ސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ދަރުމަވަންތަ ރަސްގެފާނަކީ ދިވެހިރާއްޖޭގެ ދީނަކީ އިސްލާމް ދީން ކަމުގައި ކަނޑައެޅުއްވި ރަސްގެފާނު އެވެ. ދަރުމަވަންތަ ރަސްގެފާނަކީ ޣައިރު ދީނަށް އަޅުކަންކުރައްވަމުން ގެންދެވި ފަރާތެކެވެ. ނަމަވެސް ދިވެހިރާއްޖެއަށް އިސްލާމް ދީން ފެތުރިގެންދިޔައީ މި ރަސްގެފާނުގެ ރަސްކަމުގައެވެ. ދަރުމަވަންތަ ރަސްގެފާނު މަޝްހޫރު ވެފައިވަނީ ތީމުގެ މަހާކަލަމިންޖާގެ ނަމުންނެވެ.

ނަސަބުފުޅު[އުނިއިތުރު ގެންނަވާ]

ދަރުމަވަންތަ މަހާރަދުންނަކީ ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި އާއިލާތަކުގެ ތެރެއިން މިހާތަނަށް އެނގިފައިވާ ފުރަތަމަ އާއިލާކަމަށްވާ ތީމުގޭ ދަރިކޮޅުން ވަޑައިގެންނެވި ދެވަނަ ރަދުންނެވެ. ތީމުގޭ އާއިލާއަށް މާލޭ އާއިލާގެ ނަމުން ވެސް ބައެއް މުއައްރިޚުން ނިސްބަތް ކުރައްވައިފައި ވެއެވެ. މިރަދުންނަކީ އޭގެ ކުރިން ރަސްކަމުގައި ހުންނެވި މަހާބަރަނަ މަހާރަދުންގެ އުޚުތުކަމަށްވާ، ހެނެވި މާވާ ކިލެގެ ގެ ދަރިކަލުންނެވެ. ނަމަވެސް ބައެއް ލިޔުންތަކުގައި ވަނީ ތީމުގޭ މަހާ ކަލަމިންޖާ އަކީ ދަރުމަވަންތަ ރަސްގެފާނުގެ ކުރިން ރާއްޖޭގައި ތަޚްތުގައި އިންނެވި ރަދުން ކޮއިމަލާ ކަމުގައެވެ.

ދިވެހިރާއްޖެ އިސްލާމްވުން[އުނިއިތުރު ގެންނަވާ]

ދިވެހި ދައުލަތުން ރަސްމީގޮތުން އިސްލާމް ދީން ގަބޫލުކޮށް ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާމް ދީނަށް އެނބުރުމަށް ރަދުން އަމުރުކުރެއްވީ 2 ރަބީޢުލް އާޚިރު 548ހ ގައެވެ. އެއީ މީލާދީން 1153 ވަނަ އަހަރު އެވެ. ދަރުމަވަންތަ ރަސްގެފާނު އިސްލާމްވެ ވަޑައިގަތުމަށްފަހު ނަންފުޅަކީ އައްސުލްޠާން މުޙައްމަދު އިބްނު ޢަބުދުﷲ ސިރީ ބަވަނަ އާދީއްތަ މަހާރަދުންނެވެ.

އައްސުލްޠާން އަޙުމަދު ޝިހާބުއްދީން ބިނާކުރެއްވި ހުކުރު މިސްކިތުގައި ބެހެއްޓެވި ފިލާގައި ރާއްޖޭގެ ފުރަތަމަ އިސްލާމް ރަސްގެފާނުގެ ނަންފުޅު ކަމުގައި ލިޔެފައިވަނީ ދަރުމީޝް، ނުވަތަ ދަރްމިޝްތު އެވެ. މިލަފުޒުތަކުގެ މާނަތައް ކަމުގައި ޔަގީންކުރެވެނީ އިންސާފުވެރި، ދީންވެރި މިމާނަތަކެވެ. މިމާތް ސިފަފުޅު ތަކަށްޓަކައި ދިވެހިންގެ ތެރޭގައި މިރަދުންނަށް ނިސްބަތްކުރެވިފައިވަނީ ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅުންނެވެ.

ރަސްކަންކުރެއްވި މުއްދަތު[އުނިއިތުރު ގެންނަވާ]

ދަރުމަވަންތަ ރަސްގެފާނު 12 އަހަރު ވަންދެން ބުޑިސްޓް ދީނުގައި ރަސްކަން ކުރެއްވުމަށްފަހު 13 އަހަރު ވަންދެން އިސްލާމް ދީނުގެ މަތީގައި ރަސްކަންކުރެއްވި ކަމަށް ރާދަވަޅި ތަކުގައްޔާއި ތާރީޚްގައި ލިޔެފައި ވެއެވެ. ނަމަވެސް ރާއްޖެ އިސްލާމްވީ ތާރީޚްގެ 42 އަހަރު ފަހުން މީލާދީ ސަނަތުން 1195 ވަނަ އަހަރު ލިޔެފައިވާ އިސްދޫ ލޯމާފާނާއި، 1196 ވަނަ އަހަރު ލިޔެފައިވާ ދަނބިދޫ ލޯމާފާނުގައިވާ ގޮތަށް ބަލާއިރު ދަރުމަވަންތަ ރަސްގެފާނު 35 އަހަރު ރާއްޖޭގެ ރަސްކަން ކުރައްވާފައި ވެއެވެ.

ތާރީޚީ ގޮތުން ބަލާއިރު މިރަދުންގެ ރަސްކަމާ ކައިރި ދުވަސްވަރެއްގައި ލިޔެފައިވާ ރަސްމީ ލިޔުމަކަށް މިދެންނެވި ދެލޯމާފާނު ވާތީ، އެންމެ އިތުބާރުހުރި ލިޔުމަކީ ލޯމާފާނު ކަމުގައި ބެލެވިފައި ވެއެވެ. މިލޯމާފާނުތަކުގެ މައުލޫމާތު ތަކުގެ މައްޗަށް ބުރަވެގެން 12 ވަނަ ގަރުނުގެ ތެރޭގައި ރަސްކަން ކުރެއްވި ބޭބޭފުޅުންގެ ރަސްކަމުގެ މުއްދަތު ބަލައި، ހިސާބު ކުރުމުން ދޭހަވަނީ މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތީ މީލާދީން 1142 ވަނަ އަހަރު ހާތާގައި ކަމަށާއި، އަވަހާރަވީ އޭގެ 35 އަހަރު ފަހުން 1176 ހާތާނގައި ކަމެވެ.

އިސްލާމްވެ ވަޑައިގަތުމަށްފަހު އެރަދުން ރަސްކަންކުރެއްވީ ކިތައް އަހަރު ކަމެއް ލޯމާފާނު ތަކުގައި އެނގޭކަން ނެތެވެ. ނަމަވެސް އެދެލޯމާފާނުގައި ލިޔެފައިވާ މައުލޫމާތަށް ބަލައިގެން އެމުއްދަތު ހިސާބުކޮށްފިނަމަ، މިރަދުން ބުޑިސްޓް ދީނުގައި ރަސްކަން ކުރެއްވީ ގާތްގަނޑަކަށް 11 އަހަރު ކަމަށާއި، އިސްލާމްވެ ވަޑައިގަތުމަށްފަހު ރަސްކަން ކުރެއްވީ ގާތްގަނޑަކަށް 24 ވަރަކަށް އަހަރުކަން އަޅުގަނޑުމެންނަށް އެނގެއެވެ. ދަރުމަވަންތަ ރަސްގެފާނު ރަސްކަން ހިންގަވަމުން ގެންދެވީ ދިވެހިރާއްޖެ އިސްލާމް ކުރެއްވި ވަލީވެރިޔާ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ ލަފާގެ މަތީންނެވެ.

އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ[އުނިއިތުރު ގެންނަވާ]

މީލާދީން 1343 ވަނަ އަހަރު ދިވެހިރާއްޖެ އަށް ވަޑައިގަތް މަޝްހޫރު ސައްޔާޙު، އިބްނު ބަޠޫޠާ ޝިހާބުއްދީން ރަދުން ހުކުރު މިސްކިތުގައި ބަހައްޓަވައިފައިވާ ފިލާ ބައްލަވާފައި، ދިވެހިރާއްޖޭގެ ރަދުން އިސްލާމްވެ ވަޑައިގަތީ އަބުލް ބަރަކާތުލް ބަރުބަރީ އޭ ކިޔުނު ބޭކަލެއްގެ އަތްޕުޅުމައްޗަށް ކަމަށް، އެފިލާގައި ލިޔެފައިވާކަމަށް ވިދާޅުވެފައި ވެއެވެ. އެފިލާގައި އެކަލޭގެފާނުގެ ނަންފުޅުގައި ޔޫސުފް ހިމަނުއްވާފައި ވުމާއެކު، މިބޭކަލެއްގެ ނަންފުޅުގައި ޔޫސުފް ހިމެނޭކަން ޔަގީން ކުރެވެއެވެ.

މީލާދީ ސަނަތުން 12 ވަނަ ގަރުނަކީ އިސްލާމީ ދުނިޔޭގައި އުފެދުނު މާތް ބޭކަނލުންތަކެއް ދުނިޔޭގެ އެކި ތަންތަނަށް ޚާއްޞަކޮށް، އެތެރެވަރިޔަށާއި، އިންޑިޔާ ކަނޑުގެ އައްސޭރީގައިވާ ރަށްރަށަށް ދަތުރުކުރައްވައި، އިސްލާމް ދީނުގެ ނޫރު ފެތުރުއްވި ދުވަސްވަރެކެވެ. މީގެ ތެރޭގައި ފާރިސް ކަރައިގެ ބޭކަލުންނާއި، ޢަރަބި ކަރައިގެ ބޭކަނލުން ހިމެނުނެވެ. މިބޭކަނލުން ދަތުރުކުރައްވައި އުޅުނީ އެޒަމާނުގެ ވިޔަފާރި ވެރިންގެ ނައުފަހަރު ގައެވެ. ދިވެހިރާއްޖެ އިސްލާމް ކުރެއްވި މާތް ވަލީވެރިޔާ ވެސް ހިމެނެނީ މިބޭކަލުންގެ ތެރޭގައި ކަމަށް ގަބޫލު ކުރެވެއެވެ.

ދަރުމަވަންތަ ރަސްގެފާނުގެ ޝަޚްޞިއްޔަތު[އުނިއިތުރު ގެންނަވާ]

ފައިލު:AMosq.jpg
ފ.ނިލަންދޫ އާސާރީ މިސްކިތް

އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި އައްސުލްޠާން މުޙައްމަދު އިބްނި ޢަބުދުﷲ އަކީ ދީންވެރި ޚުލްޤު ހެޔޮ އަދަބު ދެނެވަޑައިގަންނަވާ ރަސްކަލެކެވެ. އިންޞާފު ކުރެއްވުމުގައި ތިމާގެ މީހުންނާއި، ހިލޭމީހުން ހަމަހަމަ ކުރެއްވި އެވެ. ދީނާއި ދުނިޔޭގެ ކަންތައް ފުރިހަމައަށް ހިންގެވި ރައްޔިތުންނަށް އޯގާވެރި، ލޯބިވެރި ރަސްކަލެކެވެ. ދީނުގެ ގަވާޢިދުތައް އާކުރައްވައި މީސްތަކުންނަށް ދީނުގެ ޙުކުމްތައް އޮޅުން ފިލުވައި ދެއްވުމަށް މަސައްކަތް ކުރެއްވި އެވެ. ރަސްކަމުގެ ގާނޫނުތައް ހައްދަވައި، ކާފިރުކަމުގެ މަގުތަކާއި ނިޝާންތައް މުގުރުއްވެވި އެވެ. މިސްކިތްތައް ބިނާކުރައްވައި ޖަމާޢަތުގައި ނަމާދު ކުރުމަށާއި، ހުކުރު ކުރެއްވުމަށް އަމުރު ކުރެއްވި އެވެ.

ދަރުމަވަންތަ ރަސްގެފާނު އަކީ ހިތްޕުޅު މަޑުމޮޅި، ނިކަމެތިންނަށް އެހީވެ ވަޑައިގަންނަވާ ދުނިޔެ އާއި އާޚިރަތުގެ ހެޔޮކަން ހޯއްދެވުމަށް މަސައްކަތް ކުރެއްވި ރަސްކަލެކެވެ.

ބިނާތަކާއި، ހަދާންތައް[އުނިއިތުރު ގެންނަވާ]

ފުރަތަމަ ހުކުރު މިސްކިތް ފުރަމާލޭގައި ބިނާކުރެއްވީ ދަރުމަވަންތަ ރަސްގެފާނުގެ އަމުރު ފުޅަށެވެ. މިކަން އަޅުގަނޑުމެންނަށް އެނގެނީ މިރަސްގެފާނުގެ އަމުރުފުޅަށް ބިނާކުރެވުނު، ހުކުރު މިސްކިތް ބައުވެގެން، އައްސުލްޠާން އަޙުމަދު ޝިހާބުއްދީން، އެތަނުގައި ހުކުރު މިސްކިތެއް އަލުން ބިނާކުރެއްވުމަށްފަހު އެމިސްކިތުގައި ބެހެއްޓެވި ފިލާގައި، ދަރުމަވަންތަ ރަސްގެފާނާއި، އެރަދުންގެ އަޚު، ސިރީކަލޯގެ އަމުރުފުޅަށް އަލްވަޒީރު ޝަނިވިރާޒާ، ފުރަތަމަ ހުކުރު މިސްކިތް ބިނާކުރެއްވި ވާހަކަ ލިޔެފައިވާތީ އެވެ.

މެދުޒިޔާރަތް

ދަރުމަވަންތަ ރަސްގެފާނުގެ ރަސްކަމުގައި މާލޭގެ މަޝްހޫރު ދަރުމަވަންތަ ރަސްގެފާނު މިސްކިތް ވެސް ބިނާކުރެއްވި އެވެ. މިމިސްކިތް ހުންނަމަގަށް ކިޔަނީ ދަރުމަވަންތަ މަގު އެވެ. އަދި ރިވާވެގެން އައިސްފައިވާ ގޮތުގައި ނިލަންދެ އަތޮޅު އުތުރުބުރީ ނިލަންދޫ އަށް ޚުދު ރަސްގެފާނު ވަޑައިގަންނަވައި، އެރަށް އިސްލާމް ކުރައްވައި، އެރަށުގައި ވެސް ހުކުރު މިސްކިތެއް ބިނާކުރެއްވި އެވެ.

މާލޭގައި ސަރުކާރުން ހައްދަވާފައިވާ ސާނަވީ ސުކޫލް ތަކުގެ ތެރެއިން ދަރުމަވަންތަ ސުކޫލް ނިސްބަތްވަނީ ވެސް ދަރުމަވަންތަ ރަސްގެފާނު އަށެވެ.

އައްސުލްޠާން އިބްރާހީމް އިސްކަންދަރު ( އެއްވަނަ ) އިގެ ރަސްކަމުގައި ހިޖުރައިން 1063 ގައި ނުވަތަ މީލާދީން 1652 ގައި ލިޔެފައިވާ ސ.ގަމު މާމިސްކިތު ފިލާފަތްކޮޅުގައި ލިޔުއްވާފައިވާ ގޮތުން، މިސްކިތް ފަދަ މުގައްދަސް ތަންތަން ބެލެހެއްޓުމަށް، ދަރުމަވަންތަ ރަސްގެފާނު އެކިއެކި ރަށްރަށުން ބިންބިމާއި، ބޯގަ ހަމަޖެއްސެވި އެވެ.

މެދުޒިޔާރަތް[އުނިއިތުރު ގެންނަވާ]

މެދުޒިޔާރަތް

ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު މިފޮތުން އަޅުގަނޑުމެންނަށް އެނގޭގޮތުގައި، ދަރުމަވަންތަ ރަސްގެފާނު ދީނާއި ދުނިޔޭގެ، ކަންކަން، ހިންގަވަމުން ގެންދެވީ ދިވެހިރާއްޖެ އިސްލާމް ކުރެއްވި ވަލީވެރިޔާ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ ލަފާގެ މަތީންނެވެ. މިފަދައިން ރަސްކަން ހިންގަވާތާ ދުވަސްކޮޅެއްވީ ތަނާ އެމާތް ކަލޭގެ ފާނު އަވަހާރަވެއްޖެއެވެ. މިކަލޭގެފާނު ފަސްދާނުލެވުނީ މާލޭ މެދު ޒިޔާރަތު ގައެވެ. މިއީ އެސަބަބަށްޓަކައި ދިވެހިން އަބަދުވެސް މާތްކޮށް ހިތައި، ވަރަށް ލޯތްބާއި، އިހުތިރާމާއި އެކު، ބަލަހައްޓަމުން ގެންދާ ތަނެކެވެ.

ރަސްކަން ނިމުމަކަށްއައުން[އުނިއިތުރު ގެންނަވާ]

އިސްދޫ ލޯމާފާނުގައިވާ މައުލޫމާތަށް ބަލައިގެން، އެޒަަމާނުގައި ރަސްކަންކުރެއްވި ރަސްރަސްކަލުންގެ ރަސްކަމުގެ މުއްދަތު ބަލައި ހިސާބުކުރުމުން އެނގެނީ، ދަރުމަވަންތަ ރަސްގެފާނުގެ ރަސްކަން ނިމުމަކަށްއައީ، އިސްލާމްދީން ގައި އެރަދުން ރަސްކަން ކުރައްވާތާ 24 އަހަރުވީ ފަހުން ކަމެވެ. ބުނެވޭގޮތުގައި ހުކުރު ދުވަހަކު ހުކުރުން ފައިބައި ވަޑައިގަންނަވައިގެން، ޙައްޖަށް ވަޑައިގަތުމަށްޓަކައި ބޭރުން އައިސްއޮތް ނަވަކަށް އަރާވަޑައިގަތުމުން، އުދުހިދިޔަ ދޫންޏެއް ފަދައިން ނައު ދުވެފައިގޮސް މީސްތަކުންގެ ލޯމަތިން ޣައިބު ވެއްޖެއެވެ. އާދެ! ބާރަށްދުވާ ނަވެއްގައި ފުރާވަޑައިގަތުމުން ކުޑަހިނދުކޮޅެއްގެ ތެރޭގައި މީސްތަކުންގެ ލޯމަތިން އޮބާލިވާހަކަ ރިވާވެގެން އައިސްފައިވަނީ މިފަދައިންނެވެ. އެރަދުން ފުރާވަޑައިގަތުމަށްފަހު އެރަސްކަން ނިމުމަކަށްއައީ އެވެ. އޭގެ ފަހުން ރަސްކަމަށްވަޑައިގަތީ ދަރުމަވަންތަ ރަސްގެފާނުގެ އުޚުތު، މުލީ މާވާ ކިލެގެގެ ދަރިކަލުން، އައްސުލްޠާން މުތެއި ކަލަމިންޖާ ސިރީ ބަވަނަ ބާރަނަ މަހާރަދުންނެވެ.

މަޢުލޫމާތު[އުނިއިތުރު ގެންނަވާ]

  • ފަތްތޫރަ - އޭޕްރީލް 1989
  • ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ ވެބްސައިޓް

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]

ކުރިން ހުންނެވީ:
ތީމުގޭ މަހާ ކަލަމިންޖާ
ދިވެހިރާއްޖޭގެ ރަދުން
މީލާދީން ބާރަވަނަ ޤަރުނު
ފަހުން ވަޑައިގަތީ:<br./>ސުލްޠާން މުތެއި ކަލަމިންޖާ