މޮޅަދޫ ސައްޔިދު ޠޯހާގެ ވާހަކަ
ހއ. މޮޅަދޫ ސައްޔިދު ތޯހާގެ ވާހަކަ ދައްކާ މީހުން މިހާރު މިރަށުގައި ވަރަށް މަދެވެ. އެ ވާހަކަތައް ކުރިން ޤަބޫލުކުރަމުން އައި ގޮތަށް ޤަބޫލުކުރާ މީހަކު އަމުދުންނެތެވެ. ހއ. މޮޅަދޫ ސައްޔިދު ތޯހާގެ ނަމުގައި ހަދާފައި ހުންނަ ޒިއާރަތެއް އަދިވެސް އެބަހުއްޓެވެ. ޒިއާރަތުގެ ދިދަ ދަނޑިވެސް ކޮޅަށް އެބަހުއްޓެވެ. އެއީ ވަރަށް ދިގު ދިދަ ދަނޑިއެކެވެ. ޒިއާރަތުގެ ފުރާޅުގައި ޖަހާފައިވަނީ އީޓެވެ. ގެގަޑަކީ އެހެނިހެން ގިނަ ޒިއާރަތްތަކެކޭ އެއްފަދައިން ލަކުޑިން ހަދާފައިވާ ގެގަޑެކެވެ. ޒިއާރަތުގެ ދޮރު ހުރީ އަތުން ކަހާލެވޭ ގޮތަށެވެ. އެހެންނަމަވެސް އެއީ މީހުންނަށް އެތެރެއަށް ވަދެ ނިކުމެވޭ ވަރަށް ވުރެ ކުޑަ ދޮރެކެވެ. ޒިއާރަތަކީވެސް ތިރިކޮށް ހިޔާކޮށްފައިވާ ޒިއާރަތެކެވެ. ޒިއާރަތުގެ އެތެރޭގައި ފިރިހެނެއްގެ މަހާނަ ދެގާ ޖަހާފައިވާ ހުއްޓެވެ. އެކަމަކު މަހާނައެއްހެން ފަސްގަނޑު ހަދާފައެއްނެތެވެ. މަހާނަ ގަލުން އެއްވެސް ލިޔުމެއް ފެންނާކަށް ނެތެވެ. އަދި އެހެން ތަނެއްގައިވެސް ލިޔުމެއް ލިޔެފައިވާތީއެއް ނުފެނުނެވެ. ޒިއާރަތުގެ އެތެރެ މީން ދުވަހަކުވެސް ސާފުކޮށް ހަދާފައެއް ނުވެއެވެ.
މޮޅަދޫގައި ހުންނަ ސައްޔިދު ތޯހާގެ ޒިއާރަތަށް މީހުން ނަދުރުބުނެ ހެދި ޒަމާން ފަސްދީ ހިގައްޖެއެވެ. އެ ޒިއާރަތަށް ނަދުރު ބުނެގެން މީހުން ކަންޖާއި ބޮޑިބަތާ އަޅާ މީހުން ކިރާހެދިއެވެ. ޒިއާރަތަށް ތަފާތު ބާވަތްތަކުގެ ތަކެތި ހަދިޔާ ކުރަމުންދިޔައެވެ. މިގޮތުން އެންމެ ގިނަ ބަޔަކު ޒިއާރަތަށް ހަދިޔާ ކުރަނީ ކާއްޓެވެ. " މީހުން ނަދުރުބުނެގެން ހަދިޔާކުރާ ކާށި ކޯދު ފެޅީމާ ގެންގޮސް ރުއްގަނޑުގައި އޭރުގެ ވެރިން އިންދުވަމުން ގެންދަނީ. އެތަނަށް ކިޔަނީ ޒިއާރަތް ރުއްގަނޑު" ހއ. މޮޅަދޫ ނައިޓްރޯސް އާދަމް އިބްރާހިމް ބުންޏެވެ. މިހާރުވެސް ޒިއާރަތް ރުއްގަނޑު މިރަށުގައި އެބައޮތެވެ. އެރުއްގަނޑު މިހާރު އޮތީ މީހަކަށް ވަރުވާއަށް ލިޔެދީފައެވެ. " ފުދޭ ވަރަކަށް ގިނަ ރުއް ހުންނާނެ"
މޮޅަދޫ ސައްޔިދު ތޯހާއަކީ ބުނެވޭ ގޮތުގައި މަތީރަށްފުޅުގައި އޮންނެވި ވަލީވެރި ކަލޭގެފާނުގެ އާއިލާ ބޭފުޅެކެވެ. މޮޅަދޫއަށް ސައްޔިދު ތޯހާގެ ސަންދޯއް ލެއްގީއެވެ. އެސަންދޯއް ފެނުނު މީހުން އެރަށު މިސްކިތްދޮށުގައި ވަޅުލައި ޒިއާރަތް އެރުވީއެވެ. ޒިއާރަތް ހެދިތަނާ އެދުވަހަކު ވަރަށް ދިގު ދިދަ ދަނޑިއެއް އެރަށަށް ލައްގައިފިއެވެ. އެދިދަ ދަނޑި ލެއްގުމުން އެރަށުގެ މީހުން އެދިދަ ދަނޑި ޒިއާރަތުގައި ޖަހަން އުޅެފިއެވެ. އެކަން އެގިގެން އަތޮޅުވެރިން އެދިދަ ދަނޑި އަތޮޅު އޮފީހަށް ފޮނުވުމަށް އަންގައިފިއެވެ. " އަތޮޅުވެރިން ވިދާޅުވީ ދިދަ ދަނޑި ޖަހަން ޖެހޭވަރުގެ ބޭކަލެއް ވިއްޔާ އަދި ދިދަ ދަނޑިއެއް ލައްގާނެޔޭ. ހޮވާފައިއޮތް ދިދަ ދަނޑި އަތޮޅު އޮފީހަށް ފޮނުވާށޭ. އެހެން ބުނެފައި އޮއްވާ އެހެން ދިދަ ދަނޑިއެއް ލެއްގީ. ދެން އެންގެވީ އެދިދަދަނޑި ޖަހާށޭ. އެގޮތަށް ޖެހި ދިދަދަނޑި އަދިއަދަށް ދާންދެންވެސް އެހެރީ" 14 އަހަރު މޮޅަދޫގެ ނައިބުކަންކޮށް ކުޑަކަތީބުކަންވެސް ކޮށްފައިވާ އާދަމް އިބްރާހިމް ބުންޏެވެ.
ސައްޔިދު ތޯހާއަށް ނިސްބަތްކޮށް މޮޅަދޫގައި އެރަށުގެ ހުކުރު މިސްކިތަށް ވަނީ ނަންދީފައެވެ. ޒިއާރަތަށް ނަދުރުބުނެ ހެދުން ކަހަލަ ޝިކުރުތަކުން މޮޅަދޫ ރައްޔިތުންވަނީ އެއްކިބާވެފައެވެ. އަދި ކުރިން ރަށްރަށުން ނަދުރު ބުނެގެން އަންނަ ފަދައިން މީހުން އެ ޒިއާރަތަށް ނަދުރުބުނެގެން ދިއާރަތް ކޮށެއްވެސް ނަހަދައެވެ. މިރަށުގައި ތާރީޚީ ގޮތުން ފެންނަން ހުރި ބިނާއަކީ ސައްޔިދު ތޯހާގެ ޒިއާރަތެވެ. އެތަނާބެހޭގޮތުން ތުންތުންމަތިން ދެކެވެމުން އަންނަ ފޯކްލޯރުގައި ހިމެނެނީ ކިހާވަރެއްގެ ހަގީގަތްތަކެއް ކަމެއް މިއަދަކު ބުނާކަށް ނޭނގެއެވެ. އެނގޭކަމަކީ އެއީ އެއްދުވަސްވަރެއްގައި މީހުންގެ ލޯތްބާއި އަޅާލުން ލިބިފައިވާ އަދި މީސްތަކުންގެ ހިތްތަކުގައި ގަދަރާއި އިހުތިރާރު ވަރަށް މަތީ ދަރަޖައަކަށް އޮތް ޒިއާރަތެއްކަމެވެ. އެ ޒިއާރަތުގައި ކިރާ، ނަދުރުބުނެހެދި މީހުން އަދިވެސް އެބަތިއްބެވެ. އެކަމަކު އެމީހުންވެސް ޒިއާރަތާބެހޭ ގޮތުން ދެކެވޭ ވާހަކަތައް ޤަބޫލެއް ނުކުރެއެވެ.
--Allosaeed 07:00, 25 ޑިސެމްބަރު 2011 (UTC)