ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލް
ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލް، ސާރވިސް ނަންބަރު: 1089، ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1988 ވަނަ އަހަރުގެ އޭޕްރިލްމަހުގެ 04 ވަނަ ދުވަހުއެވެ. ވޭތުވެ ދިޔަ 30 އަހަރު ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް)ޢަބްދުﷲ ޝަމާލް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ގިނަގުނަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލް އައްޔަންކުރެއްވީ 2018 ޑިސެންބަރު މަހުގެ 11 ވަނަ ދުވަހުއެވެ.
ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލަކީ ވަރަށް ޢިލްމީ، ޤާބިލް އަދި ހުނަރުވެރި ޚިދުމަތްތެރިއެކެވެ. 1988 ވަނަ އަހަރު ރެކްރޫޓް ޓްރޭނިންގ ފުރިހަމަކުރެއްވުމަށްފަހު، ފުރަތަމަ މަސައްކަތް ކުރެއްވީ ހުޅުލޭ އެއަރޕޯޓް ސެކިއުރިޓީގެ ޓާސްކް ފޯސްގައެވެ. 1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާ ކުރިމަތިވިއިރު ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލް ހުންނެވީ ހުޅުލޭ އެއަރޕޯޓް ސެކިއުރިޓީގައި ޕްރައިވެޓް ސޯލްޖަރެއްގެ ގޮތުގައެވެ. ސިފައިންގޭގައި ހިންގުނު އެންމެ ފުރަތަމަ، ސްޕެޝަލް ޓާސްކް ފޯސް ޓްރޭނިންގ ފުރިހަމަކުރައްވައި، ފުރަތަމަ އެސް.ޓީ.އެފް ބެޗްގެ ބެސްޓް އެންސީއޯއިންގެ ތެރޭގައި އެ މަނިކުފާނު ހިމެނިވަޑައިގަތެވެ. އޭގެ އިތުރުން 1992 ވަނަ އަހަރު އެންސީއޯ ކޭޑަރ ޓްރޭނިންގ އެމަނިކުފާނު ފުރިހަމަ ކުރެއްވިއެވެ. އެއަށްފަހުލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލް ވަނީ ޕާކިސްތާނުގެ މިލިޓްރީ އެކަޑަމީން، އޮފިސަރ ކެޑޭޓް ފުރިހަމަކުރައްވައި، ބެސްޓް އެލައިޑް ކެޑޭޓްގެ މަޤާމް ޙާސިލްކުރައްވާފައެވެ. މި ކާމިޔާބީއާއެކު އެ މަނިކުފާނު ވަނީ ޕާކިސްތާން މިލިޓަރީ އެކަޑަމީން ދަސްވެނިވެވަޑައިގަތް އެންމެ ފުރަތަމަ ދިވެހި ސިފައިންގެ މީހާގެ ފަޚުރު ހޯއްދަވާފައެވެ. މީގެއިތުރުން ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލް ވަނީ 1996 ވަނަ އަހަރު އިންފެންޓްރީ އޮފިސަރސް ބޭސިކް ކޯސް ފުރިހަމަކުރައްވާފައެވެ. 2000 ވަނަ އަހަރު ކެޕްޓަންސް ކެރިއަރ ކޯސް ވެސް އެމަނިކުފާނު ފުރިހަމަކުރެއްވިއެވެ.
ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލް ވަނީ އިނގިރޭސިވިލާތާއި އިންޑިޔާއާއި އެމެރިކާއިން 3 މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައެވެ. ފުރަތަމަ މާސްޓަރސް ޑިގްރީ، "މާސްޓާޒް އޮފް އާރޓްސް ޑިގްރީ އިން ޑިފެންސް އެންޑް ސެކިއުރިޓީ އެނާލިސިސް" ހާސިލުކުރެއްވީ 1999 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލެންކެސްޓަރ އިންނެވެ. އެއަށްފަހު އިންޑިއާގައި ޑިފެންސް ސަރވިސް ސްޓާފް ކޮލެޖް ފުރިހަމަކުރައްވައި، 2003 ވަނަ އަހަރު އިންޑިޔާގެ ޔުނިވަރސިޓީ އޮފް މެޑްރާސްއިން 2 ވަނަ މާސްޓަރސް ޑިގްރީ، "މާސްޓާޒް އޮފް ސައިންސް އިން ޑިފެންސް އެންޑް ސްޓްރެޓީޖިކް ސްޓަޑީޒް" ފުރިހަމަކުރެއްވިއެވެ. މީގެ އިތުރުން ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލް ވަނީ 2012 ވަނަ އަހަރު އެމެރިކާގެ ވޮޝިންގޓަންގެ ނެޝަނަލް ޑިފެންސް ޔުނިވަރސިޓީން 3 ވަނަ މާސްޓަރސް ޑިގްރީ، "މާސްޓަރސް އޮފް އާރޓް އިން ސްޓްރެޓީޖިކް ސެކިއުރިޓީ ސްޓަޑީޒް" ފުރިހަމަކުރައްވައި، މި ކޯހުން ޑިސްޓިންގުއިޝްޑް އޮނަރ ގްރެޖުއޭޓްގެ މަޤާމު ހާސިލުކުރައްވައި، ދިވެހިރާއްޖެއަށާއި ދިވެހި ސިފައިންނަށް ރީތި ނަމާއި ޝަރަފު ހޯއްދަވައި ދެއްވާފައެވެ.
ދިވެހި އަސްކަރިއްޔާގެ ފަރާތުން ޑިފެންސް އެޑްވައިޒަރެއްގެ ގޮތުގައި ބޭރު ޤައުމެއްގައި އެންމެ ފުރަތަމަ މަސައްކަތްކުރެއްވި ބޭފުޅެއްގެ ޝަރަފު ވެސް ހާސިލުކުރައްވާފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލެވެ. އެ މަނިކުފާނު ވަނީ 2005 ވަނަ އަހަރުގެ މާރިޗު މަހުން، 2008 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ ނިޔަލަށް އިންޑިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރގެ މަޤާމު އަދާކުރައްވައި، އިންޑިޔާގައި ޑިފެންސް އެޑްވައިޒަރގެ އޮފީސް ޤާއިމްކޮށްދެއްވާފައެވެ. މީގެއިތުރުން ވެސް ބައިނަލް އަޤްވާމީ ގޮތުން އެ މަނިކުފާނަކީ އަސްކަރީ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މިގޮތުން 2012 ވަނަ އަހަރުގެ މާރިޗު މަހު ޔުނައިޓެޑް ނޭޝަންސްގެ "ރޮސްޓާ އޮފް ސީނިއަރ އެކްސްޕާރޓްސް އޮން ސެކިއުރިޓީ ސެކްޓަރ ރިފޯމް" ގައި ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލްގެ ނަންްފުޅު ހިމަނުއްވާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. މިއީ މިފަދަ ފަޚުރެއް ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރެވެ.
ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލްގެ އަސްކަރީ ޙަޔާތަށް ބަލާއިރު އެ މަނިކުފާނުވަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ގިނަ ޔުނިޓްތަކެއްގައި ކޮމާންޑެއްގެ ގޮތުގައި ޚިދުމަތް ކުރައްވާފައެވެ. އޭގެތެރޭގައި ކުއިކް ރިއެކްޝަން ފޯސް، އެމްއެންޑީއެފް މާލެ އޭރިއާ، އެމްއެންޑީއެފް މެރިން ކޯރ، ޓްރޭނިންގ އެންޑް ޑޮކްޓްރިން ކޮމާންޑް ހިމެނެއެވެ. މީގެއިތުރުން ޑައިރެކްޓްރޭޓް އޮން އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަންގައި އެމަނިކުފާނު ވަނީ މުހިންމު މަޤާމްތަކެއް ފުރުއްވާފައެވެ.
ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލް އެމްއެންޑީއެފްގައި ކުރައްވާފައިވާ ޚާއްޞަ ޚިދުމަތްތަކަށް ބަލާލާއިރު، އެމްއެންޑީއެފް އިން އެކުލަވާލި ފުރަތަމަ ސްޓްރެޓީޖިކް ޑިފެންްސް ޑައިރެކްޓިވް އެކުލަވާލެއްވުމުގެ އެންމެ މުހިންމު އަދި އިސް ދައުރެއް އަދާކުރެއްވުން ފާހަގަކޮށްލަންޖެހެއެވެ. މީގެއިތުރުން ރާއްޖޭގައި ހިނގާފައިވާ ބޮޑެތި ބައެއް ހާދިސާތަކާއި ކާރިސާތަކާ ގުޅިގެން ސިފައިން ހިންގާފައިވާ ޚާއްޞަ އޮޕަރޭޝަންތަކުގައި ވަރަށް އިސް ދައުރެއް ވަނީ އަދާކުރައްވާފައެވެ. މިގޮތުން 1998 ވަނަ އަހަރު ގާމާދޫ ޖަލު ރޯކޮށްލި ހާދިސާއާއި، 2003 ވަނަ އަހަރު މާފުށީ ޖަލުގައި ހިނގާދިޔަ ހަމަނުޖެހުން ކޮންޓްރޯލްކޮށް އާންމު ހާލަތަކަށް ގެނައުމަށް ސިފައިން ހިންގި ޚާއްޞަ އޮޕަރޭޝަންގައި ކުރެއްވި މަސައްކަތް ފާހަގަކުރެވެއެވެ. އަދި 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީގެ ކާރިސާގައި ކޮމާންޑަރ ލެވެލްގައި ކުރެއްވި އަގުހުރި މަސައްކަތްތަކާއި، ޒަމާނީ މިއުޒިކު ސިފައިންގެ ތެރެއަށް ތަޢާރަފު ކުރެއްވުމަށް ދިވެހި ސިފައިންގެ "ކޮޕްސް ބޭންޑް" އުފެއްދެވުމުގައާއި، އެ ބޭންޑުން ހޯދި މަޝްހޫރުކަމާއި މަޤްބޫލުކަން ހޯއްދެވުމުގައި ޢަމަލީ ގޮތުން އަދާކުރެއްވި އިސް ދައުރު ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ.
ސިފައިންގެ ޚިދުމަތުގައި ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލް ކުރައްވާފައިވާ އަގުހުރި ޚިދުމަތްތަކާއި ހޯއްދަވާފައިވާ ކާމިޔާބީތަކުގެ ސަބަބުން މިހާތަނަށް ޝަރަފުގެ ނިޝާނުގެ ގޮތުގައި 08 މެޑެއްޔާއި 13 ކުލަ ލިބިވަޑައިގެންފައިވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލިތަކަކީ ރައީސުލްޖުމްހޫރިއްޔާގެ މެޑެލި، މަތިވެރި ޚިދުމަތުގެ މެޑެލި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލި، ސިފައިންގެ ޚިދުމަތުގެ މެޑެލި، ސައްތައިގެ މެޑެލި، ތިނެއް ނޮވެންބަރުގެ މެޑެލި، އަޚްލާޤީ މެޑެލި އަދި 17 ވަނަ ސާކް ސަމިޓް މެޑެއްޔެވެ. ލިބިވަޑައިގެންފައިވާ ކުލަ ތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އަޚްލާޤީ ކުލަ އެއްވަނަ ފަހަރަށް، އަޚްލާޤީ ކުލަ ދެވަނަ ފަހަރަށް، އަޚްލާޤީ ކުލަ ތިންވަނަ ފަހަރަށް، ސިފައިންގެ ޚިދުމަތުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ، ކާމިޔާބުގެ ކުލަ އެއްވަނަ ފަހަރަށް، ކާމިޔާބުގެ ކުލަ ދެވަނަ ފަހަރަށް، ކާމިޔާބުގެ ކުލަ ތިންވަނަ ފަހަރަށް، ކާމިޔާބުގެ ކުލަ ހަތަރުވަނަ ފަހަރަށް އަދި ހުނަރުވެރިކަމުގެ ކުލައެވެ.
ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް)ޢަބްދުﷲ ޝަމާލް، ބްރިގޭޑިއަރ ޖެނެރަލް ރޭންކުގައި ދިވެހި އަސްކަރިއްޔާގައި ޚިދުމަތް ކުރައްވަމުން ގެންދަވަނިކޮށް، 2013 ނޮވެންބަރު 30 ވަނަ ދުވަހު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރެއްވިއެވެ. ނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓުން 2018 ޑިސެންބަރު 11 ވަނަ ދުވަހު، އެއީ ބާޠިލް ވަކިކުރުމެއް ކަމުގައި ކަނޑައަޅުއްވައި، އެ މަނިކުފާނަކީ 2013 ނޮވެންބަރު 30 ވަނަ ދުވަހުން ފެށިގެން ވަޒީފާއިން ވަކިކުރެވިފައިވާ ބޭފުޅެއްގެ ގޮތުގައި ނުބެލުމަށާއި، ޙުކުމް ކުރެއްވި ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ވަޒީފާ އިޢާދަކޮށްދިނުމަށް ދިވެހި ދައުލަތުގެ މައްޗަށް އަމުރުކުރެއްވިއެވެ. އަދި ޚިދުމަތް މެދުކެނޑިފައިވާ ދުވަސްތައް ޚިދުމަތުގެ މުއްދަތުގެ ތެރޭގައި ގުނުމަށާއި، އެ ދުވަސްތަކުގައި ލިބިވަޑައިގަންނަވަންޖެހޭ މުސާރައާއި ޢިނާޔަތްތައް 30 ދުވަހުގެ ތެރޭގައި ރައްދުކުރުމަށާއި، މަޤާމުގެ ކުރިއެރުން ދެއްވުމުގައި ކަނޑައެޅިފައިވާ ގޮތަށް މެދުކެނޑުނު މުއްދަތު ގުޅުވައިދިނުމަށް ވެސް ދިވެހި ދައުލަތުގެ މައްޗަށް އެ ޙުކުމުގައި ވަނީ އަމުރު ކުރައްވާފައެވެ. މި ޙުކުމަށްފަހު، އެ ދުވަހު އެމަނިކުފާނުގެ ވަޒީފާ ދިވެހި ދައުލަތުން އިޢާދަކޮށްދެއްވައި، ބްރިގޭޑިއަރ ޖެނެރަލްގެ މަޤާމުން، މޭޖަރ ޖެނެރަލްގެ މަޤާމަށް، މަޤާމުގެ ކުރިއެރުން ދެއްވިއެވެ.
ދިވެހި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ގ. އެރިއަދޫ، ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލް އައްޔަން ކުރެއްވީ 2018 ޑިސެންބަރު 11 ވަނަ ދުވަހުގެރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލަކީ، ސިފައިންގެ ކޮމާންޑަރުގެ މަޤާމުގެ ނަމަކީ "ޗީފް އޮފް ޑިފެންސް ފޯސް" ކަމުގައި ހަމަޖެއްސެވި ފަހުން، އައްޔަންކުރެއްވި 4 ވަނަ ޗީފް އޮފް ޑިފެންސް ފޯސް އެވެ.