މާބަނޑު ދުވަސްވަރު ބޭނުންކުރުން ރަގަޅީ ކޮންކަހަލަ ކާނާއެއް؟

ވިކިޕީޑިއާ އިންވިކިޕީޑިއާ
This 1992 food pyramid diagram can still be found on much of the food packaging in the United States

ބަނޑުގައި އުފެދެމުން އަންނަ ކުޑަދަރިފުޅަށް ކާނާ ފޯރުކޮށްދެނީ މައިމީހާގެ ހަށިގަނޑުންނެވެ.އެހެންކަމުން މާބަނޑުދުވަސްވރު މައިމީހާ ރަގަޅު ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރަން ޖެހެއެވެ. ކާނާ ބޭނުންކުރުމުގައި ބަލަންޖެހޭނީ އަބަދުވެސް ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަށެވެ. ބައެއްމީހުންނަށް ހީވެފައި އޮންނަނީ ބަނޑުގައި ދަރިފުޅު އަށަގަންނަށް ފެށުމުން މައިމީހާ ދެމީހުންނަށް ވާވަރަށް ކާން ޖެހޭނެ ކަމަށެވެ. ނަމަވެސް މިގޮތަށް ގިނައިން ކެއުމަކީ މުހިއްމު ކަމެއްްނޫނެވެ. އޭގެ ބަދަލުގައި އަހައްމިއްޔަތުކަމެއް ދޭންވީ ހަށިގަނޑަށް ބޭނުންތެރި ހުރިހާބާވަތެއް ހިމެނޭ ކާނާ ކެއުމެވެ. މާބަނޑު އަންހެނާގެ ކާނާގައި އަންނަނިވި ބާވަތްތައް ހިމެނުން މުހިއްމެވެ.

ރަގަޅު ކާނާގެ ބާވަތްތައް[އުނިއިތުރު ގެންނަވާ]

މާބަނޑު ދުވަސްވަރު މައިމީހާ ބޭނުންކުރާ ކާނާއަކީ ބަނޑުގައިވާ ކުޑަދަރިފުޅު ހެދިބޮޑުވުމުގެ ބިންގަލެވެ. އެހެން ކަމުން މައިމީހާ ބޭނުންކުރާ ކާނާގައި އަބަދުވެސް ހަށިގަނޑަށް ފައިދާހުރި ތަފާތު ބާވަތްތަކުގެ ކާނާ ހިމަނަން ޖެހެއެވެ. މާބަނޑުއަންހެނާ ނުވަތަ ގާތުންކިރުދޭ އަންހެނާ ދުވާލަކު މަދުވެގެންް 3 ފަހަރު ކިރު،ޔޯގަޓް ނުވަތަ ޗީޒްފަދަ އެއްޗެއް ބޭނުންކުރަން ޖެހެއެވެ. މީގެ އިތުރުން ޕާން، ސެރެލްސް، އެއްގަމުމަހާއި، އެއްގަމު މަހުގެ އުފެއްދުންތައް ،މޭވާއާއި ތަރުކާރީ އަބަދުވެސް ކާނާގައި ހިމެނުމަކީ މުހިއްމު ކަމެކެވެ. ދުވާލަކު މަދުވެގެން 3 ފަހަރު ކާން އާދަކުރާށެވެ. ނަމަވެސް މޭނުބައިކުރާގޮތް ހުންނަނަމަ އެއްފަހަރާއި މާގިނައިން ކެއުމުގެ ބަދަލުގައި ލުއިކޮށް 6ފަހަރު ނުވަތަ 8ފަހަރު ކެއުމަކީ ރަގަޅުކަމެކެވެ.


(ހ) ކާބޯހައިޑްރޭޓްސް[އުނިއިތުރު ގެންނަވާ]

ކާބޯހައިޑްރޭޓްސް އިން ހަށިގަނޑަށް ބޭނުންވާ ހަކަތައާއި، ދަގަނޑުގެ ބައިި، ބީވިޓަމިން އަދި އެހެނިހެން މައުދަންތައް ފޯރުކޮށްދެއެވެ. ޚާއްޞަކޮށް ކާބޯހައިޑްރޭޓްސްގައި ވިޓަމިންއާއި، ފައިބަރު ވަރަށް މަތީދަރަޖައަކަށް އެކުލެވެއެވެ. ކާބޯހައިޑްރޭޓްސް އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ގޮދަނާއި، ޕާން، ސެރެލްސް،ޕާސްޓާ، އަލުވި، ބިސްކޯދު ނޫޑްލްސް،ހަނޑޫ، އަދި ބައެއްބާވަތުގެ ތަރުކާރީ ފަދަ ތަކެތި ހިމެނެެއެވެ.


(ށ) ޕްރޮޓީންސް[އުނިއިތުރު ގެންނަވާ]

ދުވާލަކު 3ފަހަރު ޕްރޮޓީން ހިމެނޭ ކާނާ ބޭނުންކުރާށެވެ. ހަށިގަނޑުގައިވާ އެކިއެކި ގުނަވަންތަކާއި، މަސްތަކާއި،އެންޒައިމްތަކާއި، ހޯރމޯންތައް އުފެދުމަށް ޕްރޮޓީން އެހީތެރިވެދެއެވެ. މީގެ އިތުރުން މައިމީހާއާއި، ކުޑަދަރިފުޅުގެ ހަށިގަނޑުގައި ބަލިތަކުން ދިފާއުވުމަށް ބޭނުންވާ ހަށިދަމަނަ(Antibodies) އުފެއްދުމުގައިވެސް ޕްރޮޓީން ދައުރެއް އަދާކުރެއެވެ. ޕްރޮޓީންސްގައި ބީވިޓަމިންއާއި، ދަގަނޑު ވެސް އެކުލެވެއެވެ. ޕްރޮޓީންސް އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ކިރާއި ކިރުއެކުލެވޭ ބާވަތްތައް، އެއްގަމު މަސް، ކަނޑުމަސް، ހިކިބީންސް، ބިސް،ޕީނަޓް ބަޓަރު، ބަދަން ފަދަ ކާނާ ހިމެނެއެވެ.


(ނ) ފެޓްސް ނުވަތަ ސަރުބީ[އުނިއިތުރު ގެންނަވާ]

ފެޓް ނުވަތަ ސަރުބީ އެކުލެވޭ ކާނާ ހަށިގަނޑަށް ބޭނުންވަނީ ވަރަށް ކުޑަ މިންވަރަކަށެވެ. އެހެންކަމުން މާގިނައިން ފެޓް ހިމެނޭ ކާނާ ބޭނުންކުރުމަކީ ރަގަޅުކަމެއް ނޫނެވެ. ފެޓް ހަށިގަނޑުގައި ހަކަތަ ރައްކާކޮށްދެއެވެ. އެއްގަމުމަހާއި، ކިރާއި، ތަރުކާރީތެޔޮ، ޕީނަޓްބަޓަރާއި، މާޖިރީން ގައި ފެޓްހިމެނެއެވެ.

(ރ) މޭވާއާއި، ތަރުކާރީ[އުނިއިތުރު ގެންނަވާ]

ދުވާލަކު 3،4،ނުވަތަ 5ފަހަރު އެންމެ މަދުވެގެން ތަރުކާރީ ބޭނުންކުރާށެވެ. ތަރުކާރީ އަކީ ހަށިގަނޑަށް ބޭނުންވާ ވިޓަމިންސްއާއި، އެކިބާވަތުގެ މައުދަންތައް ލިއްބައިދޭ އެއް މަސްދަރެވެ. ފައިބަރު ވެސް މަތީ ދަރަޖައަކަށް ތަރުކާރީގައި ހުރެއެވެ. ބަނޑުހިކުން ފަދަ ކަންކަމުން ސަލާމަތްވުމަށް ތަރުކާރީ ބޭނުންކުރުމަކީ ވަރަށް ފައިދާ ހުރިކަމެކެވެ. ފެހިކަންގަދަ ތަރުކާރީގައި ފައިބަރު، ދަގަނޑު،ވިޓަމިންއޭ، އަދި ފޮލިކް އެސިޑް ހިމެނެއެވެ. ތަރުކާރީ ބޭނުންކުރުމުގެ ކުރިން ރަގަޅަށް ދޮންނާށެވެ. ރޯކޮށް ހުއްޓައިވެސް ބޭނުންކުރެވިދާނެއެވެ. ފެނުގައި އިރުކޮޅެއް ވަންދެން ކެއްކުމަށް ފަހު ބޭނުންކުރުމަކީ ވެސް ހެދިދާނެ ގޮތެކެވެ. ނަމަވެސް ގިނައިރުވަންދެން ތަރުކާރީ ކެއްކުމަކީ ރަގަޅުގޮތެއް ނޫނެވެ. އެހެނީ މިބުނިގޮތަށް ކެއްކުމުން އޭގައި އެކުލެވޭ ވިޓަމިންތަކާއި، މައުދަންތައް ފެނުގެ ތެރެއަށް ބޭރުވެ ގެއްލިގެން ދެއެވެ. ދުވާލަކު 2،3،ނުވަތަ 4ފަަހަރު މޭވާ ބޭނުންކުރާށެވެ. މޭވާގައި މަތީ ދަރަޖައަކަށް ވިޓަމިންއޭ އާއި، ވިޓަމިން ސީ އެކުލެވެއެވެ. ހަމަމިހެން ފައިބަރާއި، ޕޮޓޭޝިއަމް ވެސް މޭވާއިން ހަށިގަނޑަށް ލިއްބައިދެއެވެ. މޭވާ ބޭނުންކުރުމުގެ ކުރިން ރަގަޅަށް ދޮންނާށެވެ. ފައިދާހުރި ގޮތަކީ ރޯކޮށް ހުއްޓައި ބޭނުންކުރުމެވެ. ކާވަގުތު ޖެހުމުގެ ކުރިން ތޮށިމެށުމާއި، ކޮށުމަކީ ރަގަޅު ގޮތެއް ނޫނެވެ.

(ބ) ކިރާއި،ކިރު އެކުލެވޭ ބާވަތްތައް ( ކިރު،ޔޯގަޓް،ޗީޒް)[އުނިއިތުރު ގެންނަވާ]

މިގްރޫޕްގައި ހިމެނޭ ކާތަކެތި ދުވާލަކު 4-3ފަހަރާ ދެމެދުގެ މިންވަރަކަށް ބޭނުންކުރާށެވެ. މިބާވަތުގެ ކާނާއިން ހަށިގަނޑަށް ޕްރޮޓީންއާއި، ކެލްސިއަމް، ވިޓަމިން އޭ އާއި، ވިޓަމިން ޑީ ފޯރުކޮށްދެއެވެ. ވިޓަމިން އޭ އަކީ ހަންގަނޑާއި، ލޮލާއި، އިސްތަށިގަނޑުގެ ދިރުމަށް ބޭނުންތެރި މާއްދާއެކެވެ. ވިޓަމިންޑީ އަކީ ކުޑަދަރިފުޅުގެ ހަށިގަނޑަށް ކެލްސިއަމް ދެމުމަށް އެހީވެދޭ މާއްދާއެކެވެ. ކެލްސިއަމް އަކީ ދަތްތަކާއި، ކަށިތައް ހެދިބޮޑުވުމަށް ބޭނުންވާ އަސާސީ މާއްދާއެކެވެ. ހަމަމިހެން ނާރުތަކާއި،މަސްތަކުގެ ވަޒީފާ ފުރިހަމަކުރުމަށް ވަރަށް ބޭނުންތެރި މާއްދާއެކެވެ.


(ޅ) ވިޓަމިން[އުނިއިތުރު ގެންނަވާ]

ވިޓަމިން އޭ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ވިޓަމިން އޭ


ކުޑަދަރިފުޅުގެ ހެދިބޮޑުވުމަށް ވިޓަމިން އޭ އަކީ ވަރަށް ބޭނުންތެރި މާއްދާއެކެވެ. ހަންގަޑުން ސަލާމަތުން ބެހެއްޓުމަށާއި، ލޮލުގެ ފެނުން ރަގަޅުކުރުމަށާއި، ކަށިތައް އުފެދުމަށް ވިޓަމިން އޭ ބޭނުންވެއެވެ. ހަމަ މިހެން ވިޓަމިން އޭ އަކީ ވަރަށް ގިނަ ބަލިތަކުން ހަށިގަނޑު ދިފާާޢުކުރުމަށް އެހީވެދޭ އެންޓިއޮކްސިޑެންޓް އެކެވެ. ވިޓަމިން އޭ އެކުލެވޭ ބާވަތްތަކުގެ ތެރޭގައި ކެރެޓާއި، ފަތާއި، ކައްޓަލަ،ބިސް،ފޯރޓިފައިޑް ކިރު،ސްޕިނެޗް، އަދި ބްރޮކޮލީ ހިމެނެއެވެ. ހަމަމިހެން މާބަނޑުވުމުން ނަގާ ޕްރިނޭޓަލް ވިޓަމިންގައިވެސް ވިޓަމިން އޭ އެކުލެވިގެންވެއެވެ. މާބަނޑު ދުވަސްވަރު 800މައިކްރޯގްރާމްގެ ވިޓަމިން އޭ ހަށިގަނޑަށް ބޭނުންވެއެވެ. ވިޓަމިން އޭގެ މިންވަރު ހަށިގަނޑުގައި ގިނަވުމަކީ ބައިގެން ދިއުމާއި، މޭނުބައިކުރުމާއި، ބޮލުގައި ރިހުމާއި،ބޮލުން އިސްތަށިފޭބުމާއި، ފުރަމެޔަށް ގެއްލުން ލިބުމާއި، ކަށިތައް ހަލާކުވުން ފަދަ ކަންތައްތައް ކުރިމަތިކުރުވާ ކަމެކެވެ. ވިޓަމިން އޭ ގެ މައިގަނޑު ދެބާވަތެއް ހުރެއެވެ. އެއީ ބީތާ-ކެރޮޓީން(Beta-carotene)އާއި، ރެޓިނޯލް(Retinol) އެވެ. ރެޓިނާ-އޭ(Retina-A) ހަންގަޑުގައި އުގުޅުމަށް މާބަނޑު ދުވަސްވަރު ބޭނުން ނުކުރާށެވެ. އެހެނީ މިގޮތަށް ބޭނުންކުރުމުން ހަންގަޑުގެ ތެރެއިން ހަށިގަނޑަށް ރެޓިނާ-އޭ ވަދެ ލޭގައި ވިޓަމިން އޭ އެކުލެވޭ މިންވަރު މަތިކުރުވައެވެ.

ވިޓަމިން ބީ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ވިޓަމިން ބީ


ވިޓަމިންބީ6 ލޭގެ ރަތް ސެލްތައް އުފެދުމަށް އެހީތެރިވެދެެއެވެ. ހަމމިހެން ސިކުޑިއާއި، ނާރުތައް އުފެދި ފުރިހަމަވުމަށާއި، ހަށިގަނޑުގައި ހިގާ މެޓަބޮލިޒަމްގެ މަސައްކަތަށް އެހީތެރިވެދެއެވެ. ދޮންކެޔޮ، އަދި ސެރެލްއަކީ ވިޓަމިންބީ6 ހިމެނޭ ބާވަތްތަކެވެ. ވިޓަމިންބީ6ގެ 0.96މިލިގްރާމް ދުވާލަކު މާބަނޑުއަންހެނާގެ ހަށިގަނޑަށް ބޭނުންވެއެވެ. ލޭގެ ރަތް ސެލްތައް އުފެއްދުމަށާއި، ނާރުތަކުގެ ނިޒާމް ފުރިހަމަކަން މަތީ ބެހެއްޓުމަށް ވިޓަމިންބީ12އަކީ ބޭނުންތެރި މާއްދާއެކެވެ. ވިޓަމިންބީ12 ހިމެނޭ ބާވަތްތަކުގެ ތެރޭގައި އެއްގަމުމަހާއި، ކަނޑުމަސް، އަދި ކިރު ހިމެނެއެވެ. ވިޓަމިންބީ ހިމެނޭ ކާނާގެ އެހެނިހެން ބާވަތްތަކުގެ ތެރޭގައި ޗީޒްއާއި،ގޮދަނާއި، ފެހިފަތާއި، ތަރުކާރީ ހިމެނެއެވެ. މާބަނޑު އަންހެނަކަށް ދުވާލަކު 0.9މިލިގްރާމްގެ ސިއެމިން ބޭނުންވެއެވެ. ސިކުޑި ފުރިހަމަވެ ބޮޑުވުމަށް މިއީ ވަރަށް މުހިއްމު ވިޓަމިނެެކެވެ. ހިތާއި، ނާރުތަކުގެ ނިޒާމްގެ ބައިތައްް އުފެދުމަށް ވެސް މިވިޓަމިން އެހީތެރިވެދެއެވެ. މާބަނޑު އަންހެނަކަށް ދުވާލަކު 1.14މިލިގްރާމްގެ ރައިބޯ ފްލެވިން ބޭނުންވެއެވެ.މިއީ ކުޑަދަރިފުޅުގެ ހަށިގަނޑުގައި މަސްތަކާއި، ކަށިތަކާއި ނާރުތަކުގެ އުފެދި ފުރިހަމަވުމަށް މުހިއްމު މާއްދާއެކެވެ. މައިމީހާގެ ލޮލުގެ ފެނުން ރަގަޅު ކޮށްދީ ހަންގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ވެސް އެހީތެރިވެދެއެވެ. ވިޓަމިން ބީ މަދުވުމުން ހޮޑުލެވުން، ދުވަސްނުފުރާ ވިހެއުން، ވިހާއިރު ދަރިފުޅު މަރުވެފައި އޮތުން ފަދަ ކަަންތައް ކުރިމަތިވުމަކީ ވެދާނެކަމެކެވެ.

ފޮލިކް އެސިޑް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ފޮލިކް އެސިޑް


މިއީ މާބަނޑު ދުވަސްވަރު ބޭނުންކުރާ ކާނާގައި ހިމަނަންޖެހޭ އެއްމެ މުހިއްމު އެއްމާއްދާއެވެ. ބީވިޓަމިންގެ ތެރޭގައި ހިމެނޭ ފޮލިކް އެސިޑަކީ ކުޑަދަރިފުޅުގެ ސްޕައިނަލް ކޯޑްއާއި، ސިކުނޑިއާއި، އޭގެ ވަށައިގެންވާ ފަށަލަތަކުގައި އުފެދޭ އައިބުތަކުން ސަލާމަތްކޮށް ދިނުމުގައި އެހީތެރިވެދޭ މާއްދާއެކެވެ. ހަމަމިހެން އުފެދުމުގައި ހުންނަ ހިތުގެ ބަލިތަކާއި، އެހެނިހެން އައިބުތަކުން ސަލާމަތްކޮށްދިނުމުގައި ވެސް ފޮލިކް އެސިޑް މުހިއްމު ދައުރެއް އަދާކުރެއެވެ. ބަލިވެއިނުމުގެ ކުރިންނާއި، ބަލިވެއިނުމުގެ ފަހުން ވެސް ފުރަތަމަ 3މަހުގެ ތެރޭގައި 400މައިކްރޯގްރާމްގެ ފޮލިކް އެސިޑް ކޮންމެ ދުވަހަކު ނަގާނަމަ މިފަދަ އައިބުތައް ކުރިމަތިވުން ކުޑަކޮށްދެއެވެ. ހަމަމިހެން ދަރިފުޅުގެ ބަރުދަން ލުއިވުމާއި، ވިހާއިރު ދަރިފުޅު މަރުވެފައި އޮތުން، އަދި ބައިގެން ދިއުން ފަދަ ކަންތައްތައް ކުރިމަތިވުމަކީ ވެސް ގާތްކަމެކެވެ. އާންމުގޮތެއްގައި މާބަނޑު ދުވަސްވަރު ފޮލިކް އެސިޑް ސަޕްލިމެންޓްސް ބޭނުންކުރުމަށް ޑޮކްޓަރުން ލަފާދެއެވެ. ފޮލިކް އެސިޑް އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ސްޕިނެޗް ފަދަ ފަތްޕިލާވެލީގެ ބާވަތްތަކާއި، ތަރުކާރީ، ބީންސް، ހުތްމޭވާ،ޕާން،ފުށް،ހަނޑޫ،ޕާސްޓާ،ފަޅޯ،ގެރިމޭ،ކުކުޅު،ކުކުޅުބިހުގެ ގޮބޮޅި ހިމެނެއެވެ.

ވިޓަމިން ސީ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ވިޓަމިން ސީ


މިއީ ކޮލެޖަން(Collagen)ކިޔާ ޕްރޮޓީންއެއް އުފެދުމަށް ބޭނުންވާ އަސާސީ އެއްމާދާއެވެ. ކޮލެޖަން އަކީ ހަންގަޑާއި،ދަތްތަކާއި،ކަށިތަކާއި، ހިރުގަނޑާއި، ދިފާއުކުރުމުގެ ނިޒާމު ސަލާމަތުން ބެހެއްޓުމަށް އެހީވެދޭ ޕްރޮޓީން އެކެވެ. އެހެން ކަމުން މާބަނޑު ދުވަސްވަރު މައިމީހާއާއި، ކުޑަދަރިފުޅުގެ ހިރުގަނޑާއި އެހެނިހެން ޓިޝޫތައް ސަލާމަތުން ބެހެއްޓުމަށް ވިޓަމިންސީ އެހީތެރިވެދެއެވެ. ހަމަމިއާއެކު ބަލިތަކުން ރައްކާތެރިވުމަށާއި، ހަށިގަނޑަށް ދަގަނޑު ދަމައިގަތުމަށް ވެސް އެހީތެރެވެދެއެވެ. ދަތްތަކާއި ކަށިތަކުގެ ދިރުމަށް ވެސް ވިޓަމިންސީ ބޭނުންވެއެވެ. ވިޓަމިންސީ އެކުލެވޭ މޭވޭއާއި، ތަރުކާރީގެ ބާވަތްތަކުގެ ތެރޭގައި ސްޓޯބެރީ،ކަރާ، އޮރެންޖް،ފަޅޯ،ޓޮމާޓޯ، މިރުސް، ކެބެޖް،ކައްޓަލަ،އޮރެންޖް ޖޫސް،އަދި ބްރޮކޮލީ ހިމެނެއެވެ. މާބަނޑުދުވަސްވަރު 60މިލިގްރާމްގެ ވިޓަމިންސީ ބޭނުންވެއެވެ.

ވިޓަމިން ޑީ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ވިޓަމިން ޑީ


ދަތްތަކާއި، ކަށިތަކުގެ ދުޅަހެޔޮކަމަށް ވިޓަމިން ޑީ ބޭނުންވެއެވެ. ހަމަމިހެން ކެލްސިއަމް ހަށިގަނޑަށް ދެމުމަށް ވެސް އެހީތެރިވެދެއެވެ. ދިޔާކިރު، ޔޯގަޓް، ޗީޒް، ޕާން، ސެރެލްސްގައި ގިނައަދަދަކަށް ވިޓަމިން ޑީ އެކުލެވެއެވެ. މާބަނޑު އަންހެނާގެ ހަށިގަނޑަށް ދުވާލަކު މައިކްރޯގްރާމްގެ ވިޓަމިންޑީ ބޭނުންވެއެވެ. އާންމުގޮތެއްގައި އިރުގެ އަލި ހަންގަޑަށް އެޅުމުން ވިޓަމިންޑީ ހަށިގަނޑުގައި އުފައްދައިދެއެވެ.

ވިޓަމިން އީ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ވިޓަމިން އީ


ދުވާލަކު 2މިލިގްރާމްގެ ވިޓަމިންއީ ހަށިގަނޑަށް ބޭނުންވެއެވެ. ނާރުތަކާއި ގުޅޭ ނިޒާމްގެ ބައިތައް އުފެދި ބޮޑުވުމަށް މިއީ ބޭނުންތެރި މާއްދާއެކެވެ. ބަލިވެއިންނަތާ ކުރީކޮޅު ކުޑަދަރިފުޅުގެ ހަށިގަނޑުގެ ސެލްތަކާއި ޓިޝޫތައް އަަދި ފުއްޕާމޭ އުފެދިބޮޑުވުމަށް މިއީ ވަރަށް މުހިއްމު މާއްދާއެކެވެ. ވިޓަމިންއީ އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ގޮދަން، ފެހިފަތް، ތަރުކާރީ، ބަދަން، އަދި ތަރުކާރީ ތެޔޮ ހިމެނެއެވެ. ވިޓަމިންއީ ގިނަވުމުން ވަރުބަލިވުން، ބޮލުގައި ރިހުން، މަސްތަކުގެ ބާރު ދެރަވުން، ލޮލުގެ ފެނުން ކޮށިވުން ފަދަ މައްސަލަތައް ކުރިމަތި ކުރުވައެވެ.

(ކ) މައުދަންތައް[އުނިއިތުރު ގެންނަވާ]

ދަގަނޑު[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ދަގަނޑު

ހަށިގަނޑުގެ އެކިއެކި ބައިތަކަށް އޮކްސިޖަން ފޯރުކޮށްދިނުމަށް ބޭނުންވާ މާއްދާއެއް ކަމުގައިވާ ހިމަގްލޯބިން(Hemoglobin) އުފައްދަނީ ދަގަނޑުންނެވެ. ކަށިތަކާއި، ދަތްތައް ހެދިބޮޑުވުމަށް ވެސް ދަނގަޑު އެހީތެރިވެދެއެވެ. ދަގަނޑު މަދުވެއްޖެނަމަ ލޭމަދުވުމުގެ މައްސަލަ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް މީހުންނަށް ލޭމަދުވުމުގެ އަލާމާތްތައް ނުފެނިދާނެއެވެ. ނަމަވެސް އަނެއްބައިމީހުންނަށް ލޭމަދުވުމުގެ ސަބަބުން އާދަޔާޚިލާފަށް ވަރުބަލިކަން އިހްސާސްވާގޮތް ވެއެވެ. ލޭމަދުވުމުގެ މައްސަލަ ކުރިމަތިވެއްޖެނަމަ ދުވާލަކު 1ނުވަތަ 2ފަހަރު އަޔަން ސަޕްލިމެންޓްސް(ދަގަނޑު) ބޭނުންކުރެވިދާނެއެވެ. ހަމަމިއާއެކު ދަގަނޑު ހިމެނޭ ބާވަތްތައް ކެއުމުގައި ބޭނުންކުރެވިދާނެއެވެ. ދުވާލަކު 30މިލިގްރާމްގެ ދަގަނޑު މާބަނޑު އަންހެނާގެ ހަށިގަނޑަށް ބޭނުންވެއެވެ. ދަގަނޑު އެކުލެވޭ ބާވަތްތަކުގެ ތެރޭގައި އަލުވި، ހިކިމޭބިސްކަދުރު، ފެހިކަންގަދަ ތަރުކާރީ، އެއްގަމު މަހުގެ ބާވަތްތައް، އަޔަން ފޯޓިފައިޑް ސެރެލްސް ހިމެނެއެވެ.

ކެލްސިއަމް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ކެލްސިއަމް

ކެލްސިއަމް އަކީ ދަތްތަކާއި، ކަށިތައް ހެދިބޮޑުވުމަށް ވަރަށް ބޭނުންތެރި މާއްދާއެކެވެ. ހަމަމިހެން ނާރުތަކާއި މަސްތަކުގެ ވަޒީފާ ފުރިހަމަކުރުމަށް ވެސް ކެލްސިއަމް އަކީ މުހިއްމު މާއްދާއެކެވެ.މާބަނޑުމީހަކަށް ދުވާލަކު 1200އާއި 800މިލިގްރާމްއާއި ދެމެދުގެ މިންވަރަކަށް ކެލްސިއަމް ބޭނުންވެއެވެ. ކެލްސިއަމް އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ކިރާއި، ކިރު އެކުލެވޭ ބާވަތްތައް، ފެހިކަންގަދަ ތަރުކާރީ، ހިކިބީންސް، ބަދަން، ސީޑްސް، އަދި ބައެއް ބާވަތްތަކުގެ މަސް ހިމެނެއެވެ.

ޒިންކް[އުނިއިތުރު ގެންނަވާ]

މާބަނޑު އަންހެނާ ދުވާލަކު 7މިލިގްރާމްގެ ޒިންކް ބޭނުންވެއެވެ. ކުޑަދަރިފުޅުގެ ހަށިގަނޑުގެ ގުނަވަންތަކާއި ނާރުތަކާއި، ހިތާއި ލޭހޮޅި އެކުލެވޭ ނިޒާމް އުފެދި ފުރިހަމަވުމަށް އެހީތެރިވެއެވެ. ޒިންކް އެކުލެވޭ ކާނާގެ ތެރޭގައި ގެރިމަހާއި ކަނޑުމަސް ހިމެނެއެވެ.

ކޮޕަރ[އުނިއިތުރު ގެންނަވާ]

މާބަނޑު އަންހެނަކަށް ދުވާލަކު 1.2މިލިގްރާމްގެ ކޮޕަރ ބޭނުންވެއެވެ. ހިތާއި، ލޭހޮޅިތަކާއި، ނާރުތަކާއި، ކަށިތައް އުފެދި ފުރިހަމަވުމުގައި ކޮޕަރ އޭގެ ދައުރު އަދާކުރެއެވެ. ކޮޕަރ އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި އަނބު، ބީންސް، އަދި ލެންޓިލްސް ހިމެނެއެވެ.

ޕަޓޭސިއަމް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޕަޓޭސިއަމް

ނާރުތަކާއި މަސްތަކުގެ މަސައްކަތް ފުރިހަމަކުރުމުގައި ޕޮޓޭޝިއަމް އެހީތެރިވެދެއެވެ. ޕޮޓޭޝިއަމް އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި އަލުވި، ޕްރޫން ޖޫސް، ހިކިމޭބިސްކަދުރާއި، އެޕްރިކޮޓް ހިމެނެއެވެ. އާދައިގެ ގޮތެއްގައި ކޮންމެ މީހެއްގެ ހަށިގަނޑަށް ދުވާލަކު 3500މިލިގްރާމްގެ ޕޮޓޭޝިއަމް ބޭނުންވެއެވެ. ބަލިވެއިނުމާއި ގުޅިގެން ހަށިގަނޑަށް ޕޮޓޭޝިއަމް ބޭނުންވާ މިންގަޑަށް ބަދަލެއް ނާދެއެވެ.

ފޮސްފަރަސް[އުނިއިތުރު ގެންނަވާ]

ދަތްތަކާއި ކަށިތައް ވަރުގަދަކޮށް، ލޭގަނޑުވުމުގައި އެހީތެރިވެދެއެވެ. ބައެއް ބާވަތުގެ މަހާއި، ބީންސް، އަދި ކިރުގައި ފޮސްފަރަސް އެކުލެވެއެވެ. އާދައިގެ ގޮތެއްގައި ކޮންމެ މީހެއްގެ ހަށިގަނޑަށް ދުވާލަކު 550މިލިގްރާމްގެ ފޮސްފަރަސް ބޭނުންވެއެވެ. ބަލިވެއިނުމާއި ގުޅިގެން ހަށިގަނޑަށް ފޮސްފަރަސް ބޭނުންވާ މިންގަޑަށް ބަދަލެއް ނާދެއެވެ.

މެގްނީޒިއަމް[އުނިއިތުރު ގެންނަވާ]

މާބަނޑު އަންހެނާއަށް ދުވާލަކު 270މިލިގްރާމްގެ މެގްނީޒިއަމް ބޭނުންވެއެވެ. މެގްނީޒިއަމްް ދަތްތަކާއި، ކަށިތައް ވަރުގަދަކޮށް، ލޭގައި ހަކުރު އެކުލެވޭ މިންވަރު ކޮންޓްރޯލްކުރެއެވެ.އަދި ހަލާކުވެފައިވާ ޓިޝޫތައް ރަގަޅުކުރުމުގައި ވެސް މެގްނީޒިއަމް ބައިވެރިވެއެވެ. މެގްނީޒިއަމް އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ރަތް ހަނޑުލާއި، ބަދަން، އަދި ސްޕިނެޗް ހިމެނެއެވެ.

އަޔޮޑިން[އުނިއިތުރު ގެންނަވާ]

މާބަނޑު އަންހެނާއަށް ދުވާލަކު 140މައިކްރޯގްރާމްގެ އަޔޮޑިން ބޭނުންވެއެވެ. އަޔޮޑިން ހަށިގަނޑުގައި ހިގާ މެޓަބޮލިޒަމްގެ މަސައްކަތް ކޮންޓްރޯލްކުރުމުގެ އިތުރުން، ނާރުތައް ހިމެނޭ ނިޒާމް އުފެދި ފުރިހަމަވުމަށް އެހީތެރިވެދެއެވެ. އަޔޮޑިން އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ކަނޑުމަހާއި، ކިރާއި، ޔޯގަޓާއި، ޗީޒް ފަދަ ބާވަތްތައް ހިމެނެއެވެ.

ސިލެނިއަމް[އުނިއިތުރު ގެންނަވާ]

މިއީ ޚާއްޞަގޮތެއްގައި ބަލިވެއިނުމުގެ ކުރިން ހަށިގަނޑަށް ބޭނުންވާ ވަރަށް މުހިއްމު އެންޓިއޮކްސިޑެންޓް އެކެވެ. ސެލްތައް ރައްކާތެރިކޮށްދީ ނަސްލުއުފެއްދުމަށް މިއީ ބޭނުންތެރި މާއްދާއެކެވެ. ދުވާލަކު 60މައިކްރޯގްރާމް ބަލިވެއިނުމުގެ ކުރިން ހަށިގަނޑަށް ބޭނުންވެއެވެ.

ފުލޮރައިޑް، ކްރޯމިއަމް، މެންގަނީޒް[އުނިއިތުރު ގެންނަވާ]

މި 3 މައުދަން އަކީ ދުވާލަކު ވަކިވަރެއް ބޭނުންވާ ބާވަތްތަކެއް ނޫނެވެ. ފުލޮރައިޑް ބޭނުންވަނީ ދަތްތައް އުފެދެން ފަށާ ދުވަސްވަރު އެވެ. ކުޑަދަރިފުޅުގެ ހަށިގަނޑުގައި ދަތްތައް އުފެދެން ފަށަނީ 3ވަނަ މަހުގެ ތެރޭގައެވެ. މީގެ އިތުރުން ކިރުބޯ ދަތްތަކާއި، އަދި ދާއިމީކޮށް ފަޅާ ދަތްތައް ފުރިހަމަވުމަށް ވެސް ފުލޮރައިޑް އެހީތެރިވެދެއެވެ. ފުލޮރައިޑް އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ފުލޮރިން ފޯރޓިފައިޑް ފެން، އާފަލް ފަދަ ތަކެތި ހިމެނެއެވެ. ކްރޯމިއަމް ލޭގައި ހަކުރު އެކުލެވޭ މިންވަރު ކޮންޓްރޯލްކޮށް، ޓިޝޫތައް ހެދިބޮޑުވުމަށް ބޭނުންވާ ޕްރޮޓީން އުފެއްދުމަށް ބާރު އަޅައެވެ. ޕާން، އަދި ތެލުލިކުކުޅުގައި ކްރޯމިއަމް އެކުލެވެއެވެ. މެންގަނީޒް ކަށިތަކާއި، ޕެންކްރިއާސް އުފެދި ފުރިހަމަވުމަށް އެހީތެރިވެދެއެވެ. ފެޓް އަދި ކާބޯހައިޑްރޭޓްސް އުފެދުމަށް ވެސް މެންގަނީޒް އެހީތެރިވެދެއެވެ. މެންގަނީޒް ރަތްހަނޑުލާއި، ކަޅު ބީންސްގައި ހިމެނެއެވެ.

ފެން[އުނިއިތުރު ގެންނަވާ]

މާބަނޑު ދުވަސްވަރު މައިމީހާގެ ހަށިގަނޑުގައި ފެން މުހިއްމު ދައުރެއް އަދާކުރެއެވެ. މައިމީހާ ބޭނުންކުރާ ކާނާ އުފެދެމުން އަންނަ ކުޑަދަރިފުޅަށް ފޯރުކޮށްދެނީ ފެނުގެ ޒަރީއާއިންނެވެ. ފެނަކީ ކުޑަކަމުދާނިޒާމަށް ޖެހޭ ބަލިތަކާއި، ބަނޑުހިކުމާއި، ފުރަގަސްފަރާތުބައްޔާއި، އަދި މިނޫނަސް ތަފާތު ގިނަ އުދަގޫތަކުން ސަލާމަތްކޮށްދޭ ވަސީލަތެކެވެ. ޚާއްޞަކޮށް ފަހު 3މަހުގެ ތެރޭގައި ބަރާބަރަށް ފެންބޯނަމަ ހަށިގަނޑުން ފެންމަދުވުން(Dehydration)ފަދަ މައްސަލަތަކާއި، ކުރިމަތިލާކަށްނުޖެހޭނެއެވެ. ހަށިގަނޑުން ފެންމަދުވުމުން ދުވަސްނުފުރާވިހެއުން ފަދަކަމެއް ކުރިމަތިވެދާނެއެވެ. ދުވާލަކު މަދުވެގެން 6 ނުވަތަ 8ތަށި ފެންބޯށެވެ. ކޮފީ،ސައި ފަދަ ބުއިންތަކާއި ދުރުހެލިވާށެވެ. މިފަދަ ބުއިންތަކުގައި ހިމެނޭ ކެފޭއިން ހަށިގަނޑުގައި ހިމެނޭ ދިޔާތަކެތީގެ (ފެނުގެ) މިންވަރު ދަށްކޮށްލައެވެ.