ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމް

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ލެފްޓިނަންޓް ޖެނެރަލް (ރިޓަަޔަރޑް) ޢަބްދުއްސައްތާރު އާދަމް (އަންބަރީ) ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1978 ނޮވެމްބަރު 11 ވަނަ ދުވަހު. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމް ސިފައިންގެ ޚިދުމަތަށް ގެންނެވީ ތިން ފަށުގައި، ސިފައިންގެ 2 ނަންބަރު ސަރުދާރުގެ ރޭންކުގައި. 13 ނޮވެމްބަރު 1978 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިފައިންގެ މަޤާމުތަކުގެ ނަންތައް ބަދަލު ކުރެއްވިއިރު، ލެފްޓިނަންޓްގެ ރޭންކަށް ބަދަލު ކުރެއްވިއެވެ. ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވުމުގެ ކުރިން 12 އަހަރު ސަރުކާރުގެ ތަފާތު ދާއިރާތަކުގައި ޚިދުމަތް ކުރައްވާފައި. ސަރުކާރުގައި ޚިދުމަތް ކުރައްވަން ފެށްޓެވީ 1966 ވަނަ އަހަރު ވުޒާރަތުލް މަޢާރިފުގެ ކާތިބެއްގެ މަޤާމުގައި.

ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމް ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ދުވަހުން ފެށިގެން ސިފައިންގެ ހިންގެވުމުގެ ދާއިރާގައި އިސް ދައުރެއް އަދާކުރެއްވި. އެމަނިކުފާނަށް މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ވަކީލުކަން ދެއްވީ 10 ނޮވެމްބަރު 1979ގައެވެ. އަދި 21 ޖެނުއަރީ 1981ގައި މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ސީނިއަރ އަންޑަ ސެކްރެޓަރީގެ މަޤާމު ދެއްވި. މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ނަން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ނަމަށް ބަދަލު ކުރައްވައި، 10 ނޮވެމްބަރު 1982 ގައި އެ މިނިސްޓްރީގެ ސީނިއަރ އަންޑަ ސެކްރެޓަރީގެ މަޤާމަށް ބަދަލު ކުރެއްވި. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ޑިރެކްޓަރ އޮފް ނޭޝަނަލް ސެކިއުރިޓީގެ މަޤާމަށް ބަދަލު ކުރެއްވީ 01 ސެޕްޓެމްބަރު 1983 ގައި. ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމް ސިފައިންގެ ވެރިޔާގެ ނާއިބުގެ އެހީތެރިޔާގެ މަޤާމަށް ހަމަޖެއްސެވީ 01 މާޗް 1987 ގައި.

ލެފްޓިނަންޓް ޖެނެރަލް (ރިޓަަޔަރޑް) ޢަބްދުއްސައްތާރު އާދަމް، ސިފައިންގެ ވެރިޔާގެ ނާއިބުގެ އެހީތެރިޔާގެ މަޤާމުގެ އިތުރުން ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް ސެކިއުރިޓީގެ މަޤާމަށް ހަމަޖެއްސެވީ 28 މާޗް 1991 ގައި. އެމަޤާމުގައި ހުންނަވަނިކޮށް ސިފައިންގެ ޚިދުމަތަށް 100 އަހަރު ފުރުނު ދުވަސްކަމުގައިވާ 1992 ވަނަ އަހަރުގެ އޭޕްރީލް 21 ވަނަ ދުވަހު އެންއެސްއެސްގެ ޗީފް އޮފް ސްޓާފްގެ މަޤާމަށް ހަމަޖެއްސެވި. އަދި 11 ނޮވެމްބަރު 1993ގައި ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް ސެކިއުރިޓީގެ މަޤާމުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަޤާމަށް ހަމަޖެއްސެވި. ލެފްޓިނަންޓް ޖެނެރަލް (ރިޓަަޔަރޑް) ޢަބްދުއްސައްތާރު އާދަމް، ސިފައިންގެ ވެރިޔާގެ ނާއިބުގެ މަޤާމަށް ހަމަޖެއްސެވީ 01 ޖެނުއަރީ 1996 ގައި.

ލެފްޓިނަންޓް ޖެނެރަލް (ރިޓަަޔަރޑް) ޢަބްދުއްސައްތާރު އާދަމަކީ ދިވެހި އަސްކަރިއްޔާ މިއަދު މިދެކޭ ކުރިއެރުމާއި ތަރައްޤީއަށް ވާސިލުވުމުގައި ސިފައިންގެ އެންމެމަތީވެރިޔާގެ އިރުޝާދާއެކު ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް. ޚާއްޞަކޮށް ބޭރުގެ އަސްކަރިއްޔާތަކާ ގުޅުންތައް ޤާއިމުކުރައްވައި، ސިފައިންނަށް ރާއްޖެއިން ބޭރުން އަސްކަރީ ދާއިރާއިން ތަޢުލީމާއި ތަމްރީނުގެ ގިނަ ފުރުސަތުތަކެއް ހޯއްދަވައިދެއްވައި، ރާއްޖެއާއި ރާއްޖެއިން ބޭރުން އަސްކަރީ ތަޢުލީމާއި ތަމްރީނުދީ، ލޯހުޅުވޭ ކުޅަދާނަ ޤާބިލު ޒުވާން ޖީލެއް އުފެއްދުމަށް ކުރެއްވި އިޚްލާޞްތެރި މަސައްކަތް ފާހަގަ ކުރެވޭ. އަދި އަސްކަރީ އަޚްލާޤު ސިފައިންގެ ހިތްތަކުގައި ބިންވަޅު ނަގައި، ކަމަށްކަމޭހިތައިގެން ޤައުމީ ރޫޙާއި ޖޯޝުގައި ނަޒާހަތްތެރިކަމާއެކު ކެރިގެން ޤައުމަށް ޚިދުމަތް ކުރާނެ ބަޔަކަށް ސިފައިން ހެއްދެވުމަށް އަގުހުރި މަސައްކަތްތަކެއް ކުރެއްވި.

ލެފްޓިނަންޓް ޖެނެރަލް (ރިޓަަޔަރޑް) ޢަބްދުއްސައްތާރު އާދަމްގެ ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި 1988 ނޮވެމްބަރ 3 ގެ ޢުދުވާނީ ހަމަލާގެ ވަގުތުގައި ސިފައިންގެއިން ބޭރުގައި ހުންނަވައިގެން، ސިފައިންގެ ކަންކަން ހިނގާނުހިގާގޮތް ވަގުތުން ވަގުތަށް ބައްލަވައި، ސިފައިންގެ ވެރިޔާއާއި ސިފައިންގެ ވެރިޔާގެ ނާއިބުގެ އިރުޝާދާ އެއްގޮތަށް މަސައްކަތް ކުރައްވައި އެބޭފުޅުންނަށް ބޭނުންފުޅުވާ އެހީތެރިކަން ފޯރުކޮށްދެއްވި. އަދި 1988 ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލާއާ ގުޅިގެންނާއި ސިފައިންގެ ޚިދުމަތަށް 100 އަހަރު ފުރުނު މުނާސަބަތާ ގުޅިގެން ސިފައިންގެ ކުރިމަގަށްޓަކައި ތަރައްޤީގެ އާ ތަސައްވުރުތަކެއް އެކުލަވާލައި، އެ ލަނޑުދަނޑިތައް ހާސިލު ކުރެއްވުމަށް ކުރެއްވި މަސައްކަތާއި، ރައްޔިތުން ހޭލުންތެރިކޮށް ސިފައިންގެ ޚިދުމަތުގެ ތަސައްވުރު ބަދަލުކުރުމަށް ފެށްޓެވި މަސައްކަތުގެ ނަތީޖާ މިއަދުވެސް ސިފައިންގެ ތެރެއިން ދަނީ ފެންނަމުން. ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާތަކުން އާންމު ރައްޔިތުން ހޭލުންތެރިކޮށް، ޚާއްޞަކޮށް ތަޢުލީމީ ޒުވާނުންގެ ހިތްތަކުގައި ސިފައިންގެ ޤައުމީ ޚިދުމަތާމެދު ޝަޢުޤުވެރިކަން އުފެއްދެވުމަށް ކުރެއްވި މަސައްކަތާއި، އަސްކަރީ ދާއިރާއިންނާއި ފަންނީ ދާއިރާތަކުން މީހުން ބިނާކޮށް ތަޢުލީމީ ފަންނީ ޒުވާނުންގެ މުއައްސަސާއަކަށް ދިވެހި އަސްކަރިއްޔާ ބަދަލުކޮށްލެއްވުމަށް އިސްތިރާޖީގޮތުން ކުރެއްވި މަސައްކަތް ފާހަގަ ކުރެވޭ.

ދިވެހި އަސްކަރިއްޔާގެ އެންމެ އިސް މަޤާމުތައް ފުރުއްވި ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމްއަކީ ސިފައިންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް ޚިދުމަތްތައް ތަރައްޤީ ކުރެއްވުމަށް ޚާއްޞަކޮށް ސިފައިންގެ ޢުމްރާނީ ތަރައްޤީއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވި ބޭފުޅެއް. މިގޮތުން ކުރެއްވި މަސައްކަތުން 2004 ވަނަ އަހަރާ ހަމައަށް އައިއިރު ރާއްޖެތެރޭގެ 42 ރަށެއްގައި ސިފައިންގެ ޚިދުމަތް ޤާއިމްކޮށް ސިފައިންނާއި ފުލުހުންގެ ޚިދުމަތް ދެވޭ ގޮތަށް ހުރީ ހަމަޖައްސަވާފައި. ހަމައެހެންމެ އަތޮޅުތެރޭގެ އާބާދީބޮޑު ސަރަޙައްދު ތަކުގައި ސިފައިންގެ ރީޖަނަލް ހެޑްކުއާޓަރުތައް ބިނާކުރައްވައި ކޯސްޓްގާޑްގެ ޚިދުމަތާއި އަލިފާންނިއްވުމުގެ ޚިދުމަތާއި ފުލުހުންގެ ޚިދުމަތް އެތަންތަނުން ދެވޭނެ އިންތިޒާމު ހުރީ ހަމަޖައްސަވާފައި. އަދި ވަކިން ޚާއްޞަ ގޮތެއްގައި ސިފައިންގެ ޚިދުމަތަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯއްދަވައިދެއްވައި ސިފައިންގެ ކުރިއެރުމާއި ތަރައްޤީއަށް ކޮށްދެއްވި މަސައްކަތްތަކުގެ ތެރެއިން ކޯސްޓްގާޑުގެ ޚިދުމަތާއި އަލިފާން ނިއްވުމުގެ ޚިދުމަތާއި މެޑިކަލް ސާރވިސްގެ ޚިދުމަތާއި އިންޖިނިއަރިންގގެ ޚިދުމަތަށް ސިފައިންގެ ތެރޭގައި ޚާއްޞަ ޔުނިޓްތައް އުފައްދަވައި ހަރުދަނާ ބިންގަލެއްގެ މަތީގައި ޚިދުމަތް ފަށްޓަވައި ތަރައްޤީކޮށްދެއްވުމުގައި އަދާކުރެއްވި މުހިންމު ދައުރު ފާހަގަކުރެވޭ. ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމް އަދާކުރެއްވި އިޚްލާޞްތެރި ޤައުމީ ޚިދުމަތުގައި ދެއްކެވި މަތިވެރި އަޚްލާޤާއި، ސާބިތުކަމާއި ގަދަފަދަ ހިތްވަރު ހެކިކޮށްދެނީ ޚިދުމަތުގައި ލިބިވަޑައިގެންނެވި ޝަރަފުގެ ނިޝާންތަކުން. އެމަނިކުފާނަށް 8 ކުލަ އާއި 10 މެޑަލް ލިބިވަޑައިގެންފައިވޭ. އޭގެތެރޭގައި ސިފައިންނަށްދެވޭ އެންމެމަތީ ޢަސްކަރީ ޝަރަފު ކަމުގައިވާ [ޣާޒީގެ އެންމެމަތިވެރި ޢަސްކަރީ ޝަރަފު] (މެޑެލް އޮފް އޮނަރ) 1999 ޖޫން 28 ވަނަ ދުވަހު ހާސިލު ކުރެއްވުން ހިމެނޭ.

ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ވަރަށް އަގުހުރި އިޚްލާޞްތެރި ޚިދުމަތްތަކެއް ސިފައިންގެ ބުރަ އަދި ބަރު މަސްއޫލިއްޔަތުތަކާއެކު ކުރެއްވި ލެފްޓިނަންޓް ޖެނެރަލް (ރިޓަަޔަރޑް) ޢަބްދުއްސައްތާރު އާދަމް 2004 ވަނައަހަރު ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު އިންޑިއާގައި ހުންނަވާ ދިވެހި ދައުލަތުގެ ސަފީރުކަމުގެ މަޤާމަށް އައްޔަން ކުރެއްވިއިރު ހުންނެވީ ސިފައިންގެ އެންމެމަތީ ވެރިޔާގެ ނާއިބުގެ މަޤާމުގަޔާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަޤާމުގައެވެ. ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމް ވަނީ ދިވެހި އަސްކަރިއްޔާއަށް 25 އަހަރާއި 9 މަހާ 20 ދުވަހުގެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައި.

ލެފްޓިނަންޓް ޖެނެރަލް (ރިޓަަޔަރޑް) ޢަބްދުއްސައްތާރު އާދަމް ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި ސިފައިންގެއަށާއި ދިވެހި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާއިރު، އެ މަނިކުފާނަކީ ޤާބިލު، ޕްރޮފެޝަނަލް އަސްކަރިއްޔާއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު ބައްޓަން ކުރެއްވުމުގައި އެންމެ ފާހަގަ ކުރެވޭ އެއް ޝަޚްސިއްޔަތެއް. ސިފައިންގެ ޚިދުމަތް ތަރައްޤީކޮށް ކުރިއެރުވުމަށް ގަދައަޅައި މަސައްކަތްކުރެއްވި ހަރުދަނާ ލީޑަރެއް. މިއަދުގެ ދަރިންނަށް ހުރި ވަރަށް ފުރިހަމަ ލާމަސީލު މިސާލެއް. ޢަމަލީ މަސައްކަތުގައި ނަމޫނާ ދެއްކެވި ބޭފުޅެއް. ސިފައިންގެ ޒުވާން ޖީލަށް ނަމޫނާ ޝަޚްސިއްޔަތެއް.

ލެފްޓެނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން މި ޢިއްޒަތް އެރުވީ، 125 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި 2017 އެޕްރީލް 23 ވަނަ ދުވަހުގެރޭ ކަޅުތުއްކަލާކޮށީގައި ބޭއްވެވި ޚާއްޞަ އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް