ރާގޮނޑި ކޮލި

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search


ރާގޮނޑި ކޮލި

ރާގޮނޑި ކޮލި (ސައިންޓިފިކް ނަން: Lagocephalus lagocephalus lagocephalus) އަކީ ކޮލީގެ ބާވަތެކެވެ. މިއީ ރާއްޖޭގައި މާގިނައިން އުޅޭ ކޮއްޔެއް ނޫނެވެ. ރާގޮނޑި ކޮއްޔަކީ ވަރަށް ނުރައްކާތެރި ވިހައެއް ހުންނަ މަހެކެވެ. މީގެ ވިހަ ކެއުމުން މީހާއަށް ވަރަށް ނުރައްކާތެރި ޙާލަތެއް މެދުވެރި ކުރުވާ ކަމަށް ވެއެވެ. ރާއްޖޭގައި މިވައްތަރުގެ ކޮލި މަޝްހޫރުވެފައިވަނީ ރާގޮނޑި އާއި ވައްތަރުކަމުން ވަކިކުރަން ނޭގިގެން ކެވިގެން ވިހަވާ މަހެއްގެ ގޮތުގައެވެ. ނަމަވެސް މިމަހަކީ މިފަދަ އޮޅުމަކުން ކެވިދާނެ މަހެއްކަމަކަށް ނުބެލެވެއެވެ.

ރާގޮނޑި ކޮއްޔަކީ ކޮލީގެ އެހެން ބާވަތްތަކާއި ޚިލާފަށް ދިގުކޮށް ބޮޑިމަސްކޮށް ހުންނަ ކޮއްޔެކެވެ. މަހުގެ ދަތްތައް ހުންނަނީ ރޮނޑުގައި ހުންނަ ކަހަލަ ގޮތަކަށެވެ. މަހުގެ މަތީބައި ހުންނަނީ އޮމާންކޮށެވެ. ބަނޑު ދަށްފަރާތުގައި ވަރަށް ކުދި ކަށިތަކެއް ހުރެއެވެ. މަހުގެ ބުރަކަށިމަތީގެ ކުލަ އަކީ ގަދަ ނޫކުލައެވެ. ބަނޑު ދަށްފަރާތުގެ ކުލައަކީ ހުދު ރިހި ކުލައެވެ. މަހުގެ ކަތްފަތްގަނޑުގެ ތިރިން މަހުގެ ބަނޑު ދަށްފަރާތުގެ އަރިމަތީގައި ކަޅުކޮށް ހުންނަ ހަތަރު ތިކި ފާޅުކޮށް ފެންނަށް ހުރެއެވެ. މަހުގެ ކަންފަތްގަނޑުގެ ތިރީބައިގައިވާ މަޑުކަށި ތަކުގެ ކުލައަކީ ހުދު ކުލައެވެ. ފަރުބޭރުގައި ވަދު އަޅާއިރު ވަރަށް މަދުން މިބާވަތުގެ ކޮލި ވަދުގައި ޖެހެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 15-13 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށްފަރާތުގެ ކޮތަރި ބައިގައި 13-11އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 60 ސެންޓިމީޓަރަށެވެ.