އުމަވީ ދައުލަތް

ވިކިޕީޑިއާ އިންވިކިޕީޑިއާ

އުމަވީ ދައުލަތުގެ ޒަމާނަކީ އިސްލާމްދީން ދުނިޔޭގެ އެކި ކަންކޮޅު ފެތުރިގެން ދިޔަ ރަންޒަމާނެކެވެ. އުމަވީ ދައުލަތުގެ ސަބަބުން މުޅި ހިޖާޒުކަރަ އިސްލާމުންނަށް ފަތަޙަ ކުރެވުނެވެ. އޭރުގެ ރޯމް ދައުލަތުގެ ބާރުތައް ކަނޑުވާލާ ޔޫރަޕާއި އޭޝިޔާގެ ބައްރަށް އިސްލާމީ ހަޟާރަތު ފެތުރިގެންދިޔައެވެ. އިސްލާމީ ވަރުގަދަ ދައުލަތެއް އިސްލާމުން ގާއިމް ކުރުމުގައި އުމަވީ ޚަލީފާއިން ގިނަ ގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އުމަވީ ދައުލަތުގެ ޚަލީފާއިން ނިސްބަތްވަނީ އެއްމަތިފުށުގެ ދެ އާއިލާއަށެވެ.

އެއީ ބަނޫ އުމައްޔަތު ވަންހައިގެ ސުފްޔާނީ އާއިލާއަށާއި މަރުވާނީ އާއިލާއަށެވެ. މި ދެ އާއިލާއިން ޚަލީފާކަމަށް 14 ބޭފުޅަކު އިސްވިއެވެ. އެއީ މީލާދީން 661 އިން 750 ވަނަ އަހަރާ ޖެހެންދެނެވެ.

އަމީރު މުޢާވިޔަތް[އުނިއިތުރު ގެންނަވާ]

އަމީރު މުޢާވިޔަތު ނިސްބަތްވަނީ މައްކާގެ ބަނޫއުމައްޔާ ޤަބީލާގެ ޤުރައިޝް ވަންހައަށެވެ. އަމީރު މުޢާވިޔަތް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދިން 602 ވަނައަހަރު މައްކާއަށެވެ. މުޢާވިޔަތު އުފަންވީ އާއިލާ އަކީ އެދުވަސްވަރު މައްކާގެ ވެރިންގެ ކަމުގައި އިސްކޮށް އުޅުނު ބޮޑުންގެ ގޮތުގައި ހިމެނޭ އާއިލާއެވެ. މުޢާވިޔަތުގެ ބައްޕާފުޅު އަބޫ ސުފިޔާނަކީ އޭރު މައްކާގެ ކާފަރުންގެ ތެރޭގައި ހިމެނޭ އިސްވެރިއެކެވެ. މަންމައަކީ ބަދުރު ހަގުރާމާގައި ކާފަރުންނަށް ހިތްވަރު ދިނުމުގައި އެންމެ ކުރީގައި ހުރި ހިންދު ބިންތު ޢަތަބަތެވެ. އަމީރު މުޢާވިޔަތަކީ މީލާދިން 630 ވަނަ އަހަރު މައްކާ ފަތަޚަ ކުރުމާއި ހަމައާއި ޖެހެންދެން ކީރިތި ރަސޫލާއާއި ދެކޮޅުވެރިވެ އުޅުނު މައްކާ މީހުންގެ ތެރޭގައި އިސްކޮށް އުޅުނު ބޮޑެކެވެ.

އިސްލާމީ އެކިއެކި ތާރީޚީ ލިޔުންތަކުގައި ވަނީ އަމީރު މުޢާވިޔަތު ދެގޮތަކަށް ސިފަކުރައްވާ ފައެވެ. އިސްލާމްވުމުގެ ކުރިން އިސްލާމުންގެ ބޮޑު ހަތުރެކެވެ. އިސްލާމްވުމަށް ފަހު އެކަލޭގެފާނަކީ އިސްލާމީ ރިސާލަތު ފެތުރެއްވި މުރުޝިދެކެވެ. އަމީރު މުޢާވިޔަތު އިސްލާމްވެ ވަޑައިގަތީ މައްކާ ފަތަޙަ ކުރެވުނު ދުވަހު މުސްލިމުންގެ ފަޢުޖުތަކާއި ހަގުރާމަކޮށް ދެން މޮޅުވެވެން ނެތުމުން އަމީރު މުޢާވިޔަތުގެ ބައްޕާފުޅު އިސްލާމްވެ މުޢާވިޔަތު ވެސް އިސްލާމްވުމަށް ތަކުރާރުކޮށް އަމުރުކުރުމުންނެވެ. އަމީރު މުޢާވިޔަތަކީ ކީރިތި ރަސޫލާ މައްކާ ފަތަޙަ ކުރެއްވި ދުވަހު ކާފަރުންގެ ތެރެއިން އިސްލާމްދީން ޤަބޫލުކުރި މީހުންގެ ތެރެއިން ރަސޫލާގެ އެންމެ މަޤުބޫލުކަން ހޯއްދެވި އެއްބޭފުޅާއެވެ. އަމީރު މުޢާވިޔަތަކީ ރަސޫލާގެ ކާތިބުލްވަޙީގެ މަޤާމް އަދާކުރެއްވި ބޭފުޅުންގެ ތެރޭގައިވެސް ހިމެނެވަޑައިގަންނަވާ ބޭފުޅެކެވެ.

ޢުމަރުގެފާނުގެ ޚަލީފާކަމުގައި ސީރިޔާގައި އޮތް ބޭޒަންޓައިން ލަސްކަރާއި ހަގުރާމަކުރުމަށް ލަސްކަރެއް އަމީރު މުޢާވިޔަތުގެ ބޭބެ ޔަޒީދު ބިން އަބޫސުފިޔާނު އިސްކުރައްވާ ފޮނުއްވެވިއެވެ. މި ލަސްކަރުގައި އާމީ އޮފިސަރެއްގެ ގޮތުގައި މުޢާވިޔަތުގެ ބޭބެ ޔަޒީދު ބިން އަބޫސުފިޔާނުގެ އަރިހުގައި އަމީރު މުޢާވިޔަތު ވެސް ފޮނުއްވެވިއެވެ. ސީރިޔާއަށް އިސްލާމީ ލަސްކަރު ދަތުރުކޮށް ބޭޒަންޓައިންގެ ލަސްކަރާ ބައްދަލުކޮށް އެލަސްކަރު ސީރިޔާއިން ފަހާލިއެވެ. އެދަތުރުގައި އިސްލާމީ ލަސްކަރަށް ނުރައްކާތެރި ރޯގާއެއް ކުރިމަތިވިއެވެ. މީގެ ސަބަބުން ލަސްކަރުގެ ވެރިއަކަށް ހުންނެވި ޔަޒީދު ބިން އަބޫސުފިޔާނު އަވަހާރަވިއެވެ. މިޙާދިސާއާއި ގުޅިގެން ޢުމަރުގެފާނު އެލަސްކަރުގެ ކޮމާންޑަރެއްގެ ގޮތުގައި އަމީރު މުޢާވިޔަތު ހަމަޖެއްސެވިއެވެ. ސީރިޔާގެ ވެރިރަށް ދިމިޝްގް އަމީރު މުޢާވިޔަތު ފަތަޙަ ކުރެއްވިއެވެ.

އިސްލާމީ ދައުލަތުގެ 3ވަނަ ޚަލީފާ އުމަރުގެފާނު އަމީރު މުއާވިޔަތު މިހޯއްދެވި ކާމިޔާބީ ފާހަގަކޮށް އިސްލާމީ ލަސްކަރުގެ އުތުރު ފައުޖުތަކުގެ ވެރިކަން ހަވާލުކުރެއްވިއެވެ. އަދި މީލާދީން 640 ވަނަ އަހަރު ދިމިޝްޤުގެ ޤަވަރުނަރުކަން ދެއްވެވިއެވެ. އަމީރު މުޢާވިޔަތުގެ ޤަވަރުނަރު ކަމުގައި ޝާމް ކަރަޔާއި މިސްރާއި ސައިޕްރަސް ކަނޑު އޮޅީގެ ދެފަރާތުގައިވާ ގިނަ ސަރަޙައްދުތަކެއް އިސްލާމުން ފަތަޙަ ކުރިއެވެ.

އަމީރު މުޢާވިޔަތު މީލާދީން 647 ވަނަ އަހަރު އިސްލާމީ ލަސްކަރު އިތުރަށް ވަރުގަދަ ކުރައްވާ ބޭޒަންޓައިން އާއި އިތުރަށް ދިމާކުރައްވާ ހަގުރާމަކުރެއްވިއެވެ. 649 ވަނަ އަހަރު އަމީރު މުޢާވިޔަތުގެ އިސްލާމީ ލަސްކަރު ސައިޕްރަސް ހިފިއެވެ. 654 ވަނަ އަހަރު ހޯޑްސް ފަތަޙަ ކުރިއެވެ. 655 ވަނަ އަހަރު ލައިޑްސްގެ ކަޑުގެ ސަރަޙައްދުގައި އޮތް ބޭޒަންޓައިންގެ ކަނޑުގެ ފައުޖް ވަރުގަދަ ހަމަލާތަކަކަށް ފަހު ބަލި ކުރެއްވިއެވެ. އަދި އަމީރު މުޢާވިޔަތުގެ ބާރު އެނެޓޯލިޔާ ސަރަޙައްދާ ހަމައަށް ފުޅާކުރިއެވެ.

ޢަލީގެފާނާއި ދެކޮޅަށް ކުރެއްވި "ޖަމަލު ހަގުރާމަ"[އުނިއިތުރު ގެންނަވާ]

ޚަލީފާ ޢުސްމާން ބިން ޢައްފާން ޚަލީފަކަމުގައި ހުންނަވަނިކޮން މީހަކު އެކަލޭގެފާނު ޝަހީދުކޮށްލުމުން ޚަލީފާކަން ލިބިވަޑައިގަތީ ޢަލީގެފާނަށެވެ. ޢަލީގެފާނުގެ ޚަލީފާކަން ފެށުމާއި އެކު އެކަލޭގެފާނު އިސްލާމީ އުންމަތުގެ އެންމެހާ ކަންކަން ހަމަ މަގައް އެޅުވުމަށް މަސައްކަތް ފެއްޓެވިއެެވެ. އެގޮތުގެ މަތިން ސީރިޔާގައި އޮންނަ އިސްލާމީ ލަސްކަރުން އިންސާފުން ބޭރުން ކުރާ ކަންކަން ހުއްޓުވަން އަމުރުކުރެއްވިއެވެ. އެގޮތުން އަމީރު މުޢާވިޔަތުގެ ލަސްކަރު ބޭޒަންޓައިންގެ ރަށްތައް ހިފުމަށް ފަހު ހާއްސަކޮން ހޯޑްސް ހިފުމަށްފަހު އެރަށުގެ އާސާރީ ބިނާތަކާއި ލޯތައް އެޑެއްސާގެ ވިޔަފާރިވެރިންނަށް ވިއްކި ވިއްކުމުން އެމީހުން 900 ޖަމަލުގެ ލޮއި އެރަށުން ބޭރުކުރިއެވެ. އެކަން ބެލުމަށް ޢަލީގެފާނު އަމުރުކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ސިޔާސީ ވާދަވެރިކަމެއް އަމީރު މުޢާވިޔަތާއި ޢަލީގެފާނާއި ދެމެދު ފެށުނެވެ. އިސްލާމީ ތާރީޚު ދިރާސާ ކުރައްވާ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޢަލީގެފާނަށް ހެއްދެވުނު އެންމެ ބޮޑު ގޯހަކީ އަމީރު މުޢާވިޔަތާއި ކުރިމަތިލެއް ވުމެވެ.

ޢަލީގެފާނުގެ ޚަލީފާކަން ފެށުމާއި އެކު ޢަލީގެފާނަށް ކުރިމަތިވި ގޮންޖެހުމަކީ ޢުސްމާނުގެފާނުގެ ޝަހީދުކުރި މައްސަލަ ބެއްލެވުމެވެ. މުޢާވިޔަތު އަޑީގައި ހުންނަވައިގެން ޙަޟްރަތް އައިޝާގެ ފާނާއި ޠޮލްހާގެފާނާއި އަލްޒުބައިރުގެފާނު މެދުވެރި ކުރައްވާ ޢުސްމާނުގެފާނުގެ އަވަހާރަކޮށްލި ގޮތެއް ހޯދުމުގެ ނަމުގައި ކެމްޕެއިންނެއް ފެއްޓެވިއެވެ. ޢަލީގެފާނުގެ އަރިހުން އެދެމުން ދިޔައީ ޢުސްމާނުގެފާނުގެ ޤާތިލު ހޯދާ ޙައްޤު އަދަބު ދިނުމަށެވެ. އެހެން ނަމަވެސް ޢަލީގެފާނު އެޤާތިލު ހޯދާ އަދަބު ދިނުން ފަސްކުރުމަށް ނިންމެވިއެވެ. މިކަމުގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއް ހުރިކަމަށް ބުނެ ޢަލީގެފާނަށް ގޮންޖަހަމުން ދިޔައެވެ. މިމައްސަލަ ހޫނުވެ އިސްލާމީ 4 ވަނަ ޚަލީފާ ޢަލީ ރަލިޔައްﷲއަންޙު ގެ ޚަލީފާ ކަމާއި މެދު ދެބަސްވުން އުފެދުނެވެ.

މިދަޑިވަޅުބަލާ ޢަލީގެފާނުގެ ޚަލީފާކަން އަމީރު މުޢާވިޔަތު ޤަބޫލުފުޅު ނުކުރައްވާކަން އާއްމުކޮށް އިޢުލާން ކުރެއްވިއެވެ. އޭރު ރަސޫލާގެ ގިނަ އަސްޙާބީން ތިބީ ޢަލީގެފާނަށް ބައިޢަތު ހިފައިގެންނެވެ. ނަމަވެސް ގިނަ އާންމު މުސްލިމުން ތިބީ މުޢާވިޔަތުގެ ޤަވަރުނަރުކަމުގެ ދަށުން ލިބޭ މާއްދީ އެހީތެރިކަމުގެ މައްޗަށް ބަރޯސާވެ މުޢާވިޔަތުގެފާނުގެ ފަހަތުގައި އެކަލޭގެފާނަށް ތަބާވެގެންނެވެ. ޢައިޝާގެފާނާއި ޠޮލްހާ ގެފާނާއި އަލްޒުބައިރުގެފާނު އިއްސަފުގައި ފާޅުގައި ޢަލީގެފާންނާއި ދެކޮޅުހެއްދެވިއެވެ. އަދި އިސްލާމީ ދަޢުލަތް ފުރަތަމަ ފަހަރަށް ބައިބައިވިއެވެ. އިސްލާމީ ލަސްކަރު ދެބަޔަށް ބައިވެ ވަރުގަދަ ފިތުނައެއް އުފެދިގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ބޮޑު ހަގުރާމަ އިޢުލާނުކުރެވުނެވެ. ޢަލީގެފާނާއި ދެކޮޅަށް ކުރެވުނު މަސްހޫރު ޖަމަލުގެ ހަގުރާމަ ފެށުނެވެ. ބަސަރާގައި ކުރެވުނު ޖަމަލު ހަގުރާމައިގައި ޢަލީގެފާނުގެ ލަސްކަރު ގަދަވެ ޠޮލްހާ އަދި ޒުބައިރު ގަތުލުވެގެން ދިޔައެވެ. ޢައިޝަތުގެފާނު ހިފާ ހައްޔަރު ކުރެވި ފަހުން ޢަލީގެފާނު އެކަމަނާއަށް މަޢާފުދެއްވާ އެކަމަނާ ރައްކާ ތެރިކަމާއި އެކު މަދީނާއަށް ފޮނުވާލެއްވިއެވެ. މިހަގުރާމައިގައި އަމީރު މުޢާވިޔަތުގެފާނު ބައިވެރިވެވަޑައެއް ނުގަންނަވައެވެ. ނަމަވެސް މިހަގުރާމައގެ އަޑީގައި ހުންނެވީ އަމީރު މުޢާވިޔަތުގެފާނެވެ.

ސިއްފިން ހަގުރާމ[އުނިއިތުރު ގެންނަވާ]

މީލާދިން 657 ވަނަ އަހަރު ޢަލީގެފާނު ޖަމަލު ހަގުރާމައިން މޮޅުވުމާއި އެކު ސާމުކަރައާއި ދިމާލަށް މިސްރާބުޖެހިއެވެ. އެއީ އަމީރު މުޢާވިޔަތުގެ ލަސްކަރާއި ހަގުރާމަ ކުރައްވާ ސާމްކަރަ ޢަލީގެފާނުގެ ބާރުގެ ދަށައް ގެނައުމަށެވެ. މިގޮތުން ސީރިޔާގެ ދެކުނުގެ ރަށެއްކަމުގައިވާ ޔުފްރާދާއި ހަމައިން އަމީރު މުޢާވިޔަތުގެ ލަސްކަރާއި ބައްދަލުވެ މަޝްހޫރު ސިއްފިން ހަގުރާމަ ފެށުނެވެ. މިހަގުރާމައިގައި ދެލަސްކަރުގެ މުސްލިމުންގެ ތެރެއިން ހަތްދިހަ ހާސް މުސްލިމުން ޤަތުލުވެގެން ދިޔައެވެ. އަދި ކީރިތި ރަސޫލާގެ އަޞްޙާބީންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ޤަތުލުވެގެން ދިޔައެވެ. އޭގެތެރޭގައި ރަސޫލާގެ އަރިސް ޞަޙާބީއެއް ކަމުގައިވާ އުމުރުން 95 އަހަރުވެފައިވާ ޢަމްރު ބިން ޔާސިރު ހިމެނެވަޑައިގަންނަވައެވެ. ޢަމްރު ބުނު ޔާސިރު ޤަތުލުކުރީ އަމީރު މުޢާވިޔަތުގެ ލަސްކަރުގެ ހަގުރާމަ ވެރިއެކެވެ. މިހަގުރާމާގައި ލޭއޮހޮރުވުން ގިނަވެ ހަގުރާމަ އެއްވެސް ފަރާތަކަށް ކާމިޔާބު ނުލިބި ދިގުލަމުންދާތީ އަމީރު މުޢާވިޔަތުގެފާނުގެ ފަރާތުން މައްސަލަ ހައްލުކުރުމަށް ވަކީލަކު ހަމަޖެއްސުމަށް އެދުނެވެ. އަދި އެއީ އިސްލާމުން އިސްލާމުންނާ ކުރާ ހަގުރާމައެއް ކަމަށް ވުމާއިއެކު އޭރު އިސްލާމުން ހަގުރާމަކުރަމުން އައި ބޭޒަންޓައިނުން ބަލިކުރުމަށް މިހަގުރާމައިގެ ސަބަބުން އަސަރުކުރާނެކަމަށް ބުނެއެވެ.

މުޢާވިޔަތު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އިޢުލާނު ކުރުމުން ޢަލީގެފާނު އެކަން ޤަބޫލުފުޅު ކުރެއްވިއެވެ. އަދި ސުލްޙައިގައި ވާހަކަ ދައްކައިގެން މައްސަލަ ޙައްލުކުރުމަށް ޢަލީގެފާނު އެއްބަސްވެލެއްވިއެވެ. އަދި މިއެއްބަސްވުމުގެ ސަބަބުން ޢަލީގެފާނަށް ތަފާތު ފިއްތުންތައް ކުރިމަތިވެ ވަޑައިގެންނެވިއެވެ. މިއެއް ބަސްވުމުގެ ސަބަބުން ޢަލީގެފާނުގެ ބައިވެރިންގެ ގޮތުގައި ތިބި ހަވާރިޖުން ޢަލީގެފާނާއި ދެބަސްވެ ޢަލީގެފާނު ދޫކޮށް ދިޔައެވެ. އެމީހުން ދެކުނު ގޮތުގަައި ޢަލީގެފާނު އެކުރެއްވިކަމަކީ އެމީހުންނަށް ކުރެވުނު މަލާމާތެކެވެ. ޢަލީގެފާނުގެ ގާތް މީހުންގެ ބަހަށް ނުބަލާ ޢަލީގެފާނު އަމީރު މުޢާވިޔަތުގެ ސުލްޙައިގެ ހުށައެޅުންތަކަށް ޢަލީގެފާނު އެއްބަސް ވެލެއްވިއެވެ. އެއީ އެވަގުގެ ޙާލަތާއި އިސްލާމުންގެ ގިނަބަޔަކު ޝަހީދުވެ ލަސްކަރަށް އިތުރު ގެއްލުންވެ އިސްލާމީ އުންމަތް ހަލާކުގެ ތެރެއަށްހިގައިދާނެކަމަށް ބައްލަވާފައެވެ.

ހަމަ މިދުވަސްކޮޅާ ދިމާކޮށް މިސްރުގައި ހަމަނުޖެހުން ހިގާތީ އެތަނުގެ ޤަވަރުނަރު ގައިސް، އަނބުރާ ޢަލީގެފާނު ގެންނެވިއެވެ. އަދި ޤަވަރުނަރު ބަދަލުގައި އައުބޭފުޅަކު މިސްރަށް ފޮނުއްވެވިއެވެ. މިގޮތުން އަބޫބަކުރުގެފާނުގެ ހުންނެވި ފިރިހެން ދަރިކަލުން މުޙައްމަދު ބިން އަބީބަކުރު މިމަޤާމަށް އިސްކުރެއްވިއެވެ. މުޙައްމަދުގެ ޤަވަރުނަރުކަން ފެށުމާއި އެކު މިސްރުގައި މުޙައްމަދާއި ދެކޮޅުވެރިވުމުގެ އޮއިވަރެއް ހިގައިގަތެވެ. ޖެއްސުން ކުރުމާއި ޖަދަލުކުރުމާއި އަނިޔާއާއި ރަށުތެރެ ލޫޓުވުން ފެށިގެން ދިޔައެވެ. އެއްވެސް ހަމައެއް ލަމައެއްނެތި އެމީހަކަށް ފެނުނު ގޮތަކަށް ކަންކަން ކުރުން އާންމު ވެއްޖެއެވެ. ނަތީޖާއެއްގެ ގޮތުން އިހުނަށްވުރެ މިސްރު ހަލަބޮލިވެ ހަމަނުޖެހުން އިތުރުވެގެން ދިޔައެވެ. މިވަގުތާއި ދިމާކޮށް ސީރިޔާގެ ޤަވަރުނަރުކަމުގައި ހުންނެވި އަމީރު މުޢާވިޔަތު، ޢަމްރުބުނުލް އާސްއަށް ލަޝްކަރާ އެކު މިސްރަށް އަރައި މިސްރު ހިފުމަށް އަމުރު ކުރެއްވިއެވެ.

ޢަމްރު ބުނުލް ޢާސް އިސްލާމީ ލަސްކަރާއި އެކު މިސްރަށް ވަޑައިގެން ފަސޭހަކަމާއި އެކު މިސްރު ހިފައިފިއެވެ. އޭރު މިސްރުގެ ޤަވަރުނަރުކަމުގައި ޢަލީގެފާނު އިސްކުރައްވައިގެން ހުންނެވީ އަބޫބަކުރުގެފާނުގެ ދަރިކަލުން މުޙައްމަދު ބިން އަބޫބަކުރެވެ. ޢަމްރުބުނު އާސްގެ ލަސްކަރު މިސްރުހިފާ މިސްރުގެ ޤަވަރުނަރު ހޯއްދަވާ ޤަތުލުކުރެއްވިއެވެ. އަދި ހިމާރެއްގައި ދެފައި ބަދެ މުޅި މިސްރުގައި ދުއްވި ކަމަށް ތާރީޚީ ފޮތްތަކު ގައިވެއެވެ. މިޙާދިސާގެ ޚަބަރު ކީރިތި ރަސޫލާގެ އަބިކަބަލުންގެ ގޮތުގައި ހިމެނެވަޑައިގެންނެވި ޢައިޝަތުގެފާނަށް ލިބިވަޑައިގެން ދުވަހުން ފެށިގެން އަވަހާރަވުމާއި ހަމައަށް އެކަމަނާ އެއްގަމު މަހުގެ އެއްވެސް ބާވަތެއް ފަރިއްނުކުޅުއްވާ ކަމުގައި ތާރީޚު ގައިވެއެވެ. އެއީ ޢައިޝަތުގެފާނު އެއްބަޑުއެއްބަފާ ބޭބެ މުޙައްމަދު ބިން އަބީބަކުރު އެފަދަ ގޮތަކަށް އިސްލާމީ ލަސްކަރުން މަރާލުން އެކަމަނާއަށް ޤަބޫލުފުޅު ނުކުރެއްވިގެން ކަމުގައިވެއެވެ. މީލާދީން 661 ވަނަ އަހަރު ޢަލީގެފާނު ޝަހީދުކޮށް ލެވުނެވެ. ޢަލީގެފާނު ޝަހީދު ވުމާއި ގުޅިގެން މުސްލިމުންގެ ޚަލީފާކަން ނެތިގެން ދިޔައެވެ. އެވަގު އިސްލާމީ އެންމެ ބޮޑު ފައުޖް އޮތީ ސީރިޔާގައި އަމީރު މުޢާވިޔަތުގެ ކޮމާންޑުގެ ދަށުގައެވެ. ނަތީޖާއެއްގެ ގޮތުން އަމީރު މުޢާވިޔަތު ޚަލީފާކަމަށް ދައުވާ ކުރަންފެށިއެވެ. ޚަލީގެފާނުގެ ދޮށީދަރިކަލުންނަކީ އިމާމް ޙަސަންއެވެ.

ރަސޫލާގެ ކާފަދަރިކަލުންނަށް ޚަލީފާކަށް ދިނުމަށް ރަސޫލާގެ ޞަހާބީން އެދެމުން ދިޔައެވެ. ނަމަވެސް އަމީރު މުޢާވިޔަތު ގޮތްދޫނުކުރައްވާ ޚަލީފާކަން ބޭނުންފުޅު ވުމުން އިމާމް ޙަސަން ބިން ޢަލީ، މުޢާވިޔަތައް ޚަލީފާކަން ދިނުމަށް އެއްބަސްވިއެވެ. ޙަސަންގެފާނު މިނިންމުން ނިންމީ އިސްލާމީ މުޖުތަމަޢު ނިކަމެތިވެ ބައިބައިވެގެން ދިޔަނުދިނުމަށެވެ. އެއެއްބަސްވުމުގައި މުޢާވިޔަތައް ފަހު ޚަލީފާކަން ޙަސަންގެފާނަށް ދިނުމަށް އަމީރު މުޢާވިޔަތު އެއްބަސްވެވަޑައިގެންނެވިއެވެ. އަދި މުޢާވިޔަތުގެ ޚަލީފާކަމުގައި ޙަސަންގެފާނު އާންމު ދިރިއުޅުއްވުމެއްގައި މަދީނާގައި އުޅުއްވުމަށް އެއްބަސްވެލެއްވިއެވެ. އިސްލާމީ ތާރީޚް ފާހަގަ ކުރާގޮތުގައި ޙަސަންގެފާނުގެ އެއްބަސްވުމާއި ހަމައިން އުމަވިއްޔަ ދައުލަތް އުފެދުނީއެވެ.


އުމަވީ ދައުލަތުގެ ޚަލީފާއިން

އުމަވީ ދައުލަތުގެ ޚަލީފާއިން ނިސްބަތްވަނީ އުމައްޔަދު ވަންހައިގެ ދެއާއިލާއަކަށެވެ. އެއީ ސުފްޔާނީ އާއިލާއާއި މަރްވާނީ އާއިލާއަށެވެ. ސުފްޔާނީ އާއިލާއިން ޚަލީފާކަން ކުރެއްވީ 3 ބޭފުޅުންނެވެ.

  1. އަމީރުލް މުއުމިނީން މުޢާވިޔަތު ބިން އަބީސުފިޔާން (661 އިން 680 އަށް)
  2. އަމީރު ޔަޒީދު ބުނު މުޢާވިޔަތު (680 އިން 683 އަށް)
  3. އަމީރު މުޢާވިޔަތު (2) ބުނު ޔަޒީދު (683 އިން 684 އަށް)

އުމަވީ ދައުލަތުގެ ބާނީއަކީ އަދި ފުރަތަމަ ޚަލީފާއަކީ މުޢާވިޔަތުގެފާނެވެ. މުޢާވިޔަތުގެފާނުގެ ޚަލީފާކަން ދެމިއޮތީ މީލާދީން 661 ން 680 ވަނަ އަހަރާއި ދެމެދުއެވެ. މުޢާވިޔަތުގެފާނު އަވަހާރަވީ 6 މޭ 680 އަހަރު ފަލަވުމުގެ ސަބަބުން ޖެހިވަޑައިގެންނެވި ސްޓްރޯކެއްގެ ސަބަބުންނެވެ. ޚަލީފާ އަވަހާރަ ވުމާއި ގުޅިގެން މުސްލިމުންގެ ތެރޭގައި ޚަލީފާއަކު އައްޔަނުކުރުމަށް މަސައްކަތް ކުރެވުނެވެ. ނަމަވެސް އަމީރު މުޢާވިޔަތުގެފާނުގެ ދޮށީދަރިކަލުން އަމީރު ޔަޒީދު އަމިއްލައަށް ޚަލީފާކަމަށް އިސްވިއެވެ. ޔަޒީދު އަމީރުކަމާއި ހަވާލުވީ ކީރިތި ރަސޫލާގެ ކާފަދަރިކަލުން ޙަސަންގެފާނަށް ޚަލީފާކަން ދިނުމަށް މުޢާވިޔަތުގެފާނުގެ އެއްބަސްވެފައިވާ ގޮތާއި ޙިލާފަށެވެ.

އިސްލާމީ ތާރީޚު ގައި މުޢާވިޔަތުގެފާނުގެ ދަރިކަލުން ޔަޒީދަކީ އިސްލާމީ ލީޑަރެއްކަމުގައި ޤަބޫލެއް ނުކުރެއެވެ. އަމީރު ޔަޒީދުގެ ޚަލީފާކަމަކީ އިސްލާމް ދީން ބައިބައި ކުރި ދުވަސް ތަކެއްކަމުގައި ތާރީޚް ލިޔުންތެރިން ފާހަގަކުރެއެވެ. އަމީރު ޔަޒީދުގެ އަމުރަށް ކަރުބަލާގައި ހިންގި ލޭ އޮހޮރުވުމަކީ އިސްލާމީ ތާރީޚުގައި ކަޅުއަކުރުން ފެވިފައިވާ ހާދިސާ އެކެވެ. އިސްލާމީ އުއްމަތް ރޫޅި ދެމަޒްހަބް އުފެދި ޝިއައީންނާއި ސުންނީން އުފަން ކުރުވި ޙާދިސާއެވެ. މުސްލިމުންގެ މެދުގައި އެއްބަޔަކު އަނެއްބަޔަކާއި މިއަދާއި ޖެހެން ދެން ހަގުރާމަ ކުރަން ޖެހުން ސަބަބެވެ. އަމީރު ޔަޒީދުގެ ޚަލީފާކަމަށް ފަހު އުމަވީ ދައުލަތުގެ ޚަލީފާއަކަށްވީ އަމީރު ޔަޒީދުގެ ބޭފުޅެއްކަމުގައިވާ މުޢާވިޔަތު(2) އެވެ. އަމީރު މުޢާވިޔަތަށް ކާފަވިދާޅުވާ މުއާވިޔަތުގެ ވެރިކަމުގެ ވަރަށް ކުރީކޮޅު އިސްތިއުފާދެއްވާ މުސްލިމުންނަށް އެބައިމީހުން އެދޭ ވެރިއަކު އައްޔަންކުރުމަށް ފުރުސަތު ދެއްވިއެވެ.

މުޢާވިޔަތު (ދެވަނަ) ޚަލީފާކަމުން ވަކިވެވަޑައިގަތުމާއި އެކު އުމަވީ ދައުލަތުގެ ސުފްޔާނީ އާއިލާގެ ވެރިކަން ނިމުމަކަށް އައީއެވެ. ސުފްޔާނީ އާއިލާގެ ވެރިކަން ނިމުމަކަށް އައީ ޔަޒީދުގެ ވެރިކަން ފެށުމާއި އެކު އެ ވެރިކަން ޤަބޫލުނުކާ މުސްލިމުން މަދީނާގައި ޢަބްދުﷲ ބިން އައްޒުބައިރަށް ބައިތު ހިފާ ސާމުކަރައިގައި އޮތް ވެރިކަން ނޫން އެހެން ވެރިކަމެއް މަދީނާގައި ފެށުމުންނެވެ. ޢަބްދުﷲ ބިން އައްޒުބައިރުގެ އަތުން ވެރިކަން އުމަވީ ދައުލަތުގެ މަރުވާނުގެ އާއިލާއަށް ބަދަލުވެގެން ދިޔައީ އަބްދުލް މަލިކު ބުނު މަރުވާންގެ ހިކުމަތު އަމަލީގެ ސަބަބުންނެވެ. ދެން ފެށުނީ އުމަވީ ދައުލަތުގެ އުމައްޔަދު ދަރިކޮޅުގެ މަރުވާނީ އާއިލާގެ ވެރިކަމެވެ.

މަރުވާނީ ދަރިކޮޅުގެ ޚަލީފާއިންނަކީ

  1. މަރުވާން(1) އިބުނު އަލްހަކަމް (684 ން 685 އަށް)
  2. ޢަބްދުލް މަލިކު ބުނު މަރުވާން 685 ން 705 އަށް
  3. އަލްވަލީދު ބުނު ޢަބްދުލް މަލިކު 705 ން 715 އަށް
  4. ސުލައިމާން ބުނު ޢަބްދުލް މަލިކް 715 ން 717 އަށް 5- ޢުމަރު ބުނު ޢަބްދުލް ޢަޒީޒް ބުނު މަރުވާން 717 ން 720 އަށް 6- ޔަޒީދު ބުނު ޢަބްދުލް މަލިކު 720 ން 724 އަށް 7- ޙިޝާމް ބުނު ޢަބްދުލް މަލިކު 724 ން 743 އަށް 8- އަލްވަލީދު ބުނު ޔަޒީދު ބުނު ޢަބްދުލް މަލިކު 743 ން 744 އަށް 9- ޔަޒީދު ބުނު އަލްވަލީދު ބުނު ޢަބްދުލް މަލިކު 744 10- އިބްރާހިމް ބުނު އަލްވަލީދު ބުނު ޢަބްދުލް މަލިކު 744 11- މަރުވާނު ބުނު މުޙައްމަދު ބުނު މަރުވާން 744 ން 750 އަށް



އުމަވީ ދައުލަތުގެ ޚަލީފާއިންގެ ތެރެއިން ފާހަގަކޮށްލެވޭ:[އުނިއިތުރު ގެންނަވާ]

އަމީރުލް މުއުމިނީން ޚަލީފާ ޢުމަރު ބުނު ޢަބްދުލް ޢަޒީޒު އިބްނު މަރުވާން ބުނު ޙަކަމް

އަމީރުލް މުއުމިނީން ޚަލީފާ ޢުމަރު ބުނު ޢަބްދުލް ޢަޒީޒުއަކީ އިސްލާމީ ގިނަ ޢިލްމުވެރިން ޤަބޫލް ކުރައްވާ ގޮތުގައި ޢަލީ ރަލިޔައްﷲ އަންޙު އަށް ފަހު އިސްލާމީ އުއްމަތުގެ 5 ވަނަ ޚަލީފާއެވެ. އެކަލޭގެ ފާނަށް މިޤަދަރާއި ޢިއްޒަތް އިސްލާމީ އުންމަތުން ދީފާވަނީ އެކަލޭގެފާނުގެ ޒާހިދުކަމާއި ވަރައަވެރިކަމާއި ޚުލްޤު ހެޔޮކަމާއި އިސްލާމްދީނަށް އެކަލޭގެފާނު ލޯބި ކުރާމިންވަރާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ރައްޔިތުންނަށް ހެޔޮކަމާއި ޢަދުލުވެރިކަމާއި އިންސާފުވެރިކަމާއި އަމިއްލައެދުން އިސްކުރުމެއްނެތި މުޅި އުންމަތުގެ ލާބަޔާއި މަންފާއަށްޓަކައި އެކަލޭގެފާނުގެ މުޅިޙަޔާތް ހޭދަކުރެއްވުމާއި ގުޅިގެންނެވެ. އަމީރުލް މުއުމިނީން ޚަލީފާ ޢުމަރު ބުނު ޢަބްދުލް ޢަޒީޒުއަކީީ މުސްލިމު އުއްމަތައް ނަމޫނާ ވެރިއެކެވެ. އެކަލޭގެފާނުގެ ވެރިކަމުގައި ދީނީ ޢިލްމުވެރިންނަށް އިސްކަން ދެއްވިއެވެ. ޢުމުރާނީ ތަރައްޤީ ގެނެސްދެއްވިއެވެ. ތަޢުލީމަށް ޚާއްސަ ސަމާލުކަމެއް ދެއްވިއެވެ. ޒުވާނުންނަށް މަގުތައް ފަހިކޮށްދެއްވެވިއެވެ. ވިޔަފާރި ފުޅާކޮށް އިސްލާމުންގެ އަތުން ނެގެމުން އައި ޓެކްސްތައް ކުޑަކުރައްވާ ބައެއް ޓެކްސްތައް ކަޑުއްވާލެއްވިއެވެ. އިސްލާމީ ދަޢުލަތް އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރެއްވިއެވެ. ދާޚިލީ ހަމަޖެހުމަށް އިސްކަންދެއްވިއެވެ.

އަމީރުލް މުއުމިނީން ޚަލީފާ ޢުމަރު ބުނު ޢަބްދުލް ޢަޒީޒުއަކީ ޚަލީފާއަކަށް ވުމުގެ ކުރިން ފެޝަނަށް ލޯބި ކުރައްވާ ހުވަނދު ލައްވާ ވަރަށް މުއްސަދި ދިރިއުޅުއްވުމެއް އުޅުއްވި ބޭފުޅެކެވެ. ނަމަވެސް ޚަލީފާއަކަށްވުމަށް ފަހު މިހުރިހާކަމެއް ދޫކޮއްލައްވާ ވަރަށް ސާދާ ދިރި އުޅުމެއް އުޅުއްވިއެވެ. ބައިތުލް މާލުން އެއްވެސް ޚަރަދެއް ނުނަންގަވައެވެ. އެކަލޭގެފާނުގެ އާއިލާގެ މެންބަރުންނަށް ވެސް ސާދާ ދިރިއުޅުއްވުމަށް އަމުރު ކުރެއްވިއެވެ. އަނބިދަރިންގެ ގަހަނާ ދައުލަތުގެ ބައިތުލްމާލަށް ހަދިޔާކުރުމަށް އެންގެވިއެވެ. އުމަވީ ދަޢުލަތުގެ ވެރިން އޭރު ތުރުކުރެއްވި ހެދުންކޮޅުތައް ދޫކުރައްވާ އާދައިގެ ހެދުންކޮޅުތައް ތުރުކުރެއްވިއެވެ. އެކަލޭގެފާނަކީ ފަހައްރައްކާ ކުރާ ޚަރަދު ކުޑަ ބޭފުޅެކެވެ. ފަޤީރުންނަށް އެހީވާ ދީލަތި ބޭފުޅެކެވެ.

އަމީރުލް މުއުމިނީން ޚަލީފާ ޢުމަރު ބުނު ޢަބްދުލް ޢަޒީޒު އިބްނު މަރުވާން ބުނު ޙަކަމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީން 682 ވަނަ އަހަރުގައެވެ. އެކަލޭގެފާނު ޚަލީފާކަން ކުރެއްވީ މީލާދީން 717 ވަނަ އަހަރުން ފެށިގެން 720 ވަނަ އަހަރާ ދެމެދުއެވެ. އެކަލޭގެފާނު ގެންނެވި އިސްލާހީ ބަދަލުތަކުގެ ސަބަބުންނާއި މުސްލިމުން އެކަލޭގެފާނަށް ތާއީދުކޮށް ލޯބިވާ މިންވަރުން އެކަލޭގެފާނުގެ ދުޝްމަނުން ދިޔައީ ކަންބޮޑުވަމުންނެވެ. ދުޝްމަނުންނަށް އެކަންކަމަށް ކެތްނުކުރެވިގެން އެކަލޭގެފާނުގެ ނޯކަރަކަށް ރިޝްވަތުދީ ކާނާއަށް ޒަހަރެއް ލައިގެން އެކަލޭގެފާނު އަވަހާރަކޮށްލެއްވީ މީލާދީން 720 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އޭރު އެކަލެގެފާނުގެ އުމުރުފުޅަކީ އެންމެ ސާޅިސް އަހަރެވެ.

އަމީރުލް މުއުމިނީން ޢުމަރު ބުނު ޢަބްދުލް ޢަޒީޒު ވިދާޅުވެފައިވެއެވެ.

ވެރިން އާންމު ގޮތެއްގައި އިސްކޮށްފައި ތިބެނީ ރައްޔިތުންގެ ކަންކަން ބެލުމަށެވެ. ނަމަވެސް އަހަރެންގެ ކަންކަމާއި އުޅޭނޫޅޭ ގޮތް ބެލުމަށް ރައްޔިތުން މިއަދު އަހަރެން އިސްކުރަމެވެ. ތިޔަބައިމީހުންނަށް އަހަރެންގެ ފަރާތުން ނުރަގަޅު ކަމެއްފެނިއްޖެ ނަމަ އަހަންނަށް އިސްލާހުގެ މަގު ދައްކާދޭށެވެ. އަދި އެކަމެއް ކުރިޔަނުދީ ވަގުތުން ހުއްޓުވާށެވެ.

އުމަވީ ދައުލަތް ނިމުމަކަށް[އުނިއިތުރު ގެންނަވާ]

އުމަވީ ދައުލަތް ނިމުމަކަށް އައީ އަލްއަންދަލުސް ގައި އައްބާސީ ދައުލަތް އުފެދުމާއި ގުޅިގެންނެވެ. އައްބާސީ ދައުލަތް އުފެދުނީ އުމަވީ ދަރިކޮޅާއި ހާޝިމީ ދަރިކޮޅާއި އޮތް ވާދައިގެ ތެރެއިންނެވެ. މީލާދީ 747 ގައި ހާޝިމީ ދަރިކޮޅުގެ ހަންގުރާމަވެރިންނަށް އައްބާސީ ދައުލަތުގެ ބާރުގެ ދަށުގައި އޮތް ވަރަށް ގިނަ ޝަހަރުތައް ދިޔައެވެ. މީލާދީން 749 ގައި ޤުރާޝަންއާއި ކޫފާ ހާޝިމީންގެ ލަޝްކަރުގެ އަތްދަށަށް ދިޔައެވެ. އަދި އަބޫ އަލް އައްބާސްއަށް ހަލީފާކަމަށް މުސްލިމުން ބައިތުހިފިއެވެ. ކޫފާ ހާޝިމީންގެ އަތްދަށަށް ދިއުމުން އުމަވީދައުލަތުގެ ހަލީފާއަކަށް އޭރު ހުންނެވި މަރުވާން ބުނު މުހައްމަދު ބުނު މަރުވާން ލަސްކަރެއް ހައްދަވާ ހާޝިމީންނާއި ހަގުރާމައަށް ފޮނުއްވެވިއެވެ. މިލަސްކަރު ހަރާނުން ފުރައިގެން އިރާގާއި ދިމާލަށް މިސްރާބުޖަހާ މީލާދީން 750 ވަނަ އަހަރު ޖެނުއަރީމަހުގެ ތެރޭގައި ދެލަސްކަރު ޒަބް ކިޔޭ ސަރަހައްދުން ބައްދަލުވެ ހަގުރާމަ ފެށުނެވެ.

މިހަގުރާމައަކީ މަސްހޫރު ޒާބު ހަނގުރާމައެވެ. ދެލަސްކަރު ހަގުރާމަކޮށް އެއަހަރުގެ އޭޕްރީލްމަހު އެންމެ ފަހުން އުމަވީ ދައުލަތް ބަލިވެ ހާޝިމީން ގަދަވިއެވެ. ނަތީޖާއެއްގެ ގޮތުން ދިމިސްޤުގައި ކުރަމުންދިޔަ އުމަވީ ދައުލަތް އުވި އައްބާސީ ދައުލަތް ފެށުނީއެވެ. އުމަވީ ދައުލަތުގެ އެންމެ ހަފުގެ ޚަލީފާ މަރުވާން އަވަހާރަކޮށްލެވުނީ އެއަހަރު އޮގަސްޓް މަހު މިސްރުގައެވެ. އުމަވީ ދައުލަތް މީލާދީން 750 ވަނަ އަހަރު ނިމުމަށްފަހުވެސް އުމަވީ ދައުލަތައް ނިސްބަތްވާ ވެރިކަމެއް އަމީރުން ތިއްބަވައިގެން މީލާދީން 756 އަހަރުން ފެށިގެން މީލާދީން 1031 ވަނަ އަހަރާއި ޖެހެންދެން މުރެވުނެވެ. އުމަވީ ދައުލަތައް ނިސްބަތްވާ އަމީރުކަން ކުރެވުނީ ކޮރުދޮބާގައެވެ. އޭރު އައްބާސީ ދައުލަތް ހިގަމުންދިޔައީ ދިމިޝްޤާއި އިރާގުގައެވެ. ފަހުން މިސްރުގައެވެ.

ނޯޓް: މިލިޔުމުގެ އަސްލު ލިޔެފައިވަނީ އިސްލާމް މުދައްރިސް ފާތުމަތު ނާއިލާއެވެ. އުނި އިތުރު ގެންނެވުމަށް މަރުހަބާކިޔަމެވެ.