ގިއުޅު ކޮލި

ވިކިޕީޑިއާ އިންވިކިޕީޑިއާ


ގިއުޅު ކޮލި (ސައިންޓިފިކް ނަން: Lagocephalus sceleratus)ނުވަތަ (އިނގިރޭސި ބަހުން: Silverstripe puffer fish) އަކީ ކޮލީގެ ވައްތަރެކެވެ. މިއީ ކަނޑުގެ މަތީބައިގައި އުޅޭ މަހެކެވެ. އާންމު ގޮތެއްގައި އުޅެނީ އަތޮޅުން ބޭރު މާކަނޑޫތަކުގައެވެ. ނަމަވެސް މަދުމަދުން ފަރުތަކުގެ ކައިރިއަށް އައިސް އުޅެއެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއް ނޫނެވެ. ގިއުޅު ކޮއްޔަކީ ރާގޮނޑި ކޮލިއާއި އެއްސިފަޔަކަށް ހުންނަ އެއަށްވުރެ ތަންކޮޅެއް ބޮޑު މަހެކެވެ. މިކޮލި އެންމެ ބޮޑުވަނީ 85 ސެންޓި މީޓަރަށެވެ. މިއީ ރާއްޖޭއިން ވަރަށް މަދުން ފެނިފައިވާ ކޮލީގެ ބާވަތކެވެ. ގިއުޅު ކޮއްޔޭ ކިޔެނީ މިކޮލީގައި ގިއުޅުގައި ހުންނަހެން ކުލަވަރު ހުންނާތީ ކަމަށް ވެއެވެ. މިއީ ވަރަށް ވިހަގަދަ މަހެކެވެ.

ގިއުޅު ކޮލީގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 އާއި 12 އާއި ދެމެދުގެ އަދަދަކަށް މަޑޫކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 8 އާއި 11 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ހަށިގަނޑު ހުންނަނީ ހުރަހަށް ހަތަރެސްކަނަށް ވާގޮތަށެވެ. މަހުގެ ނިގޫކޮޅު ހިމަވެފައި ބޯކޮޅަށް ފުޅާވާނެއެވެ. މަހުގެ ބުރަކަށިމަތީގެ ކުލައަކީ ފެހިކުލައެވެ. އަދި ފެހި ކުލައިގެ ސަރަހައްދުގެ މަތީގައި ގަދަމުށި ނުވަތަ ކަޅުކުލައިގެ ލައްތަކެއް އެކިގޮތްގޮތަށް މަހުގެ މަތީބައިގައި އެތުރިފައި ހުރެއެވެ. އަނގައިން ފެށީގެން ނިގުލާއި ހަމައަށް މަހުގެ ދެއަރިމަތީގައި ރިހި ކުލައިގެ ރޮނގެއް ހުރެއެވެ. ލޮލުގެ ކުރީގައި ރިހި ކުލައިގެ ލަފެއް ހުރެއެވެ.