ވޮރަންޓް އޮފިސަރ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ވޮރަންޓް އޮފިސަރ (ވއ) އަކީ ސިފައިންގެ ތެރޭގައި (މިލިޓަރީ އޯގަނައިޒޭޝަންތަކުގައި) ހިމެނޭ ވަކި ގްރޫޕަކަށް ނިސްބަތްވާ ރޭންކެކެވެ. އެހެންނަމަވެސް ރާއްޖޭގައި ވޮރަންޓް އޮފިސަރުން އުފެދުނިއްސުރެ ވޮރަންޓް އޮފިސަރުން ވެފައިވަނީ ނަންކޮމިޝަން އޮފިސަރުންގެ އެންމެ އިސް ރޭންކްގެ ގޮތުގައެވެ. ރާއްޖޭގެ ސިފައިންގެ ތެރޭގައި އެންސީއޯ ކޯރ އާއި އޮފިސަރ ކޯރ އެއްވެފައި އޮތްއިރު ވޮރަންޓް އޮފިސަރުން ހިމެނިފައިވަނީ ސީނިއަރ އެން.ސީ.އޯއިންގެ ތެރޭގައެވެ. ސިފައިންގެ ތެރޭގައި ވޮރަންޓް އޮފިސަރުންނަށް ސާރމޭޖަރ (ސާރޖެންޓް މޭޖަރ) އޭ ކިޔާ ވަރަށް ކުރިންސުރެ މުޚާތަބު ކުރެވެއެވެ.

ދުނިޔޭގައި ވޮރަންޓް އޮފިސަރުންގެ ރޭންކު ފުރަތަމަ ބޭނުން ކުރެވުނީ އިނގިރޭސި ރޯޔަލް ނޭވީ ގައެވެ. އެހެންނަމަވެސް މިއަދު ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ ސިފައިންގެ ތެރޭގައި މިރޭންކް ބޭނުންކުރެއެވެ. އޭގެ ތެރޭގައި ކޮމަންވެލްތުގެ ޤައުމުތަކާއި އެމެރިކާވެސް ހިމެނެއެވެ. ވޮރަންޓް އޮފިސަރުންނަކީ ނަންކޮމިޝަންޑް އޮފިސަރުން ( އެންސީއޯ ) އިންގެ ތެރެއިން ދިގު މުއްދަތެއްގައި އިޚްލާޞްތެރިކަމާއެކު މަސައްކަތް ކޮށްފައިވާ ފަންނީ ތަޖުރިބާ ލިބިފައިވާ ކޮމިޝަންޑް އޮފިސަރުންނާއި އެންސީއޯއިންނާ ދެމެދުގައިވާ ބައެކެވެ.

ދިވެހިރާއްޖޭގައި ވޮރަންޓް އޮފިސަރުންނަކީ ފަންނީ މުދައްރިބުންނެވެ. އެކިއެކި ދާއިރާތަކުން ޚާއްޞަވެފައިވާ ލީޑަރުންނެވެ. ނޫނީ ދިގު މުއްދަތެއްގައި އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރުމުގެ ސަބަބުން ފަންނީ ތަޖުރިބާކާރުންނެވެ. ސިފައިންގެ ތެރޭގައި ތިބި ވޮރަންޓް އޮފިސަރުންގެ ތެރޭގައި މާސްޓަރޑިގްރީ، ފަސްޓްޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅުން ހިމެނެއެވެ. އަދި ކޯސްޓްގާޑު ފަހަރުގެ ކެޕްޓަނުންނާއި އާމަޑް ވެހިކަލްތަކުގެ ޑްރައިވަރުންނާއި ކުޅަދާނަ އިންޖިނިއަރުންނާއި ޑޮކްޓަރުންވެސް އެބަތިއްބެވެ.

ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ ސިފައިންގެ ތެރޭގައި ވޮރަންޓް އޮފިސަރުންނާ ޙަވާލުކުރެވިފައިވާ ޒިންމާތަކާއި ވާޖިބުތައް ތަފާތެވެ. ފްރާންސްގައި އެޖްޓަންޓް ޖެނެރަލުންނާއި މޭޖަރ ރޭންކުގެ އޮފިސަރުންނާ ޙަވާލުކުރެވިފައިވާ ޒިންމާތަކާ އިނގިރޭސިވިލާތުގައި ވޮރަންޓް އޮފިސަރުންނާ ޙަވާލުކުރެވިފައިވާ ޒިންމާތައް އެއްވަރެވެ. ބުނެވޭ ގޮތުގައި ވޮރަންޓް އޮފިސަރުންނަކީ އަސްކަރިއްޔާގެ މައިބަދައެވެ.


ވޮރަންޓް އޮފިސަރުންގެ ތާރީޚު[އުނިއިތުރު ގެންނަވާ]

ވޮރަންޓް އޮފިސަރުންގެ ރޭންކް ފުރަތަމަ އުފެއްދީ އިނގިރޭސި ސިފައިންގެ ތެރޭގައި މީލާދީން 13 ވަނަ ޤަރުނުގެ ތެރޭގައެވެ. ދިވެހިރާއްޖޭގެ ސިފައިންގެ ތެރޭގައި ވޮރަންޓް އޮފިސަރުންގެ ރޭންކް އުފެދުނީ 1988 ޑިސެމްބަރ 21 ގައެވެ.

ވޮރަންޓް އޮފިސަރުން ބެހިފައިވާ ގޮތް[އުނިއިތުރު ގެންނަވާ]

ރާއްޖޭގައި ތިބެނީ ވޮރަންޓް އޮފިސަރ ގްރޭޑް 1 އާއި ވޮރަންޓް އޮފިސަރ ގްރޭޑް 2 ކެވެ. އެހެންނަމަވެސް އެމެރިކާގައި ވޮރަންޓް އޮފިސަރ ގްރޭޑް 1 އިން 5 އަށް އޮވެއެވެ. ދިވެހި ސިފައިންގެ ތެރޭގައި ވޮރަންޓް އޮފިސަރ ގްރޭޑް 2 އަށްވުރެ ވޮރަންޓް އޮފިސަރ ގްރޭޑް 1 ސީނިއަރ އެވެ.


ވޮރަންޓް އޮފިސަރުންގެ ޒިންމާތައް[އުނިއިތުރު ގެންނަވާ]

ވޮރަންޓް އޮފިސަރުންނަކީ ކަމިޝަންޑް އޮފިސަރުންނާއި އެންސީއޯ އިންނާ ދެމެދުގައި ޚިދުމަތްތައް ގުޅުވައިދޭން ތިބޭ ބައެކެވެ. އެންސީއޯއިންގެ މޮރާލް މަތިކޮށް، ހަވާލުކުރެވޭ ޓާސްކް ފުރިހަމަ ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާނީ ވޮރަންޓް އޮފިސަރުންނެވެ. ވޮރަންޓް އޮފިސަރުންނަކީ ފީލްޑްގައި ޢަމަލީ ގޮތުން މަސައްކަތް ކުރާ ބައެކެވެ. ދަށުގައި މަސައްކަތްކުރާ މީހުންނާއެކު މަސައްކަތް ކުރަމުން ސްޕަވައިޒް ކުރުމަކީ ވޮރަންޓް އޮފިސަރުން އަދާކުރަންޖެހޭ ޒިންމާއެކެވެ. އަދި މަތިން ތިރިއަށް އަންނަ ކޮމާންޑްތައް ތަންފީޒުކޮށް ދަށުގައި މަސައްކަތްކުރާ މީހުންގެ އަޚްލާޤީ އަސްކަރީ ސްކޫލު ހިފެހެއްޓުމަކީ ވޮރަންޓް އޮފިސަރުންގެ ޒިންމާއެކެވެ.


ވޮރަންޓް އޮފިސަރުންގެ ފުރަތަމަ ލީޑަރޝިޕް ސިމްޕޯސިއަމް[އުނިއިތުރު ގެންނަވާ]


އެމް.އެން.ޑީ.އެފްގެ ވޮރަންޓް އޮފިސަރުން ލީޑަރޝިޕްގެ ފަންޑަމެންޓަލްސްތަކަށް އިތުރަށް އަހުލުވެރިކޮށް ފަސޭހަކަމާއެކު އެކަންކަން އަމަލީގޮތުން ތަންފީޒްކުރުމަށް ދަސްކޮށްދިނުމަށް އެމް.އެން.ޑީ.އެފްގެ ވޮރަންޓް އޮފިސަރުންނަށް ބޭއްވި ފުރަތަމަ ލީޑަރޝިޕް ސިމްޕޯޒިއަމް އޮތީ 3 ޖެނުއަރީ 2010 އިން 7 ޖެނުއަރީ 2010 އަށް ކ.އާރަށުގައެވެ.

މި ސިމްޕޯޒިއަމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދުއެވެ. މި ސިމްޕޯސިއަމްގައި ތަފާތު މައުލޫތަކަށް ކަމުގެ ފަންނީ ތަޖުރިބާކާރުން ލެކްޗަރ ނަންގަވައިދެއްވިއެވެ. އޭގެ ތެރޭގައި ސިފައިންގެ އިސްވެރިންނާއި އާންމު ފަރާތްތައްވެސް ހިމެނެއެވެ.


އިސް ސަރުކާރުންގެ އިޤްރާރު[އުނިއިތުރު ގެންނަވާ]

އެމް.އެން.ޑީ.އެފްގައި ވޮރަންޓް އޮފިސަރުންނަށް ބޭއްވި ފުރަތަމަ ލީޑަރ ޝިޕް ސިމްޕޯސިއަމް ނިންމުމުގެ ރަސްމިއްޔާތުގައި 2010 ވަނަ އަހަރުގެ ޖެނުއަރީ 7 ވަނަ ދުވަހު "އިސްސަރުދާރުންގެ އިޤްރާރު" ގެނަމުގައި އެ ސިމްޕޯސިއަމްގައި ބައިވެރިވި ހުރިހާ ވޮރަންޓް އޮފިސަރުން އިޤްރާރެއް ނެރުނެވެ. 20 ޕޮއިންޓްގެ މައްޗަށް ހިމެނޭ މި އިޤްރާރު ވޮރަންޓް އޮފިސަރުން އެމްއެންޑީއެފްގެ ލީޑަރޝިޕާ ވަނީ ޙަވާލުކޮށްފައެވެ. މި އިޤްރާރުގައި ހުރީ އިސް ސަރުދާރުން ކުރުމަށް އަޒުމު ކަނޑައަޅާފައިވާ މުހިންމު ކަންތައްތަކެކެވެ. އެ އިޤްރާރުގެ ފުރަތަމަ ތިން ޕޮއިންޓް އެކުލަވާލާފައިވަނީ ސިފައިންގެ ކޯޑް އޮފް އެތިކްސްގައި ހިމެނޭ ތިން އަސާސްގެ މައްޗަށެވެ.

އެން.ސީ.އޯ ކޯރ ޑިވެލޮޕްމަންޓް ސަބް ކޮމެޓީ[އުނިއިތުރު ގެންނަވާ]


މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ނަން-ކޮމިޝަންޑް އޮފިސަރ ކޯރ ތަރައްޤީ ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް އެން.ސީ.އޯ ކޯރ ޑިވެލޮޕްމަންޓް ސަބް ކޮމެޓީގެ ނަމުގައި ކޮމެޓީއެއް 2010 ޖެނުއަރީ 13 ވަނަ ދުވަހު ވަނީ އުފައްދަވާފައެވެ. މިއީ ވޮރަންޓް އޮފިސަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެކެވެ.

ޕްރޮފެޝަނަލް އަސްކަރިއްޔާއެއްގެ ގޮތުގައި އެމް.އެން.ޑީ.އެފް ބައްޓަންކުރުމަށް އެމް.އެން.ޑީ.އެފް ގެ ލީޑަރޝިޕްއިން ކުރަމުންދާ މަސައްކަތުގައި އެން.ސީ.އޯ ކޯރ ތަމްސީލުކޮށް، ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެކުލަވާލި 12 ބޭފުޅުންގެ މައްޗަށް އެކުލެވޭ ސަބްކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ވޮރަންޓް އޮފިސަރ1 ޖަޢުފަރު ޢަބްދުއްރަޙުމާން، ވޮރަންޓް އޮފިސަރ1 އާޒާދު ރުޝްދީ، ވޮރަންޓް އޮފިސަރ1 ޢަބްދުﷲ ޖާވިދު، ވޮރަންޓް އޮފިސަރ1 ޢަދުނާން ޢަލީ، ވޮރަންޓް އޮފިސަރ1 އަޙުމަދު ޢާތިފް، ވޮރަންޓް އޮފިސަރ2 ޢަބްދުﷲ ސަޢީދު، ވޮރަންޓް އޮފިސަރ2 ނަޞްރުﷲ ވަސީމް، ވޮރަންޓް އޮފިސަރ2 މުޙައްމަދު ސާމިރު، ވޮރަންޓް އޮފިސަރ2 ޙަސަން ފަޔާޒް، ވޮރަންޓް އޮފިސަރ2 ޝާމަން ޢަބްދުﷲ މަސްއޫދު، ވޮރަންޓް އޮފިސަރ2 ޢަބްދުﷲ މައުމޫން އަދި ވޮރަންޓް އޮފިސަރ2 ނަޢުޝާދު ޢަލީއެވެ.

މި ކޮމެޓީގެ ޗެއަރމަންއަކަށް ހަމަޖެއްސެވީ ވޮރަންޓް އޮފިސަރ2 ނަޞްރުﷲ ވަސީމްއެވެ. ވައިސް ޗެއަރމަންއަކަށް ހަމަޖަވާފައިވަނީ ވޮރަންޓް އޮފިސަރ2 ޢަބްދުﷲ ސަޢީދެވެ.


ޝަރަފުވެރި ވޮރަންޓް އޮފިސަރުން[އުނިއިތުރު ގެންނަވާ]

އަސްކަރީ ޤާނޫނު( ސިފައިންގެ ޤާނޫނު 1/2008 )ގެ ދަށުން ފުރަތަމަ ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި 3 ވޮރަންޓް އޮފިސަރުން ހިމެނިވަޑައިގަންނަވައެވެ. އެއީ ވޮރަންޓް އޮފިސަރ ގްރޭޑް 1 ގެ މަޤާމުގައި ހުންނެވި އެއް ބޭފުޅަކާއި ވޮރަންޓް އޮފިސަރ ގްރޭޑް 2 ގެ މަޤާމުގައި ހުންނެވި ދެ ބޭފުޅެކެވެ. އެބޭފުޅުންނަކީ ވޮރަންޓް އޮފިސަރ ގްރޭޑް 1 ޚާލިދު ޢަބްދުﷲ ، ވޮރަންޓް އޮފިސަރ ގްރޭޑް 2 ޙަސަން އަބޫބަކުރު އަދި ވޮރަންޓް އޮފިސަރ ގްރޭޑް 2 ޢަލީ ޙުސައިން އެވެ.

ވޮރަންޓް އޮފިސަރ ގްރޭޑް 1 ޚާލިދު ޢަބްދުﷲ

ވޮރަންޓް އޮފިސަރ ގްރޭޑް 1 ޚާލިދު ޢަބްދުﷲ ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ 9791 ވަނައަހަރު ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުގައެވެ. ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ވޮރަންޓް އޮފިސަރ ގްރޭޑް 1 ޚާލިދު ޢަބްދުﷲ ސިފައިންގޭގައި 03 އަހަރާއި 5 މަހާއި 82 ދުވަހުގެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވިއެވެ. މި ދިގު މުއްދަތުގެ ތެރޭގައި ވޮރަންޓް އޮފިސަރ ގްރޭޑް 1 ޚާލިދު ޢަބްދުﷲ ސިފައިންގޭގައި އިޚްލާސްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން، ޝަރަފުގެނިޝާންގެ ގޮތުގައި 7 ކުލައާއި 3 މެޑަލް ލިބިވަޑައިގެންފައިވެއެވެ. ލިބިވަޑައިގެންނެވި މެޑަލްތަކަކީ ސިފައިންގެ ޚިދުމަތުގެ މެޑަލް، ސައްތައިގެ މެޑަލް އަދި 3 ނޮވެމްބަރުގެ މެޑަލްއެވެ. ލިބިވަޑައި ގެންފައިވާ ކުލަތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލައިގެ އިތުރުން، އަޚްލާޤީ ކުލަ 3 ވަނަ ފަހަރަށް ލިބިވަޑައިގެންފައިވާކަން ފާހަގަކުރެވެއެވެ.

ވޮރަންޓް އޮފިސަރ ގްރޭޑް 1 ޚާލިދު ޢަބްދުﷲ ސިފައިންގޭގައި މަސައްކަތް ކުރެއްވި ދާއިރާތަކުގެ ތެރޭގައި ޔުނިފޯމް ސެކްޝަނާއި، ކޭޓަރިންގ ސާރވިސްއާއި، މެޑިކަލް ސާރވިސްއާއި، ޑިއުޓީ ސެކްޝަން ހިމެނެއެވެ. ވޮރަންޓް އޮފިސަރ ގްރޭޑް 1 ޚާލިދު ޢަބްދުﷲ ރިޓަޔަރ ކުރައްވާއިރު ޚިދުމަތް ކުރައްވަމުން ގެންދަވަނީ އެމް.އެން.ޑީ.އެފް ގެ ކޯސްޓްގާރޑް ވިންގުގައެވެ.

ވޮރަންޓް އޮފިސަރ ގްރޭޑް 1 ޚާލިދު ޢަބްދުﷲ ބައިވެރިވެ ވަޑައިގެންނެވި ބޮޑެތި މަސައްކަތް ތަކުގެ ތެރޭގައި، ސިފައިންގެ މަރުކަޒު ހެއްދެވުމުގައި އައްޑޫ އާއި މަޑިވަރުގައި ގިނަގުނަ ޚިދުމަތް ތަކެއް ކުރެއްވުމާއި، 3 ނޮވެމްބަރުގެ ޢުދުވާނީ ހަމަލާގެވަގުތުގައި ހޮސްޕިޓަލުގައި ހުންނަވައިގެން އެތަނަށް ޒަޚަމްވެގެން ގެންދެވުނު މީހުންނަށް އެހީތެރިވެވަޑައިގެންނެވުމުގައި އަދާކުރެއްވި މުހިންމު ދައުރު ފާހަގަކޮށްލެވެއެވެ. ސިފައިންގެ ޚިދުމަތުން ވޮރަންޓް އޮފިސަރ ގްރޭޑް 1 ޚާލިދު ޢަބްދުﷲ ރިޓަޔަރ ކުރެއްވީ ޢުމުރުފުޅުން 36 އަހަރުގައެވެ.


ވޮރަންޓް އޮފިސަރ ގްރޭޑް 2 ޙަސަން އަބޫބަކުރު

ވޮރަންޓް އޮފިސަރ ގްރޭޑް 2 ޙަސަން އަބޫބަކުރަކީ 0791 ވަނައަހަރު އޯގަސްޓް މަހުގެ 31 ވަނަ ދުވަހުން ފެށިގެން، ސިފައިންގޭގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު 83 އަހަރާއި 11 މަހާއި 31 ދުވަހުގެ ދިގު މުއްދަތުގައި، ޚިދުމަތް ކުރުންމަތީ ދެމިހުންނެވި ބޭފުޅެކެވެ. މި ދިގު މުއްދަތުގެ ތެރޭގައި ވޮރަންޓް އޮފިސަރ ގްރޭޑް 2 ޙަސަން އަބޫބަކުރު ސިފައިންގޭގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން، ޝަރަފުގެނިޝާންގެ ގޮތުގައި 6 ކުލައާއި 5 މެޑަލް ލިބިވަޑައިގެންފައިވެއެވެ. ލިބިވަޑައިގެންފައިވާ މެޑަލްތަކަކީ އަޚްލާޤީ މެޑަލް، ސިފައިންގެ ޚިދުމަތުގެ މެޑަލް، އިޚްލާޞްތެރި ޚިދުމަތުގެ މެޑަލް، ސައްތައިގެ މެޑަލް، އަދި 3 ނޮވެމްބަރުގެ މެޑަލް އެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ ފާހަގަކޮށްލެވެއެވެ.

ވޮރަންޓް އޮފިސަރ ގްރޭޑް 2 ޙަސަން އަބޫބަކުރު ސިފައިންގޭގައި ޚިދުމަތް ކުރެއްވި ދާއިރާތަކުގެ ތެރޭގައި ޑިއުޓީސެކްޝަންގެ އިތުރުން މޯޓަރ ޓްރާންސްޕޯރޓް ސެކްޝަނާއި، ޓްރާންސްޕޯރޓް ސަރވިސް ހިމެނެއެވެ. ވޮރަންޓް އޮފިސަރ ގްރޭޑް 2 ޙަސަން އަބޫބަކުރަކީ ސިފައިންގެ ތެރޭގައި އެންމެ ފުރަތަމަ އިންޖިނިއަރިންގ ގެ ޚިދުމަތް ފެށުނުއިރު ތިއްބެވި 3 ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ސިފައިންގެ ތެރޭގައި ހުންނަ ވޮރަންޓް އޮފިސަރ ގްރޭޑް 2 ޙަސަން އަބޫބަކުރުގެ ކަބަޑުގައި ރެންޗް ފޮއްޓެއް ބަހައްޓަވައިގެން ފެއްޓެވި ޚިދުމަތް މިއަދުވަނީ ސިފައިންގެ ޚިދުމަތުގެ މައިސޯބަށް ބަދަލުވެފައެވެ. ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ވޮރަންޓް އޮފިސަރ ގްރޭޑް 2 ޙަސަން އަބޫބަކުރު ޚިދުމަތް ކުރައްވަމުން ގެންދެވީ ޓްރާންސްޕޯރޓް ސާރވިސްގައެވެ.

ވޮރަންޓް އޮފިސަރ ގްރޭޑް 2 ޙަސަން އަބޫބަކުރުގެ ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި، މާލެއަށް ބޮޑުރާޅުއެރުމުގެ ހާދިސާއާއި، ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލާއާގުޅިގެން ހަރަކާތްތެރިވުން ހިމެނެއެވެ. ނޮވެމްބަރު 3 ގެ ޢުދުވާނީ ހަމަލާގެ ވަގުތުގައި ސިފައިންގެއިން ބޭރުގައި ތިއްބެވި ސިފައިން ހިންގި ވަރަށް ޚާއްޞަ އޮޕަރޭޝަނެއްގައި ގިރިފުށިން ހަތިޔާރު ހިފައިގެން މާލެ އައި ހިތްވަރުގަދަ ޓީމުގައި ވޮރަންޓް އޮފިސަރ ގްރޭޑް 2 ޙަސަން އަބޫބަކުރު މަސައްކަތް ކުރައްވާފައިވެއެވެ. ސިފައިންގެ ޚިދުމަތުން ވޮރަންޓް އޮފިސަރ ގްރޭޑް 2 ޙަސަން އަބޫބަކުރު ރިޓަޔަރ ކުރެއްވީ ޢުމުރުފުޅުން 16 އަހަރުގައެވެ.


ވޮރަންޓް އޮފިސަރ ގްރޭޑް 2 ޢަލީ ޙުސައިން

ވޮރަންޓް އޮފިސަރ ގްރޭޑް 2 ޢަލީ ޙުސައިން ސިފައިންގެ ޚިދުމަތާ ގުޅިވަޑައި ގެންނެވީ 6791 ވަނައަހަރު ޖުލައި މަހުގެ 6 ވަނަ ދުވަހުގައެވެ. ވޮރަންޓް އޮފިސަރ ގްރޭޑް 2 ޢަލީ ޙުސައިން، ވޭތުވެ މިދިޔަ 33 އަހަރާއި 52 ދުވަހުގެ ދިގު މުއްދަތުގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން، ޝަރަފުގެނިޝާނުގެ ގޮތުގައި 6 ކުލައާއި 5 މެޑަލް ލިބިވަޑައިގެންފައިވެއެވެ. ލިބިވަޑައިގެންފައިވާ މެޑަލްތަކަކީ އަޚްލާޤީ މެޑަލް، ސިފައިންގެ ޚިދުމަތުގެ މެޑަލް، އިޚްލާޞްތެރި ޚިދުމަތުގެ މެޑަލް، ސައްތައިގެ މެޑަލް، އަދި 3 ނޮވެމްބަރުގެ މެޑަލް އެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި ދިގުމުއްދަތަށް ޚިދުމަތް ކުރުމުގެ ކުލަ ފާހަގަކުރެވެއެވެ.

ވޮރަންޓް އޮފިސަރ ގްރޭޑް 2 ޢަލީ ޙުސައިން ސިފައިންގޭގައި މަސައްކަތް ކުރެއްވި ދާއިރާތަކުގެ ތެރޭގައި ޑިއުޓީސެކްޝަނާއި، ޔުނިފޯމް ސެކްޝަން އަދި ސިފައިންގެ ބޭންޑް ސެކްޝަން ހިމެނެއެވެ. ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވާއިރު ޚިދުމަތް ކުރައްވަނީ އެމް.އެން.ޑީ.އެފް ޓްރާންސްޕޯރޓް ސަރވިސްގައެވެ. ޓްރާންސްޕޯޓް ސަރވިސްގައި ސިފައިންގެ އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރުގެ ޝީޓްތައް ފެހުމުގެ މަސައްކަތް އެންމެ ފުރަތަމަ ފައްޓަވައި، އެ ޚިދުމަތް ދެއްވަން ފެއްޓެވީ ވޮރަންޓް އޮފިސަރ ގްރޭޑް 2 ޢަލީ ޙުސައިން ޓްރާންސްޕޯރޓް ސާރވިސް އަށް ބަދަލުވެވަޑައިގެން ފެހުމުގެ މަސައްކަތް ކުރައްވަން ފެއްޓެވުމުންނެވެ.

ވޮރަންޓް އޮފިސަރ ގްރޭޑް 2 ޢަލީ ޙުސައިންގެ ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި، މާލެއަށް ބޮޑުރާޅުއަރުމުގެ ހާދިސާއާއި، 3 ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާގެ ވަގުތުގައި ސިފައިންގެ ތެރޭގައި ހުންނަވައިގެން ސިފައިންގެ މައި މަރުކަޒު ދިފާޢު ކުރެއްވުމަށް ގަދަ ހިތްވަރާއެކު ކުރެއްވި ޖިހާދު ފާހަގަ ކުރެވެއެވެ. ސިފައިންގެ ޚިދުމަތުން ވޮރަންޓް އޮފިސަރ ގްރޭޑް 2 ޢަލީ ޙުސައިން ރިޓަޔަރ ކުރެއްވީ ޢުމުރުފުޅުން 46 އަހަރުގައެވެ.


ވޮރަންޓް އޮފިސަރ ގްރޭޑް 1 ޢަބުދުލް ޣަފޫރު އާދަމް (ފަލްކަން)

ދިގު މުއްދަތެއްގައި ސިފައިންގޭގައި ޚިދުމަތްކުރެއްވުމަށްފަހު ވޮރަންޓް އޮފިސަރ ގްރޭޑް 1 ޢަބްދުލް ޣަފޫރު އާދަމް (ފަލްކަން) ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 2009 ޑިސެމްބަރ 31ވީ ބުރާސްފަތި ދުވަހުއެވެ. މިކަމާ ގުޅިގެން 2009 ޑިސެމްބަރ 31ވީ ބުރާސްފަތި ދުވަހުގެރޭ 20:30 ގައި ކަޅުތުއްކަލާކޮށީ މަލްޓިޕާރޕަސް ހޯލުގައި ވޮރަންޓް އޮފިސަރ ގްރޭޑް 1 ޢަބްދުލް ޣަފޫރު އާދަމްގެ ޝަރަފުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެމް.އެން.ޑީ.އެފް. މެރިންކޯގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝިޔާމްއެވެ. މި ރަސްމިއްޔާތުގައި ޢަބްދުލް ޣަފޫރު އާދަމް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުމަކާއި، ހަނދާނީ ފިލައެއް ވޮރަންޓް އޮފިސަރ ގްރޭޑް 1 އަބުދުލް ޣަފޫރު އާދަމްއަށް އެރުވުނެވެ. މިރަސްމިއްޔާތުގައި ޢަބްދުލް ޣަފޫރު އާދަމްގެ ލޮބުވެތި ޢާއިލާގެ ބައެއް ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ވޮރަންޓް އޮފިސަރ ގްރޭޑް 1 ޢަބްދުލް ޣަފޫރު އާދަމްއަކީ އިޚްލާސްތެރިކަމާއި ވަފާތެރިކަމާއެކު ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި ދިވެހި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ނަމޫނާ ބޭފުޅެއްކަމަށެވެ. ވޮރަންޓް އޮފިސަރ ގްރޭޑް 1 ޢަބްދުލް ޣަފޫރު އާދަމް ސިފައިންގެ ޚިދުމަތުގައި ހުންނެވިއިރު މަސައްކަތްކުރެއްވި ޔުނިޓް، ސެކްޝަންތަކުގެ ތެރޭގައި ޑިއުޓީ ސެކްޝަން، ފުލުސް އޮފީސް، ޓާސްކްފޯސް ޑިއުޓީ، ކިޔު.އާރު.އެފް ދޭއް (ގާމާދޫ) ހިމެނެއެވެ. 38 އަހަރާއި 5 މަހާއި 16 ދުވަހުގެ ދިގު މުއްދަތެއްގައި ސިފައިންގެތެރޭ ވޮރަންޓް އޮފިސަރ ގްރޭޑް 1 އަބުދުލް ޣަފޫރު އާދަމް ޚިދުމަތްކުރެއްވުމަށްފަހު ރިޓަޔަރ ކުރެއްވީ އުމުރުފުޅުން 60 އަހަރުގައި ޤާނޫނު ނަންބަރު 1/2008 ސިފައިންގެ ޤާނޫނުގެ ދަށުންނެވެ.


މަޢުލޫމާތުގެ މަސްދަރުތައް[އުނިއިތުރު ގެންނަވާ]

[މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގެ ރަސްމީ ވެބްސައިޓް][1]


--Allosaeed 05:23, 25 ޑިސެމްބަރު 2011 (UTC)