ލެފްޓިނަންޓް ކާނަލް ރިޓަޔަރޑް ޢަބްދުލްޣަނީ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ލެފްޓިނަންޓް ކާނަލް ރިޓަޔަރޑްޢަބްދުލްޣަނީގެ ސިފައިންގެ ސާރވިސް ނަންބަރަކީ 105 އެވެ.


ލެފްޓިނަންޓް ކާނަލް ޢަބްދުލްޣަނީ ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1960 ވަނައަހަރު އޯގަސްޓް މަހުގެ 27 ވަނަ ދުވަހުއެވެ. ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު 48 އަހަރާ 11 މަހާ 4 ދުވަހުގެ ދިގު މުއްދަތުގައި، އަގުހުރި ޚިދުމަތްތަކެއް ވަނީ ކުރައްވާފައެވެ. ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 2009 އޯގަސްޓް މަހުގެ 3 ވަނަދުވަހުއެވެ.


ލެފްޓިނަންޓް ކާނަލް ޢަބްދުލްޣަނީ ސިފައިންގޭގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން ޝަރަފުގެނިޝާނުގެ ގޮތުގައި 9 ކުލައާ 7 މެޑަލް ލިބިވަޑައިގެންފައިވެއެވެ. ލިބިވަޑައިގެންފައިވާ މެޑަލްތަކުގެ ތެރޭގައި، އަޚްލާޤީމެޑަލް، ސިފައިންގެ ޚިދުމަތުގެ މެޑަލް، އިޚްލާޞްތެރި ޚިދުމަތުގެ މެޑަލް، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް، ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑަލް، ސައްތައިގެ މެޑަލް، އަދި 3 ނޮވެމްބަރުގެ މެޑަލް ހިމެނެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި ހިތްވަރު ގަދަކަމުގެ ކުލަ، ހުނަރުވެރިކަމުގެ ކުލަ އަދި ޚާއްޞަ ޚިދުމަތުގެކުލަ ފާހަގަ ކޮށްލެވެއެވެ.


ލެފްޓިނަންޓް ކާނަލް ޢަބްދުލް ޣަނީގެ ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި، ވިލިނގިލީ ޖަލު ބެލެހެއްޓުމާއި، މަސްބޯޓުގައި ޑިއުޓީކުރުމާއި، ޑިއުޓީ ސެކްޝަނުގެ ޑިއުޓީ އެން.ސީ.އޯ އެއްގެ އިތުރުން ސިފައިންގެ މައިގޭޓުގައި ޑިއުޓީމަރާ އެން.ސީ.އޯއެއްގެ ގޮތުގައި މަސައްކަތް ކުރައްވުން ހިމެނެއެވެ. މީގެ އިތުރުން ކޯސްޓްގާޑުގެ ލޯންޗް ފަހަރުގެ ކަންތައްތައް ބަލަހައްޓަވާ އިސްބޭފުޅެއްގެ ގޮތުން ގިނަގުނަ ޚިދުމަތް ތަކެއް ލެފްޓިނަންޓް ކާނަލް ޢަބްދުލްޣަނީވަނީ ކުރައްވާފައެވެ. މިގޮތުން ފަރަށް އަރާ އޮޑިދޯނިފަހަރު ފުންކުރުން ފަދަ ބޮޑެތި މުހިންމު މަސައްކަތް ހިނގަމުންދާ ވަގުތު އެތަންތަނަށް ވަޑައިގެން ޒުވާން ސިފައިންނަށް ކަންތައްތައް ކުރަންވީގޮތް ދަސްކޮށްދެއްވާ ކޯސްޓްގާޑަށް ބޭނުންވާ ފަންނީ ޒުވާނުން ބިނާ ކުރެއްވުމުގައި ލެފްޓިނަންޓް ކާނަލް ޢަބްދުލް ޣަނީގެ ތަޖުރިބާއާއި ހުނަވެރިކަން ވަރަށް މަތީ ދަރަޖައަކަށް ބޭނުން ކުރައްވާފައިވެއެވެ.


ލެފްޓިނަންޓް ކާނަލް ޢަބްދުލްޣަނީގެ ޚިދުމަތަށް ބަލާއިރު ހުވަދޫ ބަޣާވާތުގެ ދުވަސްވަރު ގދ. ތިނަދޫގައި ޑިއުޓީގައި ހުންނެވުމާއި، މާލެއަށް ބޮޑުރާޅު އެރުމުގެ ހާދިސާގައި ސިފައިން ކުރަމުންގެންދިޔަ މަސައްކަތާއި 1988 ނޮވެމްބަރު 3 ގެ ޢުދުވާނީ ހަމަލާގެ ވަގުތުގައި ސިފައިންގެ މައިމަރުކަޒު ދިފާޢު ކުރުމުގެގޮތުން ސިފައިންގެ އެތެރޭގައި ހުންނަވައިގެން ޖިހާދުކުރުން ފާހަގަކޮށްލެވެއެވެ. ސިފައިންގެ ޚިދުމަތުން ލެފްޓިނަންޓް ކާނަލް ޢަބްދުލްޣަނީ ރިޓަޔަރ ކުރައްވަނީ ޢުމުރުފުޅުން 66 އަހަރުގައެވެ.

--Allosaeed 08:45, 6 ޖެނުއަރީ 2012 (UTC)