Jump to content

މުޙައްމަދު ޒާހިރު ނަޞީރު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

މުޙައްމަދު ޒާހިރު ނަޞީރު އަކީ އަލްފާޟިލް އާދަމް ނަޞީރު މަނިކުގެ ދަރިކަލެކެވެ. މަންމަ އަކީ ފާޠިމާ މަނިކެ އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 18 ޑިސެމްބަރު 1929 ގައެވެ. މުޙަންމަދު ޒާހިރު ނަޞީރަކީ 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ސަރުކާރަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ވޭތުވެދިޔަ ދިގު މުއްދަތުގައި، ސަރުކާރުގެ ތަފާތު ފެންވަރުގެ އެކި މަގާމުތައް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ. ފުރަތަމަ އަދާކުރެއްވީ، ވުޒާރަތުއް ދާޚިލިއްޔާގެ ޚާރިޖީ ވަކީލުގެ ސެކްރެޓަރީ ކަމެވެ. އޭގެފަހުން މަޙްކަމަތުލް ޚާރިޖިއްޔާގެ ސެކްރެޓަރީ ކަމާއި، ވުޒާރަތުއް ޞިއްޙާގެ ސެކްރެޓަރީ ކަމާއި، ވުޒާރަތުލް މާލިއްޔާގެ ސެކްރެޓަރީކަން ކުރައްވާފައިވެއެވެ. އަދި މީޓިއޮރޮލޮޖިކަލް އޮބްޒަރވަރ ކަމާއި، މިނިސްޓްރީ އޮފް ހެލްތުގެ ޚާއްޞަ ވަކީލުކަންވެސް ކުރައްވާފައިވެއެވެ. މީގެއިތުރުން، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ އިނގިރޭސި އެނައުންސަރު ކަމާއި، ވިޔަފާރި މިއަދުގެ ރިޕޯޓަރުކަންވެސް ކުރައްވާފައިވެއެވެ.

މުޙަންމަދު ޒާހިރު ނަޞީރުގެ އެންމެ ޚާއްޞަ ދާއިރާއަކީ، ކުޅިވަރުގެ ދާއިރާއެވެ. ވޭތުވެދިޔަ ފަސްދޮޅަހަކަށް އަހަރު ދުވަހުގެ ތެރޭގައި، އެ ދާއިރާގައި ޢަމަލީގޮތުން ވަރަށް މުހިންމު ދައުރެއް އެމަނިކުފާނުވަނީ އަދާކުރައްވާފައެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ކުޅިވަރުގެ މުމްތަޒިމްގެ ސެކްރެޓަރީއެއްގެ ގޮތުން މަސައްކަތްޕުޅު ފެށްޓެވީ، 1952 ވަނަ އަހަރުއެވެ. ރާއްޖޭގެ ކުޅިވަރު ތަރައްޤީ ކުރެއްވުމުގެ މަސައްކަތުގައި، މަދްރަސަތުއް ޞަލާޙިއްޔާގައި، މަދްރަސަތުލް މަޖީދިއްޔާގައި، ކުޅިވަރު މުރްޝިދެއްގެ ގޮތުގައި އަދި އެކި ކްލަބްތަކުގެ ކުޅިވަރު ސެކްރެޓަރީއެއްގެ ގޮތުގައި ވަނީ ޚިދްމަތް ކުރައްވާފައެވެ.

މުޙަންމަދު ޒާހިރު ނަޞީރު، ކުޅިވަރުގެ ދާއިރާއިން ސަރުކާރުގައި ފުރުއްވި މުހިންމު މަގާމުތަކުގެ ތެރޭގައި، ސްޕޯޓްސް ޑިވިޜަންގެ ވަކީލު ކަމާއި، އެޑްވައިޒަރ އޮން ޔޫތު ވެލްފެއަރ އެންޑް ރެކްރިއޭޝަން ކަމުގެ މަގާމާއި، ކޮންސަލްޓަންޓް އޮން ޔޫތު ވެލްފެއަރ އެންޑް ރެކްރިއޭޝަން ކަމުގެ މަގާމު ހިމެނެއެވެ.

މުޙަންމަދު ޒާހިރު ނަޞީރު، ކުޅިވަރުގެ ކަންތައްތައް ކުރިއަށް ގެންދެވުމުގައި މަސައްކަތްޕުޅު ކުރެއްވީ، ސަރުކާރުން ހަމައެކަނި އޭނާއާ ޙަވާލުކުރެއްވި މަގާމުތައް އަދާކުރެއްވުމުގެ ގޮތަކުންނެއް ނޫނެވެ. މުޅިން އަމިއްލަފުޅަށްވެސް އެތައް ޚިދްމަތްތަކެއް ކޮށްދެއްވިއެވެ. އަމިއްލަފުޅަށް ޚަރަދު ކުރައްވައިގެން، އެކި ކުޅިވަރުތަކަށް މޮޅު ކުޅުންތެރިން އުފައްދަވައި، ކުޅިވަރުގެ މައިދާނަށް ކުޅުންތެރިން ނެރުއްވައިދެއްވުމުގައި ޒާހިރު ނަޞީރު އަދާކުރައްވާފައިވަނީ ފާހަގަކުރެވޭފަދަ ޚިދްމަތްތަކެކެވެ.

މުޙަންމަދު ޒާހިރު ނަޞީރުގެ ކުޅިވަރު ޚިދްމަތްތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ ޚިދްމަތަކީ، އެން.އެސް.އޭ.ގެ ޚިދްމަތެވެ. ނާޞިރު ސްޕޯޓްސް އެކަޑަމީގެ ނަމުގައި ފެށްޓެވި މި އެކަޑަމީގެ ނަން ފަހުން ބަދަލުވީ ނިއު ސްޕޯޓްސް އެކަޑަމީއަށެވެ.

މުޙަންމަދު ޒާހިރު ނަޞީރަކީ، ކުޅިވަރުގެ ރޮނގުން ދިވެހިރާއްޖެ، ބައިނަލްއަޤްވާމީ ދުނިޔެއަށް ތަޢާރުފު ކޮށްދެއްވުމުގައިވެސް މުހިންމު ދައުރެއް އަދާކޮށްދެއްވި ބޭފުޅެކެވެ. ދިވެހިރާއްޖެ، ބައިނަލްއަޤްވާމީ އޮލިމްޕިކް ކުޅިވަރުތަކުގައި ބައިވެރިވާން ފަށާފައިވަނީ، އެމަނިކުފާނުގެ މާލިމީ ކަމުގެ ދަށުގައެވެ.

ޒާހިރު ނަޞީރަކީ ކުޅިވަރު ކުޅޭ ކުދިންގެ އަޚްލާޤު ހިފެހެއްޓެވުމަށް މިންނެތް މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ. ޒާހިރު ދެކެވަޑައިގަންނަވާ ގޮތުގައި، ކުޅިވަރު ކުޅުންތެރިއެއްގެ އެންމެ މުހިންމު ސިފައަކީ، ރިވެތި އަޚްލާޤެވެ. ހަމައެހެންމެ، ޒާހިރު ނަޞީރަކީ، ރާއްޖޭގެ ކުޅިވަރުގައި މިއަދުވެސް އިސް ސަފުގައި ތިއްބެވި ބޭފުޅުންގެ ވަރަށް ގާތް އެކުވެރި ރަޙްމަތްތެރިއެކެވެ. ލަފާދާރެކެވެ. އަދި މިހާރުވެސް ކުޅިވަރުގެ މައިދާނުގައި ޙަރަކާތްތެރިވަމުންދާ ކުޅުންތެރިންގެވެސް ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެން ހުންނެވި ހަރުދަނާ ޝަޚްޞިއްޔަތެކެވެ.

ޒާހިރު ނަޞީރަކީ، މިވަގުތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި، މޯލްޑިވްސް ކެރަމް އެސޯސިއޭޝަންގެ އޮނަރަރީ ޕްރެޒިޑެންޓެވެ. ގާތްގަނޑަކަށް 30 އަހަރު ދުވަސް ވަންދެން ނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ޕްރެޒިޑެންޓްކަން ކުރެއްވިއެވެ. މީގެއިތުރުން ބައިނަލްއަޤްވާމީ މުހިންމު ދެ މަގާމެއްގައި ޒާހިރު މިހާރުވެސް ގެންދަވަނީ ރާއްޖެ ތަމްސީލު ކުރައްވަމުންނެވެ. އެއީ، ބައިނަލްއަޤްވާމީ ކެރަމް ފެޑެރޭޝަންގެ ޚަޒާންދާރުގެ ހައިސިއްޔަތުންނާއި، މުޅި އޭޝިޔާގެ ކެރަމް ކޮންފެޑެރޭޝަންގެ ރައީސްކަމުގެ ހައިސިއްޔަތުންނެވެ. އަދި އޮލިމްޕިކް ކައުންސިލް އޮފް އޭޝިޔާގެ ފައިނޭންސް ކޮމިޓީގެ މެންބަރުކަންވެސް ކުރައްވާފައިވެއެވެ.

ރާއްޖޭގައި ކުޅިވަރު ތަރައްޤީ ކުރެއްވުމުގެ ރޮނގުން ކުރައްވަމުން ގެންދަވާ ޚިދްމަތްތައް ފާހަގަކުރައްވައި، މުޙަންމަދު ޒާހިރު ނަޞީރަށް، 1979 ވަނަ އަހަރު ސަރުކާރުން ވަނީ ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު ދެއްވާފައެވެ. އަދި އެރޮނގުން 1992 ވަނަ އަހަރު ޢާންމު ޚިދްމަތުގެ ޝަރަފުވެރިކަމުގެ އިނާމުވެސް ވަނީ ލިބިވަޑައިގެންފައެވެ.

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް މުޙަންމަދު ޒާހިރު ނަޞީރަށްވަނީ ލިބިވަޑައިގެންފައެވެ.

މުޙަންމަދު ޒާހިރު ނަޞީރަށް 2011 ވަނަ އަހަރު ވަނީ ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް (ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން) އަރުވައިފައެވެ. ޒާހިރު ނަޞީރަށް މި ޢިއްޒަތް އެރުއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދެވެ.