގައި ޕެނިކް ވާން ދިމާވާ ކަންތައްތަކާއި، ހިތްހަމަނުޖެހޭ ކަހަލަ ކަންތައްތައް ލިޔެނޯޓްކުރެވިދާނެ އެވެ.
  • ނޭވާލުން: ބަލިމީހާއަށް ޕެނިކް އެޓޭކް އެއް ޖެހުމުން ނޭވާލާނެގޮތް ދަސްކޮށްދީ އެކަމުގެ ތަމްރީނު ދެވެއެވެ.
  • އަލުން ވިސްވުން :މީގައި ބަލިމީހާއަށް ފަރުވާދޭ ފަރާތުން ދަސްކޮށްދޭނީ ޕެނިކްވުމުގެ އަލާމާތްތަކާއި އެކަމާމެދު ބަލިމީހާ ދެކޭގޮތް ބަދަލުކުރުމެވެ.
  • އަލުން މުޖުތަމަޢަށް ބަލިމީހާނެރެ ތަޢާރަފްކުރުން: މިމަރުހަލާގައި ބިރުގަންނަ ކަންތައްތަކުގެ ތެރެއަށް ބަލިމީހާ ނެރެ، ޕެނިކް އެޓޭކް ދިމާވާން މެދުވެރިވާ ހާލަތްތަކަށް ބަލިމީހާ ހުށަހަޅައި، މަޑުމަޑުން ތަމްރީނުދީ ބަލިމީހާ އަލުން މުޖުތަމައަށް ނެރެވެއެވެ.

ބޭސްބޭނުންކުރުމާއެކު ކުރިން ބުނެވުނު ނަފްސާނީ ފަރުވާ ދިނުމަކީ މުހިއްމު ކަމެކެވެ. ބޭހެއްގެ ގޮތުގައި އާންމުކޮށް ބޭނުންކުރަނީ ޑިޕްރެސްވުން މަނާކުރާ ބޭސްތައް އެވެ. މިފަދަ ބޭސް ބޭނުންކުރަންވާނީ ޑޮކްޓަރެއްގެ ބެލުމުގެ ދަށުންނެވެ. މިހާރު ކުރިއަށްދާ ދިރާސާތަކުން އެނގޭގޮތުގައި ޕެނިކް ޑިސްއޯޑަރ އަކީ ފަރުވާކުރެވިއްޖެނަމަ މުޅިން ރަގަޅު ކުރެވިދާނެ ބައްޔެެކެވެ. ބަލީގެ ކުރީކޮޅުގައި މިކަން ދެނެގަނެވި، އެކަށީގެންވާ ފަރުވާއެއް ލިބިއްޖެނަމަ އެއީ އަވަސް ޝިފާއަކަށް މަގުފަހިވާނެ ކަމެކެވެ.