ފޮސްފަރަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ފޮސްފަރަސް ނުވަތަ (އިނގިރޭސި ބަހުން: Phosphorus) އަކީ ކެމިކަލް ޢުންޞުރެކެވެ. ފޮސްފަރަސްގެ ރަމްޒަކީ P އެވެ. އޭގެ އެޓަމިކް ނަންބަރަކީ 15 އެވެ. ފޮސްފަރަސް އަކީ ކެލްސިއަމް ނަގާފައި ހަށިގަނޑުގައި އެންމެ ގިނަ މަޢުދަނެކެވެ. މިއީ ހުރިހާ ހައިވާނެއްގައާއި، ގަސްގަހާގެހީގެ ދިރު ތަކުގައި ހުންނަ މާއްދާ އެކެވެ. ބޮޑު މީހެއްގެ ހަށިގަނޑުގައި 500 އާއި 750 ގްރާމް އާއި ދޭތެރޭގައި ފޮސްފަރަސް ހުރެއެވެ. މީގެ ތެރެއިން 90 އިންސައްތަ ހުންނަނީ ކަށީގަޔާއި ދަތްތަކުގައެވެ. ފޮސްފަރަސް އަކީ އެންޒައިމް ތަކާއި އެކުވެގެން ހަށިގަނޑުގެ ހުރިހާ މަސައްކަތެއް ހިންގުމުގައި ބައިވެރިވާ މާއްދާ އެކެވެ. ފޮސްފަރަސް އަކީ ކެލްސިއަމް އާއި ވިޓަމިން އާއި އެކު މަސައްކަތްކުރާ މާއްދާ އެކެވެ. އަދި މި3 ބާވަތަކީ ޞިއްހަތު ރަގަޅު ކަށްޓާއި، ވަރުގަދަ ދަތްތަކެއް އުފެއްދުމަށް އެންމެ ބޮޑަށް އެހީވެދޭ ވައްތަރު ތަކެވެ. ކާބޯތަކެތީގައި ހުންނަ ކާބޯސް އާއި، ފެޓް އަދި ޕްރޮޓީން އިން ހަށިގަނޑަށް ހަކަތަ ހޯދައި ދިނުމުގައި ފޮސްފަރަސް ވަރަށް މުހިއްމު ރޯލެއް އަދާކުރެއެވެ. ފިރިހެނުންނާއި އަންހެނުންނަށް ދުވާލެއްގެ މައްޗަށް ކެއުމަށް ލަފާދޭ މިންވަރަކީ 800 މިލިގްރާމް އެވެ. ކާބޯތަކެއްޗާއި އެކު ހަށިގަނޑަށް އެތެރެވާ ފޮސްފަރަސް ގެ 70 އިންސައްތަ ހަށިގަނޑަށް ނަގައިދެއެވެ. އެކަމަކު މިނެގޭވަރު ބިނާވެފައިވަނީ ހަށިގަނޑުގައި ކެލްސިއަމް އަދި ވިޓަމިން ޑީ އަދި ޕެރަތައިރޮއިޑް ހޯރމޯން ހުރި ވަރެއްގެ މައްޗަށެވެ. ފޮސްފަރަސް ހަށިގަނޑުގައި ހުންނަންވާ ވަރަށްވުރެ މަދުވެއްޖެކަން އެގޭގޮތްތައް މަދެވެ. އެކަމަކު ވަރުބަލިވުން، ކާހިތްނުވުން، ކަށިތަކުގައި ރިހުން، ހަށިގަނޑުގެ ހުޅުތަކުގައި މައްސަލަ ޖެހުން މިއީ އެކަމުގެ އަލާމާތްތަކެވެ. ފޮސްފަރަސް ހިމެނޭ ކާނާގެ ތެރޭގައި އެއްގަމު މަސް، ކަމީރު، ސޯޔާ ބީން، ފުށް، ޗީޒް، ކިރު، ދަޅުގައި ބަންދުކޮށްފައި ހުންނަ މަސް، އެކިވައްތަރުގެ މަދު ހިމެނެއެވެ. އެކިވައްތަރުގެ ސޮޑާގައި މިމާއްދާ ވަރަށް ގިނައިން ހުރެއެވެ. އެހެންކަމުން މާގިނައިން ސޮޑާ ބޯމީހުންނަށް ބޭނުންވާ ވަރަށްވުރެ ގިނައިން މިބައި ލިބުމަކީ އެކަށީގެންވާ ކަމެކެވެ. މިމާއްދާ މާގިނައިން ކެއުމުން ކެލްސިއަމް މަދުވާގޮތްވެއެވެ. އެހެން ކަމުން އަކުނިވަޔަށްދެމުން، އަދި ލޭމައްޗަށްދިއުން މެދުވެރުމަކީ ވެދާނެ ގޮތެކެވެ.


މަޞްދަރުތައް[އުނިއިތުރު ގެންނަވާ]

  • ކިރާއި ކިރު އެކުލެވޭ ބާވަތްތައް
  • އެއްގަމު މަސް، ކަނޑުމަސް، އެއްގަމު މަހާ، ކަނޑުމަހުގެ މޭ، ގުރުދާ
  • ބިހުގެ ގޮބޮޅި، ފަތުގެ ބާވަތްތައް


ހަށިގަނޑުގައި އެކުލެވޭ ފޮސްފަރަސް[އުނިއިތުރު ގެންނަވާ]

ހަށިގަނޑުގައި 800 ގްރާމްގެ ފޮސްފަރަސް އެކުލެވިގެން ވެއެވެ. މީގެ 80 އިންސައްތަ ހުންނަނީ ދަތްތަކާއި، ކަށިތަކުގައެވެ. ބާކީ 20 އިންސައްތަ ހުންނަނީ ހަށިގަނޑުގައި އުފެދޭ ދިޔަތަކާއި، އެހެނިހެން ޓިޝޫތަކުގައެވެ. ލޭގައި 5-3 ގްރާމްގެ ފޮސްފަރަސް ކޮންމެ ޑެސިލިޓަރަކަށް ހުރެއެވެ.


ފޮސްފަރަސްގެ ވަޒީފާ[އުނިއިތުރު ގެންނަވާ]

  • ކަށިތަކާއި ދަތްތަކުގެ އޮނިގަނޑުގެ ތެރޭގައި ފޮސްފަރަސް ހުރެއެވެ.
  • ލޭގައި ބަފަރ ތައް އުފެދުމުގައި ފޮސްފަރަސް ބައިވެރި ވެއެވެ.
  • އަންނަނިވި މާއްދާތައް އުފެދުމުގައި ފޮސްފަރަސް ބައިވެރިވެއެވެ.

- ފޮސްފޯ ޕްރޮޓީން

- ކޯއެންޒައިމްތައް

- ފޮސްފޯ ލިޕިޑް - ލެސިތިން، ސެފަލިން

- ސައިކްލިކް އެޑިނަސިން މޮނޮފޮސްފޭޓް

- ގުލޫކޯޒް-6- ފޮސްފޭޓް

- ޑިއޮކްސީ ރައިބޯ ނިއުކްލިއިކް އެސިޑް، އަދި ރައިބޯ ނިއުކްލިއިކް އެސިޑް


ފޮސްފަރަސް ހަށިގަނޑުން ބޭރުކުރުން[އުނިއިތުރު ގެންނަވާ]

90 އިންސައްތަ ފޮސްފަރަސް ހަށިގަނޑުން ބޭރުވަނީ ކުޑަކަމުދާ ތަކެތި ގެ ޒަރީޢާއިންނެވެ.


ފޮސްފަރަސް ހަށިގަނޑަށް ބޭނުންވާ މިންވަރު[އުނިއިތުރު ގެންނަވާ]

  • ބޮޑެތި މީހުން: ދުވާލަކު 800 މިލިގްރާމް
  • ކުޑަކުދިން، މާބަނޑު މީހުން، ގާތުންދޭ މީހުން : ދުވާލަކު 1200-800 މިލިގްރާމް އާ ދެމެދު

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003