Jump to content

ސަޢީދު ޤާސިމް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ފައިލު:Saeedqasim.gif
ސަޢީދު ޤާސިމް

ނ. މަނަދޫ މާލްރޯޑް އަލްފާޟިލް ސަޢީދު ޤާސިމަކީ ތަފާތު ގޮތްގޮތުން މަނަދޫއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. މަނަދޫގައި ފުރަތަމަ ރަސްމީ ގޮތުން ރަޖިސްޓްރީ ކޮށްގެން މަނަދޫގައި ޖަމުޢިއްޔާއެއް ހިންގެވުމުގައި އިސްނެންގެވީ އަލްފާޟިލް ސަޢީދު ޤާސިމެވެ. އަދާކުރެއްވި ސަރުކާރުގެ ވަޒީފާތަކުގެ ތެރޭގައި ނ. އަތޮޅު އޮފީހުގެ ކާތިބުކަމާއި ނ. އަތޮޅު ކޯޓްގެ ޤާޟީކަން ހިމެނެއެވެ. ސަޢީދު ޤާސިމަކީ މިހާރުގެ މަނަދޫގެ ކަތީބެވެ. ސައީދު ޤާސިމަކީ ދީންވެރި ބޭކަލެކެވެ. މޮޅު ވާހަކަ ދެއްކުންތެރިއެކެވެ. ތަޢުލީމް ހާސިލުކުރެއްވުމަށް ލޯބިކުރައްވާ، ތަޢުލީމް ފެތުރުއްވުމަށް ބާރުއެޅުއްވާ މަސައްކަތްކުރެއްވި ބޭފުޅެކެވެ. އިޖްތިމާޢީ ޚިދުމަތްތެރިއެކެވެ. ޤުރުއާން މުދައްރިސެކެވެ.

ސަޢީދު ޤާސިމްގެ ބައްޕާފުޅަކީ ހުވަދޫ ކެޔޮޅުގެ ހާރޫނު ހާޖީކަލޭފާނު ( ހާޖީބެ) ގެ ޤާސިމް ހާރޫނު ( މަނަދޫ ކާސިންހާޖީ ) އެވެ. މަންމާފުޅަކީ ކުޑަމަނިކުގެ މުޙަންމަދުގެ މޫސާމަނިކުގެ މަރިޔަމް މޫސާ ( މަރިޔަ ) އެވެ. ސަޢީދު ޤާސިމްގެ ބައްޕާފުޅުގެ އާއިލާއަކީ ހުވަދު އަތޮޅުން ފެށިފައިވާ މަނަދޫގެ މަޝްހޫރު ހާޖީބޭގެ އާއިލާއެވެ. }}

ޢަބްދުﷲ ސަޢީދު އަކީ ލިޔުންތެރިއެކެވެ. ވާހަކަ ދެއްކުން ތެރިއެކެވެ. އޭނާ ލިޔުންތައް ރާއްޖޭގައި ނެރެވޭ ބައެއް މަޖައްލާތަކުގައިވަނީ ޝާއިޢު ކުރައްވާފައެވެ. އުދަރެސް މަޖައްލާ އާއި މަނަސް މަޖައްލާއަށް ޢަބްދުﷲ ސަޢީދު ލިޔުއްވާފައިވެއެވެ. މީގެ އިތުރުން ފިޝަރީޒު މިނިސްޓްރީން ނެރުއްވާ " ރަސްއައިން" މަޖައްލާއަށާއި އެމްއެންޑީއެފް އިން އަހަރަކު ދެފަހަރު ނެރުއްވާ " އައްޑަނަ" މަޖައްލާއަށްވެސް ލިޔުއްވާފައިވެއެވެ. އަދި މަނަދޫ ލައިވް ވެބްސައިޓް ޓީމުގައިވެސް ޢަބްދުﷲ ސަޢީދު ހިމެނިވަޑައިގަންނަވައެވެ. ޢަބްދުﷲ ސަޢީދަކީ އައްޑަނަ މަޖައްލާގެ އެސޯސިއޭޓް އެޑިޓަރެވެ.

މަނަދޫ ޢަބްދުﷲ ސަޢީދަކީ މަނަދޫ އަށް އުފަން ބޭފުޅެކެވެ. އޭނާއަކީ ހުވަދޫ ކެޔޮޅުގެ، ހާރޫނު ހާޖީކަލޭފާނު( ހާޖީބެ ) ގެ ޤާސިމް ހާރޫނު ( މަނަދޫ ކާސިންހާޖީ ) ގެ ސަޢީދު ޤާސިމް ( ދޮންތުއްތު ) ގެ ޢަބްދުﷲ ސަޢީދެވެ. މީނާގެ މަންމައަކީ މަނަދޫ ކެޔޮޅު އިބްރާހިމް ( އިބްރާހިމް ޙަސަން ) ގެ ޒުލޭޚާ އިބްރާހިމް ( ކަނބުލޮ ) އެވެ. ޢަބްދުﷲ ސަޢީދަކީ ސަޢީދު ޤާސިމް އާއި ޛުލައިޚާ އިބްރާހިމަށް ލިބިވަޑައިގެން ތިންވަނަ ދަރިކަލުންނެވެ. ޢަބްދުﷲ ސަޢީދު އުފަންވެފައިވަނީ މަނަދޫ ކުދިލުބޯމާގެ ( ބޮޑުކާށިގެ ) ގައެވެ. އެގެ ހުރީ މަނަދޫ އިރުމަތީ އަވަށުގައި އިރުއުތުރު އެންމެ ކޮޅުގައެވެ. މިހާރު އެގެ ހުރިތަނަކީ ހުސްބިމެކެވެ. އެގެއާ ޖެހިގެން ހުންނަނީ މަނަދޫ ރައިމާގެއެވެ. ޢަބްދުﷲ ސައީދު އުފަންވީ މީލާދީ ސަނަތުން 1973 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 29 ވަނަ ދުވަހުއެވެ. ޢަބްދުﷲ ސަޢީދުގެ އަނބިކަނބަލުންނަކީ މަނަދޫ ކަރަންކާވިލާ ފާތިމަތު އަންވަރީއެވެ. މި ދެމަފިރިންނަށް ދެދަރިކަނބަލުން ލިބިވައިގެންފައިވެއެވެ. އެއީ އީމާ ޢަބްދުﷲ ސަޢީދު އާއި އީހާ ޢަބްދުﷲ ސަޢީދުއެވެ.

ނަސަބުގެ ގަސް

[އުނިއިތުރު ގެންނަވާ]
 
 
ހާރޫނު ހާޖީ ކަލޭފާނު(ހުވަދޫ ކެޔޮޅުގެ ހާރޫނު )
 
ޢައިޝަތު ޤާސިމް
 
މޫސާ މަނިކު ( ކުޑަމަނިކުގެ މޫސާމަނިކު )
 
ފާތުމަތު މުޙަންމަދު
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ޤާސިމް ހާރޫނު (މަނަދޫ ކާސިންހާޖީ)
 
 
 
 
 
މަރިޔަމް މޫސާ
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ސަޢީދު ޤާސިމް
 
 
 
 
 
 
 

ތުއްޕުޅުއިރުގެ ހަޔާތްޕުޅު

[އުނިއިތުރު ގެންނަވާ]

ސަޢީދު ޤާސިމް އުފަންވެވަޑައިގަތީ 16 ފެބްރުއަރީ 1945 ގައެވެ. އުފަންވެ ވަޑައިގަތީ މަނަދޫ ކަރަންކާވިލާގައެވެ. އެއީ ސަޢީދު ޤާސިމްގެ މަންމާފުޅުގެ އާއިލީ ގެއެވެ. ސަޢީދު ޤާސިމަކީ ޤާސިމް ހާރޫނާއި މަރިޔަމް މޫސާގެ ދޮށީ ދަރިކަލުންނެވެ. ނުހަނު ލޯތްބާއި އަޅާލުމާއި އޯގާތެރިކަމުގައި ބޮޑުފުޅުވަމުން އައީ އެދެމަފިރިންގެ ލޯބީގެ އުނގުގައެވެ.

ތަޢުލީމީ ހަޔާތްޕުޅު

[އުނިއިތުރު ގެންނަވާ]

ސަޢީދު ޤާސިމް ފުރަތަމަ ކިޔަވާ ވިދާޅުވީ އެބޭފުޅާގެ ލޮބުވެތި މަންމާފުޅުގެ އަރިހުންނެވެ. ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވާށާއި ނަމާދު ކުރާނެގޮތް ދަސްފުޅު ކުރެއްވީ މަންމާފުޅުގެ އަރިހުންނެވެ. ތަޢުލީމް ހާސިލުކުރެއްވީ މާލޭ މަޖީދިއްޔާ ސްކޫލުންނެވެ. މަޖީދިއްޔާ ސްކޫލުގައި ކިޔަވާ ވިދާޅުވަމުން ގެންދަވަނިކޮށް ސަޢީދު ޤާސިމްގެ ލޮބުވެތި މަންމާފުޅު އަވަހާރަވިއެވެ. އާއިލާއަށް ލިބިގެންދިޔަ ފުން ހިތާމައާއެކު ކިޔެވުން މެދުކަނޑާލައްވާފައި ސަޢީދު ޤާސިމް ރަށަށް ގެންދެވިއެވެ. އޭގެފަހުން އަމިއްލަ ގޮތުން މާލެ ވަޑައިގެން ގާޒީ ކަމުގެ ކޯސް ފުރިހަމަކުރެއްވިއެވެ. އަދި ސަނަދު ނެންގެވުމަށް ކިޔަވާ ވިދާޅުވިއެވެ. ރާއްޖޭގައި ގާޒީން ތަމްރީނު ކުރުމަށް ހިންގެވި 2 ވަނަ ކޯހުން 3 ވަނަ ހޯއްދެވީ ސަޢީދު ޤާސިމެވެ. މި ކޯހުގައި ކިޔަވާ ވިދާޅުވެ ދެއްވީ ފަޟީލަތުއްޝައިޚް މޫސާ ފަތުހީ އަޒުހަރީއެވެ. ސަޢީދު ޤާސިމްގެ އުމުރުފުޅުން 60 އަހަރުފުޅުގައި ޑިސްޓެންސް އެޑިޔުކޭޝަން ސެންޓަރާއި މިނިސްޓްރީ އޮފް އެޓޮލްސް އެންޑް ޑިވެލޮޕްމަންޓާ ގުޅިވަޑައިގެން ހިންގެވި އިނގިރޭސި ބަސް ދަސްކޮށްދޭ ކޯހެއް 2007 ވަނަ އަހަރު ފުރިހަމަ ކުރެއްވިއެވެ. މި ކޯހުގައި ބައިވެރިވެވަޑައިގެން އެންމެ ދުވަސްވީ ބޭފުޅެއްގެ ގޮތުގައި މަސައްކަތްކުރައްވާ ކޯހުން ފާސްވެވަޑައިގެން މޯލްޑިވްސް އެކްރިޑިޓޭޝަން ބޯޑުން ޤަބޫލުކުރާ ސެޓްފިކެޓް ލެވެލްގެ ސަނަދެއް ހާސިލުކުރެއްވިއެވެ. ސަޢީދު ޤާސިމަކީ ވިސްނުންތޫރު ހަނދާންގަދަ ބޭފުޅެކެވެ. އަބަދުވެސް ތަޢުލީމަށް ލޯބިކުރައްވާ މަޢުލޫމާތު ހޯއްދަވާ ފޮތްވިދާޅުވުމަށް ޝައުޤުވެރިކަން ދެއްވާ ބޭފުޅެކެވެ. އޮރުދޫ ބަހާއި ޢަރަބިބަހާއި އިނގިރޭސިބަސް ދެނެވަޑައިގަންނަވައެވެ. ކީރިތި ޤުރުއާނުގެ ބައެއް ސޫރަތްތައް ހިތްޕުޅުން ދަސްފުޅު ކުރައްވާފައިވެއެވެ. ސަޢީދު ޤާސިމްގެ އަތްޕުޅުގައި ޤުރުއާން މުދައްރިސް ކަމުގެ ސަނަދާއި ވެރިކަމުގެ ސަނަދާއި އިމާމު ކަމުގެ ސަނަދާއި ކަށުކަމާކެމީގެ ކަންތައްތަކުގެ ސަނަދުވެސް އޮވެއެވެ.

ޙާޞިލްކޮށްފައިވާ ސަނަދުތައް

[އުނިއިތުރު ގެންނަވާ]
  • ގުރުއާން މުދައްރިސް ކަމުގެ ސަނަދު
  • ވެރިކަމުގެ ސަނަދު
  • ކަށުކަމާކެމީގެ ކަންތައް ކުރުމުގެ ސަނަދު
  • ގާޒީ ކަމުގެ ސަނަދު
  • އިގިރޭސި ބަހުން ސެޓްފިކެޓް ލެވެލްގެ ސަނަދެއް

ޒުވާންއިރުގެ ހަޔާތްޕުޅު

[އުނިއިތުރު ގެންނަވާ]

މަޖީދިއްޔާ ސްކޫލުން ކިޔަވާ ވިދާޅުވުމަށްފަހު ރަށަށް ވަޑައިގެން ސަޢީދު ޤާސިމް މަސައްކަތް ކުރެއްވީ ޓީޗަރެއްގެ ގޮތުގައެވެ. މަނަދޫގައި ޒަމާނީ ތަޢުލީމް ކިޔަވައިދެއްވުމަށް ޓަކައި ދަރިވަރުން ގްރޭޑް ތަކަކަށް ބައްސަވާލައްވައިގެން ކިޔަވާ ވިދާޅުވެ ދެއްވަން ފެއްޓެވީ ސަޢީދު ޤާސިމެވެ. ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ދިރުވުމަށް ސަޢީދު ޤާސިމްވަނީ މަސައްކަތްތަކެއް އާފެށުމަކުން ފައްޓަވާފައެވެ. އެގޮތުން ފާހަގަކޮށްލެވޭ އެންމެ މުހިންމު މަސައްކަތަކީ ސަޢީދު ޤާސިމް އުފެއްދެވި މަދަނީ ޖަމުޢިއްޔާއެވެ. ޖަމުޢިއްޔަތުލް އިއުތިލާފް ގެ ނަމުގައި ރަޖިސްޓްރީ ކުރެވުނު މި ޖަމުޢިއްޔާގެ ސަބަބުން މަނަދުއަށް އާދިރުމެއް ގެނެސްދިނެވެ. އެ ޖަމުޢިއްޔާއިން މާލޫދު ކިޔުމާއި އަދަބީ ގިނަ ހަރަކާތްތަކެއް ހިންގެވިއެވެ. އެ ޖަމުޢިއްޔާއިން އިޢުތިލާފުގެ ނަމުގައި އަތުން ލިޔެގެން މަޖައްލާއެއް ވަނީ ޝާއިޢުކޮށްފައެވެ. މި ޖަމުޢިއްޔާގައި މަނަދޫގެ ޒުވާނުންގެ އިތުރުން އަތޮޅުގެ އެހެން ބައެއް ރަށްރަށުގެ ޒުވާނުންވެސް މެންބަރުންގެ ގޮތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

ޒަވާޖީ ހަޔާތްޕުޅު

[އުނިއިތުރު ގެންނަވާ]

ސަޢީދު ޤާސިމް ކައިވެނި ބައްލަވައި ގެންނެވީ އެންމެ ބޭކަނބަލަކާއެވެ. އެއީ ޙަސަނުގެ ފުތް އިބްރާހިމް ޙަސަން ( މޮޔައިބުރަ ) ގެ ޒުލޭޚާ އިބްރާހިމް ( ބޮޑުކާށި ކަނބުލޮ ) އެވެ. ސަޢީދު ޤާސިމާއި ޒުލޭޚާ އިބްރާހިމާ ދެބޭފުޅުންނަށް 11 ދަރިކަލުން ލިބިވަޑައިގެންނެވިއެވެ. އެއީ މުޙަންމަދު ސަޢީދު ، ފާތުމަތު ސަޢީދު ( ނިޔާވެފައި )، ޢަބްދުﷲ ސަޢީދު ، ޢަލީ ޒާހިރު، ޢަބްދުއްރަޙްމާން މުބާރިކް، އަމަތުﷲ ސަޢީދު ( ނިޔާވެފައި )، އައިޝަތު ފަރަހަނާޒް، އައިމިނަތު ފަރަހަ ދީބާ، މަރިޔަމް ފަރްހާނާ، ފަސީހާ ހަނާން އަދި ފަރަހަ ސަޢީދު ( ނިޔާވެފައި ) އެވެ. ފަރަޙަ ނިޔާވީ ވިހެއުމުގެ ތެރޭގައެވެ. އެހެންކަމުން މިހާރު ދުނިޔޭގައި ތިއްބެވީ ސަޢީދު ޤާސިމްގެ 4 ފިރިހެން ބޭފުޅުންނާއި 4 އަންހެން ބޭފުޅުންނާއެކު ޖުމުލަ 8 ބޭފުޅުންނެވެ.

ދަނބިދަރި ބޭފުޅުން

[އުނިއިތުރު ގެންނަވާ]

1- މުޙަންމަދު ސަޢީދުގެ އަނބިކަބަލުން ނ. މަނަދޫ ޒޭވަރު އަލްފާޟިލާ ފާތުމަތު ޒުހުރާ

2- ޢަބްދުﷲ ސަޢީދު ގެ އަނބިކަބަލުން ނ. މަނަދޫ ކަރަންކާވިލާ އަލްފާޟިލާ ފާތުމަތު އަންވަރީ

3- ޢަލީ ޒާހިރުގެ އަނބިކަބަލުން މާލޭ ހިތިމާގޭ އަލްފާޟިލާ މާޝާން މޫސާ ދީދީ

4- ޢަބްދުއްރަޙްމާން މުބާރިކްގެ އަނބިކަބަލުން މާލޭ އާދިއްލީގޭ އަލްއުސްތާޛާ އަސްމާ ޢުމަރު

5- އައިޝަތު ފަރަހަނާޒުގެ ފިރިކަލުން މާލޭ ލެވެންޑްލީއާގޭ އަލްފާޟިލް ޙުސައިން ޝާކިރު

6- އައިމިނަތު ފަހަރަދީބާގެ ފިރިކަލުން ށ. ފޯކައިދޫ ކަރަންކާގޭ އައްޝައިޚް އަޙްމަދު ސަމީރު އިބްރާހިމް ހުސައިން

7- މަރިޔަމް ފަރްހާނާގެ ފިރިކަލުން ނ. މަނަދޫ ރިވެލި އަލްފާޟިލް އަޙްމަދު ޝުޖާޢު

ކާފަ ވިދާޅުވާ ބޭފުޅުން

[އުނިއިތުރު ގެންނަވާ]

މުޙަންމަދު ސަޢީދާއި ފާތުމަތު ޒުހުރާގެ ނަސްލުން 1- އަދުހަމް ސަޢީދު މުޙަންމަދު ( ނިޔާވެފައި ) 2- އިނާރާ މުޙަންމަދު ސަޢީދު 3- އިބާނާ މުޙަންމަދު ސަޢީދު 4- އަޝްހަމް މުޙައްމަދު ސަޢީދު

ޢަބްދުﷲ ސަޢީދާއި ފާތުމަތު އަންވަރީގެ ނަސްލުން 1- އީމާ ޢަބްދުﷲ ސަޢީދު 2- އީހާ ޢަބްދުﷲ ސަޢީދު

ޢަލީ ޒާހިރާއި މާޝާން މޫސާދީދީގެ ނަސްލުން 1- ޢަލީފު ޢަލީ ޒާހިރު

ޢަބްދުއްރަޙްމާން މުބާރިކާއި އަސްމާ ޢުމަރުގެ ނަސްލުން 1- މުޙަންމަދު އާއިޒް މުބާރިކް

ޢައިޝަތު ފަރަހަނާޒާއި ޙުސައިން ޝާކިރުގެ ނަސްލުން 1- މުޙަންމަދު އަބާން ޙުސައިން

އައިމިނަތު ފަރަހަދީބާ އާއި އަޙްމަދު ސަމީރު އިބްރާހިމް ޙުސައިންގެ ނަސްލުން 1- ޢަބްދުއްރަޙުމާނު އަޙްމަދު ސަމީރު

ސަޢީދު ޤާސިމަށް ކާފަވިދާޅުވާ 9 ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އޭގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވީ 8 ބޭފުޅުންނެވެ. ސަޢީދު ޤާސިމަށް ފުރަތަމަ ކާފަވިދާޅުވި އަދުހަމް ސަޢީދު މުޙަންމަދު ނިޔާވީ ޑެންގީ ހުމުގެ އާލާސްކަންފުޅުގައި ޢުމުރުފުޅުން 10 އަހަރުފުޅުގައި މާލޭ އައިޖީއެމްއެޗް ހޮސްޕިޓަލްގައެވެ.

އަދާކުރެއްވި ވަޒީފާތައް

[އުނިއިތުރު ގެންނަވާ]

ސަޢީދު ގާސިމް ސަރުކާރުގައި ފުރަތަމަ އަދާކުރެއްވި ވަޒީފާއަކީ ނ. އަތޮޅު ކޯޓުގެ ޤާޟީ ކަމެވެ. ޤާޟީ ކަމަށް ވަޑައިގެންނެވީ ޤާޟީ ކަމުގެ ކޯސް ފުރިހަމަ ކުރައްވައިގެންނެވެ. އެކޯސް ފުރިހަމަ ކުރެއްވީ 1964 ގައެވެ. އެއީ ރާއްޖޭގައި ހިންގެވި 4 ވަނަ ޤާޟީ ކަމުގެ ކޯހެވެ. އަތޮޅު ކޯޓްގެ ޤާޟީ ކަމުގައި ހުންނަވާފައި އަމިއްލަފުޅަށް އެދިވަޑައިގެން ނ. އަތޮޅު އޮފީހުގެ ދެ ނަންބަރު ކާތިބު ކަމަށް ބަދަލުވެވަޑައި ގެންނެވިއެވެ. އޭރު އަތޮޅު އޮފީހުގައި ހުންނަނީ އެންމެ ކާތިބެކެވެ. ސެކްރެޓަރީއެއްވެސް އޭރަކު ނުހުރެއެވެ. ނ. އަތޮޅު އޮފީހުގެ ކާތިބުކަމުން ސަޢީދު ޤާސިމް އިސްތިޢުފާ ދެއްވީ އަމިއްލަފުޅަށެވެ. މަނަދޫ ކަތީބުކަން ސަޢީދު ޤާސިމަށް ދެއްވީ 1992 ވަނަ އަހަރުގައެވެ.

ދިރިއުޅުއްވުމަށް ކުރެއްވި މަސައްކަތްޕުޅު

[އުނިއިތުރު ގެންނަވާ]

ސަޢީދު ޤާސިމް ދިރިއުޅުއްވުމަށް ފުރަތަމަ ކުރެއްވި މަސައްކަތްޕުޅަކީ މުދައްރިސް ކަމެވެ. ސަރުކާރުގައި ފުރަތަމަ އަދާކުރެއްވި ވަޒީފާއަކީ ނ. އަތޮޅު ކޯޓްގެ ޤާޟީކަމެވެ. އޭގެފަހުން ނ. އަތޮޅު އޮފީހުގެ ކާތިބުކަމުގެ ވަޒީފާ އަދާކުރެއްވިއެވެ. އެވަޒީފާ ދޫކޮށްލެއްވުމަށްފަހު މާލެ ވަޑައިގެން ސަޢީދު ޤާސިމްގެ ވަރަށް ގާތް އެކުވެރިއެއް ކަމަށްވާ މ. ދޫނިދޫ އަލްފާޟިލް އިސްމާޢީލް މުޙަންމަދުގެ އަރިހުގައި މަސައްކަތް ކުރެއްވިއެވެ. އާފިހާރައިގެ ނަމުގައި މަނަދޫ މާލްރޯޑްގައި ސަޢީދު ޤާސިމް ފިހާރައެއް ހުޅުވާ ވަރަށް ކުޑަކުޑަ ކެޕިޓަލަކުން ވިޔަފާރިއެއް ފެއްޓެވިއެވެ. ސަޢީދު ޤާސިމަށް މަނަދޫ ކަތީބުކަން ލިބިވަޑައިގެންނެވީ 1992 ވަނަ އަހަރުއެވެ.

ދީންވެރިކަން

[އުނިއިތުރު ގެންނަވާ]

ސަޢީދު ޤާސިމަކީ އަބަދުވެސް ދީނީ ކަންތައްތަކަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ ބޭފުޅެކެވެ. ޖަމާޢަތުގައި ނަމާދުކުރައްވާ ބޭފުޅެކެވެ. ކޮންމެ ކަމެއް ކުރެއްވިޔަސް އެކަމެއް ދީނުގައި އޮތްގޮތް އޮޅުންފިލުއްވާ ދީނީ އިލުމުވެރިންނާއި ގާތްގުޅުމެއް ބާއްވަވާ ބޭފުޅެކެވެ. ދީނީ ފޮތް ވިދާޅުވުމާއި ދީނީ ދަރުސް އަޑުއެއްސެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ. އެންމެ ގާތް އެކުވެރިންގެ ގޮތުގައި ދީނަށް ލޯބިކުރައްވާ ބޭފުޅުން ޚިޔާރުކުރެއްވި ބޭފުޅެއްވެސް މެއެވެ. ސަޢީދު ޤާސިމްވަނީ ހައްޖުގެ މަތިވެރި ފަރުޟު އަދާކުރައްވާފައެވެ. ސަޢީދު ޤާސިމަކީ ދީނީ މަޢުލޫމާތު މުއްސަދި ބޭފުޅެކެވެ.

އިޖްތިމާޢީ ޚިދުމަތް

[އުނިއިތުރު ގެންނަވާ]

ސަޢީދު ޤާސިމުގެ އިޖްތިމާޢީ ޚިދުމަތް ފެށިގެން އައިސްފައިވަނީ އެބޭފުޅާގެ އެންމެ ޒުވާން ދުވަސްވަރުން ފެށިގެންނެވެ. މަނަދޫގައި ފުރަތަމަ ރަޖިސްޓްރީ ކޮށްގެން ހިންގެވި މަދަނީ ޖަމުޢިއްޔާ ކަމުގައި ޖަމުޢިއްޔަތުލް އިއުތިލާފުގެ މަސްޢޫލުވެރިޔަކީ ސަޢީދު ޤާސިމެވެ. މި ޖަމުޢިއްޔާއަކީ ނ. އަތޮޅުގައި މަޝްހޫރުވެގެންދިޔަ ޖަމުޢިއްޔާއެކެވެ. މި ޖަމުޢިއްޔާއަކީ 1000 ރުފިޔާގެ ޑީޕޮޒިޓެއް ބަހައްޓައިގެން ނ. އަތޮޅުގައި ރަޖިސްޓްރީ ކުރެވުނު ފުރަތަމަ ޖަމުޢިއްޔާއެވެ. އޭރަށް ބަލާއިރު އެއީ ވަރަށް ބޮޑު ފައިސާގެ އަދަދެކެވެ. މަނަދޫގައި ރަޖިސްޓްރީ ކުރެވުނު ދެވަނަ މަދަނީ ޖަމުޢިއްޔާ ކަމަށްވާ މަނަދޫ ޒުވާނުންގެ ގުޅުން ރަޖިސްޓްރީ ކުރެވުނުއިރު އިދާރާއަކީވެސް ސަޢީދު ޤާސިމްގެ ގެކޮޅު ކަމަށްވާ މަނަދޫ މާލްރޯޑެވެ. މަނަދޫގައި ތިންވަނައަށް ރަޖިސްޓްރީ ކުރެވުނު މަނަދޫ އެކުވެރިންގެ ގުޅުމުގެ މުސްތަޝާރުކަން އެޖަމުޢިއްޔާއިން ދެއްވި ބޭފުޅަކީވެސް ސަޢީދު ޤާސިމެވެ.

ސަޢީދު ޤާސިމަކީ އިޖްތިމާޢީ ޚިދުމަތްތައް ހިލޭ ސާބަހަށް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެފަދަ ޚިދުމަތްތެރިންނަށް ހިތްވަރު ދެއްވާ ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅެކެވެ. ރަށުގެ ރައްޔިތުންގެ ގޮތުން ކުރެވިފައިވާ އިޖްތިމާޢީ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެން މަސައްކަތްކުރައްވާ ބޭފުޅެކެވެ.

ކަތީބެއްގެ ގޮތުން ރަށަށް ކޮށްދެއްވި ޚިދުމަތްތައް

[އުނިއިތުރު ގެންނަވާ]

މަނަދޫ ކަތީބެއްގެ ގޮތުގައި ސަޢީދު ޤާސިމް މަނަދޫއަށް ކޮށްދެއްވި ޚިދުމަތްތަކީ ފާހަގަކޮށްލެވޭފަދަ ބޮޑެތި އަދި އެހާމެ މުހިންމު ޚިދުމަތްތެކެކެވެ. މި ޚިދުމަތްތަކުގެ ތެރޭގައި އަމިއްލަކަންކަން ކަމަށް ދެކިވަޑައިގެން އަމިއްލަގޮތުން އިސްނަންގަވައިގެން ކުރައްވާފައިވާ ކަންތައްތަކާއި މަނަދޫ ކަތީބުކަމުގައި ހުންނަވައިގެން ސަރުކާރާއި ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއެކު އެފަރާތްތަކުން ކޮށްދެއްވާ އަދި ހިންގަވާފައިވާ ބޮޑެތި މަޝްރޫޢުތައްވެސް ހިމެނެއެވެ.

1- މަނަދޫ ފަޅުކޮނެ ބަނދަރު ހެދުމުގެ މަޝްރޫޢު

މަނަދޫ ފަޅުކޮނުމާއި ބަނދަރު ހެދުމުގެ މަޝްރޫޢު ސަރުކާރުން ފެއްޓެވީ އެކަމަށްޓަކައި މަނަދޫ ރައްޔިތުން ކުރަމުން އައި އިންތިޒާރު ދިގުމެ މާޔޫސްވެފައިވަނިކޮށެވެ. މަނަދޫ ފަޅުކޮނުމުގެ ވާހަކަ ދައްކަމުން ދަނިކޮށް ވެލިދޫގެ ފަޅުކޮނެ ނިމުނެވެ. މަނަދޫ ކަތީބު ކަމާ ސަޢީދު ޤާސިމް ހަވާލުވެވަޑައިގެންތާ މާގިނަ ދުވަހެއް ނުވެ ބަދަރު ހެދުމާއި ފަޅުކޮނުމުގެ މަޝްރޫޢު މަނަދޫގައި ފެށުނެވެ. މިއީ ދިވެހި ސަރުކާރުން ހިންގެވި މަޝްރޫޢެކެވެ. މި މަސައްކަތުގައި މަނަދޫގެ ރައްޔިތުން އަމަލީ ގޮތުން ޖޯޝާއި ފޯރީގައި އެކުވެރިކަމާއި އެއްބައިވަންތަކަމާއި އަޚްވަންތަކަމާއެކު މަސައްކަތް ކޮށްފައިވެއެވެ. ރައްޔިތުންގެ ގޮތުން އެއްގަމު ތޮށި ސިމެންތި ބަސްތާ ޖައްސައިގެން ލުމާއި ރަށް ހިމާޔަތް ކުރުމަށްޓަކައި ބޭރު ތޮށްޓާއި އެއްގަމު ތޮށީގައި ބަދަރުގެ ސަރަހައްދު ފިޔަވާ އިތުރަށްވެސް ތޮށިލާ ހަދާފައިވެއެވެ. މި މަސައްކަތްތައް މަނަދޫ ރައްޔިތުން ކޮށްފައިވަނީ އިޖްތިމާޢީ ރޫހެއްގައެވެ. އެ ރޫޙް މަނަދޫ ރައްޔިތުންގެ މެދުގައި ހިފެހެއްޓުމުގައި މަނަދޫގެ ވެރިން ކުރައްވާފައިވާ މަސައްކަތް ފާހަގަކުރަން ޖެހެއެވެ.

2- ރައްޔިތުންގެ ފަރާތުން ކަރަންޓް ޚިދުމަތް ދިނުން

މަނަދޫ ކަތީބު ކަމާ ސަޢީދު ޤާސިމް ހަވާލުވެވަޑައި ގެންނެވިއިރު މަނަދޫގައި ކަރަންޓްގެ ޚިދުމަތްދެނީ އަމިއްލަ ފަރާތަކުން ވަރަށް ދެރަދެރަ ގޮތެއްގައެވެ. އެއްގެއިން އަނެއް ގެއަށް އެއްވެސް ރައްކާތެރިކަމެއްނެތި މަތިން ނަރުދަމައިގެންނެވެ. ގެއިން ބަދިގެއަށްވެސް އެންމެ އާދައިގެ ދެރަ ނަރު ދަމައިގެން ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެއެވެ. އޭރު ކަރަންޓްގެ ޚިދުމަތް ދެވެނީ އިރުއޮއްސި 6:00 ން ރޭގަނޑު 11:00 އާ ހަމައަށެވެ. މަނަދޫ ރައްޔިތުންގެ ފަރާތުން މަނަދޫއަށް ކަރަންޓްގެ ޚިދުމަތް ދިނުމަށް ފެއްޓެވި މަޝްރޫޢަކީ މަނަދޫ ކަތީބު ކަމާ ސަޢީދު ޤާސިމް ހަވާލުވެވަޑައިގެން ފެއްޓެވި ފުރަތަމަ މަޝްރޫޢެވެ. މި ޚިދުމަތް ފެއްޓެވީ ވޮއިޖަސް މޯލްޑިވްސްގެ ސަފާރީ ދޯންޏެއް މަނަދޫ ފަޅުގައި އޮއްވާ ގަދަވެގެން ރަށަށް ލެއްގުމާއެކު ރައްޔިތުން ނިކުމެ އެދޯނި ސަލާމަތް ކޮށްދިނުމަށް ކުރި ހިތްވަރުގަދަ މަސައްކަތުގެ އަގު ވަޒަންކޮށް ވޮއިޖަސް މޯލްޑިވްސްގެ ފަރާތުން ހަދިޔާ ކުރެއްވި 20 ކިލޯވޮޓްގެ ޖަނަރޭޓަރަކުންނެވެ. ސަރުކާރާއި އަމިއްލަ ބައެއް ފަރާތްތަކުގެ ދީލަތި އެހީއާއެކު ތަރައްޤީ ކޮށްފައިވިޔަސް ހަދިޔާ އިލެކްޓްރިކްގެ ނަމުގައި މަނަދޫ ރައްޔިތުން ފެށި މި މަޝްރޫޢަކީ ސައްތައިން ސައްތަ މަނަދޫ ރައްޔިތުންގެ އަމިއްލަ މަޝްރޫއެކެވެ. މަނަދޫގައި ފުރަތަމަ ފަހަރަށް 24 ގަޑީއިރު ކަރަންޓްގެ ޚިދުމަތް ދޭންފެށީ މަނަދޫ ރައްޔިތުންގެ ކަރަންޓްގެ ޚިދުމަތުންނެވެ. މަނަދޫ ރަށްކުރިއަރުވާ ކޮމެޓީގެ ބެލުމުގެ ދަށުން މުވައްޒަފުން ލައިގެން ހިންގަމުންދާ މަނަދޫ ރައްޔިތުންގެ ކަރަންޓްގެ ޚިދުމަތް ފުޅާކުރައްވާ ތަރައްޤީ ކުރެއްވުމަށް މަނަދޫ ކަތީބެއްގެ ގޮތުން ސަޢީދު ޤާސިމް ކުރައްވާފައިވާ މަސައްކަތްތަކާއި އަމިއްލަ ގޮތުން ކަމާބެހޭ ފަރާތްތަކާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ވަޑައިގެން ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.

3- ރައްޔިތުންގެ ޕިކަޕެއް ހޯދުން

މަނަދޫގެ ބަނދަރު ހެދުމާއި ފަޅު ފުންކުރުމުގެ މަސައްކަތް ސަރުކާރުން ހަމަޖައްސަވާފައިވާ ގޮތަށް ކޮށްނިންމަވާލެއްވި ނަމަވެސް ރައްޔިތުންގެ ފަރާތުން ބަދަރު ހިމާޔަތްކުރުމާއި ރަށް ހިމާޔަތް ކުރުމަށް ކުރަންޖެހިފައިވާ ބޮޑެތި ބުރަ މަސައްކަތްތަކެއް ހުއްޓެވެ. އެމަސައްކަތްތަކަކީ އަތުން ކުރެވޭ ވަރަށްވުރެ ބޮޑެތި ބުރަ މަސައްކަތްތަކެއް ކަމަށް ފެނިވަޑައިގެން ރައްޔިތުންގެ ފައިސާއިން މަޒުޑާ ހެވީލޯޑް ޕިކަޕެއް ބައްލަވައިގެންނެވިއެވެ. މިއީ ބްރޭންޑެޑް ނިއު ޕިކަޕެކެވެ. މި ޕިކަޕުގެ ބޭނުން ކުރައްވައިގެން ރަށުގެ ތަރައްޤީއަށްޓަކައި ރައްޔިތުން ކުރި ގިނަ މަސައްކަތްތަކެއް ކުރުމުގައި ލުއި ފަސޭހަކަން ހޯދާ މަސައްކަތް އަވަހަށް ނިންމާލުމުގެ ބާރަކަށް ވިއެވެ. މަނަދޫ ރަށްކުރިއަރުވާ ކޮމެޓީއިން މި ޕިކަޕް ބައްލަވައިގެންނެވުމަށް ފާސްކުރެއްވީ މަނަދޫ ކަތީބު ސަޢީދު ޤާސިމް ހުށަހެޅުއްވި ޚިޔާލަކަށް އެބޭފުޅާއަށް އެކަން ކުރެވިއްދާނެ ކަމުގެ ޔަގީންކަން ދެއްވުމުންނެވެ.

4- ކުނިކޮށި އިމާރާތްކުރުން

މަނަދޫގައި ކުނިނައްތާލުމުގެ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައެކެވެ. މި މައްސަލަ ހައްލުކުރުމަށް މަނަދޫގައި ފުރަތަމަ ކުނިކޮށްޓެއް ހެދުނީ ސަޢީދު ޤާސިމްގެ ވެރިކަމުގައެވެ. ކުރިން މަނަދޫއަކީ ގޮޑުދޮށަށް ކުނިއަޅާ، ދިގު އަތިރިމަތީގައި ކުނިގޮޑުތައް ހެދިފައި އޮންނަ ރަށެކެވެ. މަނަދޫގައި ފުރަތަމަ ވަގުތީ ގޮތުން ކުނިކޮށްޓެއް ހެދީ އިރުމަތީ އަވަށުގައި ފުޓްބޯޅަ ދަނޑުގެ ދެކުނު ފަރާތުގައެވެ. އޭގެފަހުން ކުނިކޮށްޓެއް ހެދީ އިރުމަތީ އަވަށު ކޮށިމަގުގެ ދެކުނުން ފުޓްބޯޅަ ދަނޑާދިމާލުން މޫދުން ބަޔަކާއެކު އަތިރިމަތީގައެވެ. ދަގަނޑު ޖަހާ ނަރުދަލުން ހެދި މިކުނި ކޮށްޓަށްފަހު ވަށާފާރު ރާނައިގެން ޒަމާނީ ފެންވަރަށް އިރުމަތީ އަވަށު ކޮށިމަގުގެ އިރުމަތީ ފަރާތުގައި މިހާރުވަނީ ކުނިކޮށްޓެއް ހެދިފައެވެ. މިއީ ތަފާތު ބާވަތްތަކުގެ ކުނިތައް ވަކިވަކިން ބެހައްޓައިގެން ނައްތާލެވޭގޮތަށް ހެދިފައިވާ ކުނިކޮށްޓެކެވެ.

5- ހުކުރު މިސްކިތް އިމާރާތް ކުރުން

މަނަދޫގެ އާބާދީ ބޮޑުވަމުން އައިއިރު މަނަދޫގައި ހުރި ހުކުރު މިސްކިތުގެ ޖާގައިގެ މައްސަލަވަނީ ކުރިމަތިވެފައެވެ. މަސްޖިދިލް ރިޟްވާންގެ ނަމުގައި ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އުވައިން ރާނާ ވަކަރުބޭނުންކޮށްގެން ތިމެންތި ޓިނު ޖަހައިގެން ރައްޔިތުން މަސައްކަތް ކޮށްގެން ހެދި މިސްކިތުގެ ބަދަލުގައި އާމިސްކިތެއް އިމާރާތް ކުރެވުނީވެސް ސަޢީދު ޤާސިމުގެ ވެރިކަމުގައެވެ. ފަހުން އިމާރާތް ކުރެވުނު ހުކުރު މިސްކިތަކީ މަނަދޫގައި މުންނާރަކާއެކު އިމާރާތް ކުރެވުނު ފުރަތަމަ މިސްކިތެވެ.

6- ކޮމިޔުނިޓީ ސެންޓަރު އިމާރާތްކުރުން

7- ޕްރީ ސްކޫލް ހިންގުން

8- މަނަދޫ ރައްޔިތުންގެ ބޭސްފިހާރަ ހިންގުން

9- ޤައުމީ ދުވަސް މަނަދޫގައި ޤައުމީ ފެންވަރުގައި ފާހަގަކުރުން

މާލޭން ބޭރުގައި ޤައުމީ ފެންވަރުގައި ދިވެހިރާއްޖޭގެ ޤައުމީ ދުވަސް އެންމެ ފުރަތަމަ ޤައުމީ ފެންވަރުގައި ފާހަގަކުރީ 1371 ވަނަ އަހަރު ތިލަދުންމަތީ އުތުރުބުރީ އުތީމުގައެވެ. އަދި 1400 ވަނަ އަހަރުވެސް ތިލަދުންމަތީ އުތުރުބުރީ އުތީމުގައި މި ދުވަސް ފާހަގަކުރެވިފައިވެއެވެ. މީގެ އިތުރުން 1405 ވަނަ އަހަރު އައްޑުއަތޮޅު ހިތަދޫގައިވެސް ޤައުމީ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރެވިފައިވެއެވެ. 1998 ވަނަ އަހަރުން ފެށިގެން ޤައުމީ ދުވަހުގެ ރަސްމިއްޔާތު ދެއަހަރު ރާއްޖޭގެ ކޮންމެވެސް ދެ ރަށެއްގައި އަދި އަނެއް އަހަރު މާލޭގައި ބާއްވާގޮތަށްވެސް ސަރުކާރުން ހަމަޖެއްސެވުމާއި ގުޅިގެން، އެއަހަރުން ފެށިގެން، ޤައުމީ ދުވަހުގެ ރަސްމިއްޔާ ބޭއްވިފައިވަނީ ތިރީގައި މިދަންނަވާ ރަށްތަކުގައެވެ. މަނަދޫގައި ޤައުމީ ފެންވަރުގައި ޤައުމީ ދުވަސް ފާހަގަ ކުރެވުނީ 1999 ވަނަ އަހަރުގައެވެ. އެދުވަސް ފާހަގަ ކުރުމަށް މަނަދޫގައި ރައްޔިތުންގެ ފަރާތުން ވަރަށް ގިނަ ގުނަ މަސައްކަތަކެއް ކުރެވިފައިވެއެވެ.

އެދުވަހުގެ ރަސްމިއްޔާތަށްޓަކައި ސަރުކާރުގެ ވަޒީރުންނާއި ގިނަ އަދަދެއްގެ މެހްމާނުން މަނަދޫއަށް ޒިޔާރަތް ކުރެއްވިއެވެ. މި ދުވަހުގެ ރަސްމީ ޖަލްސާއަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވަޑައިގަންނަވާގޮތަށް އޮތް ނަމަވެސް އެމަނިކުފާނަށް ވަޑައިގެންނެވޭ ގޮތެއް ނުވިއެވެ. އެއީ އަނބިކަނބަލުން އަލްފާޟިލާ ނަސްރީނާ އިބްރާހިމްގެ ލޮބުވެތި މަންމާފުޅު އަވަހާރަވުމާ ގުޅިގެންނާއި އަދިވެސް އެހެން ސަބަބުތައް ދިމާވެގެން ކަމަށްވެއެވެ. އެހެންނަމަވެސް ރައީސް މައުމޫނުގެ ޚިޠާބެއް ޖަލްސާގައި އިއްވިއެވެ. މި ޖަލްސާ ދިވެހިރާއްޖޭގެ އަޑުންނާއި ޓެލެވިޜަން މޯލްޑިވްސް އިން ވަގުތުން ދުރަށް ފޮނުވިއެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި މަނަދޫގައި ސިފައިންގެ އަސްކަރީ ޕެރޭޑާއި ކުޅިވަރުތައް ކުޅުނެވެ. އަތޮޅުގެ ރަށްރަށުންވެސް ކުޅިވަރު ގުރޫޕުތައް މަނަދޫއަށް އައިސް ކުޅިވަރު ތަކުގައި ބައިވެރިވެލެއްވިއެވެ. މި ރަސްމިއްޔާތަށްޓަކައި މަނަދޫއަށް ދިޔަ ސިފައިން ކޭމްޕް ޖެހީ ކޮށިމަގުގެ އިރުމަތީ ފަރާތުގައެވެ. ޤައުމީ ދުވަހުގެ ކަންތައްތައް ނިންމާލުމަށްފަހު ފުރައިގެން ދަމުން ދިވެހި ސިފައިން ޣާޒީ ލޯންޗްގައި ވަދާޢުގެ ބުރެއް މަނަދޫ ވަށައިގެން ޖެހިއެވެ.

ޤައުމީ ދުވަސް މަނަދޫގައި ޤައުމީ ފެންވަރުގައި ފާހަގަ ކުރުން ނިމިގެން ދިޔައީ ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ދައްކައިދީފައެވެ. ތަރައްޤީއަށްޓަކައި އެތައް މަސައްކަތްތަކެއް ރައްޔިތުން ޤައުމީ ދުވަހަށްޓަކައި ކުރިއެވެ. އެގޮތުން އިރުމަތީ މައިޒާން ޒަމާނީ ފެންވަރަށް ހެދުނުކަން ފާހަގަ ކުރެވެއެވެ. އަދި މަނަދޫ ޒުވާނުންގެ ޖަމުޢިއްޔާގެ ގޯތިތެރޭގައި ކުޑަކުދިންގެ ބަގީޗާ ( ކުޑަކުދިން ކުޅޭނެ ޕާކެއް ) ހުޅުވުނެވެ. އިރުމަތީ އަވަށު ރައްޔިތުން އިސްނަގައިގެން އިރުމަތީ އަވަށު ފިނިމައިޒާން ދޮށުގައި މަސްފެންގަޑެއްވެސް ހެދިއެވެ. އަދި ރަށުގެ އަތިރިމަތީގައި ކޮންކްރިޓް ގޮނޑިއާއި ފިނިކުރުމަށް ތިބޭ ބުރު ހެދުން ކަހަލަ އެތައް ކަމެއް ކޮށްފައިވެއެވެ. ގިނަ އަދަދެއްގެ ގިޑިގެ ތައްޔާރުކޮށް މުޅި ރަށުގައި ދިދަފަތި އޮތީ ދަމާފައެވެ. ޤައުމީ ދިދައިން މަނަދޫގެ ބޮޑުތަކުރުފާނު މަގުވަނީ ވަރަށް ފުރިހަމައަށް ޒީނަތްތެރި ކޮށްފައެވެ. މި މަސައްކަތްތަކުގައި މަނަދޫގެ ސަރުކާރުގެ މުވައްޒަފުންނާއި މަނަދޫ ރައްޔިތު ފިރިހެނުންނާއި އަންހެނުން އަދި ސްކޫލުގެ ދަރިވަރުންވެސް އަމަލީގޮތުން މަސައްކަތް ކޮށް ބައިވެރިވެފައިވެއެވެ.

މަނަދޫގައި ބެހެއްޓި ގިޑިގެތަކުގެ ތެރެއިން އެންމެ ފުރިހަމަ ރީތި ގިޑިއެއްގެ ގޮތުގައި ފާހަގަ ކުރެވުނީ ރަސްމީ ބޮޑު ފާލަން ކައިރި ބެހެއްޓި މަނަދޫ އެކުވެރިންގެ ގުޅުމުން ތައްޔާރުކުރި ގިޑިގެއެވެ. އެއީ ދިވެހިރާއްޖޭގެ ސަގާފަތް ދަށްކުވައިދޭ ގޮތަށް ހަދާފައިވާ ދިވެހިވަންތަ ގިޑިގެއެވެ. ޤައުމީ ދުވަހަށް ތައްޔާރުވުމުގެ ގޮތުން މަނަދޫ ރައްޔިތުން ކުރަމުންދިޔަ މަސައްކަތްތަކަށް ސަރުކާރުން ވަރަށް މަތިވެރި ދަރަޖައަކަށް ދީލަތި އެހީވެދެއްވިއެވެ. މަނަދޫ ފުޓްބޯޅަ ދަނޑުގެ ވަށާފާރު އަލަށް ރޭނުމާއި، ގޭގޭގެ މަގުފާރު ރޭނުމާއި މަގުފާރުގައި ސިމެންތި ޖެހުންފަދަ އިމުރާނީ ތަރައްޤީ ދަށްކުވައިދޭނެ އެތައް ކަމެއް ކުރެވުނެވެ. މަނަދޫގައި ޤައުމީ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަ ކުރެވުން ވެގެންދިޔައީ މަނަދޫގެ ނަން މުޅި ރާއްޖެއަށް މަޝްހޫރުވެގެން ދިޔަ ކަމެއްކަމަށެވެ. މަނަދޫގައި ޤައުމީ ދުވަސް ފާހަގަ ކުރުމަކީ މަނަދޫގެ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް މަތިވެރި ޝަރަފެކެވެ. މަނަދޫގައި ޤައުމީ ދުވަސް ފާހަގަ ކުރުން ޝަރަފުވެރި ކޮށްދެއްވީ އޮނަރަބުލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ.

10- ބޮޑު ޢީދު ޤައުމީ ފެންވަރުގައި މަނަދޫގައި ފާހަގަކުރުން

މަނަދޫގައި ޤައުމީ ފެންވަރުގައި ބޮޑު ޢީދު ފާހަގަ ކުރީ 2002 ވަނަ އަހަރުގައެވެ. ދިވެހިރާއްޖޭގެ އަޑުން އިސްނަގައިގެން މާލޭގައި ޢީދުގެ ކުޅިވަރުތައް މުބާރާތްތަކުގެ ސިފައިގައި ބާއްވަމުންގޮސް، ބޮޑު ޢީދު ޤައުމީ ފެންވަރުގައި އެކިއެކި ރަށްރަށުގައި ފާހަގަ ކުރައްވަން ސަރުކާރުން ނިންމަވާ، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން މިދުވަސް މަނަދޫގައި ފާހަގަ ކުރައްވަން ނިންމެވި ނިންމެވުމަކީ މަނަދޫއަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެކެވެ. މިކަމުގައި އޭރުގެ ޔޫތު މިނިސްޓަރ އޮނަރަބުލް އަލްފާޟިލް ސަމަރަބުލޫ އިބްރާހިމް މަނިކު އަމަލީގޮތުން އަދާކުރެއްވި ދައުރަކީ މަނަދޫ ރައްޔިތުން ޝުކުރުވެރިކަމާއެކު ފާހަގަކުރާނެ ކަމެކެވެ. ބޮޑު ޢީދު ޤައުމީ ފެންވަރުގައި ބޭއްވުމަށް މަނަދޫ ރައްޔިތުން އެއްބައިވަންތަކަމާއި އެކުވެރިކަމާއެކު ވަރަށް އަގުހުރި މަސައްކަތްތަކެއް ކުރިއެވެ.

މަނަދޫގައި ބޮޑު ޢީދު ޤައުމީ ފެންވަރުގައި ފާހަގަ ކުރުމަށްޓަކައި ސަރުކާރުގެ ވަޒީރުންނާއި ގިނަ އަދަދެއްގެ މެޙްމާނުން މަނަދޫއަސް ޒިޔާރަތް ކުރެއްވިއެވެ. ބޮޑު ޢީދުގެ ކުޅިވަރުތައް ކުޅުމަށް އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނާއި ކޮމެޓީތަކުން މަނަދޫއަށް ވަޑައިގަތެވެ. އަތޮޅާއި އަތޮޅުން ބޭރުގެ ގިނަ އަދަދެއްގެ ރައްޔިތުން ކުޅިބެލުމަށްވެސް ވަޑައިގަތެވެ. މަނަދޫއަށް އެރި މެޙްމާނުންނަށް މަނަދޫ ރައްޔިތުން ދަންނަވާފައިވަނީ ވަރަށް ހޫނު މަރުޙަބާއެކެވެ.

މަނަދޫގައި ޤައުމީ ފެންވަރުގައި ބޮޑު ޢީދު ފާހަގަ ކުރުމަށް ހިންގެވި ހަރަކާތްތައް ދިވެހިރާއްޖޭގެ އަޑުން ވަގުތުން ދުރަށް ފޮނުވިއެވެ. އަދި ޓެލެވިޒަން މޯލްޑިވްސް އިން ރެކޯޑް ކޮށްގެން މާލެ ގެންގޮސްގެން ފޮނުވިއެވެ. މަނަދޫގައި ބޮޑު ޢީދު ޤައުމީ ފެންވަރުގައި ފާހަގަ ކުރުން ޝަރަފުވެރި ކޮށްދެއްވީ އޮނަރަބުލް އަލްފާޟިލް ޢަބްދުﷲ ޖަމީލެވެ.

11- މަނަދޫގައި ޤައުމީ ފެންވަރުގައި މިނިވަން ދުވަސް ފާހަގަ ކުރުން

ސަރުކާރުން މަނަދޫގައި ޤައުމީ ފެންވަރުގައި މިނިވަން ދުވަސް ފާހަގަ ކުރެއްވީ 2003 ވަނަ އަހަރުއެވެ.

= ލިޔުނީ: ޢަބްދުﷲ ސަޢީދު