ލ. މެންދޫ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ލ. އަތޮޅު މެންދޫ ފަޅުވި ގޮތް[އުނިއިތުރު ގެންނަވާ]

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ކޮންމެ ޤައުމެއްގައި ވެސް ތާރީޚީ ނާޑުކަތާ ހުރެއެވެ. އެހެންކަމުން ދިވެހިރާއްޖޭގައި ވެސް މިފަދަ ނާޑުކަތާތައް އެބަހުއްޓެވެ. އަދި ވަކިވަކި އަތޮޅުތަކުގެ ނާޑުކަތާތައް ވެސް ހުރެއެވެ. އެ ގޮތުން ހައްދުންމަތީގައި ވެސް ވަރަށް ގިނަ ނާޑުކަތާތައް އެބަހުއްޓެވެ.

މި ލިޔުމުގައި އަޅުގަނޑު މި ބަލައިލަނީ ހައްދުންމަތީ މެންދޫ ފަޅުވި ގޮތާ ބެހޭ ގޮތުން ދެކެވޭ ނާޑުކަތާއެއްގެ ވާހަކައެވެ. ހައްދުންމަތީ މެންދޫ އޮންނަނީ އެ އަތޮޅު ހިތަދޫ އާއި ކުނަހަންދޫ އާ ދޭތެރޭގައި ހިތަދޫއާ ވަރަށް ކައިރީގައެވެ. ކުނަހަންދޫ އާ ވެސް ދުރެއް ނުވާނެ އެވެ. ހިކި ދިޔައިގައި ނުތެމި ހިނގައިލައިފައި އެއް ރަށުން އަނެއް ރަށަށް ދިޔުމަކީ ވަރަށް ފަސޭހަކަމެކެވެ.

ކޮންމެއަކަސް މި ވާހަކަ ކިޔައި އުޅެނީ މި ދަންނަވާ ގޮތަށެވެ.

ކުރީ ޒަމާނުގައި ބޮޑުމާލޫދު ކައްކައިގެން ކައިރި ރަށްރަށަށް ދަޢުވަތުދިނުމަކީ ވަރަށް ޢާއްމުކަމެކެވެ. އަހަރަކު އެއް ފަހަރު ކޮށް އުޅޭ ކަމެކެވެ. މި ގޮތުން އެއް ރެޔަކު މެންދޫ ބޮޑު މާލޫދަށް ދާންވެގެން ކުނަހަންދޫ ހުތް އާދަނު (އަޞްލު ނަމެއް ނޫން) އުޅުމުން އޭނާގެ އަންހެނުން ދިރި ދަލޭކަ (އަސްލު ނަމެއް ނޫން) އެ ކަމަށް އިޢުތިރާޟުކުރީ އެވެ. ސަބަބަކީ އޭނާ ހައްޔަރުގައި އިނދެ ބަނޑަށް ނުވަ މަސްފުރި ހިސާބަކަށް ބަނޑުގައި ވެސް ރިއްސާތީ އެ ޙާލުގައި އޭނާ އިންދައި، ދިޔުމަކީ އޭނާއަށް ގަބޫލުކުރެވޭކަމަކަށް ނުވުމެވެ. އަދި އޭނާ ދާނަމަ އޭނަޔާ އެކީ އެރަށަށް ގެންދިޔުމަށް ވެސް އެދުނެވެ.

މި ޚިޔާލުތަފާތުވުމާއެކު ވެސް ހުތް އާދަނު ބޭނުންވީ މާލޫދަށް މެންދޫއަށް ދާށެވެ. ގެއިން ނުކުމެގެން ހިނގައިގަތީމާ ފަސްފަހަތުން ދިރިދަލޭކަ ވެސް ހިނގައިގެންފި އެވެ. ތަންކޮޅެއް ފަހަތުންނެވެ. ހިކިދިޔަ އޮތުމުން މެންދޫއަށް ދާން ގަސްތުކުރީ ހިނގައިލައިފައެވެ. ނުތެމި މޫދު ހުރަސްކޮށް ފަސޭހަކަމާއެކީގައި ދެވޭތީ އެވެ.

ތަންކޮޅަކަށް ދެވުނު ތަނާ އޭނާގެ އަންހެނުން އޭނާގެ ފަހަތުން އަންނަކަން ހުތް އާދަނަށް ފާހަގަކުރެވުނެވެ. މިކަމާ ރުޅިއައިސްގެން ބޮޑު ގަލަކުން ޖެހިޖެހީނުން ދިރިދަލޭކަ މަރައިލައި މޫދުގައި އޮތް ހިރިއެއްގެ ދަށަށް ކޮއްޕައިލުމަށް ފަހު މެންދުއަށް ދިޔުމަށްޓަކައި ހުތް އާދަނު ހިނގައިގެންފި އެވެ. ދެން އުނދަގޫކުރަން ނިކަން އައިސްބަލާށޭ ބުނާކަހަލަ ގޮތެއްގައި ހަމަޖެހިލައިގެންނެވެ.

ސާދަވިލޭރޭގެ ރީތި ހަނދުވަރު މޫދަށް ދީފައިވުމުން މަންޒަރު ވަރަށް ރީއްޗެވެ. ކުރިޔަށް ގޮސް މެންދޫ އަތިރި މައްޗާ ހިސާބަށް ދެވުމު ތަނާ ފަހަތުން މީހަކު އަންނަހެން ހީވެގެން ހުތް އާދަނު ފަސް އެނބުރި ބަލައިލި އިރު އޭނާގެ އަންހެނުން އަނެއްކާވެސް މިހިރަ އަންނަނީ އެވެ. އެކަމަކު އޭނާއަށް ޔަގީންވާ ކަމަކީ އެނާގެ އަންހެނުން އަލުން ދިރިގެން އައުމަކީ އެކަށީގެން ވާކަމެއް ނޫން ކަމެވެ. އެހެނީ އެ އަނބި މީހާ މަރައިލުމަށް ފަހު ގަލެއް ދަށަށް ލީ އޭނާގެ އަމިއްލަ އަތުންނެވެ.

ހުތް އާދަނަށް މާލޫދު ހަރުގެޔާ ހަމަޔަށް ދެވުނު އިރު ކެއިމުގެ މަތި ނަގައި ކާން ފަށަނީ އެވެ. އެންމެން ކެއުމުގައި މަޝްޢޫލު ވީތަނާ ފެނުނީ ބޮޑު ފުރޭތައެއް މާލޫދު ހަރުގޭގެ ހުންނަ ހަމައެކަނި ދޮރާ ދިމާއިން ދޮރުމަތީ ދޮރުގެ ދެކަނީގައި އަތްއަޅައިގެން ހުއްޓިލި ތަނެވެ. ރަށުގެ އެންމެންހެން ތިބީ ހަރުގޭގައެވެ. އެންމެން ބިރުން ހޯބޯލަވައިގެންފި އެވެ. ކުރާނެކަމެއް ނޭނގި ބައެއް މޫހުންނަށް ދޮރާދިމާއަށް ދުއްވައިގަނެވިއްޖެ އެވެ. ދޮރާ ހަމަޔަށް ދިޔަ މީހަކިއްޔާ އެ ފުރޭތަ ކައިލަނީ އެވެ. އެނެމެ ފަހުން ހަރުގޭ ތެރޭގައި ތިބި އެންމެން ކައި ނިންމައިލުމަށް ފަހު، ރަށުތެރއަށް އަރައި އަންހެންވެރީންނާއި ކުޑަކުދީންނާދިމާކޮށްލައިފި އެވެ. މިހާ ހިސާބުން ރަށުގައި ތިބި މީހުންނަށް މި ޚަބަރު ލިބިގެން މޫދަށް އެރިގެން ރަށު ރައްޔިތުންގެ ތެރެއިން ބައެއް މީހުން ކުނަހަންދޫއަށް ދިޔައީ އެވެ. މުޅި މެންދޫ އެކީގައި ފަޅުވީ އެވެ.

މިއީ ލ. މެންދޫ ފަޅުވިކަމަށް ދޫދޫމަތިން ކިޔައި އުޅޭ ނާޑުކަތާތަކުގެ ތެރެއިން އެއް ރިވާޔަތެވެ. މި ނާޑުކަތާގެ ވަރަށް ގިނަ ރިވާޔަތްތައް އެބަހުއްޓެވެ. މި ފަދަ ނާޑުކަތާތަކަކީ ޙަޤީޤަތަކަށް ނުވިޔަސް އަދި ވިޔަސް މި ފަދަ ނާޑުކަތާތަކުން އަޅުގަނޑުމެންގެ ކާބަފައިންގެ ސަގާފަތާއި އާދަކާދަ ވަރަށް ރަނގަޅަށް ފެންނަން ހުރެ އެވެ.

http://www.liyuntherin.org/index.php?view=article&catid=11%3A2012-01-30-18-25-30&id=795%3A2013-01-07-01-48-03&option=com_content&Itemid=20