އުރަހަކަޅު މިޔަރު

ވިކިޕީޑިއާ އިންވިކިޕީޑިއާ
އުރަހަކަޅު މިޔަރު

އުރަހަކަޅު މިޔަރު(އިނގިރޭސި ބަހުން: Carcharhinus melanopterus)ނުވަތަ (އިނގިރޭސި ބަހުން: Blacktip reef shark) އަކީ މިޔަރުގެ ބާވަތެކެވެ. މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުމަތިންނާއި، ފަރުފަޅުތަކުގެ ތެރެއިން ގިނައިން ފެންނަ މިޔަރެކެވެ. މިބާވަތުގެ މިޔަރު އަތޮޅުން ބޭރު މާކަނޑުތަކުގައި ވެސް މަދުމަދުން އުޅޭކަމަށް ވެއެވެ. މިއީ މެދު އިސްކޮޅެއްގެ މިޔަރެކެވެ. މިމިޔަރު އެންމެ ބޮޑުވަނީ 1.8 މީޓަރަށެވެ. މިޔަރުގެ ތުން ކުރުވެފައި ބޮލު ކޮޅު ހުންނަނީ ވަރަށް ބޮޑަށް ވައްކޮށެވެ.

އުރަހަކަޅު މިޔަރަކީ ގޯނާކޮށްފިނަމަ ބައެއް ފަހަރު އިންސާނުންނަށް ވެސް ނުރައްކާތެރި ހަމަލާދޭ މިޔަރެއްކަމަށްވަނީ ބެލެވިފައެވެ. ފަރުމަތީގައި ދަގަނޑު ޖަހައިގެން މަސްހިފަން އުޅޭ ފަރާތްތަކަށް މިބާވަތުގެ މިޔަރު ޙަމަލާ ދިނުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ގިނަމިޔަރާ ޚިލާފަށް ތަންކޮޅެއް މަޑުމައިތިރި އިސްކޮޅުން އެހާ ބޮޑު ނޫން މިޔަރެއްކަމުން މިއީ މާ ނުރައްކާތެރި މިޔަރެއް ކަމަށް ނުބެލެވެއެވެ. އުރަހަކަޅު މިޔަރު އަށް ފަޅު މިޔަރު އޭ ވެސް ކިޔައެވެ.

އުރަހަކަޅު މިޔަރުގެ ބުރަކަށިމަތީގެ ކުލައަކީ މަޑު މުށި ކުލައެވެ. ބަނޑު ދަށްފަރާތް ހުންނަނީ ހުދުކުލަ އަކަށެވެ. މިޔަރުގެ ހުރިހާ އުރަހަތަކެއްގެ ކޮޅު ހުންނަނީ ކަޅުކުލަ އަށެވެ. އުރަހަކަޅު މިޔަރު ވިހާއިރު ގިނައިން ވިހާފައި ހުންނަނީ 4 މިޔަރެވެ. އަދި ވިހާ ޅަމިޔަރުގެ ދިގުމިން ހުންނަނީ 33 ސެންޓި މީޓަރާއި، 50 ސެންޓި މީޓަރާއި ދެމެދުގައެވެ. މިބާވަތުގެ މިޔަރުގެ ކާނާއަކީ ކުދި މަހާއި ބޯވައެވެ. މިއީ ކެއުމަށް ބޭނުންކޮށްއުޅޭ އަދި ވިޔަފާރިއަށް އުރަހަ ބޭނުން ކުރެވިދާނެ މިޔަރެކެވެ.