Jump to content

ތަލީގެ ޓޮންސިލް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ތަލީގެ ޓޮންސިލް (އިނގިރޭސި ބަހުން: Palatine tonsil) އަކީ އަނގައިގެ ތެރެއިން ފަހަތުން ފެންނަން އިންނަ ޓޮންސިލް އެވެ.އާންމު ގޮތެއްގައި ޓޮންސިލް އޭ ކިޔައިއުޅެނީ ތަލީގެ ޓޮންސިލް އަށް ނިސްބަތްކޮށެވެ. އަނގައިގެ ފަހަތުން ދެފަރާތުގައި ވެސް ތަލީގެ ޓޮންސިލް ހުންނާނެއެވެ. ތަލީގެ ޓޮންސިލް އެންމެ ބޮޑުވަނީ ބާލިޣުވާ އުމުރަށް އެޅުމުންނެވެ. އެއަށްފަހު މަޑުމަޑުން ޓޮންސިލް ހިދެން ފަށައެވެ. ޓޮންސިލް ދުޅަވެ، އުދަގޫތަކާއި ކުރިމަތިވުން ތަކުރާރުވާނަމަ ޓޮންސިލް އޮޕަރޭޝަން ކޮށްގެން ނެގުމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ.

ތަލީގެ ޓޮންސިލް ގައި ހިމެނޭ ބީ ސެލް ތަކުން ތަފާތު ވައްތަރުގެ އިމިއުނޯގްލޯބިއުލިން ތައް އުފައްދައެވެ. އަދި ތަފާތު ބަލިތަކާއި ދެކޮޅަށް މަސައްކަތް ކުރާނޭ ހަށިދަމަނަ ތައް ވެސް އުފައްދައެވެ. މީގެ އިތުރުން ސައިޓަކީން(އިނގިރޭސި ބަހުން: Cytokine) ގެ މަސައްކަތް ޓޮންސިލް އިން ފުރިހަމަކުރާކަމަށް މިހާރުވަނީ ހޯދިފައެވެ. ސައިޓަކީން އަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމްގެ މަސައްކަތުގައި ބައިވެރިވާ ގްލައިކަޕްރޮޓީން އެކެވެ.

ތަލީގެ ޓޮންސިލް ހުންނަނީ އަނގައިގެ ތެރެއިން ފަހަތުގައި ކަމަށްވުމުން، މިތަނަކީ ނޭވާލާ ނިޒާމް އަދި ހަޖަމުކުރާ ނިޒާމް ގެ ފެށޭ ހިސާބަށް ވުމުން، ތަފާތު ވައްތަރުގެ ޖަރާސީމްތައް މިބުނި ދެނިޒާމަށް ދިއުމަށް ތަލީގެ ޓޮންސިލްގެ ސަބަބުން ހުރަސް އަޅައެވެ. އަދި މިއީ އަނގަޔާގުޅޭ އަރުތެރެގައި އިންނަ ދިފާޢުކުރުމުގެ ބާރު އެންމެ ގަދަ އެއް ޓިޝޫ އެވެ.

ތަލީގެ ޓޮންސިލް ގައި ގިނައަދަދަކަށް ކްރިޕްޓް(އިނގިރޭސި ބަހުން: Crypt) ހުރެއެވެ. އަދި މިޓޮންސިލްގެ އެޕިތީލިއަމް ގައި ހުންނަނީ ނޮން-ކެރަޓިނައިޒްޑް ސްޓްރެޓިފައިޑް ސްކޭމަސް އެޕިތީލިއަމް(އިނގިރޭސި ބަހުން: Non-keratinized Stratified squamous epithelium) އެވެ. ތަލީގެ ޓޮންސިލް ގައި 30-10 އާއި ދެމެދުގެ އަދަދަކަށް ކްރިޕްޓް ހުރެއެވެ. މެކްރަފޭޖް ތަކާއި ލޭގެ ހުދު ސެލްތައް މިކްރިޕްޓް ތަކުގައި ހުރެއެވެ.

  • ނޯޓް: އާންމު ގޮތެއްގައި ޓޮންސިލް އޭ ކިޔައިއުޅެނީ އަނގައިގެ ތެރެއިން ފަހަތުން ފެންނަން އިންނަ ޓޮންސިލް އަށެވެ .މިއީ ހަގީގަތުގައި ޓޮންސިލްގެ ވައްތަރުތަކުގެ ތެރެއިން ތަލީގެ ޓޮންސިލް އެވެ.