ތުންހިމަ މިޔަރު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ތުންހިމަ މިޔަރު

ތުންހިމަ މިޔަރު (އިނގިރޭސި ބަހުން: Carcharhinus limbatus)ނުވަތަ (އިނގިރޭސި ބަހުން: Blacktip shark)އަކީ މިޔަރުގެ ބާވަތެކެވެ. މިބާވަތުގެ މިޔަރު ރާއްޖޭގައި މިހާތަނަށް ރިކޯޑް ކުރެވިފައިވަނީ ލ. އަތޮޅުންނެވެ. މެރިން ރިސާޗް ސެކްޝަނުން ހިންގި ފަރުމަހުގެ ތަހްލީލު ޕްރޮގްރާމްގެ ދަށުން އެސަރަހައްދުގައި ކުރެވުނު ލޭނު މަސްވެރިކަމުގައި މިބާވަތުގެ 4 މިޔަރު ބޭނިފައި ވެއެވެ. މިއީ ހަރަކާތް ހަލުވި މިޔަރެކެވެ. މިބާވަތުގެ މިޔަރު ނަނުގައި ބާނާއިރު ވަރަށް ގަދަ ދައްކާކަމަށް ވެއެވެ. އަދި ބާނާފައި އޮންނައިރު ވެސް އާދަޔާ ޚިލާފަށް ތެޅިފޮޅޭކަމަށް ވެއެވެ.

ތުންހިމަ މިޔަރު އަކީ ވަރަށް އާދައިގެ ހިމަތޮޅި މިޔަރެކެވެ. މިމިޔަރު 5-2 މީޓަރަށް ބޮޑުވާ ކަމަށްވެއެވެ. މިބާވަތުގެ މިޔަރު ވިހާ ކޮންމެ ފަހަރަކު 1-10 އާއި ދެމެދަށް ޅަމިޔަރު ވިހާކަމަށް ވެއެވެ. މިމިޔަރުގެ ކާނާއަކީ އައިން ހަދައިގެން އުޅޭ މަހާއި، ކަކުނި ފަދަ ސޫތްޕާއި، އަދި ބޯވަ ދިލަ މަހެވެ. މިމިޔަރުގެ ތުންކޮޅު ހުންނަނީ ހިމަކޮށް ދިގުކޮށެވެ.

ތުންހިމަ މިޔަރު ގެ ކުލައަކީ އަޅިކުލަ އެވެ. ނަމަވެސް މިމިޔަރުގެ އަރިމަތީގައި ރަތުލޯ ކުލައިގެ ދަޅައެއް ހުރެއެވެ. ބަނޑު ދަށްފަރާތް ހުންނަނީ ފަނޑުކުލައެއްގައެވެ. ބުރަކަށި މަތީގެ އުރަހަތަކުގެ ކޮޅު ހުންނަނީ ކަޅުކުލައިގައެވެ. ބަނޑު ދަށްފަރާތުގެ އުރަހަ ތަކުގެ ކޮޅާއި، ނިގޫފަތުގެ ތިރީބައިގެ ކޮޅުގައި ކަޅު ކުލައިގެ ލަފެއް ހުރެއެވެ. މިމިޔަރަށް ވަކި ޚާއްޞަ ނަމެއް ކިޔާފައިނުވާތީ މިޔަރަށް ލިބިފައިވާ ޚާއްޞަ ސިފަޔަށް ބަލައިގެން ތުންހިމަ މިޔަރު މިނަން ކިޔާފައި ވަނީ އެވެ.

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]